ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ގޮދަނުގެ ބާވަތްތައް ލިބުމުގައި ދަތިވެދާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެވެ.

ދުނިޔެއިން ގޮދަނުގެ ބާވަތްތައް އެންމެ ގިނައިން އެކްސްޕޯޓު ކުރަނީ ރަޝިޔާއިންނެވެ. ދުނިޔޭގައި އެކްސްޕޯޓް ކުރާ ގޮދަނުގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔަކީ ރަޝިޔާ އަދި ޔުކްރެއިނުން އެކްސްޕޯޓުކުރާ ގޮދަނެވެ. ރަޝިޔާ އާއި ޔޫކްރެއިނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ފެށިފައިވާއިރު އެ ދެގައުމުން އެހެން ގައުމުތަކަށް މުދާ ބޭރުކުރުމަށް ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ.

އެކަމާ ގުޅިގެން ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިނުން ގޮދަން އެކްސްޕޯޓް ކުރުން ހުއްޓާލުމުން ގޮދަންފުށް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. ތުރުކީ އަދި އެހެނިހެން ބައެއް ގައުމުތަކުން ވެސް ގޮދަންފުށް އެކްސްޕޯޓް ކުރުން މަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެެވެ.



ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ފެށިފައިވާއިރު އެކަމުގެ ސަބަބުން ދެގައުމުގެ ގޮދަން ދަނޑުތައް ހަލާކުވެ ގޮދަނުގެ ވިޔަފާރިއަށް އަސަރުކޮށް، ކާބޯތަކެތީގެ އަގުބޮޑުވެގެންދާނެކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ. އަދި ބައެއް ގައުމުތަކުން ގޮދަނަށް ޖެހުމުގެ ބިރުވެސް އެބައޮތްކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން