ރާއްޖޭގެ އިޤްތިޞާދީ މިހާލަތުގައި ޑޮލަރުގެ އަގާއި ކުޅެފިނަމަ 2011 ގައި ވެދިޔަގޮތަށް އަތްނުފޯރާފަށަށް ޑޮލަރުގެ އަގު އުފުލިގެން ގޮސް މާޒީ ތަކުރާރުވާނެކަމަށް މަޝްހޫރު ވިޔަފާރި ވެރިޔާ އަހުމަދު އާރިފް (އެޕޯލޯ އާއްޓެ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ބޭރުން މުދާ އެތެރެކޮށްގެން ވިޔަފާރި ކުރަމުންދާ އާއްޓެ ވިދާޅުވީ 2011 ވަނަ އަހަރު މުޅި ދުނިޔެއަށް އައި އިޤްތިޞާދީ ހީނަރުކަމަށްވުރެ މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަން ބޮޑުކަމަށެވެ. އޭރުގެ ހާލަތާއި ގުޅިގެން ޑޮލަރު ލިބެންހުރި އަގު ބޮޑުކޮށް 15/42ރ. އަށް ޑޮލަރުގެ އަގު ބަދަލު ކުރުމުން މިއަދު ކަޅު ބާޒާރުގައިވެސް ޑޮލަރު އިންތިހާއަށް އުފުލިފައިވާކަމަށް އާރިފް ވިދާޅުވިއެވެ.

މިހާލަތަކީ އިޤްތިޞާދީ ގޮތުން ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ހާލަތަކަށްވާއިރު މިހާލަތުގައި އެމްއެމްއޭއިން ޑޮލަރުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ 2011 ގައި ޑޮލަރަށް ވީހެން އަތް ނުފޯރާ ހިސާބަށް ޑޮލަރުގެ އަގުބޮޑުވެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް މިކަމުގެ ނޭދެވޭ އަސަރު ބޮޑުތަނުން ކުރާނެކަމަށް އާރިފް ވިދާޅުވިއެވެ.

"2011 ގައި ޑޮލަރު ކަޅު ބާޒާރުގަ 13/50ރ. އަށް އަރާފަ ހުއްޓާ އެމްއެމްއޭއިން 12/85ރ. ރުފިޔާ އިން 15/42 ރުފިޔާއަށް އަގުބޮޑު ކުރުމާއި ގުޅިގެން 13/50ރ. އަށް ލިބެމުންއައި ޑޮލަރު މާޒީއާއިއެކު ފަސް އެޅުނީ. 2011 އަށްވުރެ ނާޒުކު މި ދަނޑިވަޅުގައި ޑޮލަރުގެ އަގާއި ކުޅެފިނަމަ މާޒީގަ ވެދިޔަ ގޮތް ރިޕީޓްވާނެ." އާރިފް ވިދާޅުވިއެވެ.

ވިޔަފާރި ބޭންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާ އާއި ދިވެހި ރުފިޔާ ލިކުއިޑިޓީގެ ދަތިކަން ހައްލުކުރުމަށް ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ދިވެހި ރުފިޔާ އަދި ބޭރު ފައިސާގެ މިނިމަމް ރިޒާރވް ރިކުއަޔަރމަންޓް (އެމްއާރްއާރް)ގެ އަދަދުވެސް އެމްއެމްއޭއިން މިހާރު ވަނީ ދަށްކޮށްފައެވެ. އެގޮތުން އޭޕްރީލް މަހުގެ ތެރޭގައި ކުރިން ހުރި 10 އިންސައްތަ މިހާރު ވަނީ 7.5 އިންސައްތައަށް ދަށްކޮށްފައެވެ. އަދި ޖުލައިމަހުގެ ތެރޭގައި ބޭރު ފައިސާގެ އެމްއާރްއާރް 7.5 އިންސައްތައިން 5 އިންސައްތައަށް ދަށްކޮށްފައިވާ ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

ރާއްޖޭގެ ރަސްމީ ރިޒާވަށް އިތުރުވާ ބޭރުފައިސާގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ނަގާ ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ އާމްދަނީއެވެ. ފަތުރުވެރިކަން މަޑުޖެހިފައިވާ މި ދަނޑިވަޅުގައި މީގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އެމްއެމްއޭއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާ ސަރުކާރުން ބަޖެޓު ސަޕޯޓުގެ ގޮތުގައި ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިންގ ދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެމްއެމްއޭއާއި ރިޒަރވް ބޭންކް އޮފް އިންޑިއާއާއި ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު މި ސްވޮޕްގެ މުއްދަތުވެސް މިހާރު ވަނީ އިތުރުކޮށްފައެވެ. އަދި އެމްއެމްއޭއާއި ސަރުކާރާއި ގުޅިގެން ވަނީ އައިއެމްއެފް އާއި ބޭރުގެ އެހެނިހެން މާލީ އިދާރާތަކުންވެސް މާލީ އެހީތެރިކަން ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން