ހިޔާ މަޝްްރޫޢުގެ ހަތްހާސް ފްލެޓްގެ ވާހަކަ ސޯޝަލް މީޑިއާގައި ބަހުސް ކުރަން ފެށުމުގެ އަސްލަކަށްވި ފޮޓޯ (ފޮޓޯ ނަގާފައިވަނީ ޓްވިޓަރއިންއިން)
ހިޔާ މަޝްްރޫޢުގެ ހަތްހާސް ފްލެޓްގެ ވާހަކަ ސޯޝަލް މީޑިއާގައި ބަހުސް ކުރަން ފެށުމުގެ އަސްލަކަށްވި ފޮޓޯ (ފޮޓޯ ނަގާފައިވަނީ ޓްވިޓަރއިންއިން)
އަޅުގަނޑުގެ ހަނދާން ބަލިނޫންކަމަށްވާނަމަ ރާއްޖޭގައި ފުރަމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގެދޮރުވެރިކަން ނެތް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދަދިނުމަށްޓަކައި ފުޅާދާއިރާއެއްގައި ފުރަތަމަ މަސައްކަތް ކުރެވެންފެށުނީ ރައީސް މަޢުމޫނުގެ ދައުރުގައެވެ. މިގޮތުން މާފަންނު ސަރަހައްދު ހިއްކާ މާލޭގެ ރައްޔިތުންނާއި ރާއްޖޭގެ އަތޮޅުތަކުން މާލެ ހިޖުރަކޮށް އޭރު ސަރުކާރުގެ އެކި ވަޒީފާ އަދާކުރަމުންގެންދެވި ފަރާތްތަކަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވިއެވެ. ދުނިޔޭގެ ކޮންމެ ދިމާލަކަށް ބަލާލިނަމަވެސް އެދުވަސްވަރަކާއި ގުޅޭގޮތުން ތަރައްޤީ އެއްމެ ބޮޑަށް ކުރަމުންދިޔައީ އެގައުމެއްގެ ވެރިކަން ކުރާ ރަށުގެ އިތުރުން އެހެނިހެން ސިޓީ ސެންޓަރުތަކެވެ. ރާއްޖެ މީގެ 30 ވަރަކަށް އަހަރުގެ ކުރިން އޮތްގޮތް ތަސައްވަރުކޮށްލަން އެދުވަސްވަރު ނުދެކޭ ބަޔަކަށް ވަރަށް ދަތިވާނެއެވެ. އަދި ޚާޢްޞަކޮށް އޭރު ފުރަ މާލެ އޮތް ގޮތް ތަސައްވަރު ކޮށްލެވޭނީ އެދުވަސްވަރު ތަޖުރިބާ ކުރިބަޔަކަށް ތާއެވެ.

ދަންނަވަން މިއުޅެނީ ރާއްޖެ ދަތައްޤީ ކުރުމަށް ރައީސް މައުމޫންގެ ޒައާމަތުގައި ރީޖަންތަކަކަށް ބަހާލައިގެން ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތްތަކެއް ފަށުނުވާހަކައެވެ. އެހެންނަމަވެސް މުޅި ރާއްޖެ ތަރައްޤީ ވަމުންދިޔައީ މަޑުމަޑުންނެވެ. އަޅުގަނޑުމެންގެ މިހާރުގެ ބަހުރުވައިންނަމަ "ބާރު ސްޕީޑް" ގެ ތަރައްޤީއެއް ރައީސް މައުމޫނު ނުގެއްނަވައެވެ. ނުވަތަ ބައެއް މީހުންގެ ބަހުރުވައިންނަމަ ތަރައްޤީވަމުން އައީ "ފިނިހަކަ" ދުވާ ބާރުމިނުގައެވެ. ސަބަބުތައް ބައިވަރެވެ. މައުމޫނުގެ ތަރައްޤީއަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ގެންދިޔައީ އަދި މިހާރުވެސް ބުނަމުންދަނީ ރާއްޖެ ތަރައްޤީ ވާންވީވަރާ ގާތައްވެސް ތަރައްޤީ ނުވާވާހަކައެވެ. ފިނިހަކަ ސްޕީޑްގައި ރާއްޖެ ތަރައްޤީވަމުން ދިޔައިރު ސިންގަޕޫރު ފަދަ ގައުމުތައް 30 އަހަރުގެ މުއްދަތުގެ ތެރޭގައި ހޯދި ތަރައްޤީ ރާއްޖެއަށްވެސް ނުހޯދެންވީ ކީއްވެގެންތޯއެވެ؟ ތެދެކެވެ. ހޯދެންޖެހެވެ.

އެހެނަސް ފަންނީ ނަޒަރަކުން ބަލާއިރު ދެގައުމު ތަފާތެވެ. ބޮޑުތަނުންނެވެ. ސިންގަޕޫރަކީ އެއް ދީނަކަށް، އެއް މިއްލަތަކަށް ތަބާވާ ބަޔަކު ތިބި ޤައުމެއްނޫނެވެ. އަދި ސިންގަފޫރު ގުދުރަތީގޮތުން އޮތް ސަރަހައްދާއި ރާއްޖެ އޮތް ސަރަހައްދުވެސް ތަފާތެވެ. ޚާއްސަކޮށް ދީނީ ނަޒަރަކުން ބަލާއިރު ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވުމީ އޭރުވެސް އަދި މިހާރުވެސް ރާއްޖެ ތަރައްޤީ ވުމަށް އޮތް އެންމެ ބޮޑު ހުރަސްކަމުގައި ދެންނެވިދާނެއެވެ. ދުނިޔޭގެ އެކިއެކި ލޯނުދޭ ޤައުމުތަކާއި އދ. ގެ އެއެކި އެހީދޭ ޖަމިއްޔާތަކަކީ ސީދާގޮތުންނާއި ނުސީދާގޮތުން އިސްލާމުދީނުގެ އަސާސްތަކާ ފުށުއަރާ ގިނަ ކަންކަން ޕްރޮމޯޓުކުރާ ބަޔަކަށް ވީހިނދު ރާއްޖެއަށް އެހީދިނުމުގައި ގިނަ ފިއްތުންތަކެއް ކުރިމަތި ކުރުވައެވެ. އެހެންކަމުން މުއާހަދާއެއްގައި ސޮއިކުރިނަމަވެސް މި ސޮއިކުރަންޖެހެނީ އެ މުއާހަދާއެއްގައި ބަޔާންކުރާ ބައެއްކަންކަމަށް ރާއްޖޭގައި އަމަލު ނުކުރެވޭނެކަމަށް އެއްބަސް ވެވޭނަމައެވެ. އަދި ވަކިން ޚާއްޞަކޮށް ރާއްޖެއަކީ ބޭރުގެ އުދުވާނަކުން ދިފާއުވެވޭނެފަދަ ބާރަކަށް ނުވުމުގެ ސަބަބުން ރާއްޖެ ތަރައްޤީ ކުރުމަށް ދުނިޔޭގެ އެހެންޤައުތަކުން ތަރައްޤީގެ ނަމުގައި އިސްތިޢުމާރު ކުރުމަށް ފުރުޞަތު އޮވެދާނެތީ، އެ ބިރަށްޓަކައި އެފަދަ ފުރުޞަތުތަކަށް ޖާގަ ނުދިނުނުމަށްޓަކައި ތަރައްޤީ ނުވިނަމަވެސް ހެޔޮކަމަށް ރައީސް މަޢުމޫނަށް ޤަބޫކުރެވިފައި އޮތުމުގެ ޖާގަ އެބައޮތެވެ. ޚާއްޞަކޮށް މަޢުމޫނުގެ ޒަޢާމަތުގައި އެމަނިކުފާނު ރާއްޖެ ތަރައްޤީ ކުރުމުގައި ބެއްލެވީ ކުރިން މިދެންނެވި ބައެއް ކަންކަމުގެ އިތުރުން އެމަނިކުފާނުގެ މައިގަޑު ސިޔާސަތުތައް ބައްޓަން ކުރެވިފައިހުރީ ރާއްޖެ ދަރަނިވެރިނުވެ ބޭރުގެ ހިލޭއެހީއާއި އިޖުތިމާއީ ބައިވެރިވުމުގެ ތެރެއިން ރާއްޖެ ތަރައްޤީ ކުރުންކަމުގައި ބުނުމުގެ ޖާގަ ވެސް އެބައޮތެވެ. ސަބަބަކީ 1997 އިން ފެށިގެން އެމަނިކުފާނުގެ ވެރިކަން 2008 ގައި ނިމިގެން ދިޔައިރު ގައުމީނިސްބަތުން ދަރަނި ހުރީ 885 މިލިއަން ޑޮލަރުގައެވެ. މިއީ ޖީ.ޑީ.ޕީ ގެ ނިސްބަތުން ބަލާނަމަ %38.96 އެވެ. އަދި ދަރަނި ބޮލަކަށް ޖެހޭ ނިސްބަތަކީ 2856 ޔޫ.އެސް ޑޮލަރެވެ.

ރާއްޖޭގައި ސިޔާސީ ހަމަނުޖެހުން ދެހާހުގެ އަހަރުތަކުގައި ފެށުމުގެ ނަތީޖާއަކީ ރައްޔިތުންނަށް "ހައްގުވާ މިންވަރު" ނުލިބޭކަމަށް ބަޔަކުމީހުން ދައްކަމުންދިޔަ ވާހަކަތައް ރައްޔިތުންނަށް ގަބޫލުކުރެވި ރައްރަށުގެ ތަރައްޤީއަށް ރަށުފެންވަރުގައި ރައްޔިތުން ކުރަމުން އައި ކަންކަމަކީ ސަރުކާރުގެ ޒިއްމާއެއްކަމަށް ބުނެ ތަރައްޤީގަ ރައްޔިތުންގެ ހިއްސާ މުޅިންހެން ހުއްޓުމަކަށް ގެނައުމެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޑޮކްޓަރުން ތިބެންޖެހޭނެކަމާއި މިނޫންވެސް މިފަދަ ވާހަހަކަތައް ރައްޔިތުންގެ ބޮލަށްވަނުމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރަށް މިފަދަ ކަންކަން ކުރަން މަޖުބޫރުވެ ދައުލަތާއި ނުބައްދަލު ޚަރަދުތަކެއް ކުރަންޖެހި އަހަރުން އަހަރަށް ދައުލަތުގެ ދަރަނި ބޮޑުވެގެން ގޮސްފައިވާކަން ހިސާބުތަކުން ފެންނަން މިހިރީއެވެ. (ލިންކު)

ކޮންމެއަކަސް ކުރިން ބަޔާކުރެވުނު ފަދައިން ވަޒީފާ ހޯދުމާއި، ސިއްޙީ ފަރުވާ އަދި ޚާއްޞަކޮށް ދަރިންނަށް ރަގަޅު ތަޢުލީމު ހޯދަދިނުމަށްޓަކައި މާލެއަށް ހިޖުރަކުރާމީހުން އަހަރުން އަހަރަށް އިންތިހާއަށް އިތުރުވެ ގެދޮރުގެ ދަތިކަން ގައުމީ ބޮޑު މައްސަލައަކަށް ވެ ރައީސް މަޢުމޫން ވިލިގިލި އާބާދުކުރުމާއި، މާލޭގައި އެޅި ފުލެޓްތަކުންވެސް އެކަށީގެންވާ ހައްލެއް ނުލިބި މައްސަލަ ދިޔައީ ބޮޑުވަމުންނެވެ. ހުޅުމާލެ ތަރައްޤީކުރިނަމަވެސް މިއަދާއި ހަމައަށް އައިއިރު ގެދޮރުގެ މައްސަލައަށް އެކަށީގެންވާ އެއްވެސް ހައްލެއް އައިސްފައިނުވެއެވެ.

ގެދޮރުގެ ދަތިކަމަކީ މުޅި ރާއްޖޭގެ ހުރިހާ މައްސަލަތަކެއްގެ އަސްލު ނުވަތަ "ރޫޓް ކޯސް" އަކަށް މިއަދު މިވަނީ ވެފައެވެ. އަޅުގަނޑުގެ ކޮށިވިސްނުމުން ވިސްނާލާއިރު ރާއްޖޭގެ ތަރައްޤީގެ ޕްލޭން އެއްވެސް އިރެއްގައި މިކަމަށް އެކަށީގެންވާ ހައްލުލިބޭނެފަދަ ގޮތަކަށް ބައްޓަންކޮށްފައި ނުވެއެވެ. ސަރުކާރުތަކުން ރާއްޖޭގެ އަތޮޅުތަކުގެ ބައެއް ރައްރަށުގައި ފްލެޓްތައް އެޅިނަމަވެސް ފްލެޓްތަކާއި އެއްވަރަށް ވަސީލަތްތައް ގާއިމުނުކުރުމާއި، ތަޢުލީމާއި ވަޒީފާގެ ފުރުޞަތު ފަހިކޮށް ނުދެވުމުގެ ނަތީޖާއަކީ މާލެއަށް ހިޖުރަކުރުމަށް އޮތް މައިގަޑު ސަބަބު އެއޮތްގޮތައް އޮތުމެވެ. ކުރިންވެސް އަތޮޅުތަކުން މީހުން މާލެ ހިޖުރަކުރީ ވަންނާނެ ގެއެއް ގެދޮރެއް ނެތިގެން ނޫނެވެ. އެންމެ އަސާސީ ޒަރޫރީ ޚިދުމަތްތައް ގިނަ ރަށްރަށުން ލިބެން ނެތުމުގެ ސަބަބުންނެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި މާލެފަދަ އިތުރު 2 ސިޓީ (އަސްލު ސިޓީ) ތަރައްޤީ ކުރިނަމަ މިމައްސަލަ މިހާބޮޑުނުވީސްކަމަށް ބުނުމުގެ ޖާގަ މިއަދު އެބައޮތް ނޫންތޯއެވެ. މިއަދުގެ ހަޤީޤަތަކީ "ނަމުން ސިޓީ"، ކަމުން "މޮހަނަށް އޮޑިދިނުން" ނޫންތޯއެވެ؟

ކިޔުންތެރިންގެ ކިބައިން މާޢާފަށް އެދެމެވެ. އަސްލު މަޢުޟޫ ހަނދާންނެތުނީކީ ނޫނެވެ. އެހެނަސް އަދި އަސްލު މަޢުޟޫއަށް އެނބުރި އަންނާނަމެވެ. ކުއްލިއަކަށް ހަނދާނަށް އައި ވާހަކައެއް ހިއްސާ ކޮށްލާނަމެވެ. "ކުޑައިރުގެ ވާހަކައެކެވެ. ރަށުގައި އުޅުނުއިރު ކާފަމެން ބުނާތީ އަޑުއެހީމެވެ. މާލެ ބޭފުޅުން ބުނެއުޅޭކަމަށްވެއެވެ. ' ރާއްޖެތެރޭ މީހުންނަކީ ކުޅަދު މަދުބަޔެކެވެ. ނުވަތަ އެއްކުޑަދު މަދުވާހަކައެވެ" މިކަމަށް އަޅުގަނޑު ފިކުރުހިންގާތާ ވަރަށް ދުވަސް ވެއްޖެވެ. އެއްވެސް އަލިމަގެއް ނުލިބި ދުވަސްތަކެއް ވެއްޖެއެވެ. ފަހަރުގައި އަސްލުވެސް ކުޅަނދު މަދުވީމަ ކަންނޭގެއެވެ. އެހެނަސް ޖަވާބު މިހާރު ލިބިއްޖެއެވެ. ހަމަ އަސްލުވެސް އެއީ ވަރަށް ބޮޑު ތެދެކެވެ. ކީއްވެގެންތޯއެވެ؟ ތާޖާއި، ޝާނާއި ޝައުކަތު، މަތިރައްފުށު ސްޕައިކް ޖެއްސީމާ ކޮޅަށްޖެހިފަ ހުންނަ އެންމެ ދިގު އިސްތަސިންފެށިގެން ފައިގެ އިނގިލީގެ ނިޔަފަށްޗާއި ހަމައަށް ހުރިހާތަނެއް މާލެ ބޭފުޅުންގެ ސާފު އަޣުލަބަބިއްޔަތަކީ މަޖިލީހުގެ ގިނަވެގެން 15 ވަރަކަށް ނުވަތަ 20 ފަސެންޓް ނޫންތޯއެވެ؟ މާނައަކީ ސުޕަރ ސުޕަރ މެޖޯރިޓީ އޮތީ އަތޮޅުތަކަށް ނިސްބަތްބާ މެންބަރުންގެ އަތްމަތީގައި ނޫންތޯއެވެ. ހައިރާނެއް ނުވޭތޯއެވެ؟ މިފަދަ ސާފު ބާރުވެރި އަޣުލަބިއްޔަތެއް އޮވެމެ މިނިކަމެތިކަންމަތީ ތިބެނީ ހަމަ އަސްލުވެސް "ކުޅަނދު" މަދުވީމަ ނޫންތޯއެވެ.މަޖިލީހަށް ބިލެއް ހުށަހަޅާ ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ވެރިކަން ކުރާ ރަށަކީ އައްޑު އަތޮޅު ހިތަދޫ ނުވަތަ ލ. ގަން ކަމަށް ކަނޑައަޅަންވީނޫންތޯއެވެ. ބޮޑުތިލަދުންމަތީގެ ކުޅުދުއްފުއްޓަކީ ނުވަތަ އެނޫންވެސް އެފަދަ ސަރަހައްދެއް އިގުތިސާދީ މައި މަރުކަޒުކަމަށް ކަނޑައަޅަންވީނޫންތޯއެވެ؟ މިސާލަކަށް ޔޫ.އޭ.އީ ގެ ވެރިކަންކުރާ ރަށަކީ އަބޫދާބީއެވެ، އެކަމަމު ވިޔަފަރީގެ މަރުކަޒަކީ ދުބާއީ ނޫންތޯއެވެ؟ ދުބާއީ މާބޮޑަށްވެސް ތަރައްޤީވެފައި ފުރުޞަތުތައް ގިނައެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މާލޭގެ ރައްޔިތުންނެކޭ އަދި ރައްރަށުގެ ރައްޔިތުންނެކޭ ގެދޮރުވެރިވުމުގައި ހަމަހަމަ ބަޔަކަށްވުން ލާޒިމުކޮށް ބިލެއް ފާސްކޮށް ރާއްޖޭގެ ބިންއޮތް ކޮންމެ ރަށަކުންވެސް ދިރިއުޅުމަށް ގޯތި ނުވަތަ ފްލެޓް ދޭންވީއެވެ. ޝަރުތަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން 2 ރަށެއްގައި ގެދޮރުވެރިކަން ނެތުމެވެ. އެހެން ނޫނަސް މާލެ ސަރަހައްދުގައި ބިން ހިއްކަނީ ހަމައެކަނި މާލޭގެ ރައްވެހިންނާއި ދަފްތަރުގައި ތިބި ފަރާތްތަކުގެ ފައިސާއިންތޯއެވެ؟ ދަރަނިވެރިވަނީ އެންމެންނެވެ. ފޮނިމީރުކަން ވަކިބަޔަކަށެވެ. ހާލުގައި އުޅެން މިޖެހެނީ އެއްކަލަ ކުޅަދުމަދު މީހުންނާއި މާލޭގެ ރައްޔިތުންގެ ތެރެއިން އަސްލުވެސް ގެދޮރުގެ ދަތިކަން ތަހައްމަލް ކުރާފަރާތްތަކެވެ.

މިހާ ހިސާބުން އަސްލު މަޢުޟޫއަށް ޖެހިލާނަމެވެ. މައްސަލައަކީ ފްލެޓްތަކުގެ ސައިޒު ކުޑަވުންތޯއެވެ. ނުވަތަ ފުލެޓް ނުލިބުންތޯއެވެ؟ މި ސުވާލަށް ޖަވާބު ހޯދާލުމުގެ ގޮތުން ފުރަތަމަ ސޯޝަލް ހައުސިން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމަކީ ކޮބާތޯ ބަލާލުން މުހިއްމުކަމަށް ދެކެމެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުން އިޖުތިމާއީ ބޯހިޔާވަހިކަން ނުވަތަ ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަން ކަމުގައި މާނަކުރަނީ ރައްޔިތުންގެ ތެރެއިން ގެދޮރު ގަތުމުގެ ތަނަވަސްކަންނެތް އަދި ގެދޮރުވެރިކަމަށް ކޮންމެހެން ބޭނުންޖެހިފައިވާ ފަރާތްތައް ގެދޮރުވެރިކުރުން ގޮތުގައެވެ. މައިގަނޑުގޮތެއްގައި މިފަދަ ގެދޮރުވެރިކަމަކީ ސިދާ ސަރުކާރުން ނުވަތަ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުން މިދެންނެވިފަރާތްތަކަށް ހެޔޮއަގުގައި މިލްކު ކުރެވޭގޮތައް ގެދޮރު ފޯރުކޮށްދިނުމެވެ.

ޖުމްލަގޮތެއްގައި މިފަދަ ސްކީމްތަކަކީ ދައުލަތައް މާލީ އެއްވެސް ފައިދާއެއް ލިބިދޭ ސްކީމްތަކެއް ނޫނެވެ. އަޅުގަނޑުމެންނަށް ފަހަރުގައި އޮޅިގެން މިއުޅެނީ އިޖުތިމާއީ ގެދޮރުވެރި ކަމާއި ވިޔަފާރީގެ އުސޫލުން (ކޮމާރޝަލް ހައުސިން) ގެދޮރުވެރި ކުރުންކަމަށް ޤަބޫލުކުރެވެއެވެ. ސޯޝަލް ހައުސިން ނުވަތަ "އެފޯރޑަބަލް ހައުސިން" ގައިވެސް ތަފާތު ކެޓަގަރީތައް ހުރެވެވެ. މިގޮތުން ވަރަށް އަގުހެޔޮ، މެދުފަންތި އަދި އަގުބޮޑުކޮށް ދޫކުރާ ފްލެޓްތައް ހުރެވެ. ސަބަބަކީ ރައްޔިތުންގެ ތެރޭގައި އެކި މިންވަރަށް އާމްދަނީ ލިބޭ ފަރާތްތައް ތިބުމާއި އެބައެއްގެ ތަނަވަސްކަން ހުރި މިންވަރަކުން ގެދޮރުވެރިކޮށްދިނުމެވެ.

މިހާ ހިސާބުން ރާއްޖޭގެ މަސްރަހުގައި ވަރަށް ބޮޑަށް އަޑުގަދަވެ މީސްމީޑިއާގެ އެއްބަޔަކު އަނެއްބަޔަކަށް ރައްދުދީ އަދި ބައެއް ފަރާތްތަކުން ސިޔާސީ މަންފާ އެކިގޮތްގޮތުން ނެގުމުގައި ރައީސް ޔާމީނުގެ ސަރުކާރުގައި އެޅި 7000 ފްލެޓް ނުވަތަ މިހާރު ސިޔާސީ ބޮޑު ހަތިޔާރަކަށް ހަދާފައިވާ މި މައްސަލައަށް ބަލާލަމާތޯއެވެ. ބައެއް ފަރާތްތަކުން ރައްޔިތުން ދަރަނީގެ ބޮޑު ދަންތުރައެއްގައި ޖައްސާފަވާކަމަށް ދޭހަވާ ގޮތައް، ރައީސް ޔާމީނު ސަރުކާރުގައި ފެށި ހިޔާ މަޝްރޫގެ ދަށުން އެޅި ފްލެޓްތަކަކީ "ކޮތަރު ކޮށި" ތަކެއްކަމަށް ބުނެ އެމަނިކުފާނުގެ މި ފްލެޓްތައް އަޅާފައިވަނީ ވައްކަމާއި ފަސާދައިގެ ތެރެއިންކަމަށް ތުހުމަތުކޮށް އެމަނިކުފާނަށް ހުއްޓުމެއްނެތި އެއްބަޔަކު ނުރުހުން ފާޅުކޮށް ތާއަބަދު ދަނީ ވަގަށް ގޮވަމުންނެވެ.އަނެއްކާވެސް ސުވާލު ހަނދާންކޮށްލަމާ ހިނގާށެވެ. މައްސަލައަކީ ފްލެޓްތަކުގެ ސައިޒު ކުޑަވުންތޯއެވެ ނުވަތަ ފްލެޓް ނުލިބުންތޯއެވެ؟ މިހިސާބުން މިފްލެޓްތަކާއި ގުޅުވައިގެން މީސްމީޑިއާގައި ދައުރުވަމުން ދިޔަ ބައެއް ކުރެހުންތަކާއި ބައެއް ފަރާތްތައް މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޚިޔާލުތަކަށް ޖެހިލާނަމެވެ. ފޮޓޯއިން (ފޮޓޯ 1) ތިޔަ ފެނިވަޑައިގަންނަވާ ކުރެހުމަށް ބަލާލީމަ 2 ކޮޓަރީގެ ފްލެޓްގެ ޖުމުލަ ބޮޑުމިނަކީ 475 އަކަފޫޓެވެ. މިހެންކަމަށްވާނަމަ ދެ ކޮޓަރީގެ ފްލެޓަކަށް މިވަރު ތަންކޮޅެއް ކުޑައޭ ބުނެވިދާނެތާއެވެ. އަނެއްކާވެސް ހަނދާންކޮށްލަންޖެހޭ ކަމަކީ މީ ކުރިން ދެންނެވިފަދަ އެއްވެސް ބޯހިޔާވަހިކަމެއްނެއް "ފޫނެއްފަޔަކަށް" ކޮންމެ މަހަކު ކުލީގެ ގޮތުގައި ފައިސާ އަޅަމުންދާ ބައެއްގެ ވާހަކައެވެ. ސޯޝަން މީޑިއާގަ އެއްބޭފުޅަކު މި ކުރެހުމަށް ރައްދުދެއްވަމުން އާއްމުކުރި ކުރެހުން ފޮޓޯ 2 ގައި އެވަނީއެވެ. އޭނާބުނެފައިވަނީ ފުރަތަމަ ފޮޓޯގައި އެވާ ކުރެހުމަކީ "ޕްރިލިމިނަރީ ޑްރާފްޓިން ސްޓޭޖް" ގެ ކުރެހުމެއްކަމަށެވެ. އަދި މިހާރު ނިމެމުންދާ ފްލެޓްތަކުގެ 2 ކޮޓަރީގެ އެޕާރޓްމަންޓްތަކުގެ ސައިޒް ދެވަނަ ކުރެހުމުން އެގެން އެއޮތީ ކަމަށެވެ. މި ކުރެހުމުން ދައްކާގޮތުން 2 ކޮޓަރީގެ އެޕަރޓްމަންޓެއްގައި 502.32 އަކަފޫޓް އެބަހުރި ނޫންތޯއެވެ؟

ފްލެޓްތަކުގެ ސައިރަށް ނުރުހުން ފާޅުކުރުމުގެ އިތުރުން ފްލެޓްތައް ބޮޑުތަނުން އަގުބޮޑުކަމަށް ބުނެ އަދި މީ ބަޔަކު ކުރަން ހެޔޮވާވަރުގެ ކަމެއްނޫންކަމަށް ވިސްނުވައިދެން މީސްމީޑިއާގައި ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ފަރާތްތަކުން ބުނެފައިވަނީ 2 ކޮޓަރީގެ ފްލެޓެއްގެ އަގު ގާތްގަޑަކަށް 2 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. މިގޮތުން އަކަ ފޫޓަކަށް ދެހާސް ރުފިޔާއަށްވުރެ މަތިންޖެހޭ އިރު މީ ސީދާ ދަރަނީގެ ދަންތުރައެއްކަމަށާއި އަދި މީ ސީދާ ކަރަށް ފައްތާލެވޭ ދައްމަޅިއެއްކަމަށް މުހައްމަދު އަލީ ކިޔާ ބޭފުޅަކު އޭނާގެ ފޭސްބުކު ފޯސްޓެއް ގައި (3 ވަނަ ފޮޓޯ) ލިޔެފައިވެއެވެ. އަދި މީ ކޮތަރުކޮށި ނޫން އެހެން ދެން ކޯއްޗެއްތޯވެސް އޭނާ ސުވާލު އުފެއްދުމުގެ އިތުރުން މީ ދިވެހި ޚަޒާނާއިން ބަޔަކު ދަވާލި ލާރިގަޑެއްކަމަށް ތުހުމަތުކޮށްފައި ލިޔެފައިވެއެއެވެ.ބައެއް އެހެން ފަރާތްތަކުން މީސްމީޑިއާގައި ބުނެފައިވަނީ މިއައްވުރެ އެތައްގުނައެއް އަގުހެޔޮކޮށް އިންޑިޔާފަދަ ގައުމުތަކުގައި އަޅާފައިހުންނަ "ހަވޭލީ" ފަދަ ގެތަކާއި ދާދި އެއްވަރުގެ ފްލެޓް ރައްޔިތުންނަށް ފަސޭހަކަމާއެކު ދެވޭނެ ކަމަށެވެ. މި ބީދައިން ހުރި ޕޯސްޓްތަކަށް ރައްދުދެއްވާ ބޭފުޅަކު ޔާމީނު ސަރުކާރުގެ ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެފެއާރޒް މުހައްމަދު ޣައްސާން މައުމޫން ސޮއިކުރައްވާ އޭރުގެ ހައުސިން މިނިސޓަރަށް ފޮނުއްވި ސިޓީގެ އަސްލުކަމަށް ބެލެވޭ ސިޓީއެއް (4ވަނަ ފޮޓޯ) ވަނީ އާއްމުކުރައްވާފައެވެ. މި ސިޓީގައިވާ ގޮތުންނަމަ ފްލެޓްގެ އަގު 20 އަހަރުދުވަހަށް ބަހާލައި، ޑައުންޕޭމަންޓްގެ ގޮތުގައި 25.000 ކަނޑައެޅުއްވުމާއި، މަހު ކުލީގެ ގޮތުގައި 5189.96 ރ ކަނޑައަޅާ 8 ޕަސެންޓް އިންޓަރެސްޓް އިތުރުކޮށް މަހަކު 5600 ރުފިޔާ ކަނޑައެޅުން އަދި ކޮންމެ މަހަކު މެއިންޓަނަންސް ފީގެ ގޮތުގައި 1000 ރުފިޔާ ކަނޑައަޅަން ރައީސުލް ޖުމްޙޫރިއްޔާއަށް ފެނިވަޑައިގަންނަވާކަމަށް ދަންނަވާފައިވެއެވެ.މީގެ މާނައަކީ ޖުމަލަ މަހަކު ދައުލަތަށް ކުލި އަދި މެއިންޓަނަސްގެ ގޮތުގައި ދައްކަންޖެހޭ އަދަދަކީ 6600 ރުފިޔާއެވެ. މި އަދުދުން 20 އަހަރަށް އަގުމަގު ކުރީމާ އަޅުގަޑަށް ހިސާބުކުރެވުނު އަދަދަކީ 1،584،000.00 (1.5 މިލިއަން) ރުފިޔާއެވެ. މީސްމީޑިއާގައި ދެކެވެމުންދިޔަ ވާހަކަތަކަށް ރައްދުދެއްވައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިހުންނެވި ސަފީރުގެ އޮފިޝަލް ޓްވިޓަރ އެކައުންޓްކަމަށް ބެލެވޭ އެކައުންޓުގައި ލިޔެފައިވާ ލިޔުމުގެ ކޮފީ 5 ވަނަ ފޮޓޯގައި އެވަނީއެވެ. މި ޕޯސްޓްގައި ވާ ގޮތުން މި ފުލެޓްތަކަށް އަކަފޫޓަކަށް ޖެހެނީ 1450 ދިވެހި ރުފިޔާއެވެ. އެމްބެސެޑަރު ތިންކަމެއް ތަފްސީލުކޮށްދެއްވާފައިވެއެވެ. ފުރަތަމަކަމަކީ ކޮންމެ ޔުނިޓެއް ނުވަތަ ފްލެޓެއް ބިނާކުރަން ހިނގާނެ ޚަރަދަކީ 62000 ޑޮލަރު ކަމާއި، އެވެރޭޖް ފްލެޓްއެއްގެ މުޅި އޭރިޔާގެ ސައިޒަކީ 720.16 އަކަފޫޓުކަން، އަދި އަކަފޫޓަކަށް ޖެހޭ 1450 ރުފިޔާގެ އަގުގެ ތެރޭގައި ދިރާސާކުރުމާއި، ޑިޒައިންކުރުމާއި ކޮންސަލްޓެންސީ ފީވެސް ހިމަނާފައިވާނެ ކަމަށް ލިޔުއްވާފައިވެއެވެ.މީސްމީޑިއާގައި ފްލެޓްތައް ކޮތަރު ކޮށިތަކެއްކަމަށް ބުނާ ފަރާތްތަކަށް ރައްދު ދީފައިވާ ބައެއް ފޯސްޓްތަކަށް އިތުރަށް ބަލާލާއިރު ހަސަން ނިޒާމު ކިޔާ ބޭފުޅަކު ލިޔެފައިވާ ފޯސްޓް ( ފޮޓޯ 6) ގައި އެފަރާތަށް ލިބިފައިވާ ކުރެހުމަށް އިޝާރާތްކޮށް ބުނެފައިވަނީ މީ ކޮތަރުކޮށްޓެއްކަމަށްވާނަމަ މާލޭގައި 15000 ރުފިޔާއަށް ކުއްޔަށް އުޅުމަށްވުރެ "މި ކޮތަރު ކޮށި 11000 ރުފިޔާ އަށް ވެސް މާ ބޮޑަށްވެސް ރަގަނޅު ނޫތޯއެވެ".އަދި އަހުމަދު ޢުމަރު ކިޔާ ބޭފުޅަކު ލިޔުއްވާފައިވެއެވެ. (ފޮޓޯ 7) " އެއްޗެއް ނެތުމަށްވުރެ އެއްޗެއް އޮތުން ރަގަޅު" ކަމަށެވެ.މީ އެބުނާ ހައްޤު މިންވަރު ނޫންކަމަށްވިއަސް 500 އަކަފޫޓް މިވަގުތައް ރަގަޅު ކަމަށް ދޭހަވާގޮތައް ލިޔުމުގެ އިތުރުން ބުނެފައިވަނީ ކުރިމަތީގައި އޮތީ ދެ ގޮތެވެ. އެއީ މިއަށް ރުހުން ނުވަތަ ކުލީގެ ގޮތުގައި ދައްކަމުންދާ 18000 ރުފިޔާ އަހަރުތަކަކަށް ދައްކަމުން ދިއުމެވެ.

މަތީގައި ބަޔާންވެ އެދިޔައީ މި ފްލެޓްތަކާއި ގުޅިގެން ފާޅުކޮށްފައިހުރި ޚިޔާލުތަކުގެ ވަރަށް ކުޑަމިންވަރެކެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއިމެދު ހުރިހާ އިރެއްގައިވެސް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ހިތްހަމަ ނުޖެހިގެން ޝަކުވާކުރެއެވެ. ނަވަމެސް މިއަދާއިހަމައަށް އެކަށީގެންވާ ހައްލެއް އެއްވެސް ސަރުކާރަކުން ހޯދައި ދެވިފައިނުވާ ކަމީ އެއްވެސް މީހަކު ދެބަސްނުވާނެ ބޮޑު ޙަޤީގަތެވެ. އެހެންނަމަވެސް މިހާރު އުފެދިގެން މިއުޅޭ މައްސަލައަކީ ރައީސް ޔާމީނުގެ ސަރުކާރުން އެޅި ފްލެޓްތަކަކީ އިންސާނުން އުޅެން ހެޔޮވާވަރުގެ ތަންތަނަށް ނުވުމާއި އަދި ހެސްކިޔާފަ އަގުބޮޑުތަންތަންކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދިއުމެވެ.

މިހާހިސާބުން ދުނިޔޭގެ ބައެއް ޤައުމުތަކުގައި އިޖުތިމާއި ގެދޮރުވެރިކަން ނުވަތަ ސަރުކާރުން ރައްޔިތުންގެ ތެރެއިން އަމިއްލައަށް ފްލެޓް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތައް ގެދޮރުވެރިކުރުމަށް ހިންގޭ މިފަދަ ޕްރޮގްރާމްތަކަށް އަވަސް ނަޒަރެއް ހިންގާލަމާތޯއެވެ. ސިންގަޕޫރައް ބަލާލާއިރު އެގައުމުގައި ޕަބްލިކް ހައުސިންގެ ތަފާތު ސްކީމުތަކުން ތަފާތު ސައިޒުގެ އެޕާރޓްމަންޓް ތައް ފޯރުކޮށްދެއެވެ. މިގޮތުން 2002 ވަނަ އަހަރުން ފެށިގެން ގެނެވުނު ބަދަލުތަކާއެކު ކުރިން ދޫކުރަމުން އައި އެގްޒެކެޓިވް ފްލެޓްތައް ބިނާކުރުން ހުއްޓާލާ 2 ރޫމް، 3 ރޫމް އަދި ސްޓޫޑިއޯ ( 1 ކޮޓަރި) އެޕާޓްމަންޓް ދޫކުރަން ފެށުނެވެ. ވެބް ސައިޓްގައިވާ ގޮތުން އެޕާރޓްމަންޓް ތަކުގެ އެވެރޭޖް ސައިޒަކީ 400 އަކަފޫޓާއި 800 އަކަފޫޓެވެ. މިގޮތުން 1 ކޮޓަރީގެ އެޕާރޓްމަންޓެއްގެ ސައިޒަކީ ގާތްގަޑަކަށް 376 އަކަފޫޓު، 2 ކޮޓަރި ފްލެޓް 484 އަކަފޫޓް އަދި 3 ކޮޓަރީގެ އެޕާރަޓްމަންޓް 700 އަކަފޫޓެވެ. އަދި އެވެރޭޖު ފްލެޓެއްގެ އަގަކީ 250000 ސިންގަޕޫރު ޑޮލަރެވެ. މިއީ ގާތްގަޑަކަށް 3.6 މިލިއަން ދިވެހި ރުފިޔާއެވެ. އެހެންކަމަށްވާނަމަ ސިންގަޕޫރުގެ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭ އަގަށްވުރެ ދިވެހި ސަރުކާރުން ފޯރުކޮދޭ ފްލެޓްތަކުގެ އަގުހެޔޮނޫންތޯއެވެ.

ސިންގަފޫރާ ދާދި އެއްގޮތަކަށް މެލޭޝިއާގައި ޕަބްލިކް ހައުސިން އެޕާރޓްމަންޓެއްގެ އެވެރޭޖު ސައިޒަކީ 645 އަކަފޫޓެވެ.

www.teoalida.com މި ވެބްޕޭޖުގައި ވާގޮތުން އާއްމުގޮތެއްގައި މެލޭޝިއާގައި މި ސްކީމުގެ ދަށުން ލިބެންހުންނަނީ 3 ރޫމް އެޕާރޓްމަންޓް ތަކެވެ. މި ފްލެޓްތަކުގެ އެވެރޭޖް އަގަކީ 3 ލައްކަ މެލޭޝިއަން ރިންގިޓި ކަމަށް ލިޔެފައިވެއެވެ. މެލޭޝިޔާފަދަ ޤައުމުތަކުގައި އެކި ފަންތިތަކަށް އަމާޒުކޮށް އެބަޔަކަށް ގަނެވޭނެފަދަ ބޯހިޔާވަހިކަން ފޯރުކޮށްދެއެވެ. އެހެންނަމަވެސް މިލިޔުމުގައި އަޅުގަނޑު ކުރުގޮތަކަށް މިބަލާލީ ރާއްޖޭގައި އަޅާފައިވާ ފްލެޓްތަކާއި ދާދި އެއްގޮތް ސޯޝަލް ފްލެތަކަކުގެ ސައިޒާއި އަދި އަގުގެ މައްޗަށެވެ.

މިހާ ހިސާބުން އޭޝިއާއިން ބޭރަށްޖެހި ވިލާތުގެ ދޮންމީހުންގެ ޤައުތަކުގައި ކަންކަން ހުރިނެތްގޮތް ކުޑަކޮށް ބަލާލަމާތޯއެވެ.

މި ލިޔުމުގައިވާ ދިރާސާބުނާގޮތުން ނޯވޭ، ސްވިޑްން، ޑެންމާކު މިތިން ގައުމުގެ 2 ރޫމް އެޕާރޓްމަންޓުގެ އެވެރޭޖް ސައިޒަކީ 570 އަކަފޫޓާއި 750 އަކަފޫޓެވެ. އަދި އިގިރޭސި ވިލާތުގެ އެވެރޭޖް ފްލެޓެއްގެ ސައިޒަކީ ގާތްގަޑަކަށް 800 އަކަފޫޓެވެ.

މިހާ ހިސާބުން އަނެއްކާވެސް އުފެދޭ ސުވާލަކީ ރާއްޖޭގައި އަޅާފައިވާ 7000 ފްލެޓަކީ ހަމަ އަސްލުވެސް އަލިފާން ފޮށިތޯއެވެ؟ މެލޭޝިއާ އަދި ވިލާތުގެ ޤައުމުތަކުގައި ފްލެޓް އަޅާނެ ބިން އެބަހުއްޓެވެ. ފްލެޓްތައް އަޅަނީ ކަނޑު ހިއްކައިގެނެއް ނޫނެވެ. އަދި ގެދޮރު ބިނާކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލި އަދި މިނޫންވެސް ސާމާނަކީ އިންޕޯރޓް ކުރާ ތަކެއްޗެއްވެސް ނޫނެއްނޫތޯއެވެ.ރާއްޖޭގައި އާދައިގެ ގޮތަކަށް 5 ފޫޓް 6 ފޫޓް ފާޚާނާއެއް ހަދަންވެސް ގާތްގަޑަކަށް 40000 ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ. އެހެންކަމުން މިމައްސަލައަށް އިންސާފުގެ ނަޒަރަކުން ގޮތް ނިންމުމަށް އަޅުގަނޑު މި ދޫކޮށްލަނީ ހަމަ ތިޔަ ކިޔުންތެރިންނަށެވެ.

ނިންމާލުމުގެ ކުރިން އަދި އެއްވާހަކަ ދަންނަވާލާނަމެވެ. މީ އަޅުގަނޑުގެ އަމިއްލަ ޚިޔާލެވެ. ވިސްނާ ގޮތެވެ. ބޭނުންވާ ގޮތެވެ. މިއަހަރު އަޅުގަޑަށް 45 އަހަރު ފުރޭނެއެވެ. މާލެއަށް ހިޖުރަކޮށް މާލޭގައި ކުއްޔަށް އުޅޭތާ 23 އަހަރު ވެއްޖެވެ. މާލެ ހިޖުރަކުރީ މާލެ ރީތިވެގެން ފަސޭހަވެގެން ނޫނެވެ. އުފަންވި ރަށަކީ މިއަދާއި ހަމައަށް ތަރައްޤީގެ އެއްވެސް ކުލަވަރެއް ނެތް އަދި ހުވަފެނަކުންވެސް ތަރައްޤީ ވާނެ ނުވަތަ އެއްވެސް ސަރުކާރަކުން ތަރައްޤީގެ ޕްލޭނުގައި އޮތް ރަށެއްވެސް ނޫނެވެ. ރަށުން ތަޢުލީމު ލިބެން ނެތުމުން އޭރު އަތޮޅުގެ ވެރިކަން ކުރާ ރަށަށް ބަދަލުވެ އެރަށުން އިތުރަށް ކިޔެވެން ނެތިގެން މާލެ ބަދަލުވީއެވެ. މި އަދާއި ހަމައަށް ބޯހިޔާކުރާނެ އެއްވެސް ފުރާޅެއް ދުނިޔޭގެ އެއްވެސް ތަނެއްގައި ނެތެވެ. ބަލަހައްޓަންޖެހޭ އާއިލާއެއް އަދި މުސްކުޅި މައިންބަފައިން އެބަތިއްބެވެ. އަޅުގަނޑުގެ މަންމައާއި ބައްޕަ އަޅުގަނޑުމެންނަށް ތަޢުލީމު ހޯދައިދޭން މާލެއަށް ހިޖުރަކުރުމުގެ ސަބަބުން ރަށުގެ ގެދޮރު ވީރާނާވެ ނިމިއްޖެވެ. މާލޭގައި ފޫނެއް ފަޔަކަށް ފެންފުރާލަ ފުރާލާ ތިއްބާ ގައިބާރު ދެރަވެ ވަންނާނެތަނެއް ނެތި މަގުމަތިވެއްޖެއެވެ.

މިހާތަނަށް 16 ތަނަށް ބަދަލުވެވިއްޖެއެވެ. ސަރުކާރުން މިހާތަނަށް ގެދޮރުވެރިކުރުމަށް ހުޅުވާލި ކޮންމެ ފަހަރަކު އަޅުގަނޑުގެ ބައްޕަވެސް އަދި އަޅުގަނޑުވެސް ފޯރމް ހުށަހެޅީމެވެ. ބޭގަރާރުވެ ޒަމާނުއްސުރެ އޮތް ރަށްވެހިކަންވެސް މާލޭ ދަފްތަރަށް ބައްޕަ "ހާލަތު ޒަރޫރީ" ގެ ދަށުން ބަދަލުކޮށްލީއެވެ. މިހާތަނަށްވީ ފައިދާއަކީ "މާލޭ މަގުމަތި" މީހެއްގެ ލަގަބު ލިބުމެވެ. ނަމުން ރަށު ކަމުން ވޯޓްވެސް ނޭޅޭ މީހަކަށްވެ މިދިޔަ މަޖިލިސް އިންތިޚާބުގަވެސް ވޯޓް ދޭންޖެހުނީ ކާކުކަންނޭގޭ އަދި ގޮތްނޭގޭ މީހަކަށެވެ.

މީ އަޅުގަޑުގެ ބައްޕަގެ ވާހަކައެވެ. އަޅުގަނޑު މާލެއަށް ހިޖުރަކުރިނަމަވެސް ވަތަނީ ރޫހު ކަތިލާލާ މާލޭ ސްޓްރީޓަށް ބަދަލުވާކަށް ބޭނުމެއްނުވެއެވެ. އެހެންނަމަވެސް ގެދޮރުވެރިކަން ބޭނުންވާނެ ނޫންތޯއެވެ. ރައީސް ޔާމީނު ފެއްޓެވި ހިޔާގެ މަޝްރޫޢުގެ ދަށުން ގެދޮރުލިބޭނެކަމަށް ވަރަށް ފޮނި އުއްމީދު ކޮށްކޮށްހުއްޓާ 40 އަހަރުންމަތީ މީހުން ފްލެޓަށް ކުރިމަތިލެވޭ އެއްވެސް ކެޓަގަރީއަކަށް ނުފެތި ދިވެހި ރައްޔިތުންތޯ ސުވާލު އުފެދިގެން ދިޔަހިދު ދަންނާށެވެ. މާލޭގެ "ސްޓްރީޓް" މީހަކަށް ބަދަލުވާން މަޖުބޫރުވެ އެކަން ކުރީއެވެ. އަދިވެސް އައިޑީ ބަދަލެއްނުވެއެވެ. ދެން އެވާހަކަ ބާއްވަމާތޯއެވެ.

ކިޔުންތެރިންނެވެ. ފާއިތުވި 23 އަހަރު އުޅެމުން މިއައީ ކުއްޔަށެވެ. އެވެރޭޖްކޮށް މަހަކު 12500 ރުފިޔާވަނީ ޚަރަދުކުރެވިފައެވެ. އެހެންވީމާ މިހާތަނަށް 23 ވަރަކަށް އަހަރުތެރޭ 3.4 މިލިއަން ރުފިޔާ މާލޭގެ އެކިއެކި ގެތަކުގެ ލޯނުދެއްކުމަށް އަޅުގަޑަށްވަނީ ޚަރުކުރެވިފައެވެ. ލާރިއަޅާ ޖާޑީގެ ފުލެއް ނެތެވެ. ކިޔުންތެރިންނޭވެ. މީ ވަރަށް ގިނަ މީހުންގެވެސް ވާހަކައެވެ. ވޭނީ އުދާހެވެ. ނަސީބު ކަންދިމާކުރިގޮތުން އަޅުގަޑަކަށް އަދިވެސް ބޯހިޔާވަހިކަން ލިބުނުކަމުގެ ލިޔުމެއް ނުލިބެއެވެ. އެހެނަސް އަޅުގަނޑު ހިތުން މި 7000 ޕްލެޓަކީ ކޮތަރު ކޮށި ނޫން އަދި މީދާ ކޮށިކަމަށްވިއަސް ވަރިހަމަތާއެވެ. ކޮންމެވެސް ދުވަހަކުން ކޮތަރުކޮށި މިލްކުވާނެ ނޫންތޯއެވެ. އަދި ވިއްސައްކަށް އަހަރުފަހުން ތިމާއަށް ނުވަތަ ތިމާގެ ދަރިންނަށް މިކޮތަރު ކޮށި ވިއްކާލާފަ "ގެރިކޮށްޓެއްވެސް" ގަނެވިދާނެނޫންތޯއެވެ؟


ކިޔުންތެރިންގެ ހިޔާލު


18

ޢަހާނަމަ

14-Jun-2020

ޥ ރީތި ހަމަ އެހާމެ މޮޅު ރިޕޯޓެއްޓްރެންޑިން