އެސް.ޓީ.އޯއިން ތަރައްގީކުރުމަށް ނިންމާފައިވާ ގޮދަންފުށް ކާރުޚާނާ އަޅާނީ ކުޅުދުއްފުށީ ސިޓީގައިކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ގޮދަންފުށް އުފައްދާ ފެކްޓްރީ ކުޅުދުއްފުށީގައި ގާއިމްކުރުމަށް ނިންމި އެއް ސަބަބަކީ އެރަށަކީ އުތުރުގެ ވިޔަފާރީގެ މައި ހަބަށްވުންކަމަށެވެ. އަދި އެ ސަރަޙައްދަކީ އެފަދަ ކާރުޚާނާއެއް ހިންގުމަށް އެންމެ ރަނގަޅު އެއް ސަރަޙައްދުކަމަށާއި މިކަމުގެ ސަބަބުން އެ ސިޓީއަށާއި އެ ސަރަޙައްދަށްވެސް ވިޔަފާރިއާއި އިޤްތިޞާދީގޮތުން އެތައް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އަމްރު ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އަމްރު ވިދާޅުވީ ގޮދަންފުށް ކާރުޚާނާ ތަރައްޤީކުރުމަށް ބޭނުންވާ ބިން ކުޅުދުއްފުށިން ހަމަޖެހުނުހާ އަވަހަކަށް އެކަމުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށެވެ.

"ބައިވަރު ވަޒީފާ އުފެދިގެންދާނެ. އަދި އޭގެ އިތުރުން އެކަހަލަކަމެއް އަޅުގަނޑުމެން ކުރީމާ އޭގެ ސަބަބުން އިތުރު ވިޔަފާރިތަކެއް އެބަހުޅުވިގެންދޭ. އެއީ ލޮޖިސްޓިކްސް ވިޔަފާރިއާއި އަނެއްކާ އެތަން ވާނީ މުޅިރާއްޖެއަށް ފުށް އުފައްދައިދޭ ކާރުޚާނާއަކަށް. އެހެންވީމަ ދޯނިފަހަރުވެސް ހަމަ އެތަނަށް ވަރަށް ގިނަ އަދަދަކަށްދާނެ." އަމްރު ވިދާޅުވިއެވެ.

ރާއްޖޭން ބޭރުން ޕްރޮސެސްކޮށްގެން މިހާރު ގެންނަ ފުށަކީ ގުދަންކޮށްފައި މާގިނަ ދުވަހު ބެހެއްޓޭނެ ފުށެއްނޫންކަމަށް އެސް.ޓީ.އޯއިން ބުނެއެވެ. އަދި އެތަކެތި ބެހެއްޓުމަށްޓަކާ ގުދަންކުރަން ބޮޑެތި ޖާގަ ބޭނުންވާކަން އެކުންފުނިން ފާހަގަކުރެއެވެ.

އެހެންކަމުން މިފަދަ ކާރުޚާނާއެއް ރާއްޖޭގައި ޤާއިމުވެގެންދިއުމުގެ ސަބަބުން އެކި ބޭނުންތަކަށް ޚާއްސަ ފުށް ތާޒާކަމާއެކު އުފެއްދޭނެކަމަށާއި، އެތަކެތި ރައްކާކޮށްފައި ބެހެއްޓޭނެ މުއްދަތު އިތުރުވެގެންދާނެކަމަށް އެސް.ޓީ.އޯއިން ބުނެއެވެ. އަދި އަމިއްލަ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ އެކި ވައްތަރުގެ ފުށް މި ކާރުޚާނާއިން ރާއްޖޭގެ ބާޒާރަށް ނެރޭނެކަމަށް އެސް.ޓީ.އޯއިން ބުނެފައިވެއެވެ.

ރާއްޖޭގައި އާއްމުކޮށް ކެއުމަށް ބޭނުންކުރާ ތަކެތި އުފެއްދުމަށް ބޭނުންވާ ޒަރޫރީ ބާވަތެއްކަމަށްވާ ގޮދަން ފުށް އުފައްދާ ކާރުޚާނާއެއް ރާއްޖޭގައި ތަރައްޤީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރަށް ކަށަވަރުކޮށް ކާޑުގެ ބާވަތްތައް ރާއްޖެއެތެރެކުރުމަށް ކުރާ ޚަރަދު ކުޑަކުރުމެވެ. ރާއްޖެއަކީ ގޮދަންފުށް ހައްދާ ޤައުމަކަށްނުވާތީ، އެސް.ޓީ.އޯއިން މިކަން ކުރުމަށް ނިންމާފައިވަނީ ބޭރުން ގޮވާން އެތެރެކޮށް ރާއްޖޭގައި ޤާއިމުކުރާ ކާރުޚާނާގައި ތައްޔާރުކޮށް ބަންދުކުރާ ގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން