އަންނަމަހު ބޭއްވުމަށް އިއުލާންކޮށްފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވާ ތާރީހު ބަދަލުކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ, އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހެވެ. ރޯދަމަސް އޭޕްރީލްމަހުގެ 2 ވަނަ ދުވަހު ފަށާއިރު، އެމްޑީޕީގެ އިންތިހާބު ދިމާވަނީ ރޯދައިގެ މެދުތެރެއަށެވެ.

މި އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ވާދަކުރައްވާއިރު، ފައްޔާޒުގެ ކެމްޕެއިން ޓީމުން ވަނީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ޕާޓީގެ ކަމާއި ބެހޭ ފަރާތްތަކުން ބޭއްވި ބައްދަލުވުމުގައި ރޯދައިގެ ކުރިން ނޫނީ ފަހުން އިންތިހާބު ބާއްވައިދޭން އެދިފައެވެ. އަދި މިގޮތަށް އެދުނީ އިންތިހާބު ރޯދަމަހާއި ދިމާވާނަމަ ވޯޓްލާ މީހުންނަށްވެސް ކެމްޕެއިން ކުރާ މީހުންނަށްވެސް ދަތިތަކެއް ކުރިމަތިވާނެތީކަމަށްވެސް ފައްޔާޒުގެ ކެމްޕެއިން ޓީމުން ބުނެއެވެ. ނަމަވެސް އިންތިގެ ކެމްޕެއިން ޓީމުގެ ފަރާތުން ވަނީ އެންމެ ދުވަހަކަށްވެސް އިންތިހާބު ލަސްކުރަން ތާއީދުނުކުރާކަމަށް ބުނެފައެވެ.

އެމްޑީޕީގެ އިންތިހާބު ކޮމިޓީގެ މެމްބަަރަކު ވިދާޅުވީ މިކަމުގައި ގައުމީ މަޖިލީހުން ގޮތެއް ކަނޑައަޅައިދޭން އެދުނީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ މެދުގައި ދެބަސްވުމެއް އުޅޭތީ ކަމަށެވެ.

އެމްޑީޕީގެ އިންތިހާބު އަންނަމަހުގެ 16 އަށް ތާވަލުކޮށްފައިވާއިރު އެމްޑީޕީން ވަނީ ވޯޓުލާ މީހުންގެ ލިސްޓާއި ބެހޭ ޝަކުވާ ހުށަހެޅުމަށް އެދޭ ފަރާތްތަކުން ޝަކުވާގެ ތަފްސީލާއެކު އައިޑީ ކާޑުގެ ކޮޕީއެއް އީމެއިލް ކުރެއްވުމަށް އެދިފައެވެ. އަދި ޝަކުވާ ހުށަހެޅުއްވުމުގެ ސުންގަޑިއަކީ މިމަހުގެ 10 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 އާހަމަށް ކަމުގައި އެމްޑީޕީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން