15 މާރިޗު 2020 - 14:40
(ކުރީގެ އަދަދާއި ގުޅޭ)

[އަހަރެން ނޫޅެން ތިތަނަކަށް ދާކަށް...އާދޭ އެތެރެއަށް. ތިގަސްދޮށުގައި ހަންޑި އުޅޭނެ. މިގަޑީގައި ތިތާ ހުންނާކަށް ނުވާނެ. ޖިންނި އަވަލަފާނެ.] ތާރާ ހިތްހަމަނުޖެހިފައި މިހެން ބުނީމާ އަރުފާން ކުޑަދޮރުން އެތެރެއަށް ވަނެވެ.

[އިތުރަކަށް ތާރާއާ ޖިންނި އަވަނުލާނެ. މިހާރުވެސް ތާރާ ހުންނަނީ ޖިންނި އަވަލާފައެއްނު. އެހެން ނޫންނަމަ، ތިވަރަށް ބިރެއްނުގަންނާނެ.] ކުޑަދޮރު ލައްޕާލަމުން އަރުފާން ވާހަކަ ދެއްކިއެވެ.

އެރޭވެސް ތާރާ ކުއްޖަކު ހޯދުމާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ. ނަމަވެސް އެރޭވެސް އަރުފާން އެކަމަށް ދިނީ ބީރު ކަންފަތެކެވެ. އޭނާ ބުނީ ތާރާއަށް އަދި ކުއްޖަކު ނުބެލޭނެ ކަމަށާއި، ކުއްޖަކު ހޯދަން އަދި މާ އަވަސް ކަމަށެވެ.

[އަހަރެން ކުއްޖަކު ހޯދައިފިއްޔާ ތާރާއަށް ކުއްޖަކު ބެލޭނެތަ؟] އަރުފާން ތާރާ ކުރުނުކުރީމާ އެއްސެވެ.

[އާނ ކީއްވެ ނުބެލެންވީ؟ އަހަރެން ބަލާނަން. އަހަރެން މިހާރު މިހުންނަނީ ވަޒީފާއަކަށްވެސް ނުގޮސް ގޭގައި.] ތާރާ ބުންޏެވެ. އެހެން ނަމަވެސް، އެރޭވެސް އަދި ކުއްޖަކު ހޯދުމާމެދު އަރުފާނަކަށް އެއްބަސްވުމަކަށް ނާދެވުނެވެ.

ޖެހިގެން އައި ރޭ އަރުފާން ހުސްނުހީނާ ގަސްދޮށުގައި ހުއްޓާ ފެނުނީ ތާރާގެ މަންމައަށެވެ. ޞަފޫރާ ހުރީ ދުރުގައި އަރުފާންގެ ޙަރަކާތްތަކަށް ބަލާށެވެ. އަރުފާންގެ ސިފަ ބަދަލުވީވެސް އޭނާ އެހުރިގޮތަށް ބަލަން ހުއްޓައެވެ. އެޔާއެކު އޭނާއަށް ހިސާބަކަށް ހަޅޭއްލެވުނެވެ. ޞަފޫރާގެ އަޑާއެކު އަނެއްކާވެސް ގަސްދޮށުގައި ހުރި ޖިންނީގެ ސިފަ އެބަދަލުވީ އަރުފާނަށެވެ.

އަރުފާނަށް ދުރުގައި މަންޒަރު ބަލަންހުރި މަންމަ ފެނުމާއެކު، މަންމައާ ދިމާއަށް ހިނގައިގެންފިއެވެ. ޞަފޫރާ ބިރުން ހަޅޭއްލަވަމުން ދުއްވައިގެންފިއެވެ. ދުވެފައި ގޮސް ޞަފޫރާ ވަނީ ތާރާގެ ކޮޓަރިއަށެވެ. އޭނާ އެކޮޓަރިއަށް ވަންއިރު ތާރާގެ ގާތުގައި އަރުފާންވެސް ނިދާފައި އޮތެވެ.

[ދަރިފުޅާ...ދަރިފުޅުމެންނޭ ތެދުވެބަލަ. ހުސްނުހީނާ ގަސްދޮށުން ވަރަށް ނާމާން އެއްޗެއް ފެނިއްޖެ.] ޞަފޫރާގެ އަޑަށް އަރުފާނާއި ތާރާއަށް އެކުއެކީގައިހެން ހޭލެވުނެވެ.

[ކީކޭ މަންމާ...ނާމާން އެއްޗެކޭ. ކޮންތާކުން...ތި ވެދާނެ މަންމަޔަށް ހީވި ހީވުމަކަށް. ހުސްނުހީނާ ގަހަކީ ނާމާން އެއްޗެއް ނޫން!] ޙައިރާންކަން މޫނުމައްޗަށް ވެރިކުރުވަމުން އަރުފާން ވާހަކަ ދެއްކިއެވެ.

[ނޫނޭ ދަރިފުޅާ...މަންމަ ހަމަ ރަނގަޅަށް ދުށިން. އޭތި ފުރަތަމަ ހުރީވެސް ދަރިފުޅުގެ ސިފައިގައި. މަންމަ ބަލަން ހުއްޓާ ނިކަން ބިރުވެރި ސިފަޔަކަށް ބަދަލުވި. އެމަންޒަރު ފެނުމުން މަންމަޔަށް ހަޅޭއްލަވައިގަނެވުނީމާ އޭތި އަނެއްކާވެސް ބަދަލުވީ ތި ދަރިފުޅުގެ ސިފަޔަށް.] ޞަފޫރާ ޔަޤީންކަމާއެކު އޭނާގެ ލޮލަށް ފެނުނުގޮތް ސާފުކޮށް ކިޔައިދިނެވެ. އޭރު އޭނާގެ ފިރިމީހާ ޝަފީޤުވެސް ހޭލައިގެން އެތަނަށް އަތުވެއްޖެއެވެ.

[ޝަފީޤު މާދަމާ އެ ގަސް ކަނޑާލަން އުޅޭ. އަހަރެންގެ ލޮލުންނޭ ސީދާ ދުށީ އެނާމާން މަންޒަރު. އޭތި އަހަރެންގެ ފަހަތުން ދުވަންވެސް ދުވި. ބިރުން ކިރިޔާ ހަލާކުނުވީ.] ޞަފޫރާ އަދިވެސް ބިރުން ތުރުތުރުއަޅަމުން ދަނީއެވެ.

[ގަހެއް ނުކަނޑާނަން. ގަސްބުޑުގައި ރަނގަޅު ތަވީދެއް ހައްދާފައި ވަޅުލާނީ. މާދަމާ އަހަރެން ދާނަން ފަންޑިތަ ހަދާ މީހެއްގެ ކައިރިޔަށް. ދެން ހިނގާ ނިދަން.] ޝަފީޤު ޞަފޫރާގެ އަތުގައި ހިފައިގެން ގޮސް އެދެމަފިރިން ނިދާ ކޮޓަރިއަށް ވަނެވެ.

ބައްޕަ އެދެއްކި ވާހަކައަކީ އަރުފާން ވަރަށް ކަންބޮޑުވާ ވާހަކައެކެވެ. ހަމަގައިމުވެސް އެގަހާ ދިމާގައި ތަވީދެއް ވަޅުލައިފިނަމަ، އޭނާއަށް ވަރަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވާނެއެވެ. ފަހަރެއްގައި އޭނާއަށް އެގެޔަށް ނުވަދެވޭގޮތް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު އެހެން އެކަންވާކަށް އޭނާއެއް ނޭދޭނެއެވެ.

[ފަންޑިތަ ހައްދަނީ ކީއްކުރަންތަ؟ ބައްޕަމެނަކީވެސް ހާދަ ބޯދާ ޚިޔާލުގެ މީހުންނޭ.] އަރުފާން ހުރީ ވަރަށް ކަންބޮޑުވެފައެވެ.

[އަހަރެމެން ޤަބޫލު ނުކުރިޔަސް، އެޢުމުރުގެ މީހުން އެކަހަލަ ކަންތައް ޤަބޫލުކުރާނެ. ފަންޑިތަ ހަދައިގެންވެސް ގަސް ކަނޑާނުލާ ފުދިއްޖިއްޔާ، ކިތަންމެހާވެސް ރަނގަޅެއްނު.] މަންމަމެން ދިޔުމުން ތާރާ ބުންޏެވެ.

[އަހަންނަކަށް ނުފެނޭ ފަންޑިތަ ހަދާކަށް. ދެން މަންމަމެން ކުރަން އުޅޭ ކަމެއް ނުއެއް ހުއްޓުވޭނެތާ.] މިހެން ބުނެފައި އަރުފާން ނިދާބޮކި ޖައްސާލުމަށްފަހު އަލުން އޮށޯތެވެ.

[މިރޭގެ ނިދި ހަލާކުވެއްޖެ. ވަރަށް އުނދަގޫވާނެ ނިދަން.] ތާރާވެސް އޮށޯންނަމުން ވާހަކަ ދެއްކިއެވެ.

[މަންމަގެ ސަބަބުން އަހަރެންގެ ނިދިވެސް ހަލާކުވެއްޖެ. މަންމަ ހުރީ ހާދަ ބިރުގެންފައޭދޯ؟ އަހަރެން އެއްވެސްވަރަކަށް ބިރެއްނުގަނޭ.] އަރުފާން ތާރާއާ ގާތަށް ޖެހިލިއެވެ.

[ތިހެން ތިބުނަނީ އެކަހަލަ ބިރުވެރިކަމަކާ ދިމާނުވާތީ. އަހަންނަށް ހީވަނީ އަރުފާނަށް ފެނިއްޖެއްޔާ ބިރުންގޮސް މޮޔަވެދާނެކަންނޭނގެ.] ތާރާ އަރުފާންގެ މޭގައި ބޯއަޅާލިއެވެ.

[ތިޔައީ ހީވާގޮތް. ކުރިމަތިން ލައިގަތަސް އަހަރެން ބިރެއްނުގަންނާނެ. އެމީހުންނަކަށް އަހަރެން ބިރުގަންނަވާކަށް ނުވެސްކެރޭނެ. ތާރާޔަށް އެނގޭތަ، ޙަޤީޤަތުގައި ޖިންނީން އިންސާނުންދެކެ ބިރުގަންނާނެ. އެއެއްޗެހި އިންސާނުންނަށް ނުފެނި އުޅެނީ އިންސާނުންދެކެ ބިރުގަންނާތީ.] އަރުފާން ތާރާގެ ހަށިގަނޑުގައި ބައްދާލިއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ޞަފޫރާއާއި ޝަފީޤު އެރަށުގައި ހުންނަ އެންމެ މަޝްހޫރު ފަންޑިތަ ހަދާ މީހާއާ ބައްދަލުކޮށް، އެގޭދޮށަށް ކަމެއް ކުރުވަން ނިންމިއެވެ.

[އަހަރެންގެ ހިތަށްއަރަނީ ޖިންނި ފަންޑިތަ ހަދަން މިރަށުން އެންމެ ކުޅަދާނަ މީހަކީ ކާކުބާއޭ. ނާސްތާކޮށްގެން އަހަރެން ދާނަން މީހަކު ހޯދަން.] ޝަފީޤު ހެނދުނު ސައިބޯން އިނދެ ވާހަކަ ދެއްކިއެވެ.

[އެޅެގޭ ޙުސޭން ތައްޚާނަކީ އެކަހަލަ ކަންކަމަށް މީހުން ވަރަށް މަޝްހޫރު ކުރާ މީހެއް.] ޞަފޫރާއަށް މިހެން ބުނެވުނު ވަގުތަކީ ތާރާއާއި އަރުފާންވެސް ކާގެޔަށް އައިސް ވަން ވަގުތެވެ.

[ބައްޕަމެން މިދައްކަނީ މިގެޔަށް ކޮންމެވެސް ކަމެއް ކުރާ ވާހަކަ. އަހަރެން ނާސްތާކޮށްލައިގެން ދާނަން ޙުސޭން ތައްޚާނާ ބައްދަލުކުރަން.] ސައިބޮމުން ޝަފީޤު ވާހަކަ ދެއްކިއެވެ.

އޭރު އަރުފާނާއި ތާރާވެސް ސައިބޯން ފަށައިފިއެވެ. ބައްޕަމެން ދައްކަމުންދިޔަ ވާހަކައިގެ ތެރެއަށް ނުވަނަސް އަރުފާން އިނީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ.

މިހާރު އޭނާ ވިސްނަމުން އެދަނީ އޭނާގެ މުސްތަޤްބަލް ރާވާނޭގޮތަކާ މެދުގައެވެ. ހަމަގައިމުވެސް ބައްޕަމެން ކުރަން އުޅެނީ އޭނާގެ މުސްތަޤްބަލަށް ވަރަށްބޮޑު ހުރަސްތަކެއް ދިމާވެދާނޭ ކަމެކެވެ.

ހުސްނުހީނާ ގަހަކީ އޭނާގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ގަހެކެވެ. އެގަސް ކަނޑާލާކަށް އޭނާއަކަށް އެއްބަހެއް ނުވެވޭނެއެވެ. ނަމަވެސް މިހާރު ބައްޕަމެން ކުރަން އެ ރާވަނީ މާ ނުރައްކާތެރި ކަމެކެވެ.

[އަހަރެން އަންނާނަން ޙުސޭން ތައްޚާނު ގޮވައިގެން.] ނާސްތާކޮށް ނިމިގެން ޝަފީޤު ތެދުވަމުން ބުންޏެވެ. އެޔާއެކު ވަރަށް އަވަސް ކޮށްލައިގެން އަރުފާންވެސް ނާސްތާކޮށް ނިންމާލިއެވެ.

[އަހަރެން އަންނާނަން ދޯނިދޮށަށް ގޮސްފައި. ދޯނީގައި ވަރަށް މަސައްކަތް އޮންނާނެ މިއަދު. ފަހަރެއްގައި މެންދުރު ކާންވެސް ނާދެވިދާނެ.] މިހެން ބުނެފައި ނިކަން އަވަހަށް އަރުފާންވެސް ނިކުމެއްޖެއެވެ.

އޭރު ޝަފީޤު ޙުސޭން ތައްޚާންމެންގެ ގެޔަށް ދިޔުމަށްޓަކައި މަޑުމަޑުން ހިނގަމުން ދަނީއެވެ. ޝަފީޤަށް ވަކި ހިސާބަކަށް ދެވުނުތަނާ ކުރިމަތީގައި އޮތް ގޯޅިއަކުން އެނިކުތީ ޙުސޭން ތައްޚާނެވެ.

[އައްސަލާމް ޢަލައިކުމް ޙުސޭން ތައްޚާން. އަހަރެން މިދަނީ ތިގެޔަށް ދާން. މިއުޅެނީ ވަރަށްބޮޑު ކަމެއް ލައިގަނެގެން. ރޭ އަހަރެންގެ އަންހެނުންނަށް އަހަރެމެންގޭ ގޯތިތެރޭ ހުންނަ ހުސްނުހީނާ ގަސްދަށުން ނާމާން އެއްޗެއް ފެނިގެން. މިއަދުން މިއަދަށް އެގެޔަށް ކޮންމެވެސް ކަމެއް ކޮށްދޭންވެއްޖެ. ވެދާނެތަ؟] ޙުސޭން ތައްޚާނާ ސަލާމްކޮށްލުމަށްފަހު ޝަފީޤު އެދުނެވެ.

[މައްސަލައެއް ނެތް. އަހަރެން މިއަދު ހަވީރު ތަވީދެއް ގެންގޮސްދޭނަން. އެކޮއި ގެޔަށްދޭ.] ޙުސޭން ތައްޚާން ބުންޏެވެ.

[އަހަރެމެންގެ ގެ ދަންނަންތަ؟] ޝަފީޤު އެއްސެވެ.

[އާނ ދަންނަން. އަހަރެން ދާނަން. އެގަސްދަށުގައި ތަވީދު ވަޅުލުމަށްފަހު، އެއްވެސް ނާމާންކަމެއް ތިގޭތެރެއަކުން ނުފެންނާނެ. އަހަރެން މިވަގުތު މިދަނީ މިސްކިތަށް.] ޙުސޭން ތައްޚާން މިހެން ބުނެފައި ހިނގައިގެންފިއެވެ. ޝަފީޤުވެސް އެނބުރި އައިކޮޅަށް ހިނގައިގެންފިއެވެ.

ޙުސޭން ތައްޚާން ހަވީރުވަމުންދިޔަ ވަގުތު ތަވީދު ހިފައިގެން އެގެޔަށް އައެވެ. އޭރު އެގޭގައި އެއްވެސް ފިރިހެނަކު ނޫޅެއެވެ. ގޭގައި ތިބީ ޞަފޫރާއާއި ތާރާގެ ދެމައިންނެވެ.

[މިއައީ ތަވީދު ވަޅުލަން. އެއްވެސް ފިރިހެނަކު ނޫޅެނެތީ؟] ހުސްނުހީނާ ގަސް ކައިރިއަށް ހުއްޓެމުން ޙުސޭން ތައްޚާން ބުންޏެވެ.

[މިގޭގައި އުޅޭ ދެފިރިހެނުން ކުރެން މީހަކުވެސް ގެޔަކު ނޫޅޭ. ގުޅާފައި ގެންނަންވީތަ؟] ޞަފޫރާ އުޅުނީ ޝަފީޤަށް ފޯނުކުރާށެވެ. ނަމަވެސް އެވަގުތު އެކަމަށް ޙުސޭން ތައްޚާން ހުރަސްއެޅިއެވެ. އޭނާ ބުނީ އެއިން މީހަކު ނެތަސް ވަރިހަމަ ކަމަށާއި، ތަވީދު އޭނާ އަމިއްލައަށް އެގަހުގެ ބުޑުގަނޑުގައި ބަނދެލަފާނޭ ކަމަށެވެ.

[އެމީހުނަށް އުނދަގޫ ޖައްސަން ގެންނަން ހަދާނޭ ކަމެއްނެތް. މިތަވީދު މިގަހުގައި އޮތްހާ ހިނދަކު އެއްވެސް ނާމާން ކަމެއް މިގޭތެރެޔަކުން ނުފެންނާނެ.] މިހެން ބުނެފައި އޭނާ އެތަވީދު ގަހުގައި އައްސާލުމަށްފަހު ހިނގައްޖެއެވެ.

[މަންމައަށް ހިތްހަމަޖެހުމެއް ލިބުނީ އަދި ކިރިޔާ. މަންމަޔަކީ ރޭގަނޑު ދަންވަރުވެސް ދޭތެރެޔަކުން ފިނިކޮށްލަން ބޭރަށް ނިކުމެ އުޅޭ މީހެއް. އަންނާނަން ދަރިފުޅުގެ ބައްޕައަށް ގުޅާފައި ބުނެފައި.] ޞަފޫރާ މިހެން ބުނެފައި ގޮސް ޝަފީޤަށް ގުޅިއެވެ. އެއީ ޝަފީޤު ގެޔަށް އައިސް ވަން ވަގުތެވެ.

[ބަލަ އަހަރެން ގޭގައި ހުއްޓާ ތިގުޅަނީ ކީއްކުރަން؟] ފޯނު ޖީބަށްލަމުން ޝަފީޤު ސޯފާގައި އިށީނެވެ.

[ޙުސޭން ތައްޚާން އައިސް ތަވީދު އައްސާފައި ހިނގައްޖެ.] ޞަފޫރާ ބުންޏެވެ.

[ކީއްވެ އޭނަ އައިމަ އަހަންނަށް ނުގުޅީ. ބަލަ އޭނާ ކުރި މަސައްކަތަށް ފައިސާވެސް ދޭންޖެހޭނެއެއްނު. އަހަރެން އަންނާނަން އަގުދީފައި.] ޝަފީޤު އުޅުނީ ތެދުވެގެން ދާށެވެ. ނަމަވެސް ޝަފޫރާ ޝަފީޤު ހިފެހެއްޓިއެވެ.

[ދެން މިހާރު ނުދިޔަޔަސް ދެވިދާނެއެއްނު. މާދަމާ ދާން މަޑުކޮށްލާ. މިހާރު ކިތައް ދުވަސްވެއްޖެ، ބަދިގެ ކުޑަދޮރުތަކުގައި ދަވާދުލާން ކިޔާތާ. މިއަދު ދެން ދަވާދުލެވޭތޯ އުޅެބަލަ. ޝަފީޤު ތިބަލަނީ އަބަދުވެސް ގެއިން ބޭރުގައި އުޅެވޭތޯ. މިހާރު ދަވާދުލާން ކިޔާތާވެސް ހަފްތާއެއްވީ.] ޞަފޫރާ ހަނދާންކޮށްލަދިނެވެ.

[މިހާރު ކޮންމެހެން ދަވާދު ލައްވާކަށް ނޫން ތިއުޅެނީކީ. އަހަރެން ބޭރުގައި އުޅޭތީ ޝައްކުކުރަނީ. މިހާރު އަހަރެމެން މިތިބީ ޢުމުރުން ދުވަސްވެ މުސްކުޅިވެފައި. އަދިވެސް ޝައްކުކުރުން ހުއްޓާލާކަށް ނުވޭތަ؟] ޝަފީޤު ޞަފޫރާއާ ދިމާކުރާފަދަ ގޮތަކަށް ބުންޏެވެ.

[އަހަންނަށް ހެޔޮ ޝަފީޤު ދުވަހަކު ގެޔަށް ނުވަނަސް. އަހަރެން ކޮންމެހެން ނޫޅޭން ޝަފީޤު ގެއްލިދާނެތީކީ. ޝަފީޤުމެނާ ހެދި މިހާރު އުޅޭނީ ކާކުތަ؟] ޞަފޫރާ ޒުވާން ދުވަސްވަރު ޝައްކުކޮށް ހެދިޔަސް، ފަހަކަށްއައިސް އެކަންކަމާ ޞަފޫރާ އެއްވެސްވަރަކަށް ނުވިސްނައެވެ.

[މިހާރުވެސް އަހަރެން ޗާލޫވެލައިގެން ނިކުމެއްޖެއްޔާ ޒުވާން އަންހެން ކުދިން މޮޔަވާނެ. އެކަމަކު އެވިސްނުމެއް މިހާރު އަހަރެން ނުގެންގުޅެންވިއްޔަ. ހިނގާ ދަވާދުލާން....ޞަފޫރާ ޖެހޭނެ ދަވާދު ދަޅު ހިފަހައްޓައިގެން ހުންނަން.] ޝަފީޤު ބަދިގެޔާ ދިމާއަށް ހިނގައިގެންފިއެވެ.

[އަހަންނާނުލާ ޝަފީޤަށް އެއްވެސް ކަމެއް ނުކުރެވޭނެ...] މިހެން ބުނެފައި ޞަފޫރާވެސް ޝަފީޤުގެ ފަހަތުން ހިނގައިގެންފިއެވެ.

ޝަފީޤަކީ އޭނާގެ ޙަޔާތުގެ ބޮޑުބައެއްގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. ވުމާއެކު އަބަދުވެސް އޭނާގެ ގޭގެ ގޯތިތެރޭގައި ކުޑަ ރެސްޓޯރެންޓެއް ހިންގުމުގެ ޝައުޤުވެރިކަން އޭނާގެ ހުރެއެވެ. މިހާރުވެސް އޭނާވަނީ އެގޭ ގޯތިތެރޭގައި ތަން ޢިމާރާތް ކުރުމަށް ބަޔަކާ ޙަވާލުކޮށްފައެވެ.

[އަރުފާން ގާތު ބުނިނަމަ، އެސޮރު މިކަން ކޮށްފާނެކަންނޭނގެ.] ދަވާދުލާން ފަށަމުން ޝަފީޤު ވާހަކަ ދެއްކިއެވެ.

[ދެން އެސޮރަށް އުނދަގޫ ޖައްސާނޭ ކަމެއްނެތް. ޝަފީޤަށް ނުވަންޏާ ބަހައްޓާ. ކޮންމެ ދުވަހަކު މަހުން އައިސް އެސޮރު ހުންނާނީ ވަރަށް ބޮޑަށް ވަރުބަލިވެފައި.] ޞަފޫރާ ބުންޏެވެ. އަރުފާން ލައްވާ ގޭގައި އެކަހަލަ މަސައްކަތެއް ކުރުވާކަށް ޞަފޫރާ ބޭނުމެއްނުވެއެވެ.

[ދެން މައްސަލައެއް ނެތް. އަހަރެން މިއަދު މިކަން ކޮށް ނިންމާލާނަން.] ޝަފީޤަށް މިހެން ބުނެވުނު ވަގުތަކީ އަރުފާން އައިސް އެތަނަށް ހުއްޓުނު ވަގުތެވެ.

[ބައްޕާ....ތިކަން ކުރަން އަހަރެން އަތަށް ދީބަލަ. މިހާރު ދެން ބައްޕަމެން ތިކަހަލަ މަސައްކަތް ކުރާނެ ކަމެއްނެތް. އަހަންނާ ޙަވާލުކޮށްފައި ބައްޕަމެންދޭ އެތެރެއަށް.] އަރުފާން ބައްޕަ އަތުން ފިހިގަނޑު އަތުލިއެވެ.

ހިނިތުންވެލަމުން ޝަފީޤު ސިޓިންގރޫމާ ދިމާޔަށް ހިނގައިގެންފިއެވެ. އޭނާގެ ފަހަތުން ޞަފޫރާވެސް ހިނގައިގަތެވެ.

[އެސޮރުގެ ބޮލަށް ޖަހާފައި ސަލާމަތްވީދޯ؟ ތާރާ ކޮބައިތަ؟] ސިޓިންގރޫމަށް ވަންނަމުން ޞަފޫރާ ވާހަކަ ދެއްކިއެވެ.

[ގިފިލީގައި އެއްޗެހި ދޮންނަން އެބައުޅޭ.] ޝަފީޤު މިހެން ބުނެފައި ގޮސް ވަނީ ކޮޓަރިއަށެވެ. ޞަފޫރާ އެނބުރި ބަދިގެފަރާތަށް ދިޔައެވެ. ބަދިގެފަރާތަށް ދެވުމާއެކު، ފެނުނު މަންޒަރުން އޭނާ ވަރަށް ބޮޑަށް ޙައިރާންވިއެވެ.

ބަދިގޭގެ ހުރިހާ ދޮރުތަކެއްގައިވެސް ވަނީ ކުލަލައި ނިމިފައެވެ. އަރުފާން ހުރީ އަތް ދޮންނާށެވެ.

[ދަރިފުޅާ! ހާދަ އަވަހަކަށް ކުލަލައި ނިންމާލީ. އަނެއްކާ ޖާދޫއެއްތަ ހެދީ....] ޙައިރާންވެފައި ހުރެ ޞަފޫރާ ވާހަކަ ދެއްކިއެވެ.

[މަންމާ...ތަންތާނގައި ދަވާދުލުމަކީ މާބޮޑު މަސައްކަތެއް ނޫނޭ. އަޞްލު ކަން އެނގޭ ބަޔަކު ކުރާއިރު އެކަމެއް ކުރާކަށް މާލަހެއް ނުވާނެ.] އަރުފާން ފަޚްރުވެރިވަމުން ބުންޏެވެ.

[އެކަމަކު މަންމަ ޢަޖައިބުވެއްޖެ، ދަރިފުޅުގެ ކުޅަދާނަކަން ފެނުނީމާ....] އަރުފާން ދަވާދުލާފައިވާ ދޮރުތަކަށް ނަޒަރު ހިންގަމުން ޞަފޫރާ ބުނެލިއެވެ.

[އަޞްލު މަންމަޔަކަށް އަހަރެންގެ ކުޅަދާނަކަމެއް އަދި ނުފެންނާނެ. މަންމައަށް އަހަރެން މިދޮރުތަކުގައި ދަވާދުލީ މަންޒަރު ފެނުނުނަމަ، މޮޔަވީސްކަންނޭނގެ....] ހިނިގަނޑެއް ޖަހާލަމުން އަރުފާން އެތެރެއަށް ވަދެއްޖެއެވެ.

އޭރު ޝަފީޤު ފެންވަރައިގެން ޙުސޭން ތައްޚާނާ ބައްދަލުކުރުމަށްޓަކައި ނުކުމެއްޖެއެވެ. މީހަކަށް އެއްޗެއް ދޭންޖެހި ނުދެވި އޮތުމަކީ އޭނާއަށް ވަރަށް އުނދަގޫވާ ކަމެކެވެ. ޙުސޭން ތައްޚާނަށްވެސް އޭނާ ބޭނުންވަނީ ވަގުތުން އަގުދޭށެވެ. އެހެންނޫނީ އޭނާ ހިތްހަމައެއްނުޖެހޭނެއެވެ.

ޝަފީޤު ސީދާ ދިޔައީ ތައްޚާނުގެ ގެޔަށެވެ. ނަމަވެސް އޭނާ ދިޔައިރު ތައްޚާނު ގެޔަކު ނޫޅެއެވެ. އޭނާގެ އަންހެނުން ފާޠިމާ މަނިކެ ބުނީ އޭނާ ދިޔައީ ކޮންމެވެސް ގެޔަކަށް ފަންޑިތަ ހަދަން ކަމަށާއި، އޭނާ މާލޭގައި ހުރެފައި އައީވެސް އެދުވަހު ހެނދުނު ކަމަށެވެ.

[ތައްޚާނު މާލެއިން އައީ މިއަދޭ! އެކަމަކު އިއްޔެ މިގޭދޮށުން އަހަންނާ ދިމާވި. މިއަދު އޭނާ އަހަރެމެން ގެޔަށް ގޮސް އެގެޔަށް ހަދައިދިން ތަވީދެއްވެސް.] ޝަފީޤު ޙައިރާންވިއެވެ.

[އޭނާ މާލެއިން އައިސް ވަންތަނާ އޭނާގެ ބޭބެގެ ކުއްޖަކު މާބޮޑަށް ބޮލުގައި ރިއްސައިގެން އުޅޭތީ އޭނާ އެދިޔައީ އެގެޔަށް. އަނެއްކާ ޝަފީޤު ތައްޚާން ރަނގަޅަށް ދަންނަންތަ؟] ފާޠިމާ މަނިކެވެސް ޙައިރާންވީވަރު ކުޑައެއްނޫނެވެ.

[ދައްކާ ވާހަކަ...އަހަންނަކީ މިރަށަށް ބީރައްޓެހި ސޮރެއްތަ؟ އަހަންނަށްވެސް ޙުސޭން ތައްޚާން އެނގޭނެއެއްނު. ތައްޚާންވީ އޭނާގެ ބޭބެ ގޭގައިދޯ؟ ސަލްމާނުގެދޯ؟] ޝަފީޤު ހިނގައިގެންފިއެވެ.

ޝަފީޤަށް އެގެޔާ އަރާހަމަވެވުނުއިރު ތައްޚާން އެގެއިން ނިކުންނަނީއެވެ.

[އައްސަލާމް ޢަލައިކުމް ތައްޚާން. އަހަރެން މިއައީ މިއަދު އަހަރެމެން ގެޔަށް ކޮށްދިން މަސައްކަތަށް އަގުދޭން. ކިހާވަރެއްތަ ދޭންވީ؟] ޝަފީޤު މިހެން ބުނީމާ ތައްޚާނު ވަރަށް ބޮޑަށް ޙައިރާންވިއެވެ.

[ކޮންއިރަކުތަ އަހަރެން ތިގެއަށް ކަމެއްކުރީ! އަނެއްކާ އަހަރެން މާލޭގައި ހުއްޓާ މަސައްކަތެއް ޙަވާލުކުރިންތަ؟ މިއަދު ހެނދުނު އަހަރެން މިރަށަށް އައީވެސް. ކޮންކަމެއްތަ ކޮށްދޭންވީ؟] ޙައިރާންވެފައި ތައްޚާނު ބުންޏެވެ.

ތައްޚާނުގެ ވާހަކައިން ޝަފީޤުގެ ބޮލުގައި ވަރަށް ބޮޑަށް ރިއްސާލިއެވެ.

[އެކަމަކު ތައްޚާނު....އަހަރެން އިއްޔެގައި މަގުމަތިން ދިމާވެގެން ވާހަކަ ދެއްކިން. އަހަރެން ގޭގެ ގޯތިތެރޭގައި ހުންނަ ހުސްނުހީނާ ގަސް ކައިރިން ޞަފޫރާއަށް ބިރުވެރި އެއްޗެއް ފެނުނީ. އަހަރެން އެދުނީ އެކަން ޙައްލުކުރުމަށް ކަމެއް ކޮށްދިނުމަށް. އަހަރެން މިއަދު ގޭގައި ނުވެސް އުޅެނީސް ތައްޚާނު އެގަހުގައި ތަވީދެއް އައްސާފައި އެބައޮތް. ހަމަ ރަނގަޅަށްތަ ތިބުނަނީ. ތައްޚާނެއް ނުދަންތަ؟] ޤަބޫލުކުރަން ދަތިވެފައި ހުރެމެ ޝަފީޤު ވާހަކަ ދެއްކިއެވެ.

[ތިވީގޮތުން ތިގެޔަށް ދާންތާ މިޖެހުނީ. ހަމަގައިމުވެސް އަހަރެން މާލޭގައި ހުރެފައި ރަށަށް އައީ މިއަދު ހެނދުނު...ހިނގާބަލަ.] ތައްޚާނު ޝަފީޤާއެކު އެގެޔަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ.

ޝަފީޤު ތައްޚާނު ގޮވައިގެން ގޮސް ގެޔަށް ވަންއިރު އަރުފާނާއި ތާރާވީ ކޮންމެވެސް ކަމެއްގައި ގެއިން ބޭރަށް ގޮހެވެ.

[ކޮބައިތަ ތިބުނާ ގަހަކީ.......] ގޯތިތެރެއަށް ވަންނަމުން ޙުސޭން ތައްޚާނު އެއްސެވެ.

[އަދި އެތެރެއަށް ވަނީމާ ގަސް ފެންނާނޭ. ރޭގަނޑުނަމަ ވަހުންވެސް ގަސް ހުރިކަން ފާހަގަކުރެވޭނެ.] އެތެރެއަށް ވަދެގެންގޮސް ހުސްނުހީނާ ގަސް ކައިރިޔަށް ޝަފީޤު ހުއްޓުނެވެ.

ޙުސޭން ތައްޚާނު އޭނާ އެއްސި ކަމަށް ޞަފޫރާ ބުނި ތަވީދު ކަނޑައިގެންފިއެވެ. އޭނާ ބޭނުންވަނީ އޭގައި ލިޔެފައިވަނީ ކޯއްޗެއްތޯ ދެނެގަންނާށެވެ. ވުމާއެކު، އެތަނުގައި ހުރެ އޭނާ އޭތި ރޫޅާލިއެވެ.

އެއީ ހުސް ކަރުދާހެކެވެ. އެއަކު އެއްވެސް އެއްޗެއް ލިޔެފައެއްވެސް ނެތެވެ.

[މިގޭގައި ވަރަށްބޮޑު ކަންތައްގަނޑެއް އެބަ ހިނގާ....އަހަރެން މިހާރު ގެޔަށް ގޮސް އެއްޗެއް ތައްޔާރުކުރާނަން. އަހަރެން އަންނާނަން ލޯފޮއްޗެއް ތައްޔާރުކޮށްގެން...އޭތި ޖެހޭނީ ގަސްދަށުގައި ވަޅުލަން.] ތައްޚާނު ބުންޏެވެ. އޭރު ޞަފޫރާ ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ.

[އަހަރެން ވަރަށް ބިރުގަނޭ. ޝަފީޤު ހިނގާ މިގެއިން ނިކުމެގެން ދާން....] ޞަފޫރާ ޝަފީޤުގެ އަތުގައި ހިފެހެއްޓިއެވެ.

[ބިރުނުގަނޭ ޞަފޫރާ....އަހަރެން ތިހުރިހާ ކަމެއް ޙައްލުކޮށްދޭނަން. އަހަރެން ގެންނަ ލޯފޮތި މިތާނގައި ވަޅުލުމަށްފަހު، ލާހިކެއް ނޫން އެކަހަލަ އެއްވެސް ނާމާން އެއްޗަކަށް މިގޭ ގޯތިތެރެޔަށް ވަންނާކަށް.] ތައްޚާނު ޞަފޫރާމެނަށް ހިތްވަރުދިނެވެ.

[އަޅެ...މިއަދު ނިމޭނެތަ. އެހެން ނޫނީ މިރޭ މިގޭގައި އުޅޭކަށް އަހަންނަކަށް ނުކެރޭނެ.] ޞަފޫރާ އެހިއެވެ. އާއެކޭ ބުނެފައި ތައްޚާނު ދިޔައީ އެމަސައްކަތް ކުރުމަށްޓަކައި ގެޔަށެވެ.

އިރުއޮއްސުނު ވަގުތު ޙުސޭން ތައްޚާނު އައިސް ލޯފޮތި ވަޅުލީއިރުވެސް އަރުފާނުގެ ދެމަފިރިން ގެޔަކު ނޫޅެއެވެ. އެދެމަފިރިން ގެޔަށް އައީ ތައްޚާނުވެސް އެނބުރި ދިޔަފަހުންނެވެ. ގެޔާ ހަމައަށް އައިސް ކުއްލިއަކަށް އަރުފާން ހުއްޓުނެވެ.

އަރުފާނުގެ އެޙަރަކާތުން ތާރާ ހިސާބަކަށް ޙައިރާންވެސްވިއެވެ.

[ކިހިނެއްވީ؟ ކުއްލިއަކަށް ތިމަޑުކުރީ.....] ތާރާ އުޅުނީ އަރުފާނުގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނާށެވެ. ނަމަވެސް އަރުފާން ހުރީ ބިމުގައި ވަރަށް ބޮޑަށް ފައި ވިއްދައިގެނެވެ.

[ކުއްލިއަކަށޭ މި ހަނދާންވީ...އަހަރެން އަންނާނަން....ތާރާ ގެޔަށް ވަދޭ....] އަރުފާން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ތާރާހުރީ އަރުފާނުގެ މޫނުމައްޗަށް ވަމުންދިޔަގޮތް ބަލާށެވެ.

[އަރުފާން އަދި ތިޔަ ހުރީ ނުވެސް ކައެއްނު. ކައިގެން ދާން އައިސްބަލަ.] ތާރާ އަރުފާންގެ އަތުގައި ހިފެހެއްޓިއެވެ.

[ނޫނޭ މިރޭ އަހަރެން ކާނީ ތަންކޮޅެއްފަހުން. ވަރަށް އަވަހަށް އެބަ އަންނަން. ތާރާ ވަދޭ....] އަރުފާން މިހެން ބުނެފައި ހިނގައިގަތެވެ. ތާރާ އެތެރެއަށް ވަނެވެ. އަރުފާން ދިޔައީ ވަރަށް ބޮޑަށް ހާސްވެފައި ހުރެމެއެވެ.

ހަމަގައިމުވެސް މިހާރު އަރުފާން ކިތަންމެ ވަންނަން މަސައްކަތްކުރި ކަމުގައިވިޔަސް، އޭނާއަކަށް އެގެޔަކަށް ނުވަދެވޭނެއެވެ. މިހާރު މިވަނީ އޭނާގެ ދިރިއުޅުމަށް ވަރަށްބޮޑު ހުރަސްތަކެއް ކުރިމަތިވެފައެވެ.

އެރޭ މެންދަމުގެ ވަގުތު ފަހަނައަޅައިދިޔައިރުވެސް އަރުފާން ގެޔަކަށް ނާދެއެވެ. ނަމަވެސް ތާރާ އޭނާގެ އިންތިޒާރުގައި އިނެވެ. އޭނާ ތަކުރާރުކޮށް އެތައްފަހަރަކު ގުޅިވެސްމެއެވެ. ނަމަވެސް ފޯނު އޮންނަނީ އޮފްކޮށްފައެވެ. ވުމާއެކު ދަންވަމުންދާވަރަކަށް ތާރާ ކަންބޮޑުވާން ފެށިއެވެ.

[ކޮންތާކަށްބާ އަރުފާން އެދިޔައީ. މިހާރު މެންދަންވެ ބޮޑުވީ. ކުރިން ދުވަހަކުވެސް ބޭރުގައި އުޅޭއިރު އޭނާ ފޯން އޮފްކޮށްގެނެއް ނޫޅޭ.] ތާރާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ހިތާހިތާ ވާހަކަ ދެއްކިއެވެ.

އެރޭ މެންދަމުން އަނބުރާ ތިނެއް ޖެހިއިރުވެސް ތާރާ އަރުފާންގެ އިންތިޒާރުގައި ހުއްޓެވެ. އޭނާއަށް ނިދުނީ އޭގެވެސް ގަޑިއެއްހާއިރު ފަހުން ސިޓިންގރޫމްގެ ސޯފާގައި އޮވެއެވެ.

ފަތިސްނަމާދަށް ޝަފީޤާއި ޞަފޫރާ ހޭލައިގެން ބޭރަށް ނިކުތް ވަގުތު ސޯފާގައި ތާރާ ނިދިފައި އޮތްތަން ފެނުމުން އެމީހުނަށް ވަރަށްބޮޑު ޙައިރާންކަމެއް ލިބުނެވެ.

[ކީއްވެބާ އެމަންޖެ ސޯފާގައި އެއޮތީ! އަނެއްކާ އަރުފާނާ ދެކުދިން ދެބަސްވީކީ ނޫންބާ....ޞަފޫރާ ގޮސް އެމަންޖެއަށް ގޮވާބަލަ....] ޝަފީޤު އެދުނެވެ.

ޞަފޫރާ ތާރާ އޮތް ސޯފާގެ އެއްކޮޅުގައި އިށީނދެ ތާރާއަށް ގޮވިއެވެ.

[ދަރިފުޅާ...މިތާ ތިއޮތީ ކީއްވެ؟ ތެދުވެގެން ކޮޓަރިއަށްދޭބަލަ.] މަންމަގެ އަޑަށް ތާރާ ސިހިފައި ތެދުވެއްޖެއެވެ.

[މަންމާ...އަރުފާން އަދިވެސް ގެޔަކަށް ނާދޭ. އޭނާ އާދޭތޯ އިންތިޒާރުގައި އޮއްވައި އަހަންނަށް ނިދުނީ.] ތާރާ ބުންޏެވެ.

[ގުޅަންވީނު...މިހާރު މަހަށް ދިޔައީކަންނޭނގެއެއްނު.] ޝަފީޤު ބުންޏެވެ.

[ފޯނު އޮތީ ނިއްވާލާފައި. އޭނާ މަހަށްދާ ދޯނި ހުރީ އެއްގަމުގައި. ހަމަގައިމުވެސް މަހަކަށް ނުދާނެ. އަހަރެން އަރުފާން މަންމައަށްވެސް ގުޅައިފިން. އެގޭ މަންމަވެސް ބުނީ އެގެޔަކަށް ނާދެޔޯ.] ތާރާ އިނީ ވަރަށް ކަންބޮޑުވެފައެވެ.

[އެސޮރު އެދިޔައީ ކޮންތާކަށްބާ....ދަރިފުޅުވެސްދޭ ނަމާދުކޮށްލަން. މަންމަވެސް މިދަނީ ނަމާދުކުރަން. މިސްކިތަށްދާ މަގުމަތިންވެސް އަރުފާންގެ ޚަބަރެއްވޭތޯ ބަލާތި ޝަފީޤު....] މިސްކިތަށް ދިޔުމަށްޓަކައި ޝަފީޤު ހިނގައިގަތީމާ ޞަފޫރާ ބުންޏެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރުގެ ވަގުތު ފަހަނައަޅާދިޔައިރުވެސް އަރުފާން ގެޔަކަށް ނާދެއެވެ. އެހެން ނަމަވެސް، އޭނާ ވީތަނެއް ނޭނގިގެން އެމީހުން ކަމާބެހޭ އެއްވެސް ފަރާތަކަށް ނާންގައެވެ.

[އަންގަންވީނު...މިހާރު ދެން މިއަދުގެ ވަގުތުވެސް މިދަނީ. އަހަންނަށް ހީވަނީ މިހާރު އަންގަން އެބަޖެހޭހެން.] ޝަހްލާ ވާހަކަ ދެއްކީ ތާރާއާއެވެ. ތާރާގެ ކޮޓަރިތެރޭގައި އިނދެއެވެ.

އެދުވަހަކީ ޝަހްލާގެ ބައްޕަވެސް އޭނާގެ ކައިވެންޏަށްޓަކައި ރަށަށް އަންނަ ދުވަހެވެ. ވުމާއެކު އެހިތްހަމަޖެހުމުގައި ޝަހްލާ ހުއްޓާ ރަޙްމަތްތެރިޔާގެ ފިރިމީހާ ވީގޮތެއް ނޭނގި ގެއްލުމުން މިހާރު އޭނާވެސް އެހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

[އަހަންނަށްވެސް ހީވަނީ މިހާރު އަންގަންވެއްޖެހެން. ވާގޮތަކީ ކައިވެނީގެ ކުރިން އޭނާ އޭނާގެ މަންމައަށް ފިލައިގެން މަރަދުއަށް ގޮސް އެއްދުވަސް ވަންދެން ހުރި. އެދުވަހުވެސް އޭނާގެ ޚަބަރެއްވީ މަންމަ ފުލުހަށްވެސް އެންގިފަހުން.] ތާރާ ބުންޏެވެ. ނަމަވެސް އެދުވަހު އިރުއޮއްސުމުގެ ކުރިން އަރުފާންގެ މަންމަގެވެސް އެދުމާއެކު، ޝަފީޤު އަރުފާން ގެއްލިގެން ހޯދާކަމަށް ކަމާބެހޭ ފަރާތަށް ރިޕޯޓް ކުރިއެވެ. އެހާހިސާބުން އެމަސައްކަތް ފުލުހުންވެސް ފެއްޓިއެވެ. ނަމަވެސް، އެދުވަސް ފާއިތުވެދިޔައިރުވެސް އަރުފާންގެ އެއްވެސް ޚަބަރެއް ނުވިއެވެ. އެދެދުވަސްވެސް ތާރާ ހޭދަކުރީ ރުއިމުގައެވެ.

ޝަހްލާގެ ބައްޕަ ޝަހްލާގެ ކައިވެންޏަށްޓަކައި ރަށަށް އައިސް ޝަހްލާގެ ބައިވެރިޔާއާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނީ އެދުވަހުއެވެ.

[ދަރިފުޅު ތިބުނާ ކުއްޖާއާ ބައްދަލުކޮށް ވާހަކަ ދައްކާލަން ބައްޕަ ބޭނުންވޭ. ހަމައެކަނި ބައްޕަ ބޭނުންވަނީ ބައްޕަގެ ވާންއުޅޭ ދަރިފުޅަށް ނަޞޭޙަތްދޭން.] ފިރާޤު ވާހަކަ ދެއްކީ އޭނާގެ ދަރިފުޅު ޝަހްލާއާއެވެ. ޝަހްލާ ހުރީ ބައްޕަ ދައްކަމުންދާ ވާހަކަތަކުން ހިސާބަކަށް ލަދުގެންފައެވެ. މީގެކުރިން އޭނާގެ ބައްޕަ ދުވަހަކުވެސް އޭނާއާ އެކަހަލަ ވާހަކަތަކެއް ދައްކާފައެއް ނުވެއެވެ.

[އަހަރެން ބުނާނަން ހުޝާމް ގާތު މިރޭ މިގެޔަށް އަންނާށޭ. ބައްޕާ...އޭނާވެސް ވަރަށް ލަދުގަންނާނޭ ބައްޕައާ ވާހަކަ ދައްކަން. މިހާރުވެސް މަންމަ ހުންނަ ތަނެއްގައިވެސް އަނގަވެސް ނުހުޅުވާނެ ދޯ މަންމާ؟] ޝަހްލާ ބައްޕައާ ވާހަކަ ދައްކަމުން މަންމައަށް ދޯދިނެވެ. ޙުސްނާ ބޯޖަހާލިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން