ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ފުރުމަށް ޖާމިނުވި މައްސަލާގައި ކޯޓުގެ އެންގުމާއި ޚިލާފަށް ހާޒިރު ނުވުމުން ޖަލަށްލި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ މިނިވަންކޮށްފިއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރި މައްސަލާގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނު އެއްބަސްވުމާއި ހިލާފުވެފައިވާތީ އޭނާ 15 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 2 ވަނަ ދުވަހުއެވެ.

އަޑުބަރޭ މިދިޔަ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އައިސް ކަރެކްޝަނާއި އޭނާ ވަނީ އަމިއްލައަށް ހަވާލުވެފައެވެ. ކަރެކްޝަން ސާވިހުން ބުނީ އަޑުބަރޭގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިގެން މިހާރު އޭނާ މިނިވަންވެފައިވާ ކަމަށެވެ.

މީހަކު ޖާމިނު ކޮށްފައި ދޫކުރާއިރު ކޯޓުން ކުރާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، ޖާމިނުވި މީހާއާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކުގެ ތެރޭގައި އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެއެވެ.

އެހެން ނަމަވެސް ކްރިމިނަލް ކޯޓުން އަޑުބަރޭ މައްޗަށް އިއްވާފައިވަނީ ކޯޓްގެ ހުރުމަތް ކެނޑުމުން އިއްވި 15 ދުވަހުގެ ޖަލު ހުކުމެކެވެ. ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވަނީ ޖިންސީ ފުރައްސާރައާއި ރޭޕްގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަަށް ފުރުވާލުމުގައި ޖާމިނުވި އެއްބަސްވުމާ ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ހިލާފުވި މައްސަލައިގައި އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައިދޭން ކޯޓުގައި އެދޭނެ ކަމަށެވެ.

އަޑުބަރޭގެ މައްޗަށް އިއްވި ޖަލު ހުުކުމާއި އެކު ސަރުކާރުން ވަނީ އޭނާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން