އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ލޯކަލް ކައުންސިލް އިންތިޚާބު މިއަންނަ އޭޕްރިލް 10 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އިންތިޚާބުގެ މަސައްކަތް ރަސްމީކޮށް ފަށާނެ ކަމަށެވެ. އަދި ރަމަޟާން މަހުގެ ކުރިން އިންތިޚާބު ބޭއްވުމަށް އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ލަފާދޭ ކޮމެޓީން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެހެންކަމުން މިވަގުތުން ފެށިގެން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ނަންނެގުމުގެ އެންމެ ފަހުގެ ތާރީޚް މިމަހުގެ 29 ގައި ހާމަކުރަށްވާނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިޚާބު ބޭއްވޭ ގޮތަށް އިންތިޚާބުގެ ޚާއްސަ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މި މަހުގެ 21 ވަނަ ދުވަހު ވަނީ ތަސްދީގުކުރައްވާފަ އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، އިންތިޚާބުގެ ޚާއްސަ ޤާނޫނުގެ ދަށުން އަންނަ މެއި މަހުގެ 09 ވަނަ ދުވަހުގެ ފަހުން އިންތިޚާބު ބޭއްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ނެތް ކަމަށެވެ. އަދި އިންތިޚާބުގެ މަސައްކަތް ރަސްމީކޮށް ފެށުމާ ގުޅިގެން އިންތިޚާބަށް ކުރިމަތިލާފައިވާ ސިވިލް ސަރވަންޓުން މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑް ވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކައުންސިލް އިންތިޚާބު ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށާއި، ނަމަވެސް އެކަމާ ގުޅިގެން މިހާރު ލަފާކޮށްފައިވާ ބަޖެޓް ގާތްގަނޑަކަށް ދެގުނަ ވެގެން ދާނެ ކަމަށެވެ.

ކޮމިޝަންގެ މެންބަރު ފުއާދު ތައުފީޤު ވިދާޅުވީ، އިންތިޚާބަށް އީސީން ފުރަތަމަ ހުށައެޅީ 71 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި، ނަމަވެސް އިންތިޚާބު ބޭއްވުމަށް މަޖިލީހުން ދީފައިވަނީ 51.6 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބާއްވާނަމަ އިތުރު 44.9 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ފުވާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެހެންކަމުން ކޮމިޝަނަށް ދިމާވެފައިވާ ބަޖެޓްގެ ދަތިކަން ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ޙިއްސާ ކުރަށްވާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިންގައި ކޮވިޑް ފެސިލިޓީތަކުގައި ތިބޭ މީހުން ވޯޓުލުމަށް ވޯޓުލާ މަރުކަޒުތަކަށް ގެންދިއުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމް ކުރި ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. އަދި އިންތިޚާބަށް ވޯޓުލާންދާ ރިސޯޓް މުވައްޒަފުން ކަރަންޓީންވާން ޖެހުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަން ޙަބީބު ފާހަގަ ކުރެއްވިއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބާ ބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން