ރާއްޖޭގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ގާބިލް ޓީޗަރުން ހޯދުމަށް ދެމެހެއްޓެނިވި އަދި ރޭވުންތެރިގޮތެއްގައި މީގެކުރިން މަސައްކަތް ކުރެވިފައި ނެތްކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، ޕްރިންސިޕަލުންގެ ސްކޮލަރޝިޕް އެވޯޑްކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްުޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، ރަނގަޅު ފެންވަރުގެ ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތް އެކި ދުވަސްވަރު އެކިގޮތްގޮތަށް ކުރެވިފައިވާކަމަށާއި ނަމަވެސް ދެމެހެއްޓެނިވި އަދި ރޭވުންތެރިގޮތެއްގައި މިހާތަނަށް އެ މަސައްކަތްކުރެވިފައި ނެތްކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުން ހިންގާ 200 އަށްވުރެ ގިނަ ސްކޫލަށް ހަމަވާވަރަށް ތަމްރީން ލިބިފައިވާ ޕްރިންސިޕަލުން ހޯދުމަށް ދަތިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަލަށް ތަޢާރަފުކުރެވުނު މި ސްކޮލަރޝިޕް ޕްރޮގްރާމުގެ ސަބަބުން މިހާރު ދާއިމީ ޕްރިންސިޕަލުން ނެތް އަދި ބިދޭސީ ޕްރިންސިޕަލުން ތިބި ސްކޫލްތަކަށް ފެންވަރު ރަނގަޅު ތަމްރީން ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ކުރިއަށްއޮތް 3 އަހަރުގެ ތެރޭގައި ހަމަޖެއްސުމަކީ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ހޮވުނު 20 ޕްރިންސިޕަލުން މިމަހުގެ ތެރޭގައި ކިޔެވުން ފެށުމަށްޓަކާ މެލޭޝިއާއަށް ދަތުރުކުރާނެކަމަށެވެ. އަދި އެބޭފުޅުން މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއިން މާސްޓަރސް އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓް ކޯސް ފުރިހަމަކުރުމަށްފަހު 2023 ވަނަ އަހަރުގެ އޭޕްރީލްމަހު ޕްރިންސިޕަލުންގެ ގޮތުގައި ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރަން ފަށާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގައި ސަރުކާރުން ހިންގާ 216 ސްކޫލުގެ ތެރޭގައި މިވަގުތުވެސް ދާއިމީ ޕްރިންސިޕަލުންނެތް 53 ސްކޫލެއް އެބަހުރިކަމަށެވެ. އަދި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ ދާއިމީ ޕްރިންސިޕަލުންގެ ތެރޭގައިވެސް ތަމްރީން ލިބިފައިވަނީ އެންމެ 75 ބޭފުޅުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން