ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް "ޖަޒީރާ ސައްލާ"ގެ ނަމުގައި ޚާއްޞަ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގުރާމް ވީހާ ވެސް އަވަހަކަށް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް، މި ޕްރޮގުރާމް ކުރިއަށް ގެންދާނެ ވަކި ތާރީޚެއް އަދި ހާމަ އެއް ނުކުރެއެވެ.

މި ސައްލާ ކުރިއަށް ގެންދަން ނިންމާފައިވާކަން ހާމަކޮށް ސަރުކާރުގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ވަނީ މި ހަރަކާތަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރާ ފަރާތްތަކަށް ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް އަދި ޝުޢޫރުތައް ޙިއްޞާކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއްކަމަށެވެ. މި ހަރަކާތާބެހޭ ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޖަޒީރާ ސައްލާއެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، މި ސަރުކާރުން ވެރިކަމަށް އައުމަށްފަހުވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގައި ތަފާތު އެކި ފަހަރު މަތިން ރައްޔިތުންނާ ބައްދަލުކޮށްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން ވަނީ "ޖަޒީރާ ހޮޅުއަށި" ނަމުގައި ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި މަޝްވަރާ ފޯރަމުތައް ބާއްވަން ފަށާފައެވެ. މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން އެކި މުއައްސަސާތައް ޒިންމާދާރުކުރުވުމައްޓަކައި މުއައްސަސާތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން މުޖުތަމަޢުގައި ޒުވާނުންނަށް ކުރިމަތިވެފައިވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް "ޒުވާނުންގެ ހޮޅުއަށީ"ގެ ނަމުގައި ވެސް ޚާއްޞަ ހަރަކާތްތަކެއް ވަނީ ފަށާފައެވެ. ނަމަވެސް، ކޯވިޑް-19އާ ގުޅިގެން އެ ޕްރޮގްރާމްތައް ވަނީ ހުއްޓިފައެވެ.



ކިޔުންތެރިންގެ ހިޔާލު