ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ކްރެޑިޓް ރޭޓިން ކުންފުނި ފިޗުން ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކުރި ކުރުން ބަލައިނުގަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިއީ މި އަހަރު ރާއްޖޭގެ ރޭޓިން ދަށްކުރި ދެ ވަނަ ފަހަރު ކަން ފާހަގަކޮށްލެެވެއެވެ. ފިޗުން ބުނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވަނީ ބޭރު ފައިސާ ހޯދުން ދަތިވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވުމާއި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރު ވުމުގެ ސަބަބުން ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި ނޭދެވޭ އަސަރާ ހެދި މިދިޔަ އޭޕްރިލް މަހު ވެސް ރާއްޖޭގެ ރޭޓިން "ބީ ޕްލަސް" އިން "ބީ" އަށް ދަށްކޮށްފައިވެއެވެ.

ފިޗުން ބުނާގޮތުގައި ރާއްޖެއިން ފާއިތުވި މަސްތަކުގައި މާލީ އެހީ ހޯދި ނަމަވެސް ބޭނުންކުރަން ހުރި ބޭރު ފައިސާ މަދު ކަމަށެވެ. އަދި ޓޫރިޒަމް ރަނގަޅު ނުކޮށް ރާއްޖެއަށް ޑޮލަރު އިތުރު ނުކުރެވޭނެ ކަމަށް ވެސް ފިޗުން ބުނެ އެވެ. އެހެންވެ ބޭރުގެ ގައުމުތަކަށް ބަރޯސާވާން ޖެހޭ މިންވަރު އިތުރުވެފައިވާކަން ފިޗުން ފާހަގަކޮށްފައިވެ އެވެ. ފިޗުން ލަފާކުރާގޮތުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުން 2004 ވަނަ އަހަރުގެ ސުނާމީ އާއި 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްގައި ލިބުނު ގެއްލުމަށް ވުރެ ބޮޑުވާނެ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ފެށި ނަމަވެސް އިގްތިސާދު ރަނގަޅުވާނީ 2022 ގައި ކަމަށް ފިޗުން ލަފާކުރެއެވެ.ފިޗުން އަންދާޒާކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދު 30 ޕަސެންޓު ދަށަށް ދާނެ އެވެ. ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވިކަން ރަމްޒުކޮށްދޭ ދަރަޖައެކެވެ.

ފިޗުން ދިން ރޭޓިން ޤަބޫލު ނުކުރާކަމަށް ބުނެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެ އަދި ދުވަހަކުވެސް ސޮވެރިން ޑިފޯލްޓް ވެފައިނުވާކަމަށެވެ. އަދި މުސްތަޤްބަލުގައިވެސް މިގޮތުގައި ދަމަހައްޓަން ތައްޔާރަށް އޮތް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފައިވެއެވެ.

މީގެ އިތުރުން ސަރުކާރުންވަނީ ރާއްޖޭގެ ކޮވިޑު-19 ގެ ހާލަތު ސަރުކާރުން ކޮންޓްރޯލްކޮށްފައިވާ ކަމަށާއި އަދި ފަތުރުވެރިކަންވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް ބުނެފައެވެ. މީގެއިތުރުން ބޭރުގެ ފަރާތްތަކުންވެސް މާލީ އެހީތެރިކަން ލިބިފައިވާ ކަމަށާއި އަދިވެސް އިތުރުފަރާތް ތަކުން އެހީ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ފިޗުގެ ރޭޓިންއާއި ދަރަނި ނުދެއްކޭ ހާލަތަށް ދިޔަކަމަށް ފިނޭންސް މިނިސްޓްރީން ގަބޫލު ނުކުރި ނަމަވެސް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ރާއްޖޭގެ މާލީ ހާލަތާއި ދަރަނި ހުރި މިންވަރު ބަލައި ރާއްޖެ އޮތީ ދަރަނި ނުދެއްކޭ ހާލަތުގައިކަން ހާމަކޮށްފައެވެ. އަދި ރާއްޖޭގެ ދަރަނިތައް އަލުން މުރާޖައާކޮށް ދެއްކުން ފަސްކުރެވޭތޯ ދަރަނި ނަގާފައިވާ މާލީ އިދާރާ ތަކާއި ވާހަކަ ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ ސަރުކާރަށް ލަފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން