މިއުޒިކް އުފައްދާނެ މީހަކު ހޯދަން ރައްޔިތުންގެ މަޖިލީހުން އިއުލާންކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ އެ އިދާރާއިން އުފައްދާ ވީޑިއޯތަކުގައި ބޭނުންކުރުމަށް އެ އިދާރާއަށް ފުރިހަމަ ކޮޕީރައިޓްސްގެ ހައްޤު އޮންނަ، އަމިއްލަ މިއުޒިކް ޓްރެކްތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

މަޖިލީހުން ވަނީ މިމަސައްކަތް، ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައެވެ.



މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ އެންމެފަހު ވަގުތަކީ 9 މާރިޗު 2022 ވާ ބުދަ ދުވަހުގެ 11:00އެވެ.

މަޖިލީހުން ބުނީ ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. އަދި ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުކަމަށްވެސް މަޖިލީހުން ބުނެއެވެ.

މިއުޒިކް އުފައްދާނެ މީހަކު ހޯދަން ރައްޔިތުންގެ މަޖިލީހުން އިއުލާންކޮށްފައިވާއިރު، މަޖިލީހުން މީގެކުރިން ވަނީ ރެސްޓޯރަންޓަކާއި ޖިމެއް ހެދުމުގެ މަސައްކަތްވެސް ކޮށްފައެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައިވެސް އާއްމުންނަށް ފެންނަ ގޮތްވެސް ދަނީ ހަދަމުންނެވެ. އެގޮތުން މަޖިލީހުގެ ޓިކްޓޮކް އެކައުންޓެއްވެސް މިހާރު ވަނީ ލޯންޗުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން