މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުގެ އިއްތިފާގުން ނިންމައިފި އެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމާފައިވަނީ ޓެކްސީ ދަތުރުތަކުގެ އަގުތަކާމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 14 ޓެކްސީ ސެންޓަރުގެ އިސްވެރިންގެ އިއްތިފާގުންނެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތަށް ނިންމީ ތަކެތީގެ އަގުތަކަށާއި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ޓެކްސީ ޑްރައިވަރުންނަށާއި ސެންޓަރުތަކަށް ގެއްލުން ވަމުންދާތީ ކަމަށް ޓެކްސީ ސެންޓަރުތަކުން ބުނެ އެވެ.

އަގުތައް ބޮޑުުކުރުމުގެ ކުރިން ސެންޓަރުތަކުގެ ނިންމުންތަކާ މެދު ޑްރައިވަރުންގެ ހިޔާލު ހޯދުމަށް 24 ގަޑިއިރު ދިނުމަށް ސެންޓަރުތަކުގެ ވެރިން ނިންމާފައިވާއިރު އަގުތައް ބޮޑުކުރަން ގިނަ ޑްރައިވަރުންނަށް އެއްބަސްވެވޭނަމަ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އަގުތައް ފައިނަލް ކުރުމަށްފަހު ޓެކްސީ ސެންޓަރުތަކުގެ ތައްގަނޑު ޖަހައި ސޮއިކޮށް އެ ލިޔުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމަށްވެސް ސެންޓަރުތަކުން ވަނީ ނިންމާފައެވެެ.

ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތަކުގެ ތެރޭގައި މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް 30 ރުފިޔާ، ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތައް، 25 ރުފިޔާހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް 25 ރުފިޔާ، ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް 40 ރުފިޔާއަށް ހަމަޖެއްސުން ހިމެނެއެވެ.

މީގެއިތުރުން ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެއިން ހުޅުމާލެ ފޭސް ދޭކަށް 120 ރުފިޔާ ނެގުމަށްވެސް ވަނީ ނިންމާފައެވެ. އަދި މާލެއިން ހުޅުމާލެއަށް، ހުޅުމާލެއިން މާލެއަށް 100 ރުފިޔާ، އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް 80 ރުފިޔާ، އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް، 80 ރުފިޔާ ނަގާއިރު ހުޅުމާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ ނެގުމަށް ވަނީ ނިއްމާފައެވެ. މީގެއިތުރުން މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ، ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް 120 ރުފިޔާ ނެގުމަށް ސެންޓަރުތަކުން ވަނީ ނިންމާފައެވެ.

ޓެކްސީ ސެންޓަރު ތަކުން ކަނޑައަޅާފައިވާ އަގުތަކަށް ހިދުމަތްދޭއިރު ރޭގަނޑު ދަންވަރު 12:00ގެ ފަހުން ކުރާ ކޮންމެ ދަތުރަކަށް އިތުރު ފަސް ރުފިޔާ ނަގަން ވަނީ ނިއްމާފައެވެ.

އަގުތައް ބޮޑުކުރުމަށް ސަރުކާރުން ހުއްދަ ނުދިން ނަމަވެސް ގިނަ ޑްރައިވަރުންނަށް އެއްބަސްވެވޭނަމަ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބޮޑު އަގު ކަނޑައަޅައި، އެ އަގަށް ދަތުރުކުރުމަށް ޓެކްސީ ސެންޓަރުތަކުން ވަނީ ނިންމާފައެެވެ.

މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެވޭނެ އަގުތަކުގެ ގޮތުގައި އަގުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައެެވެ. އެއީ މާލެއާއި ހުޅުލެއަށް 60 ރުފިޔާ، ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާ، މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެއާއި ހުޅުމާލެ ތެރޭގައި 25 ރުފިޔާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން