10 މާރިޗު 2020 - 18:23
-ކުރީގެ އަދަދާއި ގުޅޭ-

ޖެހިގެން އައި ރޭ ޝަފީޤު އޮތީ ތާރާގެ ކޮޓަރީގައެވެ. ތާރާ އޮތީ މަންމަ ގާތު މަންމަގެ ކޮޓަރީގައެވެ. އެރޭ ފަތިސްނަމާދު ވަގުތު ވަންދެން ޝަފީޤު ހޭލާ އޮތެވެ. ނަމަވެސް އެއްވެސް ނާމާންކަމެއް އޭނާއަކަށް ނުފެނުނެވެ. އޭނާ އޮތީ ނިވަތްދަށުގައި ލާފައިވާ ބޮކިވެސް ދިއްލައިގެނެވެ. އެއީ ރޫޙާނީ އެއްޗިއްސަށް ވަރަށް އުނދަގޫވާނެ ކަމެކެވެ.

[ބައްޕަ ބުނީމެއްނު، އެއީ ކުދިބަޔަކު ދަރިފުޅު ބިރުގަންނަވަން ކުރިކަމެކޭ. ބައްޕަ އޮތީމޭ، ފަތިސްވަންދެން ހޭލާ. އެއްވެސް އަޑެއްނީވޭ. ބައްޕަ އޮތީ ކުޑަދޮރުވެސް ހުޅުވައިގެން.] ހެނދުނު ސައިބޯން އިނދެ ޝަފީޤު ބުންޏެވެ.

އެރޭގެ ފަހުން އެގޭތެރެއިން އެއްވެސް ނާމާންކަމެއް ނުފެނެއެވެ. ވުމާއެކު އެއީ ހަމަ ތާރާ ބިރުގެންނެވުމުގެ މަޤްޞަދުގައި ބަޔަކު ކުރި ކަމެއް ކަމަށް ނިންމުމަށްފަހު، އޭގެ ހަފްތާއެއް ފަހުން ތާރާ އަލުން އޭނާގެ ކޮޓަރިއަށް ބަދަލުވިއެވެ.

މިހާރު ކޮންމެ ރެޔަކުވެސް ތާރާގެ ލޯބިވެރިޔާ އަރުފާން އެގެޔަށް އައިސް ތާރާއާ ބައްދަލުކުރެއެވެ. ކޮންމެ ރެޔަކުވެސް ދިހަގަޑިބައި ވަންދެން ހުސްނުހީނާ ގަސްދޮށުގައި އެދެލޯބިވެރިން ތިބެއެވެ. މިފަދަ ރޭތަކުގެ ތެރެއިން ރެއެކެވެ.

ތާރާ އޮތީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ ކޮޓަރިތެރޭގައި އޮށޯވެއެވެ. އޭނާ އަރުފާނަށް ގުޅާފައިވެސް އޭނާ ބޮލުގައި ރިއްސާތީ ކޮޓަރީގައި އޮތް ވާހަކައާއި، އަރުފާން އައިސް ކޮޓަރިއަށް ވަނުމަށް އެދުނެވެ. ތާރާ ބަލިވާހަކަ ބުނުމުން އަރުފާން އެރޭ އެގެޔަށް ދިޔުމަށްޓަކައި ނިކުތީ އެހެން ރޭތަކަށްވުރެން މާ އަވަހަށެވެ.

އަރުފާން އާދައިގެ މަތިން ގޭޓް ހުޅުވާލުމަށްފަހު، އެގޭ ހުސްނުހީނާ ގަސްދޮށުގައި ސައިކަލް ޕާކްކުރި ވަގުތު އޭނާގެ ފަހަތުން އައިސް މީހަކު އޭނާގެ ކޮނޑަށް އަތް ވައްޓާލުމާއެކު، އޭނާ ސިހިފައި އެނބުރުނެވެ. އޭނާގެ ކުރިމަތީގައި ހުދު ފޭރާމުގައި ހުރީ ތާރާއެވެ. އޭނާ ހުރީ ލުއި ހިނިތުންވުމަކާއެކު އަރުފާންގެ މޫނަށް ބަލަހައްޓައިގެންނެވެ.

[ތާރާ! ތީ ބޮލުގައި ރިއްސާތީ ކޮޓަރީގައި އޮތް މީހާ....ކޮންތާކުން ތިއައީ...؟] އަރުފާން އެއްސެވެ.

[މިހާރު ރަނގަޅު....މިއައީ ޖެހިގެން ހުރި ފިހާރައަށް ވަދެލާފައި...އަޅެ ހިނގާބަލަ ކުޑަކޮށް ދުއްވާލަންދަމާ. އޭރުން ބޮލުގެ ރިހުން އެކީ ރަނގަޅުވެދާނެކަންނޭނގެ.]

ތާރާ ސައިކަލް ފަހަތަށް އެރިއެވެ. ތާރާ ދުއްވާލަން ދާން ބުނީމާ ވަރަށް އުފާވެފައި ހުރެމެ، އަރުފާން ސައިކަލް ދުއްވާލައިފިއެވެ. އަރުފާން ސައިކަލް ދުއްވާލުމާއެކު، ތާރާގެ ދެއަތް އަރުފާން ވަށާލިއެވެ. އެއީ ތާރާގެ ކިބައިން އަލަށް ފެނުނު މަންޒަރަކަށްވުމުން ހިސާބަކަށް ޙައިރާންވީ ނަމަވެސް އަރުފާނަށް ބަޔާންކުރަންވެސް ދަތިވާފަދަ އުފާވެރި އިޙްސާސްތަކެއް ކުރެވުނެވެ.

[ތާރާ ކޮންތާކަށް ދާނީ؟] ހުޅުދޫން މީދުއާވީ ކޮޅަށް ދުއްވަމުން އަރުފާން އެއްސެވެ.

[ހިނގާބަލަ މީހުން ނޫޅޭ އެކަހެރި ހިސާބަކަށް.] ތާރާ ބުންޏެވެ. ކުރިއަށް ވުރެންވެސް ބޮޑަށް ތާރާ އަރުފާނުގެ ގައިގައި ހިފާ ބާރުކޮށްލިއެވެ. ލިބިފައިވާ ހިތްހަމަޖެހުމާއެކު، އަރުފާން ސައިކަލްގެ ދުވެލި ބާރުކޮށްލިއެވެ.

ރެޔަކީ ހަނދުމަހެއްގެ ސާދަ ފަނަރައިގެ ރޭތަކުގެ ތެރެއިން ރެއަކަށްވުމުން، ރަށުތެރެއަށް ވަނީ ހިތްގައިމު ސަނދުރަވި އައްޔެއް ފެތުރިފައެވެ.

އަރުފާން ސައިކަލް ދުއްވަމުން ގޮސް މީދޫގެ މީހުން ނޫޅޭ ސަރަޙައްދުގައި ހަމައެކަނި ސައިކަލަށާއި ބައިސްކަލަށް ދަތުރުކުރެވޭގޮތަށް ހެދިފައިވާ މަގަށް ވަނީ ފަހަރެއްގައިވެސް އޭނާގެ ނިޔަތް ގޯސްވެގެނަކުން ނޫނެވެ. އޭނާގެ ހިތް ނިޔަތް ގޯސްނުވި ކަމުގައިވިޔަސް، ތާރާގެ ނިޔަތް ރަނގަޅެކޭ ބުނެވޭނެ ޖާގައެއް ނެތެވެ.

[މިހިސާބަށް މަޑުކޮށްބަލަ. މިއީ އެއްވެސް ބަޔަކު ނޫޅޭ ހިސާބެއްނު. މިތާނގައި ކޮންމެފަދަ ކަމެއް ހިނގިޔަސް ނޭނގޭނެ.] ތާރާ މިހެން ބުނުމާއެކު، އަރުފާން ސައިކަލް މަޑުކުރިއެވެ. އެޔާއެކު ތާރާ ސައިކަލުން ފޭބިއެވެ.

[ތާރާ.....މިގަޑީގައި މިތާ ތިބޭކަށް ނުވާނެ.] ތާރާ ސައިކަލުން ފައިބައިގެން ގޮސް ބިންމަތީގައި އިށީނުމުން އަރުފާން ތާރާ ބިރުގެންނެވުމުގެ ގަސްތުގައި މިހެން ބުނީމާ ތާރާ ނިކަން ބާރަށް ހީގަތެވެ. އެވަގުތު އަރުފާންވެސް ސައިކަލުން ފައިބައިގެން ގޮސް ތާރާ ގާތުގައި އިށީނެވެ. އަރުފާންގެ ޖީބުގައި އޮތް މޯބައިލް ފޯނު ރިންގްވާން ފެށީ އެވަގުތުއެވެ. އަރުފާން އޭނާގެ ޖީބުގައި އޮތް މޯބައިލް ފޯނު ނެގިއެވެ. އެޔާއެކު އެއަށް އަރާފައިވާ ނަންބަރު ފެނުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.

ފޯނުކުރަނީ ތާރާގެ ނަމްބަރުންނެވެ. އެހެންވެ ދެން އޭނާ ބަލައިލީ އޭނާގެ ކުރިމަތީގައި ހުރި ތާރާއަށެވެ. ތާރާގެ އަތުގައި ފޯނެއް ފެންނާކަށްވެސް ނެތެވެ. އެހެންވެ އޭނާ ނިންމީ ތާރާ ގޭގައި ފޯނު ބާއްވާފައި އައުމުން ތާރާގެ މަންމަ ގުޅަނީ ކަމަށެވެ.

[އަރުފާން، އަޅެ ކޮންއިރަކުތަ އަންނަނީ. އަހަރެން މިއޮތީ ބޮލުގައި ރިއްސާތީ ބޭސް ކައިގެން.] އަރުފާން ފޯނު ކަންފަތުގައި ޖައްސާލުމާއެކު އިވުނު އަޑާއެކު އަރުފާންގެ ދެލޯ ބޮޑުވިއެވެ. އޭނާގެ ކުރިމަތީގައިވެސް އެއިނީ ތާރާއެވެ. ފޯނުން ވާހަކަ ދައްކަނީވެސް ތާރާއެވެ.

[ގޭގައިތަ ތިއޮތީ. އަހަރެން ވަރަށް އަވަހަށް އެބަދަން....އިހަށް ބާއްވަނީ.] އަރުފާން ފޯނު ކަނޑާލުމަށްފަހު ޖީބަށްލިއެވެ. އޭރު އޭނާގެ ކުރިމަތީގައި ހުރި ތާރާހުރީ އޭނާއަށް ފުރަގަސްދީގެނެވެ.

[އަހަންނަކީ ތާރާއެއް ނޫން....ތާރާ އޮތީ ތާރާގެ ގޭގައި.....އަހަންނަކީ އިންސާނެއް ނޫން.] އަރުފާންގެ ކުރިމަތީގައި ތާރާގެ ސިފައިގައި ހުރި އަންހެން ކުއްޖާ ސީދާ ތާރާގެ އަޑުން ވާހަކަ ދެއްކިއެވެ.

[ތާރާއެއް ނޫނޭ. ތިޔައީ އިންސާނެއް ނޫނޭ! ކާކުތަ ތިއީ؟] އަރުފާން އުޅުނީ ސައިކަލަށް އަރާށެވެ. ނަމަވެސް އެވަގުތު ވީގޮތެއް ނޭނގި ސައިކަލް ގެއްލުނެވެ. އަރުފާން ބޮޑަށް ބިރުގަތީ އެހާ ހިސާބުންނެވެ. ދެން އޭނާ އުޅުނީ ސަލާމަތްވުމަށްޓަކައި ދުއްވައިގަންނާށެވެ.

[ސަލާމަތްވާން ނުދުވައްޗޭ. ކިތަންމެ ބާރަށް ދުވިޔަސް މަންޒިލެއް ނުފެންނާނެ.] މިހާރު އަރުފާންގެ ކުރިމަތީގައި އެހުރީ ތާރާއެއް ނޫނެވެ. އެއީ ނިކަން ބިރުވެރި ސިފައެއްގައި ހުރި ހަންޑިއެކެވެ. ނުވަތަ ޖިންނިއެކެވެ. ކުރިން އެފަދަ ބިރުވެރި ސޫރައެއް އަރުފާން ހުވަފެނަކުންވެސް ނުދެކެއެވެ. ވުމާއެކު ކުރިމަތީގައި ހުރި ނާމާން ސޫރަ ފެނުމުން އަރުފާން ތުރުތުރުއަޅަން ފަށައިފިއެވެ.

[އަހަރެން ސަލާމަތްކުރޭ....މީހެކޭ އަހަރެން ސަލާމަތްކުރޭ.] އަރުފާން ފަސްއެނބުރި ބަލައިލުމެއްވެސްނެތި ނިކަން ބާރަށް ދުއްވައިގެންފިއެވެ.

[އަހަރެން އެންމެ ފުރަތަމަވެސް ބުނެފީމެއްނު، ކިތަންމެ ބާރަށް ދުވިޔަސް މަންޒިލެއް ނުފެންނާނޭ.] އަރުފާން ދުއްވައިގަތުމާއެކު އޭނާގެ ފައިދަށުން ކަހަލަ ގޮތަކަށް އަޑުއިވުނެވެ. ނަމަވެސް އަރުފާން މަޑެއްނުކުރެއެވެ. އޭނާ ބޭނުންވަނީ އޭތީގެ ކިބައިން ސަލާމަތްވެ މީހުން ދިރިއުޅޭ ހިސާބަކަށްދާށެވެ.

[އަދިވެސް ދުވަނީތަ.] މިފަހަރު އިވުނީ ކުރިއަށްވުރެންވެސް ނާމާން އަޑެކެވެ. އެއަޑުގައި ވަނީ ނިކަން އާދަޔާ ޚިލާފު ގޮތެކެވެ. ކިތަންމެ ކައިރިން އޭނާއަށް އަޑުއިވުނު ކަމުގައިވިޔަސް، އަރުފާން މަޑަނުކޮށް ދުވަމުން ދިޔައެވެ. ކުއްލިއަކަށް ދުރުން މާދުރުން ފުޅިބައްތިއެއް ހިފައިގެން މުސްކުޅި ފިރިހެނަކު އަންނަތަން ފެނުމުން އަރުފާނަށް ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބުމާއެކު، އޭނާ އެދިމާއަށް މިޞްރާބު ޖެހިއެވެ. އެއީ ރަތް ޓީޝާޓަކާއި ކަޅު މުންޑެއް އަނދެގެން ހުރި ނުރަވެފައިވާ މުސްކުޅިއެކެވެ.

[ބޭބޭ....އަހަރެން ސަލާމަތްކުރޭ. އަހަރެން ސަލާމަތްކުރޭ. އޭތި އަހަރެންގެ ފަހަތުން އެބައާދޭ. އަހަރެންގެ ފަހަތުން އެބައާދޭ.] އަރުފާން އެ މުސްކުޅި މީހާއާ އަރާހަމަކޮށް ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރަން ފެށިއެވެ. އެމީހާ ޙައިރާންކަމާއެކު އަރުފާނަށް ބަލަން ހުރެފައި ބޯޖަހާލިއެވެ. އަރުފާން ރޮމުން އެމީހާގެ ދެފައިގައި ހިފާ އާދޭސް ކުރަމުންދިޔައެވެ.

[ސަލާމަތްކޮށްދޭށޭ!؟] އެމުސްކުޅި މީހާ މިހެން ބުނެފައި ނިކަން ބާރަށް ހީގެންފިއެވެ. ފިސާރި ނާމާންކަމާއި ބިރުވެރިކަން އެކުލެވިފައިވާފަދަ ގޮތަކަށެވެ. އަރުފާން އިސްއުފުލައި އެމީހާގެ މޫނާ ދިމާއަށް ބަލައިލިއެވެ. އެޔާއެކު އޭނާ ކުރިއަށްވުރެންވެސް ބިރުގަތެވެ. އެމުސްކުޅި މީހާގެ ސިފައިގައިވެސް މިހާރު އެހުރީ ބިރުވެރި ސޫރައެކެވެ. އަރުފާން މާނޭވާލަމުން އަނެއްކާވެސް ދުއްވައިގެންފިއެވެ. މިފަހަރު އަރުފާން ދުވަމުން ދިޔައީ ކުރިއަށްވުރެންވެސް ބާރަށެވެ. އޭރުވެސް ނާމާން ހުނުމުގެ އަޑު މުޅި ހިސާބުގަނޑުގައި ފެތުރިފައިވެއެވެ. ކިތަންމެ ބާރަށް ދުވިކަމުގައިވިޔަސް، އަރުފާނަކަށް އެއަޑާ ފޭއަކަށް ނުދެވެއެވެ.

ދުވަމުން ގޮސް އަރުފާނަށް ވަދެވުނީ މަތިބެދިފައިވާ ބިޔަގަސްތަކެއްގެ ތެރެއަށެވެ. ހަމަގައިމުވެސް އެތަނަކަށް އޭނާ ޤަޞްދުގައި ނުވަންނާނެއެވެ. އެއީވެސް ނާމާންކަމުން ފުރިފައިވާ ތަނެކެވެ. މުޅި އެތަނުގައި ވަނީ އިންސާނުންގެ ކަށްޓެވެ. ވުމާއެކު އޭނާ އަނެއްކާވެސް ދުއްވައިގެންފިއެވެ. އެވަގުތު ފަހަތުން ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފެހެއްޓުމާއެކު އޭނާ ހުއްޓުނެވެ.

[ކާކު؟ އަހަރެން ސަލާމަތްކޮށްދީ.] އަރުފާންގެ ކުރިމަތީގައި ހުރީ އޭނާ ހިސާބަކަށް ދަންނަ ހުޅުދޫ މީހެކެވެ.

[އަވަހަށް ހިނގާ...ދެން ބިރުނުގަނޭ. ކަލޭގެ އަޑު އިވިގެން އަހަރެން މިތަނަށް މިއައީ. އަހަންނާއެކު ހިނގާ...ކަލެއަށް އެއްވެސް ނުރައްކަލެއް ނުވާނެ.] އަރުފާން ދަންނަ ހުޅުދޫ މީހާ، އާދެ! ޞާލިޙު އަރުފާނުގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ. އޭރުވެސް އަރުފާނަށް ވަށައިގެން ހޯދެނީއެވެ.

[ތީ ހަމަ ޞާލިޙުތަ؟ ޞާލިޙު ތިއައީ އަހަރެން ސަލާމަތްކޮށްދެންތަ؟ އަޅެ މިލައިގަތީ ކޮން ކަންތައްގަނޑެއްތަ؟] އަރުފާނަކަށް އިތުބާރެއް ނުކުރެވެއެވެ.

[ޞާލިޙު ކީއްކުރަންތަ މި ވަލުތެރެއަށް މިގަޑީގައި ވަންނަންވީ؟] ޞާލިޙުގެ އަޑާއި ރާގުވެސް ބަދަލުވިއެވެ.

[ތީ ޞާލިޙެއް ނޫންދޯ؟.....] އަރުފާނަށް މިހެން ބުނެވުނު ވަގުތު ކުރިމަތީގައި ހުރި ޞާލިޙުގެ ސިފަ ބަދަލުވެއްޖެއެވެ. ކުރިއަށްވުރެންވެސް ބިރުވެރި ނާމާން ސިފަޔަކަށެވެ.

އޭތީގެ އަނގައިގެ ތޫނު ދަތްތަކެއް ހުރުމުގެ އިތުރުން އަތުގެ ނިޔަފަތިތައްވެސް ތޫނު ހަންޖަރެއްފަދައެވެ. މިފަހަރު އަރުފާނަކަށް ދުއްވައިގަންނާކަށް އެއްވެސް ހިތްވަރެއް ނުލިބުނެވެ. އޭނާ އަނބުރައިގެންފިއެވެ.

އެރޭ އެގާރަޖަހާ ބޮޑުވިއިރުވެސް ތާރާ އޮތީ އަރުފާނުގެ އިންތިޒާރުގައެވެ. އޭނާ އެތައްފަހަރަކު އަރުފާނަށް ގުޅައިވެސްފިއެވެ. ނަމަވެސް އަރުފާނެއް ފޯނެއް ނުނަގައެވެ.

[އަޅެ އަރުފާން ކިހިނެއްބާ އެ ހެދީ...ފޯނެއްވެސް ނުނަގާ. މިއަންނަނީއޭ ބުނިތާވެސް މިހާރު ގަޑިއެއްހާއިރުވެއްޖެ.] ތާރާ ދެއަތަކަށް ބޯހޫރާލަމުން، އަނެއްކާވެސް އަރުފާނަށް ގުޅިއެވެ. މިފަހަރު ގުޅިތަނާހެން އެކޮޅުން ފޯނު ނެގިއެވެ.

[ވަރަށް ލަސްވެއްޖެދޯ. މިހާރު މިދަނީ؟] އަރުފާން އެހެން ބުނެފައި ފޯނު ބޭއްވިއެވެ. ތާރާވެސް އަރުފާން އައީމާ ޝަކުވާ ކުރަން ނިންމައި އެނދުގައި އޮށޯވެލިއެވެ.

އޭގެ މާގިނައިރުތަކެއްނުވެ އަރުފާން އައިސް ތާރާ އޮތް ކޮޓަރިއަށް ވަދެއްޖެއެވެ. ތާރާ އަނގަޔަށް ވައްތަރެއް ޖެއްސުމަށްފަހު އަނެއް ފަރާތަށް އެނބުރުނެވެ.

[ވަރަށް އިންތިޒާރު ކޮށްފިންދޯ؟] ސޮރީ....އަޞްލު ވީގޮތަކީ މިގެއަށް އައި މަގުމަތީގައި ފޯނު ވެއްޓުނީ. އެ ހޯދަން މިހުރިހާއިރު އުޅުނީ. އޭތި ވެއްޓިފައި އޮތީ މަގުމަތީގައި ހުރި ވެލިފުންޏެއްގެ މައްޗަށް. ދެންވެސް މިފަރާތަށް އެނބުރިބަލަ.] އަރުފާން ތާރާގެ އަތުގައި ހިފާ އެއަތަށް ފިތާލިއެވެ.

[އެކަމަކު ހާދަ އިރެއްވެއްޖޭ އިންތިޒާރު ކުރާތާ. އެތައްފަހަރަކު ބޭރަށްވެސް ނިކުމެއްޖައިން. ފޯނު ހަލާކެއްނުވޭތަ؟] ތާރާ އަރުފާންގެ ކޮނޑުގައި ބޯއަޅާލިއެވެ.

[ފޯނަށް އެއްވެސް ކަމެއްނުވޭ. މިގަޑީގައި މިގޭގައި ހުރީމާ ތާރާގެ މަންމަމެން ރުޅިއެއް ނާންނާނެތަ؟] ތާރާގެ ހަށިގަނޑުގައި ބައްދާލަމުން އަރުފާން ވާހަކަ ދެއްކިއެވެ.

[މާ ދަންވަންދެން ހުރީމާ ހިތްހަމައެއްނުޖެހޭނެ. އެކަމަކު ބައްޕަމެން އަހަންނަށް ވަރަށް އިތުބާރު ކުރާނެ.] ތާރާ އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ.

ބާރަޖަހާ ބޮޑުވެއްޖެއެވެ. އެރޭ ފަތިސްވިއިރުވެސް ތާރާގެ ގާތުގައި ވާހަކަ ދައްކަން އަރުފާން އިނެވެ. އޭނާ ބުނަނީ ހުސްނުހީނާ މަލުގެ މީރުވަހުން ހިތްހަމަޖެހުން ލިބިގަންނަން ހުންނަނީ ކަމަށެވެ. ވުމާއެކު އޭނާ ވަރަށް ފަތިހާ ތާރާގެ މައިންބަފައިން ހޭލުމުގެ ކުރިން ގެޔަށްދިޔައެވެ.

ޖެހިގެން އައި ދުވަހު އަރުފާން ނުފެނިގެން އޭނާގެ ޢާއިލާއިން ހޯދަން ފެށިއެވެ. އަރުފާން ގޭގައި ނެތްކަން އޭނާގެ މަންމަ ޢާޒިމާއަށް އެނގުނީ އޭނާ ހެނދުނު ކޮފީ ހިފައިގެން އަރުފާންގެ ކޮޓަރިއަށް ވަނީމައެވެ. އޭނާއާއި ޢާއިލާއިން އަރުފާން ހޯދަން ފެށުނީ ހަވީރުވީއިރުވެސް އޭނާ ގެޔަށް ނައީމައެވެ.

[އަރުފާނަކީ ދުވަހަކުވެސް އަހަރެން ގާތު ނުބުނެ ބޭރަށްދާ ކުއްޖެއް ނޫން. އެސޮރު މީގެ ދެދުވަސް ކުރިން އަހަރެން ގާތު ބުނި، ހުޅުދޫ އަންހެން ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާހަކަ.] ޢާޒިމާ ވާހަކަ ދެއްކީ އޭނާގެ ބޭބެ ވަޙީދާއެވެ. މުޅި ޢާއިލާއިންވެސް ތިބީ އަރުފާންގެ ޚަބަރެއްނުވާތީ ވަރަށް ބޮޑަށް ހިތްނުތަނަވަސްވެފައެވެ.

[ހުޅުދޫއަށް ގޮސް އެބުނާ ގެއެއް ބަލަންވީނު.] އިރުއޮއްސެމުންދިޔަ ވަގުތު ޢާޒިމާ އޭނާގެ ބޭބެ ވަޙީދު ގާތު އެދުނެވެ. މިހާރު އަރުފާން ހޯދުމުގެ މަސައްކަތް މީދޫގެ ރައްޔިތުންނާއި ފުލުހުންވެސް ފަށައިފިއެވެ.

[ޢާޒިމާ...އެސޮރުގެ ފޯނަށް ގުޅިންތަ؟ ފަހަރެއްގައި މަރަދޫގައިވެސް އުޅެފާނެ. ކުރީ ދުވަހެއްގައިވެސް މަރަދުއަށްދާ ވާހަކަ ދެއްކި.] ވަޙީދު ބުންޏެވެ.

[އަހަރެން އެތައްފަހަރަކު ގުޅައިފިން، ފޯނެއް ނުނަގާ...ބޭބޭ ދެންވެސް ހުޅުދުއަށް ދާން ހިނގާބަލަ.] ޢާޒިމާ އޭނާގެ ބޭބެގެ ސައިކަލުގެ ފަހަތަށްއެރިއެވެ. ވަޙީދު ހުޅުދުއަށް އަރައި، އެރަށު ތާރާ ކިޔާ ކުއްޖަކު އުޅޭ ގެޔަކީ ކޮބައިތޯ، ފެންނަ ކޮންމެ މީހަކާ ސުވާލު ކުރަމުން ހަތަރު މީހަކާ ސުވާލު ކުރެވުނުތަނާ އެމީހާ ކުރިމަތީގައި ހުރި ގެއަކަށް އިޝާރާތްކޮށް، އެއީއޭ އެގެއަކީ، ގޮސް ވަދެބަލާށޭ ބުނެފައި ހިނގައިގެންފިއެވެ. ޢާޒިމާއާއި ވަޙީދު އެގޭ ގޯތިތެރެއަށް ވަދެ ސަލާމް ގޮވީމާ ސަލާމް ބަލައިގަތުމަށްފަހު ނިކުތީ ސީދާ އެމީހުން ހޯދަން ބޭނުންވާ މީހާއެވެ.

[ތިޔައީތަ ތާރާއަކީ!؟] ޢާޒިމާ ތާރާގެ މޫނަށް ބަލަން ހުރެފައި އެއްސެވެ.

[އާދެ! ކިހިނެއްތޯވީ؟] ތާރާއަކީ އަބަދުވެސް ނުދަންނަ މީހުނަށް އިޙްތިރާންކުރާ އަންހެން ކުއްޖެކެވެ.

[ތާރާ....މީ އަރުފާންގެ މަންމައާއި ބޮޑުބޭބެ. މިއުޅެނީ ރޭއްސުރެން އެސޮރު ގެޔަށް ނުދާތީ. ރޭގައި މިގެޔަށް އައިތަ؟] ޢާޒިމާ އެއްސެވެ.

[ރޭ ފަތިސްނަމާދަށް ގޮވިއިރުވެސް މިގޭގައި ހުރި. ފޯނުންވެސް ނުގުޅޭތަ!؟ އެކަމަކު ދާދި ދެންމެއަކުވެސް އަޅުގަނޑު ގުޅިން. ބުނި އިރުކޮޅަކުން އަންނާނަމޭވެސް!] ތާރާވެސް ޙައިރާންވިއެވެ. ތާރާ އޭނާގެ މޯބައިލުން އެވަގުތު އަރުފާނަށް ގުޅިއެވެ. ރިންގުވާތާ މާގިނައިރަތަކެއްނުވެ އަރުފާން ފޯނު ނެގިއެވެ.

[އަރުފާން.....ސާބަސް އަރުފާނަށް. ރޭއްސުރެ ގެޔަށް ނުގޮސް ކޮންތާކުތަ ތިއުޅެނީ. މަންމަމެން އެބަތިބި އަރުފާން ވީތަނެއް ނޭނގިގެން ކަންބޮޑުވެފައި. މިހާރު މިގޭގައި އެބަތިބި. މަންމަ އަތަށް މިދެނީ ފޯނު.] ތާރާ ޢާޒިމާގެ އަތަށް ފޯނުދިނެވެ.

[ދަރިފުޅާ ކޮންތާކު؟ މިހާރު ދަރިފުޅު ގެއްލިގެން މަންމަމެން ފުލުހުންނަށްވެސް އަންގައިފިން. ނުބުނެ ތަންތަނަށްދާކަށް ނުވާނެއެއްނު.] ޢާޒިމާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

[މަންމާ....އަހަރެން ހަމަ ޤަޞްދުގައި މަންމަމެން ހާސްކޮށްލަން ކުރި ކަމެއް މިއީ....މިހާރު މިހުރީ މަރަދޫގައި. އިރުކޮޅަކުން ދާނަން.] އަރުފާން ހިނިގަނޑެއް ޖަހާލިއެވެ. އެވަގުތު ތާރާ މަންމަމެން ގާތު އެތެރެއަށް ވަދެ އިށީނުމަށް އެދުނެވެ. އޭގެފަހުން ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ތެރޭ އަރުފާން އައިސް އެގެއަށް ވަދެއްޖެއެވެ. އޭރުވެސް އެގޭގައި އަރުފާންގެ މަންމަމެން ތިއްބެވެ. އަރުފާން އައިސް ވަނުމާއެކު ޢާޒިމާއަށް ހިސާބެއްގެ ޙައިރާންކަމެއް ލިބުނެވެ.

[ދަރިފުޅާ، ދެންމެ ބުނި މަރަދޫގަޔޭ. ކުއްލިއަކަށް ތިއާދެވުނީ ކިހިނެއް؟ މަންމަމެނަށް އޮޅުވާލަން ދޮގުދޯ ތިހެދީ.]

[މަންމަމެން ގުޅިއިރު އަހަރެން ހުރީ ލޯންޗްތެރޭގައި. މިހާރު މިއައީ ގެއަށްވެސް ނުގޮސް މިގެއަށް. މަންމަމެން މިގޭގައި ތިބިކަން އެނގޭތީ....މަންމައަށް އެނގޭތަ، އަހަރެމެންގެ ގޯތީގައިވެސް ހުސްނުހީނާ ގަހެއް ހައްދަންވީނު....މިގޭ ގޯތިތެރެ ރޭގަނޑު ހާދަ ވަސް ރަނގަޅޭ.....] އަރުފާން ގޯތިތެރޭގައި ހުރި ހުސްނުހީނާ ގަހަށް ބަލަން ހުރެފައި ވާހަކަ ދެއްކިއެވެ.

[ދަރިފުޅާ މަންމަ ހިތަށް އަރައިގެން މިހުންނަނީ މިގަސް ކަނޑާލަން މިގޭ މީހުން ގާތު ބުނަން ކަމަށް. ހުސްނުހީނާ މާގަހަކީ ވަރަށް ނާމާން ގަހެއް. ޢާންމުކޮށް ހުސްނުހީނާ މަލުގެ ވަހަށް ޖިންނިން އަންނަ ކަމަށް މުސްކުޅިން ވަރަށް ބުނޭ.] ޢާޒިމާއަކީވެސް މުސްކުޅި އާދަކާދަ ވަރަށް ބޮޑަށް ޤަބޫލުކުރާ އަންހެނެކެވެ.

[މަންމަ ތިދައްކަނީ އިހުޒަމާނުގެ މުސްކުޅިން ދައްކާ ކަހަލަ ވާހަކަ. އެއްވެސް ނާމާނެއް ނުވާނެ. އަހަންނާ ތާރާ ކޮންމެ ރެޔަކުވެސް އެތައްއިރެއް ވަންދެން މިގަސްދޮށުގައި ތިބެން. އެއްވެސް ނާމާންކަމެއް ދިމައެއްނުވޭ.] އަރުފާން މިހެން ބުނެފައި އެތެރެއަށް ވަނެވެ.

އޭގެފަހުން ފަހުން އަންނާނަމޭ ބުނެފައި އަރްފާން ދިޔައީ އޭނާގެ މަންމަމެނާއެކު ގެޔަށެވެ. ގެޔަށް ގޮސްވެސް އޭނާ މަންމަ ގާތު ހުސްނުހީނާ ގަހެއް ގޯތިތެރޭ އިންދަން އެދުނެވެ. އަރުފާން ތަކުރާރުކޮށް އެދުމުން، ގަހެއް ގެނެސް އެގޭ ގޯތީގައި އިންދިޔަސް ވަރިހަމަ ކަމުގައި ޢާޒިމާ ބުންޏެވެ.

ހަމަ އެދުވަހު އަރުފާން ހުސްނުހީނާ ގަހެއް ގެނެސް އެގޭ ގޯތިތެރޭގައި އިންދައިފިއެވެ.

ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުން ގޮސް އަރުފާނާއި ތާރާގެ ގުޅުން މިހާރުވަނީ ވަރަށް ބޮޑަށް ބަދަހިވެ، އެކަކު އަނެކަކަށް ވަކިން ނޫޅެވޭފަދަ ޙާލަތެއްގައެވެ.

[އަރުފާން....މިހާރު އަހަރެން އަބަދުވެސް އެދެނީ ކަލާޔާ އެކުގައި ވުމަށް. ހިތް އެދެނީ އަބަދުވެސް ކަލާ ފެންނަފަށުގައި ވުމަށް. އަޅެ ކޮންއިރަކުންތަ އަރުފާންގެ ފުރިހަމަ މީހަކަށް އަހަރެން ވާނީ....] ތާރާ އަރުފާނުގެ މޭގައި ބޯއަޅާލަމުން ނިކަން ޢިޝްޤީ އަސަރުގައި ވާހަކަ ދެއްކިއެވެ.

[މިހާރު އަހަރެން މިދަނީ ތާރާ އަހަރެންގެ ފުރިހަމަ މީހަކަށް ހެދޭތޯ ބަލަމުން. ކައިވެންޏެއް ކުރާއިރު ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭނެ.]

މިހާރު ކައިވެންޏާ ބެހޭގޮތުން އަރުފާން ތާރާގެ މަންމައާއި ބައްޕައާވެސް ވާހަކަ ދައްކައިފިއެވެ. ތާރާގެ މަންމައާއި ބައްޕަގެވެސް އެދުމަކީ ވީހާވެސް އަވަހަކަށް އެދެކުދިންގެ ކައިވެނިވުމެވެ.

[ކައިވެނި ލަސްކުރަންވީ ސަބަބެއް ނެތް. މާބޮޑު ޕާޓީއެއް ބާއްވާކަށް ބައްޕައަކަށް ނުފެނޭ. ޢާއިލީ މެމްބަރުންނަށް ކުޑަކުޑަ ސަޔެއް ތައްޔާރުކޮށްލީމާ ރަނގަޅުވާނެ.] ތާރާގެ ބައްޕަ ޝަފީޤު ވާހަކަ ދެއްކީ އަރުފާނާއެވެ. ޙަޤީޤަތުގައި އެއީ އަރުފާންވެސް ބޭނުންވާ ގޮތެވެ. އޭނާގެ ކައިވެނި ޙަފްލާއަށް މާގިނަ ތަފާތު މިޒާޖުތަކުގެ މީހުން އައުމަކީ އޭނާއަށް ރުހެވޭނޭ ކަމެއް ނޫނެވެ. އެފަދަ ބޮޑު ޙަފްލާއެއް ބާއްވައިފިނަމަ، ދިމާވާ މީހެއްގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ބިންހެލުމެއްފަދަ ކަމެއް ދިމާވުމަކީ ވެދާނޭ ކަމެކެވެ. ނަމަވެސް ތާރާގެ ބައްޕައާއި އަރުފާންގެ ޚިޔާލު އެއްގޮތްވީ ނަމަވެސް، ތާރާގެ ވިސްނުމެއް ނޭނގެއެވެ. ފަހަރެއްގައި ތާރާ ކައިވެނީގެ ބޮޑު ޙަފްލާއަކަށް ތައްޔާރުވަމުންވެސް ގޮސްދާނެއެވެ. އޭނާއަކީ ރައްޓެހިން ގިނަ އަންހެނެކެވެ. އޭނާ ކިޔަވައިދޭ ދަރިވަރުންގެ ބެލެނިވެރިންނަށްވެސް އޭނާގެ ކައިވެނީގެ ޙަފްލާއަށް ދަޢުވަތު ދޭން އޭނާ ބޭނުންވެދާނެއެވެ.

[ތާރާ...ތާރާގެ ބައްޕަގެ ޚިޔާލު އަހަރެންގެ ޚިޔާލާ ވަރަށް އެއްގޮތް. ތާރާގެ ބައްޕަވެސް ބޭނުމެއް ނޫވޭ، ކައިވެނީގެ ޙަފްލާއެއް ބޮޑުކޮށް ބާއްވާކަށް. ބައްޕަވެސް ބުނީ، ދެޢާއިލާގެ މެމްބަރުންނަށް ކުޑަ ކެއުމެއް ހަމަޖައްސާލީމާ އޯކޭވާނެޔޯ. އަހަރެންވެސް ބޭނުންވާ ގޮތަކީ އެއީ.] އަރުފާން ތާރާ ސްކޫލުން އައިސް ގެޔަށް ވަނީމާ ބުންޏެވެ.

[ކީކޭ...ކުރިން އަރުފާން އަހަރެން ގާތު ބުނީމެއްނު، އަރުފާން ބޭނުންވަނީ ވަރަށްބޮޑު ޕާޓީއެއް ބާއްވަންށޭ. އަހަރެން މިހާރު ދަޢުވަތު ކާޑުވެސް ޑިޒައިން ކުރަން ފަށައިފިން. ސްކޫލްގެ ކޮމްޕްގައި ހުންނާނެ، ގާތްގަނޑަކަށް މަސައްކަތް ނިމިފައި.] ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަރުފާނުގެ ރާގު ބަދަލުވީތީ ތާރާ ހިސާބަކަށް ޙައިރާންވިއެވެ.

[ކޮންއިރަކުތަ އަހަރެން ޕާޓީއެއް ބާއްވާނޭ ވާހަކަ ބުނީ...ހަނދާނެއްނުވޭ.] އަރުފާން ދެއަތަކަށް ބޯހޫރާލިއެވެ.

[އަރުފާން ތީ ދެއަނގައިން ވާހަކަ ދައްކާ މީހެއް. ތިވަރުން ދަންޏާ....އަހަންނާ އިނުމަށްފަހު، ދެދުވަސްފަހުން ބުނެފާނެ، ކޮންއިރަކުހޭ އިނީ...އަހަންނަކާ ނީންނަމޭ.] ޕާޓީއެއް ބާއްވަން ބުނެފައި، އަރުފާން ނުބާއްވަން ނިންމީތީ ތާރާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

[އެންމެ ރަނގަޅު....ތާރާ ބޭނުންތަ ޕާޓީއެއް ބާއްވަން.] އަރުފާން ތާރާގެ ކޮނޑަށް އަތް ވައްޓާލިއެވެ. ތާރާ އާއެކޭވެސް ބުނީ ބޮލުގެ އިޝާރާތުންނެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމަކަމަށް ނިންމުމަށްފަހު، އެންމެފަހުން ކައިވެނީގެ ޙަފްލާ ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް އަރުފާންވެސް އެއްބަސްވެއްޖެއެވެ.

[ކޮންދުވަހެއްތަ ހަމަޖައްސާނީ.] ތާރާ އުފާވެފައި ހުރެމެ އެއްސެވެ.

[ދުވަސްވެސް ތާރާ ކަނޑައަޅާ. ޕާޓީ ބާއްވަނީ ސީދާ ތާރާގެ އުފަލަށްޓަކައި.] އަރުފާން ބުންޏެވެ.

[އަރުފާން ހިތްހަމަނުޖެހިގެންތަ ތިހެން ތިބުނަނީ. އަރުފާން ހިތްހަނުޖެހެންޏާ ވަރިހަމައޭ ޕާޓީ ނުބޭއްވިޔަސް.] އަރުފާންގެ ވާހަކަ ހުރިގޮތުން ތާރާ ހީކުރީ އަރުފާން ހިތްހަމަނުޖެހުނީ ކަމަށެވެ. ނަމަވެސް އަރުފާން އެހެން ބުނީކީ ކޮންމެހެން ހިތްހަމަނުޖެހިގެނެއް ނޫނެވެ.

[ހުކުރު ނުވަތަ އާދީއްތަ ދުވަހު ބޭއްވުން ރަނގަޅުވާނީ. ބަޔަކަށް އޯޑަރުދީގެން ކެއުން ތައްޔާރުކުރީމާ ރަނގަޅުވާނެ.] ތާރާ އުފާވެފައި ހުރެ ބުންޏެވެ.

[ދެރަށުގެ ހުރިހާ ރައްޔިތުންނަށް ދޭންވާނެ.] އަރުފާން އިތުރަށް ތާރާގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ބުނެލިއެވެ.

[އޭރުން ވަރަށް ޚަރަދުބޮޑުވާނެ. ކޮންމެހެން އެހާބޮޑު ކުރާނެ ކަމެއްނެތް. މިހާރު ތިއުޅެނީ އަހަންނަށް ޖެއްސުން ކުރަންދޯ؟] ތާރާ ރުޅިއައެވެ.

[ނޫނޭ....ކަމެއް ކުރަންޏާ، އެއްވެސް މީހަކަށް ޝަކުވާ ނުކުރެވޭގޮތަށް ކުރަންވާނީ. އަހަރެން ބޭނުން ދެރަށުގެ ރައްޔިތުންނަށް ދޭން. އޭރުން އެއްވެސް މީހަކަށް ނުބުނެވޭނެ، ތިމަންނަޔަކަށް ދަޢުވަތު ނުދެއެކޭ.] އަރުފާން މިހެން ބުނީމާ ތާރާ ހިނިތުންވެލިއެވެ. އެމީހުން ޕާޓީ ބާއްވަން ނިންމީ ހުޅުދޫ ބޯޅަދަނޑުގައެވެ. އެއީވެސް ގިނަ ބަޔަކަށް އެއްތަންވެވޭވަރުގެ ބޮޑު ތަނެއްގައި ބޭއްވުމުގެ ބޭނުމުގައެވެ.

[އަރުފާން ދަޢުވަތު ދޭންޖެހޭ މީހުން މަރަދޫގައިވެސް ތިބޭނެއެއްނު.] ތާރާ ބުނެލިއެވެ. ދެޢާއިލާގެ މެމްބަރުންނާ މަޝްވަރާ ކުރުމަށްފަހު، ތާރާއާއި އަރުފާންގެ ކައިވެނި ކުރުމަށް ހަމަޖެހުނީ ފެށޭ ހަފްތާގެ ހުކުރު ދުވަހުގެރެއެވެ. ޕާޓީވެސް ބާއްވަން ހަމަޖެއްސީ އެރޭގައެވެ. ވުމާއެކު މިހާރު ތާރާ އިންތިޒާރު ކުރަމުން ދަނީ އެ އުފާވެރި ރޭ އައިސް އޭނާއާ ކުރިމަތިލާނޭ ވަގުތަކަށެވެ. އަރުފާން ވިސްނަމުން އެދަނީ އެރޭ އޭނާއަށް ދިމާވެދާނޭ ނުރައްކަލަކަށެވެ.

ފަހަރެއްގައި ޙަފްލާއަށް އަންނަ ބައެއް ބައިވެރިންނަށް އޭނާ ފާހަގަކުރެވިދާނެއެވެ. އެހެން ވެއްޖެނަމަ، އޭނާގެ ޙަޤީޤަތް ހާމަވެ، އޭނާގެ އުފާވެރި ޙަޔާތުގައި ނިމުމުގެ ސިއްކަވެސް ޖެހިދާނެއެވެ. ނޫނެކެވެ. އޭނާ އެކަމަށް ވިސްނައި ތައްޔާރުވާނެއެވެ. އަދި އެވަރުގެ ބޮޑު ޕާޓީއަކަށް ބޭނުންވާނޭ ފައިސާވެސް އޭނާ ހޯދަން ޖެހޭނެއެވެ. ވުމާއެކު އެރޭ ފައިސާ ހޯދާނޭ ގޮތަކާމެދު ވަރަށް ބޮޑަށް ވިސްނިއެވެ.

ޖެހިގެން އައި ދުވަހު މުޅި އަތޮޅަށް ފެތުރިގެން ދިޔައީ ހުޅުމީދޫގައި ހުރި ބޭންކް ފަޅާލައި ގިނަ ޢަދަދެއްގެ ފައިސާތަކެއް ވަގަށްނެގި ވާހަކައެވެ. ހެނދުނު ހެނދުނާ ތުހުމަތު ކުރެވުނު ތިންމީހަކު ފުލުހުންގެ ބެއްލެވުމުގެ ދަށަށް ގެންދެވުނެވެ. އެތިން މީހުން އެރޭ މަގުމަތީން ފެނުނު ކަމަށް ބަޔަކު ބުނީތީއެވެ.

ވައްކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ތިން މީހުންނާ މެދުގައިވެސް އައްޑުއަތޮޅުގައި ވަރަށް ތަފާތުކޮށް ވާހަކަ ދެކެވުނެވެ. ގިނަބަޔަކު ބުނަމުންދަނީ ހައްޔަރު ކޮށްފައިވާ ތިން މީހުންނަކީވެސް ވައްކަމުގެ މައްސަލައާ އެއްވެސް ގުޅުމެއް ހުރި ބައެއް ނޫން ކަމަށާއި، އެމީހުންނަށް ދެވޭ އަދަބަކީ ޙައްޤު އަދަބު ނޫން ކަމަށެވެ. މިމައްސަލައިގައި އެތިން މީހުންގެ ޢާއިލާއިންވެސް ވަނީ ހުޅުމީދޫ ޕޮލިސް ކުރިމައްޗަށް ގޮސް އެތިން މީހުން ދޫކުރުމަށް ގޮވާފައެވެ.

ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން ޒުވާނުންނަކީވެސް އެންމެބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ކަމުގައިވާ ތަރައްޤީއަށް މަސައްކަތްކުރާ ޕާޓީގެ ފަރާތުން ތާއީދުކުރާ ނިޒާމް ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި ވަރަށް އިސްކޮށް ޙަރަކާތްތެރިވަމުންދިޔަ ތިން މީހެކެވެ.

ދުވަސްވަރަކީ މުޅި ޤައުމުގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށްވެސް ސިޔާސީވެގެން އުޅޭ ދުވަސްވަރަކަށް ވިޔަސް، އަރްފާނަކީ މިފަދަ ކަންތައްތަކާ އެއްވެސް ވަރަކަށް ވިސްނާ ޒުވާނެއް ނޫނެވެ.

އޭނާ ބުނަނީ ކޮންމެ މީހަކު ވެރިކަން ކުރިޔަސް އޭނާއަށް ފައިދާއެއް ކުރާނޭ ކަމަކަށް ނުވިސްނޭ ކަމަށާއި، ވެރިކަމަށް އަންނަ ކޮންމެ ބޭފުޅަކަށްވެސް އޭނާ އިޙްތިރާމް ކުރާނޭ ކަމަށެވެ.

[ބުނަން ވާހަކައެއް...ސިޔާސީ ވާނީ ވަކިބައެއް. މުޅި ޤައުމު ސިޔާސީވީމަކާ ކަމަކުނުދާނެ. މިވަގުތު އަހަރެން ސިޔާސީ ނުވިޔަސް، ފަހަރެއްގައި ވެދާނެއެއްނު، ރާއްޖޭގެ މިހާރުގެ ވެރިޔާއަށްފަހު ރާއްޖޭގެ ވެރިކަން ކުރާނީ އަހަރެން ކަމަށްވެސް.] އަރްފާން މިހެން ބުނެފައި ނިކަން ބާރަށް ހީގަތެވެ. އޭރުވެސް އެމީހުން ތިބީ އަރްފާނާއި ތާރާގެ ކައިވެނި ޕާޓީ ބާއްވަން ހަމަޖެހިފައިވާ ތަން ހިޔާކުރުމުގެ މަސައްކަތުގައެވެ.

ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުން ގޮސް ތާރާއާއި އަރްފާންގެ ކައިވެނީގެ ދުވަސް އައިސް ބޯމަތިވެއްޖެއެވެ. މުޅި އައްޑުއަތޮޅުގައިވެސް މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ޕާޓީ ބޭއްވުމަށްޓަކައި މިހާރު ވަނީ ހުރިހާ ތައްޔާރީއެއްވެސްވެ ނިމިފައެވެ. މިހާރު ތާރާވެސް އެވަނީ ކައިވެނީގެ ރެޔަށްޓަކައި ޚާއްޞަ ކުރެވިފައިވާ ހެދުމުގައި ފިސާރިއަށް ނަލަހެދިލައިގެނެވެ.

[ވާހް...ތާރާ....މިހާރު ހީވަނީ މިސް ވާރލްޑްހެން. ވަރަށް ގުޅޭ ތި ހެދުންވެސް. މިރޭ އަރްފާން މޮޔަވެދާނެ.] ތާރާ ނަލަހެދިލައިގެން ނިކުތުމާއެކު، ރަޙްމަތްތެރިޔާ ޝަހްލާ ތަޢުރީފް ކުރިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން