އިޒްރޭލު މައްސަލައަކީ ވަރަށް ޖަޒްބާތީ މައްސަލައެއް ކަމަށާއި އެކަމުގައި މަޖިލީހުން ގޮތެއް ނިންމަންވާނީ ވަރަށް ފުންކޮށް ވިސްނާފައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަނެ ބިލު ދިރާސާކުރުމަށް 241 ކޮމިޓީ އަށް ވަނީ ފޮނުވާފައެވެ.

އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ މައްސަލާގައި ޤާސިމް ވިދާޅުވީ އެމްޑީޕީން އެބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ޕީއެންސީގެ މިހާރުގެ ވެރިކަން ނިންމާލުމުގެ ނިޔަތުގައި ކަމަށާއި އެހެންކަމުން އެއީ ވަރަށް ވިސްނަންޖެހޭ މައްސަލައެއް ކަމަށެވެ.

"މި ބަހުސަކީ ވަރަށް ޖަޒުބާތީ އަދި ވަރަށް ދީނީ އަދި ގައުމީވަންތަކަން ލިބިފައިވާ މައްސަލައެއް." ޤާސިމް މިއަދު ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެ އައުން މަނާކުރުމާ މެދު ވަރަށް ފުންކޮށް ވިސްނަންޖެހޭނެ ކަމަށާއި އެކަމާމެދު ފިޔަވަޅެއް އަޅަން ވާނީ ވަރަށް ކެއްތެރިކަމާ އެކު ކަަމަށެވެ.

ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުން ވާންވާނީ ދިވެހިރާއްޖޭގެ މުސްތަގުބަލަށާއި ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން ނިންމާ ނިންމުމަކަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.

“ސަލާމަތުން ތިބެގެން ނޫނީ އެއްވެސް ކަމެއް ނުކުރެވޭނެ.” ޤާސިމް މިއަދު ވިދާޅުވެފައިވެއެވެ.

19 ވަނަ މަޖިލީހުގެ ދައުރު ނިމެނިކޮށް އެމްޑީޕީން ހުށައެޅި މިބިލުގައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން، ރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށެވެ.

އިޒްރޭލު މައްސަލާގައި ސަރުކާރުން ބުނެފައިވަނީ، ރައީސްގެ ނިންމެވުމާއިއެކު އިސްރާއީލް ޕާސްޕޯޓު މަނާކުރުމަށް ކުރަންޖެހޭ ކަންކަން ސިޔާސީ ޚިޔާލު ތަފާތުވުންތަކަށް ބެލުމެއްނެތި މަޖިލިސް ތެރެއިން އަވަހަށް ނިންމުމަށް މަސައްކަތް ކުރާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން