ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް
ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަން މިނިސްޓަރ އަސްލަމް ހިސާބު އަދަދުތަކުން ތަފްސީލުކޮށްދެއްވައިފިއެވެ.

މި ސަރުކާރުން ފ. ދަނރަބޫދޫގައި ތަރައްގީކުރި ބަނދަރު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވީ ރައީސް ޞާލިހުގެ ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އޭނާއާއި ހަވާލުކޮށްގެން މިހިނގަމުންދާ ދައުރުގެ ތެރޭގައި އެކި މަރުހަލާގައި 561 އުމްރާނީ ތަރައްގީގެ މަސައްކަތް އެބަ ހިނގަމުންދާ ކަމަށެވެ. 561 މަޝްރޫއުގެ ތެރެއިން ބައެއް މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 52 ރަށެއްގެ ބަނދަރުގެ މަޝްރޫއު 4 އަހަރުގެ ތެރޭގައި ނިމިފައިވާ ކަމަށެވެ. 40 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު، ކޮންޓްރެކްޓްގައި ސޮއިކޮށް މަސައްކަތް ނުފެށި 25 ރަށެއްގެ މަސައްކަތް އެބައޮތް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ޓެންޑަރ ސްޓޭޖުގައި ވަނީ 2 މަސައްކަތް ކަމަށާއި، ބާކީ މަދު ރަށެއްގެ މަސައްކަތް ޓެންޑަރ ނުކޮށް އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ 6 ޕްރޮޖެކްޓް ނިމިއްޖެ ކަމަށެވެ. އަދި 23 މަޝްރޫއެއް ކުރިއަށް އެބަދާ ކަމަށާއި، 7 މަޝްރޫއެއް ކޮންޓްރެކްޓްކޮށް މަސައްކަތް ފެށުމުގެ މަރުހަލާގައި އެބަހުރި ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ޓެންޑަރިންގައި 2 މަސައްކަތް އަދި އިތުރު މަސައްކަތް ޓެންޑަރ ކުރަން އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ގޮނޑުދޮށް ހިމާޔަތްކުރުމުގެ 19 މަސައްކަތެއް ނިންމައިފިން. 14 ކުރިއަށް އެބަދޭ. 30 ހިންގުމަށް ކޮންޓްރެކްޓުގައި ސޮއިކުރުމުގެ މަރުހަލާގައި އޮތީ. ބިންހިއްކުން 9 ނިމިއްޖެ 8 ކުރިއަށް 6 މަސައްކަތް ފެށުމަށް ތައްޔާރުވެފައި ކޮންޓްރެކްޓުގައި ސޮއިކޮށްފައި. މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ 6 މަޝްރޫއެއް ނިންމައިފިން. 10 މަޝްރޫއުގެ މަސައްކަތް ކުރިއަށް އެބަދޭ. 3 މަޝްރޫއެއް ކޮންޓްރެކްޓުގައި ސޮއިކޮށްފައި އެބައޮތް ފެށުމަށް. ކޯސްވޭ އެޅުމުގެ މަސައްކަތުގެ 1 ރަށުގެ މަސައްކަތް ބާރަށް ދަނީ އަނެއް 4 ރަށުގެ ސޮއިކޮށް ފަށަން ތައްޔާރުވެފައި. އެއަރޕޯޓް 2 ރަށެއްގައި އަޅައިފިން. 4 ރަށެއްގައި މަސައްކަތް ކުރިއަށް އެބަދޭ. 6 ރަށެއްގައި އެއަރޕޯޓް އެޅުމަށް ކުރާ މަސައްކަތް އެބަހުރި." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުގެ ދަށުން އުތުރުގެ އެންމެ ބޮޑު 3 އަތޮޅު ކަމަށްވާ، ހއ، ހދ، އަދި ށ ގައި ހިދުމަތް ދެމުންދާތާ އަހަރެއް ވެއްޖެ ކަމަށެވެ. ޅ ގައި ދަތުރުފަތުރުގެ ނިޒާމް ފެށިއްޖެ ކަމަށާއި، ޖުލައި މަހުގައި ހުވަދު އަތޮޅުގައި ފަށާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މުޅި ރާއްޖެ 2024 ވަނަ އަހަރުގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމުން ގުޅާލާ ނިމޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ސަރުކާރުގެ އެބައޮތް ތަސައްވުރެއް އަދި ޕްލޭނެއް. ސަރުކާރާއި ފުރަތަމަ ހަވާލުވެފައި ވެސް އަޅުގަނޑުމެން ކުރި ކަމަކީ ރާއްޖޭގެ އޮންނަންވާނެ ގޮތުގެ ތަސައްވުރެއް ކުރެހީ. ރާއްޖެ އޮންނަންވާނީ ކިހިނެއްތޯ ކިތައް ސަރަހައްދަށްތޯ. އަދި ކޮންމެ ސަރަހައްދެއްގައި އޮންނާނީ ކިތައް ޒޯންތޯ އަދި އެ ޒޯންގައި ހިމެނޭ ރަށްތަކަކީ ކިތައް ކްލަސްޓަރތޯ، އެއިން ކޮންމެ ރަށެއްގައި ހުންނަންވާނީ ކޮންކަހަލަ ހިދުމަތްތަކެއް ތޯ. މިކަން ކޮށފައި ކަރުދާހުގައި ލިޔެފައި ސްޕެޝަން ޕްލޭން ކިޔާ ފޮތެއްގައި ލިޔެފައި އޮންނާނެ." އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން