ޒަހީނުއްދީން ސަޢީދު   4 މާރިޗު 2022 - 22:57
ގައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބްތޯލުންގެ އަގުހުރި ހިދުމަތުގެ ޒިކުރާ އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

ރައީސް ސާލިޙު މިކަމަށް އެދިވަޑައިގަތީ މިއަދު ފާހަގަކުރަމުންދާ ޝަހީދުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނަށް ފޮނުއްވަމުންވެ.

ރައީސްގެ މެސެޖްގައި ގައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބްތޯލުންގެ އަގުހުރި ހިދުމަތުގެ ޒިކުރާ އާލާކޮށް އެ އަބްތޯލުންނަަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.



ސިއްހާ ފަރުވާއަކަށް ރައީސް ސޯލިހް މިވަގުތު ހުންނެވީ ސިންގަޕޫރުގަ އެވެ.

ރައީސްގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވާފައެވެ.

ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ މިނިވަން ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެންނާ ހަމައަށް ރާއްޖެ ދެމިއޮތުމުގެ ސަބަބަކީ ޝަހީދުންގެ ޖިހާދު ކަމަށެވެ. އެހެންކަމުން ގައުމަށްޓަކައި ޖާނުން ގުރުބާންވި އަބްތޯލުންގެ ޒިކުރާ އާކޮށް އެއަބްތޯލުންގެ ފުރާނަފުޅަށް ހެޔޮރަހްމަތް ލެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ އަހަރުގެ ޝައުބާން މަހުގެ ފުރަތަމަ ދުވަހެވެ. އެ ދުވަސް ހާއްސަކޮށް ފާހަގަކުރަނީ ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް ހަނގުރާމަ ކުރައްވަނިކޮށް ޝަހީދުވެވެޑައިގެންނެވި އަލި ރަސްގެފާނުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން