[ފޮޓޯތަކެއް ހުރީތަ؟] މާޔާ އިތުރަށް އޮޅުންފިލުވަން އުޅުނެވެ. ނަމަވެސް، މާޔާގެ އެ ސުވާލަކަށް ވާހިޔާ ޖަވާބެއް ނުދިނެވެ. އޭނާ ބުނީ އޭނާ ދިޔައީމާ ހުރިހާ ކަމެއްވެސް އެނގޭނެ ކަމަށެވެ. ފޯނު ބޭއްވުމުގެ ކުރިން، މިއަދަކީ ޒައިދުގެ ދޫ އެއްފަހަރުން ބަންދުކޮށްލާނޭ ދުވަސް ކަމުގައިވެސް އޭނާ ބުންޏެވެ.

[ކާކު ގުޅީ؟] މާޔާ އެނބުރި އައިސް ކޮޓަރިއަށް ވަނީމާ ރިޝްފާން އެއްސެވެ.

[ވާހިޔާ.....ވަރެއްގެ އަންހެނެއް އެއީ...އެކަން ހުއްޓާލުމަށް އެދި އަހަރެން ވަރަށް އާދޭސްކޮށްފިން. އެކަމަކުވެސް ބުނީ ބަދަލުހިފާނަމޯ.....ފިރިހެނުންނަކީ ވަރަށް މަކަރުވެރި ބަޔެކޯ.....] މާޔާ ބުންޏެވެ.

[ކޮބާ....ސައިބޯންދާކަށް ނުވޭތަ؟ ހުންނާނެ ސައި ތައްޔާރުކޮށްފަ.] މާޔާ ރާދިން އެނދުގައި ބާއްވާލިއެވެ.

[ކާކު ސައިހެދީ؟ ސައިހަދަން މާޔާ ބޭރަކަށް ނުވެސް ނިކުންނަމެއްނު.] ރިޝްފާން ޙައިރާންވިއެވެ.

[ސާބަސް ރިޝްފާން...އަހަރެން ފަތިހު ތެދުވެ ސައި ތައްޔާރުކޮށްފީމޭ.] ހީގަންނަމުން މާޔާ ބުންޏެވެ.

[އެކަމަކު...މާޔާ ވިހައިގެން ސާޅީސްވެސް ނުވަނީސް މަސައްކަތް ކުރާކަށް ނުވާނެއެއްނު.] މާޔާ އަމިއްލައަށް ސައިހެދި ވާހަކަ ބުނީމާ ރިޝްފާން ހިތްހަމަނުޖެހުނެވެ. ނަމަވެސް، އެއީ އެވަރު ކަމެއް ނޫނޭ ބުނެ، މާޔާ ރިޝްފާން ހަމަޔަކަށް އަޅުވާލިއެވެ.

އެދުވަހު ހަވީރު ހަތަރެއްޖަހާ ކަންހާއިރު މާޔާ ރިޝްފާން ގާތު ބުނެގެން ޒައިދު އެގެޔަށް ގެނައެވެ. ވާހިޔާ އަންނާނޭކަން އެނގޭތީއެވެ.

ވާހިޔާ އެގެޔަށް އައިސް ވަނީ ޒައިދު އެގެޔަށް އައިސް ހުންނަތާ ގަޑިއެއްހާއިރުވެސްވީ ފަހުންނެވެ.

ވާހިޔާ ކުއްލިއަކަށް އައިސް ވަނުމާއެކު، ޒައިދަށް ސިހުން ލިބި ތެޅިގަނެވުނެވެ. ނަމަވެސް، އޭނާ މިފަހަރަކު ނިކުމެގެންދާކަށް ޤަޞްދެއް ނުކުރިމެއެވެ. ހީވާކަހަލައެވެ. އޭނާ ބޭނުންވަނީ ރަނގަޅަށް ވާހިޔާއާ ކުރިމަތިލާށެވެ.

[އަހަންނަށް އެނގޭ، ރިޝްފާން ޤަބޫލުކުރާނީ ޒައިދުގެ ވާހަކަކަން. އެކަމަކު ވަރަށް އުންމީދު އެބައޮތް، މާޔާ އަހަންނަށް އިތުބާރު ކުރާނޭ ކަމުގެ. ރިޝްފާން...މިހާރު ނިކަން އަހާބަލަ، އަހަންނަނީ ކާކުހޭ....އަހަރެން ދަންނަންހޭ؟] ވާހިޔާ އޭނަގެ އަތުގައި އޮތް ކޮތަޅާ ދިމާޔަށް ބަލައިލަމުން، ވިހަގޮތަކަށް ހީލަމުން ބުންޏެވެ. އެހިނދު ޒައިދުގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

[ކިހާބޮޑު ތުރާލެއް. ކަލޭ ތިޔައުޅެނީ ކިހިނެއް ވެގެންތަ؟ ތިޔަހެން ދޮގު ހަދައިގެން ނޫޅުނަސް، ކަލޭ އަހަރެންދެކެ ލޯބިވަންޏާ، ލޯބިވާ ވާހަކަ ބުނެވިދާނެއެއްނު....ކޮންތާކުންތަ ކަލެޔަށް އަހަރެން ފެނިގެން ތިއުޅެނީ...ތި ނޫނީ އަހަރެން ނުދެކެން، މަތިންބައިން ޖެހިގެން އުޅޭ އަންހެނެއް...ބޮއްކުރާދޮށަށް އޮޑި ކެނބުމަކީ ވަރަށް ލަދުވެތި ކަމެކޭ....ކަލެޔަކަށް އެވަރުވެސް ނޭނގޭދޯ؟] މިފަހަރު ޒައިދު ކޮންޓްރޯލުން ނެއްޓިއެވެ.

[މިއަދު އަހަރެން...މިވީ މަތިންބައިން ޖެހިގެން އުޅޭ މީހަކަށް...ކުރިން ޒައިދު އަހަރެން ގާތު އާދޭސްކޮށްގެން އަހަންނާ ރައްޓެހިވީއިރޯ.....] ވާހިޔާ ހުރީ ފެންކަޅިވެފައެވެ. ޙަޤީޤަތުގައި އެ ރުޅިވެރިކަމާއެކު ޒައިދު އޭނާޔާ ކުރިމަތިލާފާނޭ ކަމަކަށް ކުރިޔަކުން އޭނާ ހިއެއް ނުކުރެއެވެ.

[ބަލަ އަހަރެން ކޮންދުވަހަކުތަ ކަލެޔާ ރައްޓެހިވީ. މިއިން ދުވަހަކު އަހަރެން މާލެވެސް ދިޔައީކީ ނޫނިއްޔަ.] ޒައިދުގެ އަޑު ކުރިޔަށް ވުރެންވެސް ބާރުވިއެވެ.

[މިއޮތީ ހެކި....މިއީ ޒައިދެއް ނޫންތަ؟] ރޮއިގަންނަމުން، ވާހިޔާއާއި ޒައިދާ ނުހަނު ގައިގޯޅިކޮށް ނަގާފައިވާ ފޮޓޯއެއް އެންމެންގެ ތެރެޔަށް ދައްކާލަމުން އޭނާ އެންމެނަށް ޙައިރާންކަން ގެނުވިއެވެ. އެއީ ޒައިދުގެ އަނބިމީހާ މަލީޙާވެސް އެގެޔަށް އައިސް ވަން ވަގުތެވެ.

އެހިނދު ފެނުނު މަންޒަރުން މަލީޙާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެނެވެ. ޒައިދު ކިތަންމެ އޮޅުވާލަން މަސައްކަތް ކުރިޔަސް، އެ ފޮޓޯގައި އެވާ މީހަކީ ޒައިދުކަން މަލީޙާއަށްވެސް ޔަޤީނެވެ. އޭނާއަށް އެކަންޏެއް ނޫނެވެ. ރިޝްފާނާއި މާޔާވެސް އެކަން ޔަޤީން ކުރިއެވެ.

ނަމަވެސް، ޒައިދަށް ދެލޯ ބޮޑުކޮށްގެން އެ ފޮޓޯއަށް ބަލަހައްޓައިގެން ހުރެވުނީ ބުނާނޭ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ.

[ކީއްވެތަ، ބަސް ހުއްޓިފައި ތިހުންނަނީ.....މި ފޮޓޯގައި މިވަނީ ތި މާތް ޒައިދެއް ނޫންތަ؟] ވާހިޔާ ރޮއިރޮއިފައި ވާހަކަ ދައްކަމުންދިޔައީ، ދޮރުމަތީގައި މަލީޙާ ހުރިކަން ނޭނގިއެވެ. މަލީޙާއަށްވެސް އެ ފޮޓޯ ރަނގަޅަށް ފެނުނެވެ. އެއާއެކު އޭނާ އެނބުރި ދުއްވައިގަތީ ގެޔަށް ދިޔުމަށްޓަކައެވެ. މަލީޙާ އައިސް އެ މަންޒަރު ބަލަން ހުރިކަން އެންމެނަށް އެނގުނީ އެހާ ހިސާބުންނެވެ.

އެހިނދު ޒައިދު ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

[މިޒަމާނުގައި ތިގޮތަށް ފޮޓޯއެއް އުފެއްދުމަކީ މާބޮޑު ކަމެއް ނޫނޭ....] ޒައިދު ހުރީ ރުޅިއައިސް ރަތްވެފައެވެ.

[ޒައިދު....ކީއްވެތަ ތިވަރަށް ދޮގު ތިހަދަނީ...ކޮން ކުށެއް ކުރެވުނީތީތަ، އަހަންނާ ދޭތެރޭ ތިހެން ތިހަދަނީ....] ވާހިޔާ ރޮމުން ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނިކުމެއްޖެއެވެ. އޭނަ އެދިޔަގޮތަށް ގޮސް އެރީ އެގޭދޮށުގައި ޕާކްކޮށްފައި އޮތް ޓެކްސީއަށެވެ. އެއީ އޭނާ އައި ޓެކްސީއެވެ. އޭނާ އެޔަށް އެރުމާއެކު، ޑްރައިވަރު ޓެކްސީ ދުއްވާލައިފިއެވެ.

[ވާހިޔާ ރޮނީތަ؟] ކާރު ދުއްވާލަމުން ޑްރައިވަރު ޝިޔާޒް އެއްސެވެ. ލޯގަނޑުން ފަހަތް ބަލަން އިނދެފައެވެ.

[ނުރޮން....] ވާހިޔާ ލޯ ފޮހެލިއެވެ. ޝިޔާޒް ގާތަށް އައީ ހިންޏެވެ.

[އާނ، ރޮނީކީ ނޫން...ހެނީ....] ހިސާބަކަށް ދަންނަ ކުއްޖަކަށްވީތީ، ޝިޔާޒް ސަމާސާކޮށްލިއެވެ.

[ދޮގުނަހަދާ ބުނެބަލަ، ކީއްވެތަ ތިރޮނީ؟] މަލީޙާގެ މަންމަ ރަޒީނާ ވާހަކަ ދެއްކީ މަލީޙާއާއެވެ. ރަޒީނާ އުޅެނީ އޭނާ އަހާއަހާވެސް މަލީޙާ ރޯ ސަބަބު ނުބުނެގެނެވެ.

[ކަމެއްނުވޭ މަންމާ....] މަލީޙާ ރޮމުން ރޮމުން ގޮސް ކޮޓަރިޔަށް ވަނެވެ. ފަހަތުން ރަޒީނާ ކޮޓަރިޔަށް ވަންނަންދިޔަ ނަމަވެސް، އޭނާޔަށް ކޮޓަރިއަކަށް ނުވަދެވުނެވެ. އޭގެކުރިން މަލީޙާ ދޮރު ތަޅުލިއެވެ. ހީވާކަހަލައެވެ. ދެމަފިރިންގެ ދޭތެރޭޖެހޭ އެކަހަލަ މައްސަލަތަކުގެ ވާހަކަ މަންމަމެނަށް ކިޔައިދޭން މަލީޙާ ބޭނުންނުވީއެވެ.

ދެތިންފަހަރު ބޭރުގައި ހުރެ މަލީޙާއަށް ގޮވުމަށްފަހު، ރަޒީނާ ގުޅީ ޒައިދަށެވެ. ޒައިދު ފޯނު ނެގުމާއެކު މަލީޙާ ކޮޓަރި ތަޅުލައިގެން ރޮއިރޮއި އޮތް ވާހަކަ ރަޒީނާ ބުންޏެވެ. އަދި އަވަހަށް ގެޔަށް އައިސްދޭށޭވެސް ބުންޏެވެ.

[މަންމާ ކަންބޮޑުނުވޭ....އަހަރެން މިދަނީ....] މަންމައަށް އިތުރަށް ވާހަކަ ދައްކާނޭ ފުރްޞަތެއްނުދީ ޒައިދު ފޯނު ބާއްވައިފިއެވެ. ދެން އޭނާ އަވަސްވެގަތީ ގެޔަށް ދިޔުމަށެވެ.

[މަލީޙާ ރޯތީ، މައިދައިތަދޯ އެ ގުޅީ....؟] ޒައިދު ހިނގައިގަތީމާ ރިޝްފާނަށް އެނގުނެވެ. ބޮލުގެ އިޝާރާތުން އާއެކޭ ބުނެލާފައި، ޒައިދު ނިކުމެގެން ދިޔައީއެވެ. ޙަޤީޤަތުގައި ރިޝްފާންމެނަށް ވުރެން ބޮޑަށް ޒައިދަށް ވަނީ ޝޮކް ލިބިފައެވެ.

މާކުރީގެ ކަމެއް ކުއްލިއަކަށް ފެންމަތިވީމާ ކަމަށްވެސް ވެދާނެއެވެ. ނޫނީ ނުވެސް ދަންނަ އަންހެނަކު އައިސް ސާބިތުވާފަދަ ހެކިތަކަކާއެކު، އެދައްކާ ވާހަކަތަކުން ކަމަށްވެސް ވެދާނެއެވެ.

މަލީޙާ ދޮރު ހުޅުވީ ޒައިދު ގޮވާތާ ބައިގަޑިއެއްހާއިރުވެސްވީ ފަހުންނެވެ.

[ތީ ދޮގުވެރިއެއް....އަހަރެންގެ ކުރިމަތިން ދުރަށްދޭ....] މަލީޙާ ރޮމުން ކުޑަކުއްޖަކު ފަދައިން ޒައިދާ ދިމާއަށް ބާލީސްތައް ހޫރައިގަތެވެ.

[ބަލަ...މަލީޙާ ހަމަޖެހިބަލަ. މަލީ ޤަބޫލުކުރަނީ، އަހަރެން ދައްކާ ވާހަކަތަ، ނޫނީ ދުވަހަކުވެސް ނުދެކޭ ބީރައްޓެއްސަކު ދައްކާ ވާހަކަތަ؟] ޒައިދު ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

[އެ ފޮޓޯތަކުން އަހަންނަށް ފުދޭ. އަހަންނަށް މައްސަލައަކީ އޭނަޔާ ރައްޓެހިވުމެއް ނޫން. މައްސަލައަކީ....އަހަރެން ގާތު ދޮގުހެދުން. ދޮގާއި މަކަރު ކުރިން ހެދި މީހަކު، ފަހުންވެސް މަކަރު ހަދާނެ. ދުވަހަކުވެސް އެފަދަ މީހަކު ރަނގަޅެއް ނުވާނެ....] މަލީޙާ ރޮއިރޮއިފައި ބުންޏެވެ.

[ހެޔޮނުވާނެ މަލީޙާ، އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ....އާދޭސްކޮށްފައި މިބުނަނީ، އެ ފޮޓޯގައި އެވަނީ އަހަންނެއް ނޫން. އަހަންނަށް އިތުބާރުކޮށްބަލަ...] ޒައިދުވެސް ހުރީ ފެންކަޅިވެފައެވެ.

[އާނ، އެ ފޮޓޯގައިވަނީ ޒައިދެއް ނޫން...އެއީ ޒައިދު ކައިގެން އަރާހުރި ފުރޭތައެއް....ޒައިދު ކީއްވެތަ، ސާބިތު ކަންތައްތައް ދޮގުކުރަން ތިއުޅެނީ....]

މަލީޙާ ޒައިދުގެ ވާހަކަ އަޑުއަހާކަށް ނޫޅެއެވެ. މިހާރު އޭނާވަނީ ކިތަންމެ ރަނގަޅަށްވެސް ވާހިޔާގެ ވާހަކަތައް އަޑުއަހައި، އެކަން ހިތުގެ އަޑިން ޤަބޫލުކޮށްފައެވެ. ވާހިޔާ ޤަބޫލުކުރާ ގޮތުގައި، އޭނާ ގާތު ދޮގުހަދަނީ އޭނާގެ ލޯބިވާ ފިރިމީހާއެވެ. ވާހިޔާ ހަދަނީ ތެދެވެ.

މަލީޙާ އެކަންޏެއް ނޫނެވެ. މިހާރު ރިޝްފާނާއި މާޔާގެ ހިތުގައިވެސް އުފެދެނީ އެ ސުވާލުތަކެވެ.

[އެއީ ހަދާފައިވާ ފޮޓޯއެއް ނޫން. ހަދާފައިވާ ފޮޓޯއެއްނަމަ އެނގޭނެ. އެފޮޓޯ ހާދަ ރީއްޗޭ.] ރިޝްފާނަށްވެސް އެ ފޮޓޯއާމެދު ޔަޤީން ކުރެވުނެވެ.

[އާނ...އަހަންނަށްވެސް ޔަޤީން...އެއީ ހަދާފައިވާ ފޮޓޯއެއް ނޫންކަން.] ވަރަށް ޔަޤީންކަމާއެކު ރިޝްފާނަށް ތާއީދުކޮށްފައި މާޔާ ބުންޏެވެ.

[ކީއްވެބާ ޒައިދު ޙަވާލުނުވާން އެއުޅެނީ؟] ރިޝްފާން އޭނާގެ ނަފްސާ ސުވާލުކޮށްލިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެކީގައި އުޅުނުއިރުވެސް ޒައިދުގެ އަޞްލު ނޭނގުނީތީ ޚުދު ރިޝްފާންވެސް ހުރީ ޢަޖައިބުވެ އަންތަރީސް ވެފައެވެ. ޒައިދަކީ އޭނާ ހީކުރިގޮތާ މުޅިންވެސް ޚިލާފު މީހެކެވެ. ޖެހުނު ކޮންމެ މަލަކުން ފޮނިބޮމުންދާ މާބުރުގެ އުޞޫލުގެ މީހެކެވެ.

ބޭރުފުށުން އެއްވެސް މީހެއްގެ ޙަޤީޤަތެއް ނޭނގޭނޭ ބުނަނީ ތެދެކެވެ. ރަޙްމަތްތެރި އަޚެއްގެ ޙަޤީޤަތް ރައްޓެއްސަކަށް އެނގޭނޭނަމަ، ރިޝްފާނަށް ޒައިދުގެ ޙަޤީޤަތް އެނގުނީހެވެ.

ހިތަށްއަރައެވެ. ރިޝްފާނަށް ޒައިދު އެނގެނީ ކިހާވަރަކަށްބާއެވެ.

ޙަޤީޤަތަކީ ކޮބައިތޯ ހޯދުމުގެ ބަޙުޘް އެންމެން ކުރަމުންދާއިރު، ނުވެސް ދަންނަ މީހަކު ކުއްލިއަކަށް އައިސް ދިރިއުޅުމުގައި ރޯކުރި އަލިފާނުގެ ސަބަބުން ޒައިދު ފިހެމުން ދަނީއެވެ.

ޒައިދު އެންމެ ބޮޑަށް ދެރަވަނީ އެއްވެސް މީހަކު އޭނަޔަށް އިތުބާރު ނުކޮށް ވާހިޔާގެ ވާހަކަ ޤަބޫލު ކުރީތީއެވެ. ހުރިހާ މީހުންގެ ގާތުވެސް ޒައިދު އާދޭސްކޮށް ބުނަމުންދަނީ، އަންހެނަކަށްވިޔަސް، ވާހިޔާވެސް ދޮގު ހަދާފާނޭ ކަމަށް ޤަބޫލު ކުރުމަށާއި، އޭނާޔާ ވައްތަރުގެ އެހެން މީހަކު ދުނިޔޭގައި ހުރުމަކީވެސް ވެދާނޭ ކަމެއް ކަމަށް ޤަބޫލު ކުރުމަށެވެ.

[ބީރައްޓެހި އަންހެނަކު އައިސް އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލީ....އަހަރެންގެ ވާހަކަ ޤަބޫލު ކުރާނީ ކާކު؟] އަނބިމީހާ މަލީޙާ އޭނަ ދެއްކި އެއްވެސް ވާހަކައެއް އަޑު ނޭހުމުން، ޒައިދުގެ ލޮލަށް ކަރުނައިގެ އަސަރު ވެރިވެއްޖެއެވެ.

[އަހަންނަށް އަޑުއިއްވަން އުޅޭނެ ކަމެއްނެތް...އަހަންނާ ކައިވެނި ކުރުމުގެ ކުރިން ތިމާގެ ޙަޤީޤަތް އަހަރެން ގާތު ބުނިނަމަ....އަހަރެން ތި ސޫރަޔާ ދިމާއަށް ނުވެސް ބެލީމުސް.] މަލީޙާވެސް އަދިވެސް ރޮނީއެވެ.

[މަލީޙާ....ކިހިނެއްވެގެންތަ ތިއުޅެނީ....ފިރިމީހާއަށް ކޮންމެވެސް އިތުބާރެއްވެސް ކުރަންވާނެއެއްނު. ތިގޮތަށް އަހަންނަށްވެސް މަލީޙާއާ ބެހޭގޮތުން އަޞްލެއް ނެތް ވާހަކަތަކެއް ދެއްކިދާނެ. އެކަމަކު އެ ނުވާނެއެއްނު ޙަޤީޤަތަކަށް.] އަތުގެ ނުފުށުން ދެލޯ ފޮހެލަމުން، ޒައިދު ވާހަކަ ދެއްކިއެވެ.

[އަހަންނާ ބެހޭގޮތުން އެފަދަ ދަށް ފެންވަރުގެ ވާހަކަތަކެއް ދެއްކޭނޭ ދުލެއް، މިދުނިޔެއަކު ނުވާނޭ. ކޮންމެހެން ބަހަނާ ދައްކާނޭ ކަމެއް ނެތް....އަހަރެންގެ ކުރިމަތިން ދުރަށްދޭ. ވަރިކުރުމުގެ ބާރު އަންހެނުންނަށް ލިބޭނޭނަމައޭވެސް ހިތަށްއަރާ....] ގިނައިރުވާވަރަކަށް މަލީޙާގެ ރުޅިއައީ ގަދަވަމުންނެވެ.

[މާނަޔަކީ ތީ ފިރިހެނެއްނަމަ، އަހަރެން ވަރިކުރީމުހޭތަ؟ އަހަރެން މިގެއިން ހިނގައިދާނަން. ފަހަރެއްގައިވެސް މަލީޙާ ހީނުކުރާތި، މަލީޙާގެ ނުރުހުމުގައި އަހަރެން މިގޭގެ ހިޔާދަށުގައި އުޅޭނޭ. އަދި ފަހުން މަލީޙާޔަށްވެސް އަހަރެންގެ ކުށެއް ނެތްކަން ވިސްނޭނެ. އެދުވަހަކުން އަހަރެންގެ ފަހަތުން އައިސް މަޢާފަށްވެސް އެދޭނެ. ފަހަރެއްގައި އެހިނދު ވަގުތު ފާއިތުވެސް ވެދާނެ.] ޒައިދުގެ ގާތަށް އައި ރުޅިން އަތުގައި ހުރި ބާރެއްލާފައި ދޮރު ލައްޕާލުމަށްފަހު، އޭނާ ކޮޓަރިން ނިކުމެއްޖެއެވެ.

އެ މަންޒަރު ބަލަން ދޮރުމަތީގައި ހުރި މައިދައިތަ، ކިހިނެއްވީހޭ އަހާލީމާވެސް، ޗުއްޕުވެސް ބުނެނުލާ ޒައިދު އެގެއިންވެސް ނިކުމެއްޖެއެވެ.

ޒައިދު ދިޔައީ އެ އަތޮޅުގައިވާ އޭނާގެ މައިފުނަގެ ކަމުގައި ދެކޭ ރިޝްފާންގެ މަންމަމެންގެ ގެޔަށެވެ. އެއީ އޭނާގެ ތަޢުލީމީ ޙަޔާތް އެކުގައި ހޭދަކޮށްފައިވާ ގެއެވެ. ވަރުދާ ފެނުމާއެކު، ޒައިދުގެ ލޮލުން ކަރުނަ ފޭދެން ފެށިއެވެ.

[ކިހިނެއްވީ ޒައިދު...؟ މަލީޙާޔާ މައްސަލައެއް ޖެހުނީތަ؟ ނުރޮއި، ވެގެން އުޅޭގޮތެއް ކިޔާދީބަލަ....] ޒައިދު ރޯންފެށުމުން ކޮންމެވެސް ކަމެއް ވެއްޖެކަން ވަރުދާއަށް ކަށަވަރުވިއެވެ.

[ދައްތާ...އަހަރެންގެ އެއްވެސް ކުށެއްނެތް ޙާލުގައި، މީހަކު އަހަރެމެންގެ ދެމަފިރިންގެ ދޭތެރެޔަށް ވަނީ. އަހަންނަކަށް ނުވިސްނޭ، އޭނަ އަހަންނާ އަޅައިގަތް ސަބަބެއް. އެންމެ ދެރަ މައްސަލައަކީ، އަހަރެން ދައްކާ ވާހަކަ މަލީޙާ ޤަބޫލުނުކޮށް، އެ ބީރައްޓެހި އަންހެން މީހާ ދައްކާ ވާހަކަ ޤަބޫލުކުރުން...] އޭގެފަހުން، މައްސަލަތައް އުފެދުނުގޮތާއި، މިހާރު މައްސަލަ ގޮސްފައިވާ ހިސާބު ވަރުދާޔަށް ޒައިދު އޮޅުންފިލުވައިދިނެވެ.

[ފިސާރި ތެދެއް؟ ދެން އެހެންވިއްޔާ، އެ ފޮޓޯގައި އެވަނީ ކާކު....؟ އެކޮއިގެ މަންމަޔަށް މިއަދު ގުޅާފައި، ތިހުރިހާ ވާހަކައެއް ދައްތަ ކިޔައިދޭނަން. ތިކަމާ މާބޮޑަށް ދެރަނުވޭ. ތިކަމަށްވެސް ކޮންމެވެސް ޙައްލެއްވާނެ.] ވަރުދާ އޭނަ ދަރިޔަކު ފަދައިން ބޮޑުކޮށްފައިވާ ދަރިފުޅުގެ ދެލޯ ފޮހެދިނުމަށްފަހު ހިތްވަރުދިނެވެ.

[ދައްތަގެ ތި ހިތްވަރުން އަހަންނަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ.] ދެލޯ ފޮހެމުން ގޮސް ޒައިދު ކޮޓަރިއަށް ވަނެވެ. ޒައިދު ކޮޓަރިއަށް ވަނުމާއެކު، ވަރުދާ ރިޝްފާނަށް ގުޅާފައި އެވާހަކަ ކިޔައިދިނެވެ.

[މަންމާ...ތެދު ހަދަނީ ކާކުކަމެއް އެއްގޮތަކަށްވެސް ނޭނގެ. އެފޮޓޯތަކަށް ބަލާފައި، އެއީ ޒައިދު ނޫނެކޭ އެއްވެސް މީހަކު ނުބުނާނެ. މިޒަމާނަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، އެފަދަ ފޮޓޯތައް ހަދަމުންދާ ޒަމާނެއްކަންވެސް އަހަރެމެންވެސް ދަންނަން ޖެހޭނެ. އެކަމަކު، ހިތަށްއަރަނީ، އެހާބޮޑަށް ތައްޔާރުވެގެން، ޒައިދުމެންގެ ދރިއުޅުމަށް އޭނާ ވަންނަންވީ ކީއްވެބާއޭ. ޒައިދު ބުނާގޮތުން، އޭނަ ކުރިން އެ އަންހެން ކުއްޖާ ނުވެސްދަނޭ.....އެކަމަކު އެ އަންހެން ކުއްޖާ ނިކުމެފައި ވަނީ ބަދަލުހިފުމުގެ ރޫޙެއްގައި....] ރިޝްފާން ދެފަރާތުގެ ވާހަކަތަކަށް އިޝާރާތްކޮށް، މަންމަޔާ މަޝްވަރާ ކުރިއެވެ.

[ތިޔައީ ތެދަކަށްވިޔަސް، އެއީ މަލީޙާއާއި ޒައިދުގެ ކައިވެނީގެ މާކުރިން ހިނގާފައިވާ ކަންތައްތަކެއް....މަންމައަކަށް ނުވިސްނޭ، މަލީޙާ އެކަމާ ރުޅިއަންނަންޖެހޭ ސަބަބެއް...] ވަރުދާ ވިސްނާލިއެވެ.

[މިޒަމާނު ކުދިންގެ ވިސްނުން، މަންމަމެންގެ ވިސްނުމާ ނިކަން ތަފާތުވާނެ. އެހެން ނޫނަސް، އެ އަންހެން ކުއްޖާ ބުނާގޮތުން، އެކަމެއް ހިނގާފައިވަނީ މަލީޙާޔާ ރައްޓެހިވެގެން އުޅުނު ދުވަސްވަރު....] ރިޝްފާން މަލީޙާ ދިފާޢު ކުރިއެވެ.

[މަންމަޔަށް ޔަޤީން، ޒައިދު މަންމަ ގާތު ދޮގު ނަހަދާނެކަން. މަންމަ ޒައިދަށް އިތުބާރު ކުރަން.] ވަރުދާ އަޑުއަހަނީ ޒައިދު ދައްކާ ވާހަކައެވެ. އޭނާ ޒައިދަށް އިތުބާރު ކުރެއެވެ.

[މަންމާ...އަހަރެންވެސް ޒައިދަށް އިތުބާރު ކުރަމޭ....އަހަރެން އެބަދަން...] ރިޝްފާން ފޯނު ބޭއްވިއެެވެ. އޭރު ގާތުގައި މާޔާ އިނެވެ. ހިނިއައިސްފައެވެ.

މާޔާއަށް ހުރިހާ ކަމެއްވެސް އެނގެއެވެ. ނަމަވެސް، އެކަމުގެ ތެރެޔަށް އޭނާ ވަންނަން ބޭނުން ނުވަނީއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މާޔާ ބޭނުންވަނީ އޭނަޔާ ދޭތެރޭ ވިސްނާނޭ ވަގުތު ނުދޭށެވެ.

[ހިނިއައިސްފައި ބަލަން ތިއިނީ ކީއްވެ؟ ޒައިދުގެ މައްސަލައިގައި މަންމަ ވަރަށް ހާސްވެފައި ހުރީ....އަހަރެން މިދަނީ ގެޔަށްދާން. ވަރަށް އަވަހަށް އަންނާނަން.] ރިޝްފާން ހިނގައިގަތެވެ. ޒައިދު ނިކުމެގެން ދިޔުމާއެކު، ކުޑަކުޑަ ރިޝްފާ މާޔާ އުރާލިއެވެ. އޭރު ކުރިމަތީގައި ހުރި އެނދުގައި ރާދިން ނިދާފައި އޮތެވެ.

[މަންމާ...މިހާރު މާޔާ މަންމަ ކޮބައިތަ؟] މާޔާގެ ސިފައިގައި އެހެން ލޯތަކަށް ފެނުނަސް، ރިޝްފާއަށް އޭނާގެ މަންމަ ފެންނަނީ ސީދާ ޝަބްނަމްގެ ސިފައިގައެވެ. ވުމާއެކުވެސްމެއެވެ. އޭނާއަށް ގެއްލިފައިވަނީ މާޔާއެވެ.

[ދަރިފުޅާ....ކުޑަކުދިން މާބޮޑަށް އަނގަގަދަކޮށްގެން ނުވާނެ. މީގެފަހުން ދަރިފުޅު ތިފަދަ ސުވާލެއް ކޮށްގެންވެސް ނުވާނެ. ޢަމުދުން ބައްޕަގެ ޙާޟިރުގައި އެއްވެސް ވާހަކައެއް ނުދައްކާތި....] ރިޝްފާގެ ބޮލުގައި މާޔާ ފިރުމާލިއެވެ.

ހަމަ އެދުވަހު، ޒައިދުގެ މަންމައަށް ގުޅާފައި، ޒައިދުގެ ވާހަކަ ވަރުދާ ކިޔާދިނެވެ. އެ ޚަބަރު ލިބުނީމާ، ފަރީދާ ފިސާރި ދެރަވިއެވެ. އޭނާ އެންމެ ބޮޑަށް ދެރަވީ، ކަންވެގެން އުޅޭގޮތާ ދޭތެރޭ ވިސްނުނީމައެވެ. ވުމާއެކުވެސްމެއެވެ. ވަރުދާ އެވާހަކަ ކިޔައިދީފައި ފޯނު ބޭއްވުމާއެކު، ފަރީދާ ގުޅީ އޭގެ ފަންސަވީސް އަހަރު ކުރިން އޭނާގެ ފިރިއެއްގެ މަޤާމުގައި ހުރި އިބްރާހީމް ފިކުރީއަށެވެ. އޭނާގެ ދަރިފުޅަށް ނޭނގުނަސް، ޒައިދުގެ ބައްޕަޔަކީ ފިކުރީއެވެ. ފިކުރީއާ ގުޅޭނެ ނަމްބަރެއް ފަރީދާ ހޯދީވެސް ވަރަށް މަސައްކަތުންނެވެ.

[ފިކުރީތަ؟ ޙަސަން ޒައިދު ނަމްބަރު ދީފާނަންތަ؟] ފިކުރީ ފޯނު ނެގުމާއެކު ފަރީދާ އެދުނެވެ.

[ޒައިދުގެ ނަމްބަރޭ...ކާކުތީ؟] ފިކުރީއަށް ހިސާބަކަށް ފަރީދާގެ އަޑު މޭރުންވިއެވެ.

[ފަރީދާ...ޒައިދުގެ މަންމަ....] ފިކުރީއަށް ލިބުނީ ޝޮކެކެވެ.

[ފަރީދާއޭ! މިއަދު ކީއްކުރަން، އެސޮރާ ގުޅަން ތިއުޅެނީ....ފާއިތުވެދިޔަ ފަންސަވީސް އަހަރުވެސް އެސޮރު އުޅުނޭ....ކުއްލިޔަކަށް ކޮންކަމެއް ލައިގަތީތަ؟] ފިކުރީ ހަޅޭއްލަވައިގަތުމަށްފަހު، ފޯނު ކަނޑާލައިފިއެވެ. އަނެއްކާވެސް ފަރީދާ ގުޅިއެވެ.

[ފިކުރީ ބުނަން، އަހަރެންގެ ވާހަކަ އަޑުއަހާފައި ނޫނީ ފޯނު ނުބާއްވާތި. ފާއިތުވެދިޔަ ފަންސަވީސް އަހަރޭ ބުނާއިރު، ފިކުރީއަށް އެނގޭތަ، ފިކުރީގެ ދަރިޔަކު ހުންނަކަން.] މިފަހަރު ފިކުރީ ފޯނު ނެގުމާއެކު، ފަރީދާ ބުންޏެވެ.

[އަހަރެންގެ ދަރިފުޅު ބަލައި ބޮޑުކުރީ މަށެއްނު. ފަރީދާ އެންމެ ފަހަރަކުވެސް އެސޮރުގެ ޙާލު ބަލައިލިންތަ؟] ފަރީދާ ގެންދިޔަ ދަރިފުޅު ނިޔާވި ވާހަކަވެސް އެންގީ، ނިޔާވިތާ ފަސްދުވަސް ފަހުން. ފަރީދާ ކަންތައް ކުރަންވީ ގޮތަކީ އެއީތަ؟ އެސޮރު ނިޔާވި ޚަބަރު ލިބުމުން، އަހަރެން ހާދަ ދެރަވިޔޭ....] މާޒީގެ ހަނދާންތަކެއް އާކޮށްފައި ފިކުރީ ބުންޏެވެ.

[އަހަރެމެންގެ ސޮރު ނިޔާވީޔޭ!؟ ތީ ކާކު ދެއްކި ވާހަކައެއް. ތީ ކާކު އެދޭ ގޮތެއް.....] ފަރީދާއަށް ލިބުނީ ކުއްލި ޝޮކެކެވެ.

[މަންމަ ބުނީ....އެއީ ދަރިފުޅު ގޮވައިގެން ފަރީދާ ތިރަށަށް ދިޔަތާ މަހެއްވެސް ނުވަނީސް. އެއީ ދޮގެއްދޯ؟ ދަރިފުޅު ކޮބާ؟] ދަރިފުޅު ދުނިޔޭގައި ހުރި ޚަބަރު ލިބުމުން، ފިކުރީއަށް އިންތިހާއީ އުފާވެރިކަން ލިބުނެވެ. އޭގެފަހުން، އެއީވެސް އޭނާގެ މަންމަގެ ނުބައި ރޭވުމެއްކަން އޭނާއަށް ކަށަވަރުވެ، ދަރިފުޅު ދުށުމުގެ ޝައުޤު ބޮޑުވިއެވެ. ހަމަ އެހިނދެވެ. ފިކުރީގެ ހަނދާނުގެ ސްކްރީންގައި ކުރެހިގެންދިޔައީ އޭނަޔާ ފަރީދާގެ ދިރިއުޅުމުގެ އުފާވެރި އަދި އެހާގެ ހިތްދަތި މާޒީއެވެ.

އޭރު ފިކުރީގެ ޢުމުރުންވާނީ އެންމެ އެކާވީހަކަށް އަހަރެވެ. މަދްރަސީ ދައުރުގައި ފެނުނު ފަރީދާޔާ ލޯބިން ގުޅި، ކައިވެންޏާ ހަމައަށް އައީ ޢާއިލާގެ ދެކޮޅުވެރިކަމާއި ނުރުހުންތައް ބޮލާލާ ޖަހާފައެވެ. އޭގެ ނަތީޖާ މާ ފޮންޏެއް ނޫނެވެ. ފިކުރީގެ ޢާއިލާތެރެއިން ފަރީދާ ފިއްތަން ފެށީ އޭނާ އެގޭގައި އުޅުނަ ނުދިނުމަށެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން