ރޭ ޔުނައިޓެޑަށް ޕެނެލްޓީ ކާމިޔާބުކޮށްދިން ފެނާންޑޭސް
ރޭ ޔުނައިޓެޑަށް ޕެނެލްޓީ ކާމިޔާބުކޮށްދިން ފެނާންޑޭސް
ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލަށް މެންޗެސްޓާ ޔުނައިޓެޑް ދަތުރުކޮށްފިއެވެ.

ޔުނައިޓެޑުން ސެމީގެ ފުރުސަތު ހޯދީ 1-0 އިން ޑެންމާކުގެ ޗެމްޕިއަން ކޯޕެންހާގެން ބަލިކުރުމަށް ފަހު އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ މޭސަން ގްރީންވުޑް ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ބެލުމުން ގްރީންވުޑް ހުރީ އޮފްސައިޑްކަމަށްވާތީ އެ ގޯލު ބަލައިނުގަންނަން ރެފްރީ ނިންމި އެވެ. ދެ ވަނަ ހާފުގައި ޔުނައިޓެޑާއި ކޯޕެންހާގެން އަށް ވެސް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް އާއި ގްރީންވުޑް ފޮނުވާލި ބޯޅަތައް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ކޯޕެންހާގެންގެ ބްރަޔާން އޮވިއޭޑޯ ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅުނެވެ. މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ގޯލު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ޕެނަލްޓީ އަކުން ފެނާންޑޭސް އެވެ. މިއީ ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މިއީ ޔުނައިޓެޑުން 2017 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަހުން މި މުބާރާތުގެ ސެމީން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ސެމީގައި ޔުނައިޓެޑް ކުޅޭނީ މިރޭ ވުލްވްސް އާއި ސެވިއްޔާ ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ކޯވިޑް-19ގެ ސަބަބުން ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ސެންޓްރަލައިޒްކޮށް އެއް ސަރަހައްދެއްގައި މިނި ޓޯނަމެންޓެއްގެ ގޮތުގައި ކުޅޭއިރު ހުރިހާ މެޗެއް ކުޅޭނީ ޖަރުމަނުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން