ފައިޒަރ ކުންފުނިން، 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަކޮށް ކޮވިޑް ވެކްސިންގެ ތަހުލީލުތައް ފަށަން ނިންމައިފިއެވެ.


ފައިޒަރ ކުންފުނީގެ މިތަހުލީލުތަކުގައި 4،500 ކުޑަކުދިން ބައިވެރިކުރަން ހަމަޖެހިފައިވެއެވެ. އަދި މިތަހުލީލުތައް ކުރިއަށްދާނީ އެމެރިކާ، ފިންލޭންޑް، ޕޮލޭންޑް، އަދި ސްޕެއިންގެ 90 ކްލިނިކެއްގައިކަމަށް ފައިޒަރ ކުންފުނިން ހާމަކޮށްފައިވެއެވެ.

އުމުރުން ފަސް އަހަރާއި، 11 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ހާއްސަކުރެވިގެން ކުރިއަށްދާ މިތަހުލީލުތައް މިހަފުތާތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއުމުރުފުރާގެ ކުދިން ބޭނުންކޮށްގެން ހެދޭ ތަހުލީލުތަކުގެ ނަތީޖާ އަންނަ ސެޕްޓެމްބަރު މަހު ލިބޭނެކަމަށް ފައިޒަރ ކުންފުނިން އަންދާޒާ ކުރެއެވެ. އަދި އެއަށްފަހު، އުމުރުން ދެ އަހަރާއި ފަސް އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ކޮވިޑް ވެކްސިނުގެ ތަހުލީލުތައް ކުރިއަށްދާނެކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

އެމެރިކާ، ކެނެޑާ، އަދި ޔޫރޮޕުގެ ގައުމުތަކުގައި، 12 އަހަރުން މަތީގެ ހުރިހާ އުމުރުފުރާގެ މީހުންނަށް މިހާރުވެސް ފައިޒަރ ކުންފުނީގެ ކޮވިޑް ވެކްސިން ދަނީ ބޭނުން ކުރެވެމުންނެވެ. އަދި ވެކްސިން ދިނުމުގައި، މިއުމުރުފުރާގެ މީހުންގެ މެދުގައި ވެކްސިނުގެ ޑޯޒު ތަފާތެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު