ތިމަރަފުށީގައި ނިރުބަވެރި ހަމަލާއއެއް ދޭން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން
ތިމަރަފުށީގައި ނިރުބަވެރި ހަމަލާއއެއް ދޭން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން
މިދިޔަ އަހަރު ތ. ތިމަރަފުށިން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންނާ ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އައިސިސްއާ ގުޅުން އެބަ އޮތް ކަމަށާއި ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން އެ މީހުން ރޭވި ކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.

ފުލުހުން ބުނީ ތިމަރަފުށީ ދޯންޏަކުންނާއި ރަށު ތެރެއިން މި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވާކަމަށެވެ. އަދި މިމައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ބައެއް މީހުން ތިބުމާއެކު އެ މީހުންގެ މައްސަލަތައް އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދަކީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ އަދި މީހަކަށް މަރުގެ އިންޒާރުދިންކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީގެކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތ. ތިމަރަފުށި / ކެނެރީގެ، ޢަލީ މުނީޒަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ އަދި މުދަލަށް ގެއްލުންދިންކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީގެކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ.

ނިރުބަވެރި އަަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ. ފުލުހުން ބުނީ އެ ދޯނީގައި އައިއީޑީއެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ފެނިފައިވާ ކަމަށެވެ. ދޯނިންނާއި މާލެއިން އަދި ތިމަރަފުށިން ހައްޔަރުކުރި ހަ މީހުންނާ ބެހޭ ގޮތުން ފުލުހުން ބުނީ މި މީހުންގެ ތެރޭގައި އައިސިސް އިން "އަމީރު" ކަމަށް ކަނޑައަޅާފައިވާ މީހަކު އިސްކޮށް ހުންނަ ކަމަށާއި ގޮވާތަކެތި ހަދާނެ ގޮތުގެ މެނުއަލްތައް ވެސް، ހައްޔަރުކުރި މީހުންގެ އަތުން ފެނިފައިވާ ކަމަށެވެ.

"ނަސާޙް-3" ދޯނި ބަލައި ފާސްކުރުމަށް ފަހު އެ ދޯނިން އައިއީޑީއެއް ހެދުމަށް ބޭނުންކުރެވިދާނެކަމަށް ބެލެވޭ ބައެއް އާލާތްތައް ފެނުނު ކަމަށާއި ދޯނި އަޅާފައި އޮތް ސަރަޙައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށްބެލެވޭ ކާޓްރިޖްތަކެއް ވެސް ފުލުހުންނަށް ފެނިފައިވާ ކަމަށް ބުނެއެވެ.

ފުލުހުން ބުނީ މި މީހުންނަކީ އައިސިސްއާ ގުޅިގެން އިއެ ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލްތައް ހިންގުމަށް ހިތްވަރުދީ ރާވަމުން ދިޔަ ބައެއް ކަމަށެވެ.

"ނަސާހް 3" ދޯންޏަކީ މި ގްރޫޕްގެ އިސް މީހަކު އޮޕަރޭޓްކުރާ ދޯންޏެއް ކަމަށް ބެލެވޭ ކަމަށާއި އެ ދޯނި އަތުލައިގަތީ އޭގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ހެދުމުގެ މަސައްކަތްކުރަމުންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. މި މީހުންނަކީ ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށްގޮސް ތަމްރީނުތައް ހަދައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކުރާ ބައެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މި މީހުން ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުންދިއުމާއި ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ދިނުން ވެސް ފުލުހުންގެ ނޫސް ބަޔާނުގައި ފާހަކޮށްފައި ވެއެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ ދޯނީގައި އައިއީޑީ ހަދަން އުޅޭ ކަމާއި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތްކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައި ވާއިރު ދޯނިން ހައްޔަރުކުރި މީހަކު އައިއިސްއާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސާޗްކުރަމުންދާކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުން ވެސް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

"މިފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިތްވަރުލިބިގަތީ ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް މުޚާތަބުކޮށް ދީފައިވާ މެސެޖަކާއި ގުޅިގެން" ކަމަށް ފުލުހުން ބުންޏެވެ. އަދި އައިސިސްގެ ފަރާތުން ދީފައިވާ މެސެޖުގައި "ޖިހާދުގެ މައިދާންތަކަށް ތިބާއަށް ދަތުރު ނުކުރެވިއްޖެ ނަމަ، ދެން ސަލީބީ ދައުލަތްތަކުގެ ރައްޔިތުންވަނީ ތިޔަބައިމީހުންގެ ކުރިމަތީގައެވެ. އެހެންކަމުން މަތިވެރިވެގެންވާ ﷲ ގެ ޙަޟްރަތުން ވާގި އެދޭށެވެ. އެބައިމީހުން ގަތުލުކުރުމަށާއި، ޗިސްޗިސްކޮށްލުމުގައެވެ. އަންދާލުމުގަޔާއި، ދަންޖެއްސުމުގައެވެ." މިފަދައިން ގޮވާލައި ނިރުބަވެރި ޢަމަލެއް ހިންގުމަށް ހިތްވަރު ދީފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ފުލުހުން ބުނި ގޮތުގައި އައިސިސްގެ ތަރުޖަމާނު ދިން ޚިތާބަށް ފަހު، ރާއްޖޭގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ދިޔަ އެވެ.

"މިގޮތުން 2020 ވަނަ އަހަރު ތ.އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާއި ދިމާކޮށް އެސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވިކަމާއި، މިދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވޭ،" ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މިމައްސަލާގައި ތިމަރަފުށިން 16 ގެއެއް ބަލައި ފާސްކޮށް، "ނަސާހް-3" ދޯންޏާއި، ތިމަރަފުށިން އިތުރު ދެތަނެއް ފާސްކުރި އިރު، ތުހުމަތަށް ހައްޔަރުކުރި މީހެއްގެ ފޯނުން އައިސިސް ޖަމާއަތުގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި ތ.ތިމަރަފުށީ ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އައްޔަންކޮށްފައިވާ ކަމުގެ ލިޔުމެއް ފެނިފައިވާ ކަމަށެވެ.

ތިމަރަފުށިން ފާސްކުރި ގެއަކުން އައިއީޑީއެއް ތައްޔާރުކުރަން ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާތަކެތި ތައްޔާރުކުރުމާއި ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފުލުހުންނަށް ވަނީ ފެނިފަ އެވެ. ފުލުހުން ބުނީ މިމައްސަލައިގައި ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހަކު އެކްސްޕްލޯސިވްއެއް ތައްޔާރުކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ރޭވުމާ ބެހޭ ގޮތުން ފުލުހުން ބުނީ ތުހުމަތުކުރެވޭ ބައެއް މީހުންގެ ޑިޖިޓަލް ޑިވައިސްތަކުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި، އެ މީހުން މަސައްކަތްކުރަމުން ދިޔައީ އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ނިރުބަވެރި ހަމަލާއެއް ދޭން ކަމަށެވެ. މި މީހުން ހަމަލާދޭން ގަސްދުކޮށްފައިވާ ބައެއް ތަންތަން ކަނޑައަޅާފައިވާކަން ފާހަގަކުރެވުނު ކަމަށާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކި ހަރަކާތް ހިންގުމަށް ކަނޑައަޅާފައިވާ ޓީމުތަކެއް އެކުލަވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަމަ އެހެންމެ، ތިމަރަފުށީގައި ހިންގި އޮޕަރޭޝަނުން، ހަރުކަށި ފިކުރަށް މީހުން ލެނބުވުމަށް ކުރާ ގިނަ ކަންތައްތަކެއް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަރުކަށި ފިކުރު ގަބޫލުކޮށް އެ ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުޑަކުދިންނަށާއި، ދަތި ހާލުގައި އުޅޭ މީހުންނަށާއި، ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ ކުރާ ކަމަކީ ދީނީ ކަންކަމަށް ހިތްވަރު ދިނުން ކަމަށް ވިޔަސް އޭގެ ފަހުން، މިސްކިތުގެ ޖަމާއަތަށް އަރަން ނުޖެހޭނެކަމަށާއި ސަރުކާރުން ކަނޑައަޅާ އިމާމުންގެ ފަހަތުގައި ނަމާދުކުރުން ހުއްދަނުވާނެކަމަށްބުނެ ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުވުމަށް ބާރުއަޅާ ކަމަށް ފުލުހުން ބުނެއެވެ. އަދި ދީނީގޮތުން ޚިލާފު އުފެދޭ އެކި ބާވަތުގެ ވީޑިއޯތައް ދައްކާ، ހަރުކަށި ފިކުރާއި ގުޅުންހުރި ޕްރިންޓްކޮށްފައިވާ އެކި ފޮތްތައް އެފަރާތްތަކާއި ހަވާލުކޮށް އެ ކިޔުމަށް ބާރުއަޅައި، ހަރުކަށި ފިކުރުގެ ފަރާތްތަކުން ކުރިއަށްގެންދާ ދަރުސްތަކާއި، ކްލާސްތަކުގައި ބައިވެރިވުމަށް ބާރުއަޅާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިގޮތަށް ހައްލާލެވޭ ކުދިންނަށް އެކިގޮތްގޮތުން ފައިސާ ނުވަތަ އެއްޗެހި ދީގެން އެހީތެރިވެދީ، އެކުދިންގެ ހިތް އަނބުރާލުމަށް މަސައްކަތްކުރާ ކަމަށާއި އޭގެ ނަތީޖާއަކަށްވަނީ ހަރުކަށި ފިކުރުގެ ހުރިހާ އަމަލުތަކަށް ތާއީދުކޮށް، ސުވަރުގެ ދިއުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ޖިހާދުކުރުންކަމަށް ދައްކުވައިގެން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަކުރުމަށް އެ ފަރާތްތަކަށް ބާރުއަޅާކަން ފާހަގަކުރެވޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި، ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމުގެ ސަބަބުން ދަރިން މައިންބަފައިންނާ ވަކިވެ، ވަކިން އުޅެން ފަށައި، ބައެއްފަހަރު މައިންބަފައިން ކާފަރުކޮށް، މައިންބަފައިން ގަތުލުކުރަންޖެހޭކަމަށް ދެކި، އަޚުންގެ ގޮތުގައި ދައްކަދީފައިވާ ފަރާތްތަކަކީ ރަށުގެ އާންމުންނަށް މުހިއްމު ބައެއްކަމަށް ދެކެން ފެށި، އާއްމުންނާ އޮންނަ ގުޅުން ކުޑަވެގެން ގޮސްފައިވާކަން ފާހަގަކުރެވިފައިވެ އެވެ.

އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ތަރުޖަމާނުގެ ޚިޠާބާ ގުޅިގެން، ރާއްޖޭގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ގޮސްފައިވެއެވެ. މިގޮތުން 2020 ވަނަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވިކަމާއި، މިދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ބަކުރުބެ

26-Jan-2021

ލިޔުމުގެ ކުށެއް ކަމަށް ގަބޫލުކުރެވެނީ. ބ.އަތޮޅު ތައުލީމީ މަރުކަޒެއް ނޫން. ތ.އަތޮޅު ތައުލީމީ މަރުކަޒުޓްރެންޑިން