ރާއްޖެއަށް ކޮރޯނާވައިރަސް އައި ސަބަބު ކަމަށް ބެލެވޭ އިޓަލީ މީހާއަށް ކޮވިޑް 19 ޖެހިފައި ހުއްޓާ ނުވަތަ އެބަލީގެ ނިޝާންތައް ފެންނަން ހުއްޓާ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް އެކަން ނާންގާ އޭނާ ރާއްޖެއިން ފުރުވާލި ސަބަބު ތަހުގީގު ކުރަމުން ދާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިބަލި ފެތުރެން ފެށީ އިޓަލީގެ ފަތުރުވެރިޔާގެ ސަބަބުންކަން ކަށަވަރުވީ އޭނާ ރާއްޖެއިން ފުރައިގެން ގޮސް އެކަން އެންގުމުންނެވެ. ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި މިމީހާގެ ސަބަބުން އެރިޒޯޓުގެ ދެ މުވައްޒަފުންނަށް ކޯވިޑް 19 ޖެހިގެން މިހާރުވަނީ އެކަހެރި ކޮށްފައެވެ. މީގެސަބަބުން އެރަށް ވަނީ ކަރަންޓީނު ކޮށްފައެވެ. ކުރެއްދޫ ކަރަންޓީނުކޮށްފައިވަނީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި އެކުގައެވެ.

އިޓަލީގެ ފަތުރުވެރިޔާ ފުރުމުގެ ކުރިންމާލޭގައި ދެދުވަސް ވަންދެން މަޑުކުރި ކަމަށް މިއަދު ރައީސް އޮފީހުން ކޯވިޑް 19 އާއި ބެހޭ މައުލޫމާތު ދެމުން ބުނެފައި ވެއެވެ. އަދި މި މީހާއާއި އެކި ގޮތްގޮތުން މާލެއިން ގައިގޯޅިވި 16 މީހަކު ވެސް މިހާރު ވަނީ އެކަހެރި ކޮށްފައެވެ. މީގެތެރޭގައި އޭނާ މާލޭގައި ހުރި މާގިރި ގެސްޓް ހައުސްގެ 15 މީހަކު ދިރިއުޅޭ ތަނުގައި އެކަހެރި ކޮށްފައިވާއިރު އެމިރޭޓްސް ޓިކެޓިންގ އޮފީހުން އޭނާއާއި ގައިގޯޅިވި އެކަކު ކަރަންޓީނު ކުރުމަށް މިހާރު ވަނީ ގެންގޮއްސައެވެ.

މިހާރު ދެން އޮތް ކަމަކީ އިޓަލީ މީހާ ބަލިވެ ހުއްޓާ ކަމާބެހޭ ފަރާތްތަކަށް އެކަން ނާންގައި ފުރުވާލުމުގެ މައްސަލަ ތަހުގީގު ކުރުން ކަމަށްވާނަމަ ކޮންމެ މީހަކަށް ބަލި ޖެހުނު ސަބަބު ބަލާ ތަހުގީގު ހިންގާފައި އެހެން ކަމަކާ ވިސްނާ ފިކުރު ހިންގާނެ ވަގުތެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަދި މިދަނޑިވަޅަކީ އެފަދަ ކަންކަމުގެ ތަހުގީގު ހިންގާ މައްސަލަ ޝަރީޢަތަށް ފޮނުވާން އެންމެ ރަނގަޅު ވަގުތު ބާވައޭވެސް ސުވާލު އުފެދެއެވެ.

ރާއްޖެއަށް ކޮރޯނާވައިރަސް މިވަނީ އެތެރެވެފައެވެ. ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެބުނާ އިޓަލީގެ ފަތުރުވެރިއާއަށް ވައިރަހުގެ އަސަރު ކުރީ ރާއްޖެއަކުން ނޫނެވެ. އޭނާ ރާއްޖެއިން ބޭރުން އައީ އެބުނާ ވައިރަހެއް ހިފައިގެންނެވެ. މިކަމުގެ ތަހުގީގެއް ހިންގަންޏާ ތަހުގީގު ހިންގަން މިޖެހެނީ އޭނާ އެތެރެވި ހިސާބުންނެވެ. އެހެން ކަމަށްވަންޏާ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ކާކުބާވައެވެ؟ ޓޫރިޒަމް މިސްޓަރު ބާވައެވެ؟ ނޫނީ ހެލްތު މިނިސްޓަރު ބާވައެވެ؟ ނޫންނަމަ އެއަރޕޯރޓްގައި ސްކްރީން ކުރަން ތިބި ބަޔަކު ބާވައެވެ؟ މިހިރީ ނޫސްތަކުގެ ހެޑްލައިން ހަދަންޏާ މޮޅެތި ހެޑްލައިން ހެދުމަށް އުފެއްދޭނެ ސުވާލު ތަކެވެ.

ކޮރޯނާވައިރަސް ދެކެ ބިރުން ދިވެހި ރައްޔިތުން މިހާރުވެސް ތިބީ ގުޑުގުޑު އަޅައަޅައެވެ. މިހެން ތިއްބާ ނޫސްތަކުން ވެސް އަދިވެސް ޖަހަނީ ރައްޔިތުން ފިއްކަނޑައިގެން ދާވަރުގެ ހެޑްލައިން ތަކެވެ. މައުލޫމާތު ދެއްވާ ބޭފުޅުންވެސް ބޭނުންފުޅުވަނީ ނޫސްތަކުގައި ބިޔަ ހެޑްލައިންތައް ޖެއްސުމަށެވެ. މައްސަލަ ބަލަނިއްޔޭ ތަހުގީގު ހިންގަނިއްޔޭ ކިޔައިގެން އާންމު ރައްޔިތުން އިތުރަށް ބިރުގެންނެވުމުގެ ބަދަލުގައި ރައްޔިތުންގެ ހިތުން ބިރުވެރިކަން ފިލައިގެން ދާ ގޮތަށް މި މައުލޫމާތުތައް ފަތުރަން މިހާރު އިސްކަން ދޭން ވެއްޖެކަމަށް ގަބޫލުކުރެވެއެވެ. އެންމެ އަވަހަށް ޚަބަރު ބްރޭކް ކުރަނީ ތިމާގެ ނޫހުންނޭ ބުނާން ވެގެން އެޝަރަފު ހޯދާން ވެގެން ބޮޑެތި ހެޑްލައިންތައް ބްރޭކް ކޮށްލާއިރު ހީވަނީ މާބޮޑު އުފަލެއް ލިބިގެން އުޅޭ ހެންނެވެ.

ކޯވިޑް 19 އަކީ ކުރިން ހީކުރެވުނުހާ ނުރައްކާތެރި ބައްޔެއްކަމަކަށް މިހާރަކު ގަބޫލެއް ނުކުރެއެވެ. ކޮރޯނާވައިރަހުން ޖެހޭ ކޯވިޑް 19 އަކީ ހަމަ އާދައިގެ އިންފްލުއެންޒާ ފަދަ ރޯގާއެކެވެ. މިރޯގާ ޖެހުމުން ބޮޑުވަރުވަނީ އުމުރުން ދުވަސްވީ ދިފާޢީ ބާރުދަށް މީހުންނަށެވެ. ތަފާސް ހިސާބުތަކަށް ބުރަވާއިރު ބަލިޖެހޭ މީހުންގެ ތެރެއިން 96 އިންސައްތަ ރަނގަޅުކުރެވެއެވެ. ކޯވިޑް 19 އަކީވެސް ނޭވާލާ ނިޒާމަށް ޖެހޭ ރޯގާއެކެވެ. އިންފްލުއެންޒާއަކީ ވެސް ހަމަ މިފަދަ ރޯގާއެކެވެ. އިންފްލުއެންޒާއަށް ސީދާ ޚާއްޞަ ވެކްސިނެއް ހޯދެންދެން އެބަލިވެސް ފެތުރުނީ ހަމަ މިފަދަ ގޮތަކަށެވެ. އޭރު އިންފްލުއެންޒާގައި މީހުން މަރުވަމުން ދިޔަ ރޭޓްވެސް މަދެއް ނޫނެވެ.

މިހާރުދެން ކޮންމެ ނޫސްކޮންފަރެންސެއްގައި ދެނީ ބޮޑެތި އަދަދު ތަކެވެ. މީހުން އެކަހެރިކޮށް ކަރަންޓީންކުރާ ވާހަކައެވެ. ޓުއަރިސްޓް ރިޒޯޓުތައް ފަތުރުވެރިންނާއިއެކު ބަންދުކޮށްލާ ވާހަކައެވެ. ދެން މިހާރު މިފެންނަނީ ކަރަންޓީނު ކުރާ ތިރީހަކަށް ވަރަކަށް ކޮޓަރި ރަށެއްގައި ހަދައިގެން މާމޮޅު ކަމަކަށް ވެގެން އެއަށް ވީޑިއޯ ހަދައިގެން “ސަޅި‘ ދައްކާތަނެވެ.

މިހާރު މިވާގޮތަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މާހިރުންނަށްވުރެ އަޅުގަނޑުމެންގެ މާހިރުން މާ މޮޅީއެވެ. ހުސް ޑޮކްޓަރުންނެވެ. ނޫސްވެރިންވެސް ޑޮކްޓަރުންނެވެ. މައުލޫމާތު ދެއްވާ ދެވަޒީރުންވެސް ޑޮކްޓަރުންނެވެ. މުޅި ސޯޝަލް މީޑިޔާ ކޮމިއުނިޓީގައިވެސް ޑޮކްޓަރުންނާ މޮޅެތި މާހިރުންނެވެ.

މިއީ ސަމާސާ އަކަށް ނުހައްދަވާށެވެ. ރައްޔިތުން ބިރު ނުގަންނަވާށެވެ. ރައްޔިތުން ހާސްކޮށް ނުލާށެވެ. ފުރިބާރުވެ ތޮއްޖެހިފައިވާ މާލޭގައި ބާރުބާރަށް ސައިރަން އަޅައި ދުއްވައި ނަގައި ރަބަރު ހެދުން އަޅައިގެން މަގުމަތީގައި ނުހިނގާށެވެ. މާލޭގެ ރައްޔިތުން ގޭބަންދުގައި ބައިތިއްބަން ނުހަދާށެވެ.

މާލޭގައި މިނޫނަސް މިއަށްވުރެ މާ ވަރުގަދަ ނުރައްކާތެރި ރޯގާތައް ފެތުރެމުން ދެއެވެ. ވަކި ދުވަސްވަރެއްގައި ބިރުން ފިއްކަނޑައިގެން ދާ ވަރަށް ޑެންގީހުން ވެސް ފެތުރެއެވެ. ވެކްސިން ގަނެ ބޭސް ފިހާރަތައް ހުސްވާ ވަރަށް އިންފްލުއެންޒާ އިންޖެކްޝަން ގަނެގެން ޖަހާ މޫސުންވެސް މަދެއް ނޫނެވެ. ފްލޫ ކްލިނިކްތައް ހަދައިގެން ސްކޫލްތައް ވެސް ބަންދު ކުރަނީކީ މަދެއްކޮށެއް ނޫނެވެ.

ރާއްޖޭގައި މިފަދަ ބޮޑެތި ބަލިތައް ފެތުރޭ މޫސުންތަކުގައިވެސް ރާއްޖޭގެ ފަތުރުވެރިކަމަކަށް އެނގުމެއް ނުވެއެވެ. ރާއްޖޭގެ ސްކޫލްތައް ބަންދު ކުރިޔަސް ރިޒޯޓްތަކެއް ބަންދެއް ނުކުރެއެވެ. ދުނިޔޭގައި މިފަދަ ބަލިތައް ފެތުރޭއިރު ރާއްޖޭގެ ރިޒޯޓްތައް ވެފައި އޮންނަނީ ވަރަށް ރައްކާތެރި ތަންތަނަށެވެ. ރާއްޖެ އުފެދިފައި އޮންނަ ގޮތުން ރިޒޯޓްތަކަކީ މުޅިން ވަކިން އޮންނަ ރަށްތަކެއް ކަމުގައި ވާތީއެވެ. މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރާ މީހުން ސޯޝަލް މީޑިޔާގައި ރާއްޖޭގެ ފަތުރުވެރިކަން މިގޮތަށް އިސްތިހާރު ކުރަމުން އެބަ ގެންދެއެވެ.

ކަންމިހެން އޮތް އިރު ރައްޔިތުން ހާސްކަމުގެ ތެރެއަށް ވައްޓާނުލާ، ބިރު ނުގަންނަވާ، ރާއްޖޭގެ ފަތުރުވެރިކަމަށް ވީހާވެސް މިކަމުގެ އަސަރު ކުޑަވާނެހެން ކޮރޯނާވައިރަސްގެ ވާހަކަ ދައްކާށެވެ. އެގޮތަށް ފިޔަވަޅުތައްވެސް އަޅަމުން ގެންދާށެވެ. އަޅުގަނޑުމެން ދުނިޔޭގައި ދިރިއުޅެން ދަސްކުރަންވާނީ ދުނިޔެއަށް އުފަންވާ މިފަދަ ބަލިތަކާވެސް އެކުގައެވެ. ދަސްކޮށްދޭންވީ، ފަރިތަކޮށްދޭންވީ، ދަކާންވީ ބަލިތަކުން ރައްކާތެރި ވުމަށް ކުރެވޭނެ ކަންކަމުގެ ވާހަކައެވެ. ގިނަގިނައިން އަތް ދޮންނަން އާދަ ކޮށްދޭންވީއެވެ. މަގުމައްޗަށް ކުޅު ނުޖަހާން އާދަކޮށްދޭންވީއެވެ. ކެއްސާ ކިނބިހި އަޅާއިރު ނިވާކުރާން އާދަކޮށްދޭން ވީއެވެ. ތަންތަން ސަފުތާހިރުކުރާން އާދަކޮށްދޭންވީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން