ޚާއްޞަކޮށް، ފިކުރީގެ މަންމަޔަކީ ނުބައިކަމުގެ އިންތިހާއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، ފަރީދާއަކީ ފިކުރީއާ އަރާއަރަފޯދިގެންވާ މީހެއް ނޫނެވެ.

ވުމާއެކުވެސްމެއެވެ. ފިކުރީއާއެކު ޒަވާޖީ ގުޅުމުގެތެރޭ ފަރީދާ ހޭދަކުރި ބާރަމަސް ދުވަސް ހޭދަކުރީ ނުހަނު ހިތާމަޔާއި ހިތްދަތިކަން ބަދުރާސްކުރި ޙާލުގައެވެ.

އެ ބާރަމަސްތެރޭ ފަރީދާއާއި ފިކުރީއަށް އެއްމާބަނޑު ދެބެން ލިބުނެވެ. އެދެބެން އުފަންވުމާއެކު، އެ ހިތްދަތިކަމުގައި މާލޭގައި އުޅެން ބޭނުންނުވާތީއާއެކު، ފަރީދާ އޭނާގެ ރަށަށް ބަދަލުވީއެވެ. ޞުލްޙަވެރި މާޙައުލެއްގައި ނުހަނު ލޯބިން ކުރި ކައިވެނިވެސް ރޫޅާލުމަށްފަހުގައެވެ. އެއީ ފަރީދާގެ މުޅި ޙަޔާތުގައިވެސް އެންމެ ހިތްދަތިވީ ދުވަހެވެ. ފަރީދާ ބަނޑުއަޅާ ވިހޭ ދަރިޔަކު ދުނިޔޭގައި އޮވެމެ، އޭނާގެ ލޯބިން މަޙްރޫމްވީވެސް އެދުވަހުއެވެ.

ފިކުރީގެ މަންމަ ފިކުރީ ގާތު އާދޭސްކޮށްގެން، އެއްކުއްޖަކު ނެގީއެވެ. އޭނަ ބަލައިދޭނޭ ކަމަށް ބުނެފައެވެ.

ފަރީދާއާއި ފިކުރީ އެކުވެ މާޒީގެ ހަނދާންތަކެއް ޙިއްޞާ ކުރުމަށްފަހު، މާޒީގެ ތެރެއިން ނިކުމެވުނީ އެކުއެކީގައެވެ.

[ދަރިފުޅު ކޮބާ....؟] ދެމީހުންނަށް އެކުއެކީގައި އެހުނެވެ.

[ދަރިފުޅުގެ ޙާލު ބަލަން ފުރަތަމަ ގުޅީ އަހަރެން. އަހަންނަށް ފުރަތަމަ ޖަވާބުދީ.] ދަރިފުޅުގެ އަޑުއަހާލާހިތުން ފަރީދާ ކެތްމަދުވިއެވެ.

[އަހަރެން މިހުރީ އޮފީހުގައި. ކުޑައިރުކޮޅަކުން އެސޮރުވެސް އަންނާނެ. އެހެންނޫނީ ފަރީދާ އެސޮރުގެ ނަމްބަރަށް ގުޅަންވީނު...] ފިކުރީ އޭނާގެ ބެލުމުގެ ދަށުން ތަރުބިއްޔަތު ކޮށްފައިވާ ދަރިފުޅުގެ ނަމްބަރު ފަރީދާއަށް ދިނުމަށްފަހު، ފަރީދާގެ ބެލުމުގެ ދަށުން ތަރުބިއްޔަތު ކޮށްފައިވާ ދަރިފުޅުގެ ޙާލު އަޙުވާލު އޮޅުންފިލުވިއެވެ. އޭގެފަހުން ހުރިހާ ވާހަކައެއްވެސް ފަރީދާ ކިޔައިދިނެވެ.

[ފިކުރީގެ މަންމަ އޮޅުވާލީ އެކަނި ފިކުރީއަކަށް ނޫނޭ. އަހަރެން ރަށަށް އައިތާ ދެމަސްވެސް ނުވަނީސް، ޙަސަން ޒައިދުގެ މަރުގެ ޚަބަރުދިން....އެދުވަހު އަހަރެން ރުއިވަރު އެނގޭނީ....] އަނެއްކާވެސް ހިތްދަތި ހަނދާންތަކެއް އާވީމާ ފަރީދާގެ ލޮލުން ކަރުނަ ހިލުނެވެ.

[ފިކުރީގެ މަންމަ، އަހަރެންދެކެ އެހާވަރަށް ރުޅިއަންނަނީ ކީއްވެބާ؟] ފަރީދާ ކޮށިއެރިއެވެ.

[ފިސާރި ތެދެއް!؟ މަންމަ ފަރީދާއަށްވެސް އޮޅުވާލީ....އަހަރެންގެ ދެދަރިން ދުނިޔޭގައި ތިއްބާ، މަންމަ އެކުދިން މަރާލީ....] ފިކުރީ ފުންނޭވާއެއް ދޫކޮށްލިއެވެ.

[ނޫނޭ....ފިކުރީގެ މަންމަ ފިކުރީއަކަށް ދެރަގޮތެއް ނަހަދާނެ....މައިންބަފައިން ދަރިންނަށް ދެރަގޮތެއްވުމަށް އެދޭނެތަ؟] ފަރީދާ ފިކުރީއަށް މަލާމާތް ކުރިއެވެ.

[މިހާރު އަހަންނަށް ވިސްނިއްޖެ. އަހަރެންގެ މަންމަޔަކީ އަހަންނަށް ހެޔޮއެދޭ މީހެއް ނޫންކަން...] ފިކުރީ ބޯހޫރާލިއެވެ.

[ދެން ބާއްވަނީ...އަހަރެން މިހާރު ބޭނުންވަނީ، އެސޮރާ ގުޅަން.] ފަރީދާ ފޯނު ބޭއްވިއެވެ. ދެން އޭނާ ގުޅީ އޭނާގެ ދަރިފުޅަށެވެ. ޢުމުރުން އެއްމަހުގައި އެސޮރާ ވަކިވިގޮތަށް ފޮޓޯއަކުންވެސް އޭނާ އެސޮރު ދެކެފައެއް ނުވެއެވެ. ފަރީދާއަށް ޒައިދަށް ގުޅުނީ ޒައިދު ބައްޕަ ގާތަށް އޮފީހަށް ވަންނަނިކޮށެވެ.

[ޒައިދުތަ؟] އެކޮޅުން ފޯނު ނެގުމާއެކު ފަރީދާ އެއްސެވެ.

[އާނ، ޒައިދު....ކާކުތީ؟] ދަންނަ އަޑަކަށް ނުވުމުން ޒައިދު ބުންޏެވެ.

[ދަރިފުޅާ...ދަރިފުޅަށް ޤަބޫލު ކުރަންވެސް ދަތިވާނެ...މީ ދަރިފުޅުގެ މަންމަ ފަރީދާ.....]

[މަންމައޭ!؟ މާމަ ބުނީ މަންމަވީ މަރުވެފަޔޯ....އަހަރެންގެ މަންމަ ދުނިޔޭގައި ހުރިކަމަށް އަހަރެން ޤަބޫލުކުރާނީ ކިހިނެއް؟] މިހެން ބުނަމުން ޒައިދު އޮފީހަށް ވަނެވެ. އެވަގުތު ޒައިދު އެންމެފަހުން ބުނި ޖުމްލައިގެ އަޑު ފިކުރީއަށްވެސް އިވުނެވެ.

[ޤަބޫލުކުރޭ ދަރިފުޅާ...ދަރިފުޅުގެ މަންމަ ދުނިޔޭގައި އެބަހުރި. ދަރިފުޅު ތިވާހަކަ ދައްކަނީ ދަރިފުޅުގެ މަންމަޔާ.....ދަރިފުޅާ އެއްމާބަނޑު ކޮއްކޮވެސް ދުނިޔޭގައި އެބަހުރި....އަހަރެމެން އެންމެނަށްވެސް އޮޅުވާލީ މި ބައްޕަގެ މަންމަ....] ޒައިދަށް ޔަޤީންކަން ދިނުމަށްފަހު، ފިކުރީ އޭނާގެ މަންމަ ކުށްވެރި ކުރިއެވެ.

[މަންމާ....އަހަރެން ބޭނުން، މަންމަޔާ ބައްދަލުކުރަން.....] ލިބުނު އުފަލާއެކު، ޙަސަން ޒައިދުގެ ލޮލުން ކަރުނަ ހިލިއްޖެއެވެ.

[ދަރިފުޅާ....މަންމަވެސް ބޭނުންވަނީ، ވީހާވެސް އަވަހަކަށް ދަރިފުޅާ ބައްދަލުވާން. އަދި ދަރިފުޅުގެ ކޮއްކޮޔަކަށްވެސް ނޭނގޭނެ، އޭނަޔާ އެއްމާބަނޑު ބޭބެއަކު އުޅޭކަމެއް.] ފަރީދާގެ އުފާވެރިކަންވަނީ އިންތިހާޔަށް ގޮސްފައެވެ.

[މަންމާ...ކޮއްކޮޔާ ގުޅޭނޭ ނަމްބަރެއްދީ...އަހަރެން ބޭނުން ކޮއްކޮޔާ ބައްދަލުކުރަން.] އެއްމާބަނޑު ކޮއްކޮ ދެކެލުމަށް ޒައިދުގެ ހިތް އަވަސްވިއެވެ.

[އިހަށް ގުޅާނޭ ކަމެއްނެތް ދަރިފުޅާ....މަންމަޔާ ދަރިފުޅާ އެކުގައި ގޮސް އެސޮރާ ބައްދަލުކުރާނީ. އޭރުން އެސޮރު މާ އުފާވާނެ.] ފަރީދާ ލަފާދިނެވެ.

[މައްސަލައެއް ނެތް. އަހަންނާ ބައްޕަ މަންމަ ގާތަށް އެބަދަން.] ޙަސަން ޒައިދަށް އުފަލުންގޮސް ރޮވުނެވެ.

[ނުރޮއޭ ދަރިފުޅާ... ދަރިފުޅު ތިދައްކާ ހުރިހާ ވާހަކައެއްވެސް ދައްތަ ޤަބޫލުކުރަން. ޒައިދުގެ ކުށެއް ނެތްކަން ވިސްނޭ ދުވަހަކުން މަލީޙާ ކަރުނަ އަޅަމުން އަންނާނެ.] ޒައިދު އޮތް ކޮޓަރިއަށް ބޯދިއްކޮށްލަމުން ވަރުދާ ޒައިދަށް ހިތްވަރުދިނެވެ.

[ދައްތަ ތިބުނީ ރަނގަޅަށް. އަހަރެންގެ ކުށެއް ނެތްކަން އޭނަޔަށް އަދި ވިސްނޭނެ. އަހަރެން މިހާރު އަހަރެންގެ ހިތަށް ވިސްނައިދެމުން މިދަނީ، އިތުބާރު ނުކުރާ އަންބަކާ ދޭތެރޭ ނުވިސްނާ، އެހެން ބައިވެރިޔަކު ހޯދުމަށް...އެކަމަކު ހިތް އަދި އެގޮތަކަށް އެއްބަހެއްނުވޭ....ހިތްބުނާކަހަލަ، އެހެން ފަރާތަކަށް ހިތުން ޖަގަހައެއް ނެތޭ....] އަތުގެ ނުފުށުން ލޯ ފޮހެލަމުން ޒައިދު ބުނެލިއެވެ.

ފިކުރީއާއި ޙަސަން ޒައިދު މިހާރު ތައްޔާރުވަމުން އެދަނީ، ލ. އަތޮޅަށާއި އައްޑުއަތޮޅަށް ދިޔުމަށެވެ. ފިކުރީ ދަނީ އޭނާގެ ދަރިފުޅު ދެކެލުމަށެވެ. ޙަސަން ދަނީ އޭނާގެ މަންމައާއި ކޮއްކޮ ދެކެލާށެވެ.

ދަތުރު ރާވާފައިވަނީ ލ. އަތޮޅަށްދާ ދުވަސް ނޫން އަނެއް ދުވަހު އައްޑުއަށް ފުރާގޮތަށެވެ. އެދެބަފައިން ލ. އަތޮޅަށްދާއިރު، ފަރީދާވެސް ހުންނާނީ އައްޑުއަތޮޅަށް ދިޔުމަށްޓަކައި ދަތުރު ހަދައިގެނެވެ.

އެއްދުވަހެއް ދެދުވަހެއް ފާއިތުވެ ހިނގައްޖެއެވެ. ރިޝްފާން ޝަބްނަމް ނުދެކޭތާވެސް ދުވަސްތަކެއް މިހާރު ވެއްޖެއެވެ. ނަމަވެސް، ޝަބްނަމް ކޮބައިހޭ އޭނާ އަހާލާނީ ކާކު ގާތުގައި ހެއްޔެވެ؟ އެސުވާލު ރިޝްފާނަށް ކުރެވޭނީ ހަމައެކަނި އޭނާގެ ދަރިފުޅު ރިޝްފާޔާއެވެ. ޝަބްނަމްވީތަން އެކަކަށް ނޭނގުނަސް، އެމަންޖެއަށް އެނގޭނެއެވެ. އޭނާ މިހާރުވެސް އެމަންޖެއާ ބައްދަލުކުރާނޭ ކަމަށް ރިޝްފާން ޤަބޫލު ކުރެއެވެ.

[ދަރިފުޅާ އައިސްބަލަ....ބައްޕަޔާއެކު ބަގީޗާތެރެ ބަލައިލަން.] ރިޝްފާގެ އަތުގައި ހިފައިގެން ރިޝްފާން ހިނގައިގަތްއިރު، މާޔާވެސް އެތަނުގައި އިނެވެ. ރިޝްފާން އުޅުނުގޮތުން އޭނާގެ މަޤްޞަދު މޭރުންވާތީ، މާޔާ މަޑުމަޑުން (ސިއްރު ސިއްރުން) ރިޝްފާންގެ ފަހަތުން ހިނގައިގެންފިއެވެ. ދަރިފުޅު ގޮވައިގެން ގޮސް ރިޝްފާން ހުއްޓުނީ ބަގީޗާތެރެޔަށެވެ.

[ދަރިފުޅާ....ދަރިފުޅުގެ މަންމަ ވީތަނެއް އެނގޭތަ؟ މަންމަ ދަރިފުޅާ ބައްދަލުކުރޭތަ؟] ދަރިފުޅުގެ ބޮލުގައި ފިރުމާލުމަށްފަހު ރިޝްފާން އެހިއެވެ. ރިޝްފާ ބޯޖަހާލިއެވެ.

[މަންމަ މިހާރު ކޮބައިތަ؟] އަނެއްކާވެސް ރިޝްފާން އެހިއެވެ. ރިޝްފާ އެނބުރިލާފައި އިނގިލި ދިއްކޮށްލިއެވެ. އެއާއެކު، ކުއްލިއަކަށް އެތަނަށް (ރިޝްފާ އިޝާރާތްކުރި ދިމާއިން) ޝަބްނަމް ފާޅުވެއްޖެއެވެ.

[އަހަރެން އަބަދުވެސް ރިޝްފާނާ ދާދި ގާތުގައި ވަން....އެއްވެސް ބަޔަކަށް މިހާރަކު އަހަރެމެން ދުރެއް ނުކުރެވޭނެ.] ފަޚުރުވެރިވާފަދަ ގޮތަކަށް ޝަބްނަމް ބުންޏެވެ. އޭރު ރިޝްފާ ގޮސް ގެޔަށް ވަދެއްޖެއެވެ.

[ހާދަ ވަރުގަދަ ބާރެއް ލިބިގެން ތިއުޅެނީ. އަހަރެންދެކެ ޝަބްނަމް ލޯބިވަންޏާ، އަހަރެން ބުނާ ކަމެއް ކޮށްފާނަންތަ؟] ވަށައިގެން ހޯދާލަމުން މަޑުމަޑުން ރިޝްފާން ބުންޏެވެ.

[އަވަހަށް ބުނޭ، ލޯބީގެ ޙައްޤުގައި އަހަންނަށް ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެ.] ތެދެކެވެ. ރިޝްފާންގެ ލޯތްބަށްޓަކައި ކޮންމެފަދަ ކަމެއްވެސް ޝަބްނަމް ކޮށްފާނެއެވެ.

[ފުރަތަމަ ހުވާކުރޭ....އަހަރެން ބުނާ ކޮންމެ ކަމެއްވެސް ކުރާނޭ ކަމަށް.] ޝަބްނަމާ ދިމާޔަށް ރިޝްފާން އަތް ދިއްކުރިއެވެ. ފަސްޖެހުމެއްނެތި ޝަބްނަމް ހުވާކުރިއެވެ.

[ދެން ބުނޭ....] ހުވާކުރުމަށްފަހު، ރިޝްފާންގެ އަތުން ދޫކޮށްލުމަށްފަހު ޝަބްނަމް ބުންޏެވެ.

[އަހަރެންގެ އުފާތަކަށް އަރައިނުގަނެ، އަހަރެންގެ ދިރިއުޅުމުން މުޅިން ފޭއަށް ހިނގައިދާނަންތަ؟ އަހަރެން ބޭނުންވަނީ، ޝަބްނަމްގެ ނަންވެސް ހަނދާން ނައްތާލަން. އެކަން އަހަންނަށް ކުރެވޭނީ، ޝަބްނަމް އަހަރެންގެ ދިރިއުޅުމުން ފޭއަށް ދިޔުމުން...] ރިޝްފާން އެދުނީ، ޝަބްނަމް ހިތަށްވެސްނާރާ ކަމަކަށެވެ. ޝަބްނަމަށް ހީވީ މީހަކު އޭނާގެ މޭ ތޮރުފާލިހެންނެވެ.

[ކީކޭ!؟ ނުވާނެ ތިކަމެއް. އަހަންނަށް ރިޝްފާނާ ދުރަކަށް ނުދެވޭނެ. އަހަރެންގެ ފުރާނަ ހަށީގައި ހުރިހާ ހިނދަކު، ރިޝްފާންގެ ދިރިއުޅުމުން އަހަންނަކަށް ދުރަކަށް ނުދެވޭނެ.] ޝަބްނަމަށް ރޮވުނެވެ.

[ފުރާނަ ހަށިން ބޭރުކޮށްގެން ވިޔަސް، އަހަރެން ބޭނުންވަނީ، ޝަބްނަމާ ވަކިވާން...އަހަރެން ބޭނުންވަނީ، މާޔާއާއެކު އުފާވެރި ދިރިއުޅުމެއް.] ޝަބްނަމްގެ ރުއިމަކުން ރިޝްފާނަށް ކުޑަވެސް އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ.

[ރިޝްފާންގެ ދިރިއުޅުމާ ދުރަށްދާން ޖެހޭނީ މާޔާ. ދުވަހަކުވެސް އަހަރެން ދުރުކޮށެއް ނުލެވޭނެ.] ޝަބްނަމްގެ އަޑުވެސް ބާރުވިއެވެ.

[ލޯބިވެޔޯ....ތީތަ ލޯބިވާ ގޮތަކީ....ލޯތްބަށްޓަކައި އެއްކަމެއްވެސް ނުކުރެވުނެއްނު....ތިޔަވަނީ ލޯތްބެއް ނޫން....] ރިޝްފާން އުޅުނީ ގެޔަށް ވަންނަން ހިނގައިގަންނާށެވެ.

[ލޯބީގެ ޙައްޤުގައި ލޯބި ކަފުންކޮށްލުމަކީ، އަހަރެންގެ ނަސްލުގައި ކުރާ ކަމެއް ނޫން. އަހަރެމެންވާ ލޯބި، ތި ހީކުރާވަރަށް ވުރެން، މާ ވަރުގަދަވާނެ.] ޝަބްނަމްގެ އަޑު އިތުރަށް އަހާކަށް ރިޝްފާން މަޑެއްނުކުރެއެވެ.

ރުޅިއައިސް ރަތްވެފައިވާ ޙާލުގައި ރިޝްފާން ނިކަން ބާރަށް ހިނގާފައި ގޮސް ގެޔަށް ވަދެއްޖެއެވެ. ފަހަތުން ޝަބްނަމްވެސް ވަނެވެ.

[އަހަރެންގެ ފަހަތުން ނާންނާތި.] ޝަހާދަތް އިނގިލި ދިއްކޮށް، އިންޒާރު ކުރުމަށްފަހު، މާޔާއަށް ގޮވަމުން ރިޝްފާން ވަނީ ކޮޓަރިޔަށެވެ.

[ކިތަންމެ ގޮވިޔަސް، މާޔާއެއް ނާންނާނެ. އޭނަހުރީ އަހަރެންގެ ބާރުގެ ދަށުގައި....ބާރަށް ގޮވާ....އަޑުގައި ހުރިވަރަކަށް ގޮވާ....އެކަމަކު މާޔާއެއް ނާންނާނެ....] ޝަބްނަމް ހީގަތެވެ. މަލާމާތުގެ ފާޑަކަށެވެ.

[މާޔާ....މާޔާ....] ރިޝްފާން ކޮޓަރިތެރެޔަށް ވަށައިގެން ނަޒަރު ހިންގާލިއެވެ. ނަމަވެސް ކޮޓަރިތެރެޔަކު މާޔާއެއް ނެތެވެ. އެކަމަކު އިރުކޮޅެއް ފަހުން ކޮންމެވެސް އަޑެއް ރިޝްފާންގެ ކަންފަތުގައި ޖެހުނެވެ. އެ އަޑު އެންމެ ފުރަތަމަ ކަންފަތުގައި ޖެހުމާއެކުވެސް އެއީ މާޔާގެ އަޑުކަން ރިޝްފާނަށް ގައިމުވިއެވެ. އެއީ ހަމަ މާޔާގެ ރުއިމާއި ގިސްލުމުގެ އަޑެވެ. ސަލާމަތަށް އެދި ގޮވާ އަޑެވެ. ކޮންމެވެސް ރަޙުމް ކުޑަ ވަކިތަކަކުން ޒަޚަމްވާތީ މާޔާ އުޅޭ ކަހަލައެވެ.

[މާޔާ....ކޮންތާކުތަ މާޔާ ތިހުރީ....؟] ރިޝްފާންގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. ވިންދު އަވަސްވާން ފަށައިފިއެވެ. ނަމަވެސް، އަޑު އަންނަނީ ކޮންދިމާޔަކުންކަން މޭރުންނުވާތީ، ރިޝްފާން ހުރީ ހަދާނޭގޮތް ހުސްވެފައެވެ.

[ރިޝްފާން....އަހަރެން ސަލާމަތްކުރޭ....އަހަރެން ސަލާމަތްކުރޭ....] މިފަހަރު ހީވީ ރިޝްފާންގެ ފައިދަށުން މާޔާގެ އަޑު އިވުނުހެނެވެ. މާޔާ ސަލާމަތަށް އެދި ގޮވަނީއެވެ. ރޮމުން ގިސްލަމުންނެވެ.

[މާޔާ.....އަހަންނަށް ފެނިބަލަ....] ރިޝްފާން ވަށައިގެން އެނބުރެން ފަށައިފިއެވެ.

[ނުފެންނާނެ. މާޔާ ފެންނާނީވެސް އަހަންނަށް އެކަނި. ރިޝްފާން ދެއަންބަށް އަހަންނާ އިންނަން ވަޢުދުވީމާ ނޫނީ، އިންސާނުންގެ ލޯތަކަކަށް މާޔާ ނުފެންނާނެ.] ދެން އިވެން ފެށީ ޝަބްނަމްގެ ހުނުމުގެ އަޑެވެ. ފިސާރި ނާމާން ޒާތަކަށެވެ.

[ދުވަހަކުވެސް ތިކަމެއް ނުވާނެ. ބާރެއް ލިބިފައިވާތީ ކަލޭމެން ހާދަ ބޮޑާވެޔޭދޯ....ތިގޮތަށް ކިތަންމެ ބިރު ދެއްކިޔަސް، ފަރުވާލެއްނެތް....އަހަންނެއް ކަލެޔަކާ ނީންނާނަން....] ރިޝްފާންގެ އަޑުވެސް ކުރިޔަށްވުރެން ބާރުވިއެވެ.

[މާނަޔަކީ....މާޔާ މަރާލިޔަސް ވަރިހަމައޭތަ؟ މާޔާދެކެ ކުޑަކޮށްވެސް ލޯބިވާނަމަ....މާޔާ ސަލާމަތް ކުރަން މަސައްކަތް ކުރާނެ....އިންސާނުންނަކީ ލޯބިވާން ދަންނަ ބައެއް ނޫން. އިންސާނުން އެންމެ މޮޅަށް ކުރާ ކަމަކީ ބޭވަފާތެރިވުން. އަނެކާއަށް ދެރަދިނުން. ރިޝްފާން ތީ އޭގެތެރެއިންވެސް އަރާހުރި އިންސާނެއް. ބުނެބަލަ، އަހަންނަށް ބޭވަފާތެރިވުމުގައި ރިޝްފާނަށް އޮތީ ކޮން ޙައްޤެއް.....؟] ޝަބްނަމްގެ ރާގު ބަދަލުވިއެވެ. އޭނަޔަށް މާބޮޑަށް އަސަރު ކުރީއެވެ. މިފަހަރު ކުއްލިއަކަށް ރިޝްފާނާ ދާދި ގާތުން ޝަބްނަމް ފާޅުވިއެވެ.

[ސިފަ ރީތި އިންސާނެއްގެ ސިފައިގައި އައިސް އޮޅުވާލައިގެން އަހަރެންގެ ދިރިއުޅުމުގެ ތެރެޔަށް ވަނުމުގައި ކަލެޔަށް އޮތީ ކޮން ޙައްޤެއް....؟] ރިޝްފާންގެ ހިތުގައި ރަޙުމުގެ ކަންފުޅެއްވެސް ނެތްކަހަލައެވެ.

[ރަނގަޅަށް ތިބުނީ...އޮޅުވާލައިގެން ރިޝްފާންގެ ދިރިއުޅުމަށް ވަނުމުގެ ޙައްޤެއް އަހަންނަކަށް ނޯންނާނެ....އެކަމަކު....ކޮންމެފަދަ މީހަކު ދެކެވެސް ލޯބިވުމުގެ ޙައްޤު އަހަންނަށް ލިބިގެންވޭ....އެނގޭ މިހެން ބުނީމާވެސް ރިޝްފާން ފަޚުރުވެރިވާނީކަން...އެކަމަކު ބުނަން، އަހަންނަށް ލޯބި ނުލިބޭހާ ހިނދަކު، ރިޝްފާނަކަށް އުފަލަކު ނޫޅެެވޭނެ. ފުރާނަޔާއެކު މާޔާ ބޭނުމިއްޔާ، އަހަންނަށް ލޯބިދޭން ވަޢުދުވޭ....] އަދިވެސް ޝަބްނަމް ބޭނުންވަނީ ރިޝްފާން އެއްބަސް ކުރުވާށެވެ. އިސާހިތު ޝަބްނަމްގެ މަޤްޞަދުވެސް ހާޞިލްވުމުގެ އަލިމަގު ފެނުނެވެ.

ލޯބިވާ އަނބިމީހާގެ ޙައްޤުގައި ޝަބްނަމަށް ލޯބި ދިނުމަށް އެހިނދު ރިޝްފާން އެއްބަސްވިއެވެ.

ރިޝްފާން އެއްބަސްވުމާއެކު، އެނދުގެ ސައިޑް ކަބަޑްމަތީގައި ވަށިގަނޑަކަށް ޖަހާފައި ހުރި ރަތް ފިނިފެންމާ ނަގާފައި، އެނދުމަތީގައި އެ މާ ޝަބްނަމް ބާއްވާލިއެވެ.

[ކޯއްޗެއްތީ!؟] ޝަބްނަމްގެ ޙަރަކާތްތަކަށް ޙައިރާންކަމާއެކު ބަލަން ހުރެފައި ރިޝްފާން އެއްސެވެ.

[މިއީ ރިޝްފާންގެ ލޯބިވާ އަނބިމީހާ މާޔާ....އޭނަ އެއޮތީ ނިދާފައި....] އެނދުމަތީގައި މާ ބާއްވާލުމަށްފަހު، ތެދުވެ ހިންދެމިލަމުން ޝަބްނަމް ޖަވާބު ދިނެވެ.

އެއަށްފަހު، ފަހަތުން ވަރުގަދަ އައްޔެއް އެ މަލާ ދިމާޔަށް ޝަބްނަމް ފޮނުވާލުމާއެކު، އެނދުމަތީގައި އޮތް ރަތް ފިނިފެންމާ ބަދަލުވެގެންދިޔައީ މާޔާއަށެވެ. މާޔާ އޮތީ ނިދާ ހެދުމުގައި ނިކަން ނަލަކޮށް ގަދައަށް ނިދާފައެވެ. އެމަންޒަރު ފެނުނީމާ، ރިޝްފާންގަތީ އަމަށަކު ބިރެއް ނޫނެވެ.

[ބިރުނުގަނޭ ރިޝްފާން....އޭނަ އެއޮތީ މީގެ ތިންރޭ ކުރިން ނިދިގޮތަށް....އޭނައަށް ގޮވާ ހޭލައްވައިގެން ކޮންމެވެސް އެއްޗެއް އަވަހަށް ކާންދީ...މިހާރު އޮންނާނީ ވަރަށް ބަނޑުހައިވެސްވެފައި.] މިހެން ބުނެލާފައި، ކުއްލިއަކަށް ޝަބްނަމް އެތަނުން ކަޝްފު ވެއްޖެއެވެ.

[މާޔާ...ތެދުވެބަލަ...މާޔާ....] ރިޝްފާން އެނދު ކައިރިއަށް ހުއްޓި މާޔާއަށް ގޮވަން ފެށީވެސް ހިސާބަކަށް ސިހިސިހި ހުރެއެވެ. ރިޝްފާން ދެތިންފަހަރު ގޮވާލީމާ، ކުކުރާލުމަށްފަހު މާޔާ ލޯ ހުޅުވާލިއެވެ. އެއަށްފަހު، މާޔާ ބަލައިލީ ދިމާޔަށް ހުރި ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށެވެ.

[އޯހް....މާލަހުންދޯ މިހޭލެވުނީ....ދަރިފުޅު ކޮބައިތަ؟] ދަރިފުޅު ރާދިންގެ އެނދާ ދިމާޔަށް ބަލައިލަމުން މާޔާ އެހިއެވެ.

[އަޅެ....ރިޝްފާން ހާދަ ބަނޑުހައިވެއްޖޭ.] ތެދުވާން އުޅެފައި ބޮލަށް އެނބުރުން އަރާ ފާޑުވުމުން، މާޔާ އަނެއްކާވެސް އޮށޯތެވެ. ރިޝްފާން އަވަސް އަވަހަށް ދިޔައީ ބަދިގެފަރާތަށެވެ. މާޔާއަށް ދޭނޭ ކާއެއްޗެއް ބަލައެވެ.

ރިޝްފާން ބަދިގެފަރާތަށް ދިޔައިރު، މާޔާއަށް ދޭނެ ކާއެއްޗެއް ތައްޔާރުކޮށްގެން ޝަބްނަމް ހުއްޓެވެ.

[އަވަހަށް މި ގެންގޮސް ކާންދީ...އޭރުން އިސާހިތު އޭނަ ހަމަޔަކަށް އެޅިދާނެ. އެކަމަކު ބުނަން، ވަޢުދު އުވާނުލާތި.....ވަޢުދު އުވާލައިފިއްޔާ، ދުވަހަކުވެސް އަހަރެން މަޢާފެއް ނުކުރާނަން....] ރިޝްފާންގެ އަތަށް ބަތްތަށި ދިނުމަށްފަހު، ޝަބްނަމް އިންޒާރުވެސް ދިނެވެ.

[ކަލޭ މިހާރު އަހަރެން ކިޑްނެޕް ކުރަނީދޯ؟] ތަށި ހިފައިގެން ހިނގައިގަންނަމުން ފޫހި ޒާތަކަށް ޝަބްނަމާ ދިމާޔަށް ބަލައިލަމުން ރިޝްފާން ބުނެލިއެވެ.

އެވަގުތެވެ. އައިލޭންޑް އޭވިއޭޝަންގެ ޑޭޝް އެއިޓްގެ މަތިންދާބޯޓް ގަމުގެ އެއަރޕޯޓަށް ތިރިކުރުމާއެކު، ދަތުރު ދިގުވެފައި ތިބި ދަތުރުވެރިންނާއި ދަތުރު ކުރުވުމުގެ ސަބަބުން ފޫހިވެފައި ތިބި ދަތުރުވެރިންތައް އަތްމަތި ދަބަސްތައް ކޮނޑުގައި އަޅުވާލުމަށްފަހު، ބޯޓުން ފޭބުމަށްޓަކައި ވާޑީ (ތައްޔާރު) ވެލައިފިއެވެ.

ދަތުރުވެރިންގެ ތެރޭގައި މުޅިން އަލަށް އައްޑުވަށް ދަތުރުކުރާ ދެމީހަކުވެސް ތިއްބެވެ. އެއީ ފިކުރީގެ ދެބަފައިންނެވެ.

[ގަމުގެ ރީތި ވާހަކަ، މީހުން ބުނާތީ ކުރިން އަޑުއިވެނީ....ހަމަލޮލުން ބަލައިލާނޭ ފުރްޞަތު ލިބުނީމާ، ތަނުގެ ރީތިކަމާއި ހިތްގައިމުކަން ކަށަވަރުވެއްޖެ....މަންމަ ވަރަށް ގިނައިން މިއަތޮޅަށް އަތުވެއްޖައިންދޯ؟] ފްލައިޓުން ފައިބައިގެން ހިނގައިގަންނަމުން، ގަމުގެ ރީތިކަން ފެނި ޝޯޚްވެފައި ހުރި ޙަސަން ޒައިދު އޭނާގެ މަންމަ ފަރީދާއާ މުޚާޠަބު ކުރިއެވެ.

[އާނ، މިއަތޮޅަށް އާދެވުނު ޢަދަދެއްވެސް މިހާރަކު ނޭނގެ....މިރަށުން މުޅިންވެސް ފެންނާނީ އިނގިރޭސިންގެ މަސައްކަތްތައް. މަންމަ ފުރަތަމަ އައިފަހަރު، ވަރަށް ޢަޖައިބުވި....އޭރުގައި އޮތް ރީތި ގަމެއް މިހާރަކު ނެތޭ ދަރިފުޅާ. ދުވަސްވަމުންދާ ތަންތަން މަރާމާތު ނުކުރަންޏާ، އެތަންތަން ވީރާނާވުން ނޫން ކަމެއްވާނެތަ؟ އެގޮތްވެފައި މިރަށަށްވެސް މިއޮތީ....] ޙަސަނާއި ފިކުރީޔާއެކު ޓަރމިނަލްތެރެޔަށް ވަންނަމުން ފަރީދާ ބުންޏެވެ.

[ސަރުކާރުން މިތަން މަރާމާތެއް ނުކުރޭތަ؟] ޓަރމިނަލުން ބޭރަށް ނިކުންނަމުން ޙަސަން އަނެއްކާވެސް މަންމަޔާ މުޚާޠަބު ކުރިއެވެ.

[ނޭނގެދޯ....ހިނގާ އަވަހަށް ކާރަށް އަރަމާ....މިއަދު ޒައިދަށް ބޮޑު ޙައިރާންކަމެއް ލިބޭނެދޯ....އެސޮރަކަށް ނޭނގޭނެވިއްޔަ، ދުނިޔޭގައި ދަރިފުޅު ހުރިކަމެއްވެސް.] ފަރީދާ މަޥްޟޫޢު ބަދަލުކޮށްލިއެވެ.

ފުރަތަމަ ގޮސް ކާރަށް އެރީ ޙަސަނާއި ފިކުރީއެވެ. ފަރީދާ އެރީ އެއަށްފަހުގައެވެ. ކާރަށް އެރި ވަގުތު ހިސާބަކަށް ފަރީދާ ދެކެފަރިތަ ދަންނަ މީހުންވެސް ފެނުނެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން