ޒަހީން މިއަދުވެސް އެހުރީ ޝިޒްނީގެ އިންތިޒާރުގައެވެ. ޝިޒްނީއަކީ އޭނާ ނުދަންނަ ކުއްޖަކަށްވިޔަސް މެއެވެ. އޭނާ ޝިޒްނީއަށް އިންތިޒާރު ކުރާނެއެވެ. ޝިޒްނީ ފެނޭތޯ ދޮރާށިދޮށަށް ނުކުންނާނެއެވެ.

މިއަދުވެސް އޭނާ އެހެރީ ޝިޒްނީ ދުށުމަށެވެ. މިއީ ހަމަ އެ ގަޑިއެވެ. ކޮންމެ ދުވަހަކުވެސް ޝިޒްނީ ސްކޫލަށްދާ ގަޑިއެވެ.

ޒަހީންގެ އިންތިޒާރަށް ނިމުން އައީ އޭގެ ބައިގަޑިއެއްހާއިރު ފަހުންނެވެ. ދުރުން މާދުރުން ޝިޒްނީ ކުޑަ ގްރޫޕަކާއެކު އެދިމާއަށް އަންނަނީއެވެ. ނަމަވެސް، މިއަދު އެހެން ދުވަހާ ތަފާތެވެ. ޝިޒްނީ ހުރީ ޔުނީފޯމްގައެއް ނޫނެވެ. އާދައިގެ މަޑު ނޫކުލައިގެ ޖިންސަކާއި ދިގު ޓޮޕެއް ލައިގެންނެވެ. ޒަހީނަށް ހީވީ އޭނާގެ ހަށިގަނޑުގެ އެތެރެއިން ކަރަންޓެއްގެ އޮއިވަރު ދަތުރުކުރިހެންނެވެ. މުޅި މީހާ ފިނިވެ، ލޭގެ ހިނގުން އަވަސްވިއެވެ. ޝިޒްނީ ފެންނަ ކޮންމެފަހަރަކުވެސް މިފަދަ އިޙްސާސްތަކެއް އޭނާއަށް ކުރެއެވެ. މިއިޙްސާސްތަކަށް އޭނާ ވަނީ ނަމެއްވެސް ކަނޑައަޅާފައެވެ. އެއީ ލޯތްބެވެ. ޔަޤީނެވެ. ކޮންމެ މީހަކުވެސް މިއަށް ލޯބި ނޫން ދެވަނަ ނަމެއް ނުދޭނެއެވެ.

[އޭތް...ގެއްލިފަތަ.] ފުރަގަހުން އައި ނާފިޒްގެ އަޑުން ޒަހީން ސިހުނެވެ. އެހެނަސް، ސަމާލުކަމެއް އަތުލައިގަނެވޭ ގޮތެއް ނުވިއެވެ.

[އޭއި! މިހާރު އަޑެއްވެސް ނީވޭތަ؟ ޢިޝްޤުގައި ޖެހުނީދޯ!] ނާފިޒްގެ އަޑު ދެވަނަ ފަހަރަށްވެސް އިވުނެވެ. ޒަހީނަށް ހޭވެރިކަންވީ ދެނެވެ. އޭރު ޝިޒްނީމެން އޭނާ ހުރަސްކޮށް ގޮސް، ޖެހިގެން އޮތް މަގަށް އަޅައިފިއެވެ.

[އަހަނ! ނާފިޒް ކޮން ދަތުރެއް؟ ކޮންތާކަށް ތިޔަދަނީ؟] ޒަހީން އަވަސް އަވަހަށް ވާހަކަ ފެށިއެވެ.

[އައްދޭ އަންހެން ކުއްޖަކު ފެންނައިރަށް ދެން ހީވަނީ އެހެންފަދަ ކަމެއްހެން. ދެރަކަމަކީ އަންހެން ކުއްޖަކު ފެންނައިރަށް ބީރުވާތީ.] ނާފިޒް ޒަހީނާ ދިމާކޮށްލިއެވެ. ޙަޤީޤަތުގައި ނާފިޒު ހުރީ ކޮންމެވެސް ވަރަކަށް ރުޅި އައިސްފައެވެ.

[އަހަންނެއް ނާހަމޭ ނާފިޒް ގޮވި އަޑެއް.] [ނާފިޒް ގޮވި އަޑެއް.] ޒަހީން ދޮގުހެދިއެވެ. އޭނާގެ ހިތުގެ ސިއްރުތައް، ރަޙްމަތްތެރިޔާއަށް ކިޔައިދިނުމަށް އަދި އޭނާއަކަށް ނުފެނުނެވެ. އެހެންވެ އޭނާ ބޭނުންވީ އެކަންތައް ވަގުތީގޮތުން ފަރުދާކޮށްލާށެވެ.

[ކަމެއް ސިއްރުކުރާހެން ހާދަހީވެޔޭ.] ޒަހީން ކަމަކަށް ވިސްނާ ކަމަށް ނާފިޒަށް ޝައްކުވިއެވެ.

[ތިޔައީ ހަމަ ކުރެވިގެން އުޅޭ ކުށް ހީއެއް.] ޒަހީން ޙަވާލެއްނުވިއެވެ.

[އެންމެ ރަނގަޅު! އަހަރެން ޤަބޫލުކޮށްފިން. ބުނެބަލަ ދެންމެ މިހެން ދިޔައީ ދަންނަ ކުދިންތަކެއްތަ؟] ނާފިޒްވެސް ހުރީ އެކުދިންގެ މަޢްލޫމާތަށް ބޭނުންވެފައެވެ. ހީވާގޮތުން ނާފިޒްގެ ހިތް އެދޭފަދަ ކުއްޖަކުވެސް އެ ގްރޫޕްގައި ހުރީއެވެ.

[ވަރަށް ގިނައިން ދެކެން. އެކަމަކު ނުދަންނަން.] ޒަހީން ބުންޏެވެ.

[އެކަމަކު ހާދަ ދަންނަ ވައްތަރު ޖަހައޭ. އެތާ ހުރި ޖިންސް ލައިގެންހުރި ކުއްޖާ ދިޔައީވެސް ހިނިތުންވެލާފައި. ޔަޤީން، އެ ހިނިތުންވުމުގައި މާނައެއް ފޮރުވިފައިވާކަން.] އެއީ ނާފިޒް ހީކުރި ގޮތެއް ނޫނެވެ. ޙަޤީޤަތުގައިވެސް ޝިޒްނީގެ ހިނިތުންވުމުގައި މާނައެއް އޮވެއެވެ. ޝިޒްނީ އެ މަގުން ކޮންމެ ދުވަހަކު ދަނީވެސް އެދުމެއްވާތީއެވެ. އެކަކު އަނެކަކަށް ޙަޤީޤަތް ނޭނގުނަސް، ޝިޒްނީއާއި ޒަހީނަށް ދަތުރުކުރެވެނީ އެއް ރާސްތާއަކުންނެވެ. ދާން ބޭނުންވަނީވެސް އެއް މަންޒިލަކަށެވެ.

[ އެ ހިނިތުންވުން ރައްދުވަނީ ނާފިޒަށް ކަމަށްވެސް ވެދާނެއެއްނުން.] ޒަހީން ބޮލުން ނައްޓާލިއެވެ. އެއީ ނާފިޒްވެސް ހީކުރިގޮތެވެ. އަދި އެދޭވެސް ގޮތެވެ.

[ނުވާނެއެކޭ ނުބުނާނަން. ވެދާނެޔޭ ދޯ؟] ނާފިޒް ހުރީ އުފާވެފައެވެ. ހިތްހަމަޖެހުނުލެއް ބޮޑުކަމުންނެވެ.

[އޭ! އަހަރެން މިނުކުތީ ފެންވަރަން އުޅެފަޔޭ.] ޒަހީން އިތުރަށް އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ޙަޤީޤަތް ހާމަވެދާނެތީއެވެ.

[އެންމެ ރަނގަޅު! އަހަރެންވެސް ދައްތަ ގެޔަށް ދަމުން ހިތަށްއެރީ ޒަހީނާ ބައްދަލުކޮށްފައޭ ދާނީ. އެއީ މިރޭވެސް ކާރު ބުރު ޖަހަންވާނެއެއްނު! ކާރުވެސް އޮންނާނެ ފޮހެފައި ތައްޔާރަށް.] ނާފިޒް ހިނގައިގަންނަމުން ހަނދާންކޮށްލަދިނެވެ.

[މިރެއަކު ދާހިތެއް ނެތް. މާދަމާރޭ ދާނީ.] ޒަހީން އެތެރެއަށް ވަނެވެ.

އެދުވަހު ފެންވަރަން ފާޚާނާއަށް ވަދެހުރެވެސް ޒަހީނަށް ކުރެވުނީ ޝިޒްނީގެ ޚިޔާލުތަކެވެ. ޝިޒްނީއަކީ ކާކުބާވައެވެ؟.......

ފެންވަރާލައިގެން ދެންވެސް ޒަހީން ނުކުތީ ދޮރާށި ދޮށަށެވެ. އަދިވެސް ޝިޒްނީ އެހެން ހިނގައިދާނެހެން ހީވާތީއެވެ. މިފަހަރު އެތާހުރެހުރެ، ފައި ވާޅުވިއިރުވެސް ޝިޒްނީއެއް ނުފެނުނެވެ. އެހެނަސް ޒަހީން މާޔޫސެއް ނުވެއެވެ. ނާއުއްމީދުގެ ބަދަލުގައި އުއްމީދު އާލާކުރިއެވެ. ކާމިޔާބު ލިބޭނީ މަސައްކަތަށްފަހުގައިކަން އޭނާ ހަނދާން ހުރެއެވެ. ކުއްލިއަކަށް ޒަހީނަށް ކަމެއް ހަނދާންވިއެވެ. އޭނާ ވަޒީފާއަށް ނުކުންނަ ގަޑި ޖެހެނީއެވެ.

[އޭ....އަށެއް ޖަހަނީ....] ޒަހީން ގަޑިއަށް ބަލާލުމަށްފަހު، ހިތާހިތާ ބުނެލެވުނެވެ. ތެދެކެވެ. އަށެއް ޖަހަނީއެވެ. އަށެއް އެއީ އޭނާ ރޭގަނޑު ވަޒީފާއަށް ނުކުންނަންޖެހޭ ގަޑިއެވެ. ޒަހީންވަނީ ގެޔަށެވެ. މަންމަ ގާތުގައި ބުނެފައި ނޫނީ އޭނާ އެއްވެސް ތަނަކަށް ނުދެއެވެ. އެއީ އޭނާއަށް ދަސްވެފައިވާ ރަނގަޅު އާދައެކެވެ.

[މަންމާ އަޅުގަނޑު ދަނީއޭ.] ޒަހީން ބޮޑު ކޮޓަރިއަށް ވަންނަމުން ވާހަކަ ދެއްކިއެވެ.

[ޓީ.ވީން ދެންމެ ގުޅި ދަރިފުޅު ލަސްވެގެން.] ޒަހީންގެ މަންމަ ފާއިޒާ ކޮޓަރިއަށް ވަންނަމުން ޒަހީންއާ މުޚާޠަބު ކުރިއެވެ.

[އާނ މިހާރު އަށެއް ޖަހަނީވިއްޔާ. މަންމާ އަޅުގަނޑު މިދަނީ އޮފީހަށް. އަޅުގަނޑު މިރޭ ކާނީ އޮފީހުން އައިސް.] ޒަހީން ނުކުތެވެ.

އެރޭ ޒަހީނަށް ގެޔަށް އާދެވޭވަރުވީ ދިހައެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. ގެޔަށްވަދެ ކާލައިގެން ދެންވެސް ޒަހީން ނުކުތީ ދޮރާށި ދޮށަށެވެ. މިރޭ ކޮންމެހެންވެސް ޝިޒްނީއާ ބައްދަލުކުރުމަށް ޒަހީން ބޭނުމެވެ. ޝިޒްނީ ފެނުމުން ނޫނީ އޭނާގެ ހިތްހަމައެއް ނުޖެހޭނެއެވެ. އޭނާގެ ނަޞީބުވެސް ވަރަށް ރަނގަޅެވެ. ޝިޒްނީއާއި އޭނާގެ ދައްތަ ރިޝްމީ އެދިމާގައި ހުރި ފިހާރައަކަށް ވަންނަނިކޮށް ޒަހީނަށް ފެނުނެވެ.

ޒަހީން ބަލާކަށް މަޑެއް ނުކުރެއެވެ. ހަލުވި ހިނގުމެއްގައި ގޮސް އެ ފިހާރައަށް ވަދެއްޖެއެވެ.

[ސޭޓް....މި ސްކާފް ކިހާވަރަކަށްތޯ؟] ޒަހީންގެ ކަންފަތުގައި ޖެހުނީ ޝިޒްނީގެ އަޑެވެ. ޒަހީން އެ އަޑަށް ސަމާލުވެލިއެވެ.

[ދުއިސައްތަ ފަންސާސް.] އެ އިވުނީ ސޭޓުގެ އަޑެވެ.

[އޭ.....ހާދަ އަގުބޮޑޭ. އެހާވަރަށް ފައިސާއެއް ނެތް.] ޝިޒްނީ މާޔޫސްވިއެވެ. މަންޒަރު ބަލަން ކައިރީގައި ޒަހީން ހުއްޓެވެ.

[މިއީ ޕިއޯ ސިލްކޭ.] ސޭޓު މީހާ އޭގެ ފެންވަރު ބުނެދޭން ފެށިއެވެ.

[އެނގެޔޭ ސިލްކުކަން! އެކަމަކު.] ދެންވެސް ޝިޒްނީ އެ ސްކާފްގައި އަތްލިއެވެ. އޭނާގެ ޢަމަލުތައް ހުރިގޮތުން އެ ސްކާފް އޭނާއަށް ވަރަށް ރީތި ވެއްޖެކަން އެނގެއެވެ.

[ތިޔަ ކިތަންމެ ރީއްޗަކަސް ގަނެވޭކަށް ނެތެއްނު! ހިނގާ ދާން.] ޝިޒްނީގެ ދައްތަ ރިޝްމީ ވާހަކަ ދައްކަމުން ފިހާރައިން ނުކުތެވެ. ޝިޒްނީއަށް އެފިހާރަތެރޭ ހުރި ޒަހީން ފެނުނީ އެވަގުތުއެވެ. އޭނާ އަބަދުވެސް ޒަހީނަށް ދޭ ހިނިތުންވުމުގެ ހަދިޔާ ވަގުތުން ދިނެވެ. ޒަހީންގެ ތުންފަތްމައްޗަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ. ޝިޒްނީ މަޑުމަޑުން ފަސްއެނބުރި ބަލަމުން ފިހާރައިން ނުކުތެވެ.

[މި ސްކާފް ކިހާވަރަކަށްތޯ؟] ޝިޒްނީމެން ނުކުތުމާއެކު، ޒަހީން ސޭޓް ގާތުގައި އަހާލިއެވެ.

[ދުއިސައްތަ ފަންސާސް.] ސޭޓް ޖަވާބު ދިނެވެ. ޒަހީން ފަހެއްނުޖެހުނެވެ. ވަގުތުން އެ ސްކާފް ގަތެވެ. އޭގެ ބޭނުންވެސް އޭނާއަށް ވަރަށް ބޮޑެވެ.

އެ ސްކާފް ގަނެގެން ޒަހީން ދިޔައީ ގެޔަށެވެ. ކޮޓަރިއަށް ވަދެ، ވަރަށް ރީއްޗަށް ޕާރުސަލްކޮށްލިއެވެ. އޭރު ގަޑިން އެގާރަޖަހާ ބޮޑުވެއްޖެއެވެ. ޕާރުސަލް އަލަމާރިއަށް ލާ ތަޅުލުމަށްފަހު، އޭނާ އޮށޯވެލައިފިއެވެ. ޝިޒްނީގެ ހަނދާންތަކާއެކު ނިދާލުމަށެވެ. އެހެނަސް އެއީ މާފަސޭހަ ކަމަކަށް އޭނާއަކަށް ނުވިއެވެ. އެ ހަނދާންތަކުން އޭނާއަށް އުނދަގޫކުރަމުން ދިޔައެވެ.

ހެނދުނުވީއިރުވެސް ޒަހީން އޮންނަން ޖެހުނީ ތަފާތު ޚިޔާލުތަކާ ހެދި ނުނިދިފައެވެ. ޝިޒްނީއާމެދު އޭނާ ވަރަށް ވިސްނިއެވެ. ޝިޒްނީ އޭނާގެ މިލްކަކަށް ހެދުމަށްޓަކައި ހުރަސްކުރަން ޖެހޭނީ ކޮންފަދަ ރާސްތާއެއްބާވައޭވެސް އޭނާގެ ހިތަށް އެރިއެވެ.

[ދަރިފުޅާ....އަދިވެސް ނުތެދުވަންތަ، މިހާރު އެއޮއް އަށެއް ޖަހަނީއްޔޭ.] ޒަހީން ނުތެދުވެ ލަސްވާތީ، މަންމަ ގޮވަން ފެށިއެވެ.

[މަންމާ ހޭލައޭ މިއުޅެނީ. މާލަސްވެއްޖެ ދޯ!] ޒަހީން ދޮރު ހުޅުވަމުން ވާހަކަ ދެއްކިއެވެ.

[އާނ މާބޮޑަށްވެސް ލަސްވެއްޖެ. މިހާރަކަށް އައިސް ދަރިފުޅު ހާދަ ކަންނެތްވެއްޖެޔޭ.] އަނެއްކާ ނުވާވަރުގެ ކަންތަކާމެދު ވިސްނަނީތަ؟] ފާއިޒާ އެތެރެއަށް ވަދެ އޯގާތެރިކަމާއެކު ދަރިފުޅުގެ ބުރކަށީގައި ފިރުމާލިއެވެ.

[މަންމާ ކީއްވެ ތިހެން ތިބުނީ.] ޒަހީނަށް ހީވީ މަންމައަށް ކަމެއް އެނގިގެން އުޅޭހެނެވެ.

[މަންމަ ވިސްނާގޮތުގައި، ދަރިފުޅުގެ އުޅުން ކުއްލިއަކަށް ބަދަލުވާން ޖެހުނީ ކޮންމެވެސް ކަމަކާމެދު ވިސްނާތީ.] އެއީ ފާއިޒާއަށް ލަފާކުރެވޭ ގޮތެވެ.

[އަޅެ....މަންމާ އަހަންނެއް ނުވިސްނަމޭ. ރޭގައި ނުނިދުނިއްޔޭ.] ޒަހީން އުޅުނީ ސިއްރުކުރާށެވެ. އެހެން ނަމަވެސް، ޒަހީން އުޅޭގޮތްގޮތުން ފާއިޒާގެ ހީކުރުންތަކަށް ޔަޤީންކަން ލިބުނެވެ. އެހެންވެ އޭނާ އިތުރަށް ސުވާލެއް ނުކުރެއެވެ.

[އެންމެ ރަނގަޅު. މަންމައަށް ހީވިގޮތް. އަވަހަށް ފެންވަރާލައިގެން ނާސްތާ ކުރަން އާދޭ.] ފާއިޒާ ނުކުތެވެ. ޒަހީން ވަނީ ފާޚާނާއަށެވެ.

*******************

ހަވީރުވަމުންދިޔަ ވަގުތު ޝިޒްނީ ފާޚާނާގައި ހުރެފައި ނުކުތްއިރު، ބޮޑު ކޮޓަރީގައި ހުރި ގޮނޑިއެއްގައި ހިނިތުންވެލާފައި ދައްތަ ރިޝްމީ އިނެވެ. އިންގޮތުން ހީވަނީ ކޮންމެވެސް ކަމަކާމެދު އުފާވެފައި އިންހެންނެވެ.

[ދައްތަ ހާދަ އުފާވެފައި އިންހެން ހީވެޔޭ.] ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން ޝިޒްނީ ވާހަކަ ދެއްކިއެވެ.

[ދައްތަ އުފާވާ ކަންތައް އެނގޭނެ. ކޮއްކޮ ގޮސް ކޮއްކޮގެ ކޮޓަރިއަށް ވަދެބަލަ.] ޙަޤީޤަތުގައިވެސް ރިޝްމީ އިނީ އުފާވެފައެވެ.

[ކޮޓަރިއަށް ވަނުމުން އެނގޭނެތަ؟ އެއެއް ކިހިނެއް އެނގޭނީ!؟] ޝިޒްނީ ހީކުރީ ދައްތަ ސަމާސާ ކުރަނީ ކަމަށެވެ.

[އެންމެ ރަނގަޅޭ. ނިކަން ގޮސް ކޮޓަރިއަށް ވަދެބަލަ.] ރިޝްމީ ހީނހީނފައި ވާހަކަ ދެއްކިއެވެ.

[އަހަރެން ދަންތަ ކޮޓަރި ބަލަން. އަނެއްކާ ދައްތަ ކުރާ ސަމާސާއެއް ނޫންތަ؟] ޝިޒްނީ ހިނގައިގަތެވެ. ރިޝްމީ އިންގޮތަށް އިނީއެވެ.

ޝިޒްނީ ކޮޓަރިއަށް ވަދެ ވަށައިގެން ހޯދާލިއެވެ. އެހެނަސް ދައްތަ އުފާވާން ޖެހުނު ސަބަބެއް ނޭނގުނެވެ. ވިސްނުމަކަށްވެސް ނައެވެ.

އެންމެފަހުން ދައްތަ އެކުރީ ސަމާސާއެއް ކަމަށް ނިންމުމަށްފަހު ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެހާވަރަށް ކޮޓަރި ހޯދިއިރުވެސް އޭނާ އެނދުގެ [ސައިޑް ކަބަޑް] ނުބަލައެވެ.

ކަބަޑާ ދިމާލަށް އޭނާއަށް ބަލައިލެވުނީ ކޮޓަރިން ނުކުންނަމުންނެވެ. އެވަގުތު އޭގެ މަތީގައި އޮތް ކުޑަކުޑަ ޕާރުސަލެއް އޭނާއަށް ފެނުނެވެ. އެ ޕާރުސަލް ފެނުމާއެކު، އޭނާގެ ޙަރަކާތް ވަރަށް އަވަސްވިއެވެ.

[ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެ ޕާރުސަލް ނެގިއެވެ.

[ޝިޒްނީއަށް] ޝިޒްނީ އޭގެ ބޭރުގައި ލިޔެފައިވާ ލިޔުންކޮޅު ފަރުވާތެރިކަމާއެކު ކިޔާލިއެވެ.

[އޯހް....މީ ކާކު ފޮނުވި ހަދިޔާއެއްބާ؟] ޝިޒްނީގެ ހިތުގައި ސުވާލު އުފެދުނެވެ. އެ ޕާރުސަލް ހިފައިގެން އޭނާ ނުކުތީ ބޮޑު ކޮޓަރިއަށެވެ.

[ދައްތާ މީ ކާކު ގެނެސްދިން އެއްޗެއް!؟] ޝިޒްނީ ހުރީ ޙައިރާންވެފައެވެ.

[ފޮނުވާވަރު މީހުނެއްނު ފޮނުވާނީ. އަދި ތިޔަ ނުވެސް ކަނޑަމެއްނު. ކަނޑާބަލަ.] ރިޝްމީ ވާހަކަ ދެއްކީ ސަމާސާ ރާގަކަށެވެ.

ޝިޒްނީ ޕާރްސަލް ކަނޑާލިއެވެ. ޕާރްސަލް ކަނޑާލުމާއެކު، ޝިޒްނީއާއި ރިޝްމީއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

[އައްދެ! ތީ ރޭގައި ކޮއްކޮއަށް ރީތިވެގެން އުޅުނު ސްކާފެއްނު.] ތެދެކެވެ. އެއީ ޝިޒްނީ ކުރީ ރޭ ވަން ފިހާރައަކުން ރީތިވެގެން އުޅުނު ސްކާފެވެ.

[ދައްތާ....އަޅެ މީ ކާކު!؟] ޝިޒްނީގެ ހިތުގައި ސުވާލު އުފެދެމުންދިޔައެވެ.

[އެއީ ކޮންމެ މީހަކަށްވިޔަސް، އެމީހަކު ވާނީ ކޮއްކޮއަށް ހެޔޮއެދޭ މީހަކަށް.] އެއީ ރިޝްމީއަށް ހީވާގޮތެވެ.

[ދައްތާ މުސްކުޅިން ބުނެ އުޅެއެއްނު، އެދުމެއް އޮތީމައޭ ވެދުމެއް ކުރާނީ. ތި މީހެއްގެ ހިތުގައި އޮވެދާނެއެއްނު ކޮންމެފަދަ އެދުމެއްވެސް.] ޝިޒްނީއަށް ބުނެވުނީ މިހާ ހިސާބަށެވެ. އޭނާގެ ލޮލުން ކަރުނަތައް ފާއްދާލިއެވެ.

[ކޮއްކޯ ހަދިޔާއެއް ލިބުނީމަ އުފާކުރަންވީމަ ރޮނީތަ؟] ޝިޒްނީ ރޯން ފެށުމުން ރިޝްމީ އޭނާ ހަމަޖެއްސޭތޯ އުޅުނެވެ.

[ދައްތާ މިފޮނުވި މީހަކަށް އަހަރެންގެ ނިކަމެތިކަން އެނގޭނަމަ....] ޝިޒްނީއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

[ކޮއްކޯ ހިތާމަނުކުރޭ. ކޮއްކޮ ތިއީ ނިކަމެއްޗެއް ނޫނޭ. ނިކަމެއްޗަކީ އެބަޔަކު އަމިއްލައަށް ވީމާ، ވާއެއްޗެކޭ.] ރިޝްމީ ޝިޒްނީއަށް ވިސްނައިދިނެވެ.

[އެކަމަކު ދައްތާ، އަހަރެން....ގެ ޙާލު.....] ޝިޒްނީ ކޮށިއަރާގޮތްވިއެވެ.

[ކޮއްކޯ ދައްތަ އަބަދުވެސް ބުނަމެއްނު، އެކަންތަކާމެދު އަބަދާއި އަބަދު ނުވިސްނާށޭ. އެއީ ފަހުން ރަނގަޅުވެދާނެ މައްސަލައެކޭ.] ދެންވެސް ރިޝްމީ ވާހަކަ ދެއްކީ ޝިޒްނީއަށް ވިސްނައިދޭށެވެ. އޭރު ރިޝްމީއަށްވެސް ހުރީ ރޮވޭގޮތްވެފައެވެ. ލޯބިވާ ކޮއްކޮގެ މުސްތަޤްބަލާމެދު ވިސްނާލެވުނީމައެވެ. ޝިޒްނީ ހަމައަކަށް އެޅުނީ ދައްތަގެ ލޮލުން ކަރުނަ އޮހެނިކޮށް ފެނުނީމައެވެ. އޭނާގެ އަމިއްލަ ހަށިގަނޑުގައި ކިތަންމެ ވޭނެއް އެޅިޔަސް، އޭގެ އަސަރު ލޯބިވާ ދައްތައަށް ފޯރުވިޔަދޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ކޮންމެފަދަ ޙާލެއްގައި އުޅުނަސް، ދައްތަ ހުންނަންޖެހޭނީ ހަމަ ހޭގައެވެ. އުފާވެރިކަން ޙިއްޞާކޮށްކޮށެވެ.

ޝިޒްނީ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ދައްތަގެ ލޮލުން ކަރުނަ އޮހޭތަން ދުށުމަށް ކެތް ނުކުރެވުނީއެވެ. އެދުވަހުވެސް ކޮޓަރިތެރޭގައި އޮވެ، ޝިޒްނީގެ ހިތް ފުރެންދެން ރުޔެވެ. އަމިއްލަ ޙަޔާތުގެ ކުރިމަގާމެދު ވިސްނަމުންނެވެ. އޭނާއަށް އޭނާގެ ޙާލަތު ތަޞައްވުރު ކުރެވޭ ކޮންމެ ވަގުތަކުވެސް ރޮވެއެވެ.

ޖެހިގެން އައި ދުވަހު ހަވީރުވަމުންދިޔަ ވަގުތު، ޒަހީން ދޮރާށިދޮށަށް ނުކުތެވެ. މިހާރު އެގޮތަށް އޭނާ ހުންނަތާވެސް ބައިގަޑިއެއްހާއިރު ވެއްޖެއެވެ. އަދިވެސް އޭނާގެ އިންތިޒާރުގެ ނިމުމެއް ނާދެއެވެ.

[އޭތް....މިހާރު އަބަދު ދޮރާށި ދޮށުގައިތަ؟] ސައިކަލަކުން އައިސް މަޑުކޮށްލަމުން ނާފިޒް ވާހަކަ ދެއްކިއެވެ.

[އަބަދަކު ކޮޓަރީގައި ނޯވެވޭނެއެއްނު. ކޮންތާކުން ކޮންތަނަކަށް ތިދަނީ.] ވާހަކަ ދެއްކިއިރުވެސް ޒަހީންގެ ނަޒަރު ހުއްޓިފައި ހުރީ، ޖެހިގެން އޮތް ހަތަރު އަނގޮޅިއަށެވެ. އެއީ ކޮންމެ ދުވަހަކުވެސް އޭނާއަށް ޝިޒްނީ ފެންނަ ތަނެވެ. އެހެންމެ މިއަދު އަދި ވަކިން އޭނާގެ ހިތުގައި ޝިޒްނީ ދެކެލުމުގެ އެދުން މާބޮޑެވެ.

[އަހަންނަށް ހީވަނީ ޒަހީން ކޮންމެވެސް ކަމަކާމެދު ވިސްނަމުންދާހެން. އަޅެ މިއީ ދޮގެއްތަ؟] ނާފިޒް އެއްސެވެ.

[ތިޔަހެން ކަމަށްވެސް ވެދާނެ.] ޒަހީން ރަޙްމަތްތެރިޔާއަށް ސިއްރު ކުރާހިތެއް ނުވިއެވެ.

[ކޮންމެވެސް ބިޓެއް] ފެނުނީކަން ޔަޤީނޭ.] ނާފިޒް ފުރްޞަތުގެ ބޭނުންކޮށްލިއެވެ.

[އާނ ނާފިޒް، މިހާރު މިހާރު މިކުރެވެނީ ތިޔަކަހަލަ ޚިޔާލެއް. އެކަމަކު ބުނަން، އެކުއްޖާއަކަށް އަހަންނެއް ނޭނގޭނެ. އެކަމަކު އޭނާއަކީ ކާކުކަން އަހަރެން ދަންނަން. ނާފިޒަށް ބުނެދޭނީ ހަމަޖެހުނީމަ.] ޒަހީން ނާފިޒް ޝައުޤުވެރިވާނެހެން ހީވާ ހިސާބުން ވާހަކަ ހުއްޓާލިއެވެ.

[ހަމަޖައްސާކަށް އަހަރެންގެ އެހީއެއް ބޭނުމެއް ނުވާނެތަ؟] ނާފިޒް ހުރެލާފައި އަހާލިއެވެ.

[އުހުނ، ބޭނުންވެއްޖެއްޔާ، އަހަރެން ބުނާނަން. އާދޭ އެތެރެއަށް ވަންނަން.] ޒަހީން ހިނގައިގަތެވެ.

[އޭތް ނެތޭ ވަދެވޭކަށް. އަހަރެންވެސް މިއައީ ތަނަކަށް ދަމުންނޭ.] ޒަހީން އެތެރެއަށް ވަނީއެވެ. ނާފިޒް ދިޔައީއެވެ.

އެއީ ޒަހީން ހިތުގެ އަޑިން އެދުނުގޮތެވެ. މިވަގުތު އޭނާއަށް އިތުރު އެއްވެސް މީހެއްގެ އެހީއެއް ބޭނުމެއް ނުވެއެވެ. ނާފިޒް ދިޔުމާއެކު، އަނެއްކާވެސް ޒަހީން ނުކުމެއްޖެއެވެ. މިފަހަރު އިންތިޒާރު ކުރަން ޖެހުނީ ކުޑަވަގުތުކޮޅަކަށެވެ. އޭނާގެ ހިތުގެ މަލިކާ، ދުރުން މާދުރުން އެކަނިމާއެކަނި އަންނަނިކޮށް ފެނުނެވެ. ޒަހީންގެ ހިތަށް ވެރިވެގެންދިޔީއީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.

[ޝިޒްނީ.....] ޒަހީން، ޝިޒްނީ އޭނާއާ އަރާހަމަވުމުން، މަޑުމަޑުން ގޮވާލިއެވެ. ޝިޒްނީ މަޑުކޮށްލިއެވެ. އޭރު ޝިޒްނީ ހުރީ ހިނިތުންވެލާފައެވެ.

[ޝިޒްނީ.] ދެންވެސް ޒަހީން ގޮވާލިއެވެ.

[ކިހިނެއް....އަހަރެންގެ ނަން...؟] ޝިޒްނީ ވާހަކަ ދެއްކިއެވެ.

[ވަރަށް މަސައްކަތުން އެނގުނީ.] ޒަހީން ފުރްޞަތުގެ ބޭނުންކޮށް ވާހަކަ ފެށިއެވެ.

[ކީއްކުރަންތަ އަހަރެން މަޑުކުރުވީ.] ޝިޒްނީ ވަރަށް އޯގާތެރިކަމާއެކު އަތާލިއެވެ.

[ޝިޒްނީ؟ ކުށަކަށްވާނަމަ މަޢާފަށް އެދެމުން އަހާލަން. އެއްވެސް ކަހަލަ ހަދިޔާއެއް ލިބުނުތަ؟] ޒަހީން އޭނާ ބޭނުންވާ މަޥްޟޫޢަށް ދިޔައެވެ.

[އެއީ.....ކަލޭ ފޮނުވި އެއްޗެއްތަ!؟] ޝިޒްނީ ޝައުޤުވެރިކަމާއެކު ސުވާލުކޮށްލިއެވެ.

[އަނެއްކާ...އެ ހަދިޔާ ޤަބޫލުކުރިންތަ؟] ޒަހީން ހުރީ ހިތް އަވަސްވެފައެވެ.

[އާނ.....ޤަބޫލުކޮށްފިން. އެކަމަކު ކަލޭގެ ނަމެއް އެޔަކު ނެތް.] ޝިޒްނީ އިސްދަށަށް ޖަހައިގެންހުރެ ބުންޏެވެ.

[އާނ....އާ....އަހަރެންގެ ނަމަކީ ޒަހީން....ޝިޒޫ.....އަހަރެން ޝިޒޫދެކެ....ޒަހީން ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލީ، ޝިޒްނީ އޭނާގެ އަނގަމަތީގައި އަތް އެޅުމުންނެވެ.

[ނޫން...ނޫން.....ޒަހީން. އަހަންނަކީ ތިޔަކަމަށް އެކަށީގެންވާ މީހެއް ނޫން.] ޝިޒްނީގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ.

[ކީއްވެ އެކަށީގެންނުވާންވީ! ތީ އަންހެނެއްނު. އަހަންނަކީ ފިރިހެނެއް.] ޒަހީން ބުންޏެވެ. ޒަހީންހުރީ ހަމަޖެހިފައެވެ. ޝިޒްނީ ވާހަކަ ދައްކަން މަޑުކުރީމައެވެ.

[ތިޔަހެން ނޫން ވާހަކައެއް އަހަންނެއް ނުބުނަން.] ޝިޒްނީގެ ލޮލުން ފޭދުނު ކަރުނަތައް ހޯސްލާފައި އޭނާގެ ދެކޯތާފަތަށް ފައިބަން ފަށައިފިއެވެ.

[ދެން ކޮބައިތަ މައްސަލައަކީ!؟] ޒަހީން ހުރީ ކަންބޮޑުވެފައެވެ.

[ނޫން ޒަހީން....އަހަންނާމެދު ނުވިސްނާ.] ޝިޒްނީ ރޮމުން ކުރިއަށް ހިނގައިގަތެވެ. ފަހަތުން ޒަހީންވެސް ހިނގައިގަތެވެ.

[އަޅެ....ޝިޒޫ.....މަޑުކޮށްބަލަ. އަހަންނާ އެކަށީގެން ނުވިޔަސް ހެވޭ. ބުނެބަލަ ޝިޒޫ އަހަރެންދެކެ ލޯބިވޭތަ؟] ޒަހީން ޝިޒްނީގެ ކުރިމައްޗަށް އަރާ ޝިޒްނީ މަޑުކުރުވަން އުޅުނެވެ. ޝިޒްނީ ބޮލުގެ ޙަރަކާތުން އާއެކޭވެސް ބުންޏެވެ. ޒަހީނަށް ލިބުނު އުފަލުގެ ކޮޅެއްނެތެވެ.

[ތިޔަހެންވީއިރު މައްސަލައެއް ނެތް. ބުނަންތަ ޝިޒޫ، ޝިޒޫ އަހަރެންދެކެ ލޯބިވަންޏާ، އަހަރެމެން ދެމީހުން ހަމަހަމަވެއްޖެ.] ޒަހީން ޝިޒްނީ މަޑުކުރުމުން ޝިޒްނީގެ އަތުގައި ހިފެހެއްޓިއެވެ. ޝިޒްނީ ލަދުވެތި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވަމުން އިސްޖަހާލިއެވެ.

[އަހަރެން ތިޔަގެވެސް ހޯދައިފިން. ތިޔަ ގެޔަށް ގޮސްލަންތަ؟] ޒަހީން އެއްސެވެ.

[ޒަހީން...މީހަކަށް ފެނިދާނެ. އަހަރެން ލަދުގަނޭ.] ޝިޒްނީ ލަދުވެތިކަން ފާޅުކުރިއެވެ.

[އަހަރެން މިރޭ އަށެއްޖަހާއިރަށް ދާނަން.] ޒަހީން ޝިޒްނީގެ އަތުން ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ. ޖަވާބުގައި ޝިޒްނީ ހިނިތުންވެލިއެވެ.

[އެކަމަކު....؟] ޝިޒްނީ ވާހަކައެއް ބުނަން އުޅުނެވެ.

[އެކަމަކު ކީކޭ؟] ޒަހީން ޝައުޤުވެރިވިއެވެ. ޝިޒްނީ ކަމެއް ސިއްރު ކުރަން އުޅޭހެން ޒަހީނަށް ހީވާން ފެށިއެވެ.

[ކޮންމެވެސް ކަމެއް އެބަ ސިއްރު ކުރަމެއްނުންދޯ؟] ޒަހީން ޝިޒްނީގެ އަތުން ދޫކޮށްލަމުން އެހިއެވެ.

[ވެދާނެ ތިޔަހެން ކަމަށްވެސް.] ޝިޒްނީ ކުރިއަށް ހިނގައިގަތެވެ.

[ހެވޭ ކިތަންމެ ކަމެއް ސިއްރު ކުރިޔަސް. އަހަރެން ދާނަން.] ޒަހީން ގެޔަށް ވަނެވެ.

ޝިޒްނީވެސް ދިޔައީ ގެޔަށެވެ. ކޮންމެވެސްވަރަކަށް ހިތްހަމަޖެހިފައި ހުރެއެވެ. އޭނާގެ ނިކަމެތި ހަށިގަނޑާމެދުވެސް ވިސްނާ މީހަކު މިދުނިޔޭގައި ހުރިކަން އެނގުނީމައެވެ.

[ހާދަ އުފާވެފަހެން ހީވެޔޭ.] ޝިޒްނީ ގެޔަށް ވަނުމުން، ދައްތަ ރިޝްމީ އެހިއެވެ. ވަރަށް ފަސޭހައިން ރިޝްމީ، ކޮއްކޮގެ ޙާލަތު ދަނެގަނެއެވެ. އުފާވެފައި ހުރިވަރުން ޝިޒްނީއަށް ވާހަކަ ދެއްކުނީ އިރުކޮޅެއްގެ ފަހުންނެވެ.

[ދައްތާ، އެއްކަލަ ސްކާފް ފޮނުވީ ކާކުކަން އެނގިއްޖެ.] ޝިޒްނީ ބޮޑު ކޮޓަރީގައި ހުރި ގޮނޑިއަކަށް ވެއްޓިގަންނަމުން ވާހަކަ ދެއްކިއެވެ.

[އަޞްލުވެސް ކާކު ފޮނުވީ! ކިހިނެއް އެނގުނީ؟] ރިޝްމީވެސް ހުރީ އުފާވެފައެވެ. އެކަން އޭނާ ވާހަކަ ދައްކަމުން ދިޔަގޮތުން އެނގެއެވެ.

[އޭނާ އަމިއްލައަށް ތަޢާރަފްވި.....އެކަމަކު ދައްތާ، އޭނާއަށް އަހަރެންގެ ޙާލު....] ޝިޒްނީގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ދެލޯ ފެންކަޅިވެއްޖެއެވެ.

[ކޮއްކޯ! އަބަދުވެސް ދައްތަ ބުނަމެއްނު. ތިޔަކުރާ ދެރަ ޚިޔާލުތައް ދޫކޮށްލާށޭ. އެމީހަކަށް ކޮއްކޮގެ ޙަޤީޤަތް އެނގުމުން، ލޯބިވާނަމަ ޙައްލެއް ހޯދާނެ. ދައްތަގެ ނަޞޭޙަތް ޤަބޫލުކޮށްބަލަ.] ރިޝްމީ ޝިޒްނީއަށް ވިސްނައިދޭން ފެށިއެވެ. ޝިޒްނީ ދެލޯ ފޮހެލަމުން ގަދަކަމުން ހިނިތުންވެލާފައި ގޮސް ކޮޓަރިއަށް ވަނެވެ.

ޒަހީން ގަޑިއަށް ފަރުވާ ބެހެއްޓިއެވެ. ބަރާބަރު އަށެއް ޖެހިއިރު އޭނާ ހުރީ ޝިޒްނީގެ ގޭގެ ދޮރާށި ކައިރީގައެވެ. ޝިޒްނީ ނުކުތީ ކުޑައިރުކޮޅެއް ފަހުންނެވެ.

[އަހަރެން އަންނާނެ ކަމަށް އިންތިޒާރު ކުރިންތަ؟] ޒަހީން އޮޅުންފިލުވާލިއެވެ. ޝިޒްނީ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

[މިހާރު އަހަންނަށް އެއްކަމެއް ޔަޤީންވެއްޖެ.] ޒަހީން ޝިޒްނީގެ ކަންފަތާ ކައިރިވެލަމުން ބުންޏެވެ.

[އެޔޯ!؟ ކޮންކަމެއް؟] ޝިޒްނީ އެއްސެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން