އިބްތިހާލު އަދި މަންމަ އާފިޔާ
އިބްތިހާލު އަދި މަންމަ އާފިޔާ
މަންމައެއްގެ ފަރާތުން ލިބުނު އަނިޔާތަކުގައި މިދުނިޔެއާއި ވަކިވެ ދިޔަ އެންމެ ތިން އަހަރުގެ ތުއްތު އިބުތިހާލުގެ މަރުގެ ހާދިސާގެ ވާހަކައަކީ ހަގީގަތުގައިވެސް ދައްކާ ނުނިމޭނެ ވާހަކައެކެވެ. އެއީ ހިތާމަވެރި ހިތްދަތި ހާދިސާއެކެވެ. އެއީ މުޖުތަމަޢުގެ އެންމެން އިބުރަތް ހާސިލު ކުރަންވީ ހަދިސާއެކެވެ. އެއީ ސަރުކާރުތަކުން އިބުރަތް ހާސިލުކުރަން ޖެހޭ ހާދިސާއެކެވެ. އެއީ ކަމާބެހޭ މަގާމުތަކުގައި ތިބި މީހުންނާއި ކުރިއަށް އެމަގާމުތަކަށް އަންނާން ތިބި މީހުން ވިސްނައި ފިކުރުކޮށް ދަސްކުރަން ޖެހޭ އެތައް ފިލާވަޅުތަކެއް ހިމެނޭ ހާދިސާއެކެވެ.

އެހާދިސާ ހިނގާ ދިޔަތާ ފަސް އަހަރުވާން ކުޑަ ދުވަސްކޮޅަށް ވެފައި ވަނިކޮށް އެތުއްތު ކުއްޖާއަށް އިންސާފު ލިބުނު ވާހަކަ އެއީ އެހާދިސާއާއި ގުޅޭ މުޅިން އެހެން ވާހަކައެކެވެ. އެފަދަ ހާދިސާއަކަށް އިންސާފު ލިބުމަށް ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރޭގައި ފަސް އަހަރެއްހާ ދުވަސް ނެގުމަކީ ރާއްޖޭގެ އަދުލު އިންސާފުގެ ހުރި މައްސަލައެއްތޯ ނުވަތަ އެއީ ރާއްޖޭގައި އިންސާފު އޮތްގޮތްތޯ މިއީ އަދި މާ ފުންކޮށް ބަހުސްކޮށް ގޮތެއް ނިންމަން ޖެހޭ ކަމެކެވެ. އަދުލު އިންސާފުގެ ދޮރުގައި ޓަކި ޖަހައިގެން އެދޮރުން ވަދެ އިންސާފު ހޯދުމަކީ ރާއްޖޭގައި އެހާ ފަސޭހަކަމެއް ނޫނޭ ބުނެފައި ހުއްޓާލުމަކުން އެއީ އަދި ހައްލަކަށް ނުވާނެއެވެ.

ރަނގަޅު ވާހަކައެކެވެ. ވ. ރަކީދޫގައި މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ހިނގާދިޔަ އެ ހިތްދަތި، ހިތާމައިން ފުރިގެންވާ ހާދިސާގައި މި ދުނިޔެއާއި ވަކިވެ ދިޔަ ތުއްތު ކުއްޖާފުޅަށް އެއަނިޔާ ދިން، އެކުއްޖާފުޅު ބަނޑުއަޅާ ވިހެއި މަންމައަށް މިދުނިޔެ މަތީގައި ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދީ އެތުއްތު މައުސޫމް ކުއްޖާފުޅަށް އިންސާފު ހޯދައިދީފި ކަމަށް ބުނެވިދާނެއެވެ. އެކަމަކު ސުވާލަކީ އެހާހިސާބުން އެމައްސަލަ ނިންމާލުމުން ފުދޭނެ ބާވައެވެ؟ އެވަރުން އެ ތުއްތު ކުއްޖާއަށް އިންސާފު ލިބުނީ ހެއްޔެވެ؟ އިބްތިހާލު މަރާލި މަންމައަށް އަދަބު ދީފައި އެހާދިސާގެ ފައިލްތައް ބަންދުކޮށް ސިލް ޖަހަންވީ ހެއްޔެވެ؟ އެވަރުން އެތުއްތު ކުއްޖާގެ ޝަކުވާތައް ނިމޭނެ ހެއްޔެވެ؟

މިސުވާލުތަކުގެ ޖަވާބުގައި އަޅުގަނޑު ހަމަ ދައްނަވާނީ ނޫނެކޭ އެވެ. މި ހާދިސާ ހިނގާފައިވާ ގޮތާއި މެދު ވަށައިގެންވާ މާހައުލަށް ވިސްނާ ނަޒަރު ހިންގަވާލައްވާށެވެ؟ މިހާދިސާގެ ވަށައިގެން ވަނީ ހުސް އިހުމާލެވެ. މުޖުތަމަޢުގެ ޒިންމާތައް އަދާނުކުރެވޭ ކަމުގެ ހެކިތަކެވެ. ޒިންމާ ނަގަން ޖެހޭ ފަރާތްތަކުން ނަގަންޖެހޭ ޒިންމާ ބަރާބަރަށް ނުނެގުމުގެ ޝަކުވާއެވެ. ދައުލަތުގެ އެކިފެންވަރުގެ މަގާމުތަކުގައި ތިބި ފަރާތްތަކާއި މުއައްސަސާ ތަކުގެ އިހުމާލުގެ ޝަކުވާއެވެ.

ހާދިސާ ހިނގާ ދިޔައީ ރާއްޖޭގެ އާބާދީގައި އެންމެ ސަތޭކަ މީހުންވެސް ހަމަ ނުވާ ކުޑަކުޑަ މުޖުތަމަޢެއްގެ ތެރޭގައެވެ. ވ. ރަކީދޫ ކިޔާ ރަށެއްގައި ހިނގި ހާދިސާއެކެވެ. އެތުއްތު ކުއްޖާއަށް އެކުއްޖާގެ މަންމަ އަނިޔާ ކުރަނީއެވެ. އެއީ އާންމު ކަމެކެވެ. އެ ތުއްތު ކުއްޖާގެ ވޭނީ ރުއިމުގެ އަޑު އެ މުޖުތަމަޢުގެ އަވަށްޓެރިންނަށް އިވެއެވެ. ގާތް މީހުންނަށްވެސް އެކަން އެނގެއެވެ. ރަށުގައި ތިބި ޒިންމާދާރު ފަރާތްތަކަށް ވެސް ކޮންމެވެސް ސިފައެއްގައި އެކަން އޮތީ އިހުސާސް ކުރެވިފައެވެ. އަޑުއިވިފައެވެ. އެ ތުއްތު ކުއްޖާފުޅު ރޭގަނޑު އެތައް ދަމެއް ވާންދެން ރޯއަޑު އަވަށްޓެރިންނަށް އިވެއެވެ. އެކުއްޖާފުޅު ގޭގެ އޮޅިމަތީގައި ނުވަތަ ކުޑަގޮޑިއެއްގައި އެތައް އިރެއްވަންދެން އެކަނިމާއެކަނި އިންނަކަންވެސް އެނގެއެވެ. އަވީގައާއި ވާރޭގައި ވެސް އިންނަކަން އެނގެއެވެ. އަދި ރޭގަނޑުގެ ކަނު އަނދިރީގައިވެސް އެހެން އިންނަކަން އެނގެއެވެ. އެކުއްޖާފުޅު އެއިނީ ބަނޑުހައިވެ ހާންތިވެފައިކަން ވެސް އަވަށްޓެރިންނަށް އެނގެއެވެ. އެހެން އިންދެ އިނދެ ވަރުބަލިވެގެން ނިދިގެން ވެއްޓިފައި އޮންނަކަން ވެސް އެނގެއެވެ. މިވާހަކަތައް އަޑު އިވިފައިވަނީ ވެސް އަވަށްޓެރިންގެ ފަރާތުންނެވެ. ޒިންމާނަގަންޖެހޭ ފަރާތްތަކުގެ ބަހުންނެވެ.

ރަށަކީ މީސްކޮޅު މަދު އާބާދީ ކުޑަ މުޖުތަމަޢެކެވެ. އާބާދީ ކިތަންމެ ކުޑަޔަސް ސަރުކާރުން ހަމަޖައްސަންޖެހޭ އިދާރީ ހުރިހާ އިންތިޒާމުތަކެއް އެރަށުގައިވެސް ހަމަޖައްސައިދޭން ޖެހެއެވެ. އަސާސީ ޚިދުމަތްތައް ލިބިދޭން ޖެހެއެވެ. އަދި އެ ޚިދުމަތްތައް ދޭންވެސް ބަޔަކު ތިބެއެވެ. އެޚިދުމަތް ލިބޭކަން ކަށަވަރު ކުރުމުގެ ޒިންމާ އޮތް ބަޔަކުވެސް އެބަވެއެވެ.

މިހާތަނުން އެންމެ ފުރަތަމަ ވެސް އުފެދޭ ސުވާލަކީ އެކުއްޖާގެ ވަށައިގެންވާ މުޖުތަމަޢުން ނަގަންޖެހޭ ޒިންމާ ނެގިތޯ އުފެދޭ ސުވާލެވެ. ގާނޫނު ތަކާއި އަސާސީ ޚިދުމަތްތައް ލިބުނަސް ނުލިބުނަސް އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީތީ ފަރުދީ ގޮތުން އަދާކުރަން ޖެހޭ ނުވަތަ ނަގަންޖެހޭ ޒިންމާތަކެއް އެބަހުރެއެވެ. ހިފަހައްޓަން ޖެހޭ އާދަތަކަކާއި ތަބާވާން ޖެހޭ އުސޫލުތަކަކާއި ކަންތައްތަކެއް އެބަހުރެއެވެ. އެންމެ ކުޑަ މިނުން އެކުއްޖާގެ ވަށައިގެންވާ މާހައުލުގައި ދިރިއުޅެމުން ގެންދަނީ މުސްލިމުން ކަމަށްވާތީ އެގުޅުމުގެ އެއްބަނޑު އެއްބަފާ ކަމުގެ ޒިންމާ އަދާކުރިތޯ އެބަ ބަލަން ޖެހެއެއެވެ. މިދެންނެވި ޒިންމާ އެމީހުން އަދާނުކޮށްވާނަމަ އެއީވެސް އިބްތިހާލުގެ ޝަކުވާއެކެވެ.

ގާނޫނީ ޒިންމާއަދި މާބޮޑެވެ. މީހަކު ކަނޑައެޅިގެން ކުށެއް ކުރާކަން އެނގި ހުރެ އެކަން ހުއްޓުވާން މަސައްކަތެއް ނުކޮށް ކަމާބެހޭ ފަރާތްތަކަށް އެކަން ނާންގާ ތިބި ބަޔަކު ދުނިޔަވީ ގާނޫނު ތަކުގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނެއެވެ. ވަށައިގެންވާ އަވަށްޓެރިން އެ ޒިންމާ އަދާކުރިތޯއެވެ؟ ނޫނީ އަދާކުރެވޭތޯ މަސައްކަތް ކުރިތޯއެވެ؟ މިއީ ވެސް އިބުތިހާލުގެ ޝަކުވާއަކަށް ވާނެއެވެ.

އިދާރީ ގޮތުން ރަށުގެ ކަންކަން ބެލެހެއްޓުމާއި ހަވާލުވެތިބި ގާނޫނީ ގޮތުން ކަންކަމަށް ޖަވާބުދާރީ ވާންޖެހޭ ބަޔަކު އެމުޖުތަމަޢުގައި އެބަތިއްބެވެ. ކައުންސިލަރުންނޭ ކިޔާބަޔަކު އެރަށުގައި ވެސް ދައުލަތުން މުސާރަ ދީފައި އެތިބީއަކީ ރީއްޗަކަށް އަދި ހަމަ ނަމަކަށް ނޫނެވެ. ރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބަލައި، މުޖުތަމަޢުގައި ހިނގާ ކަންކަން ބަލައި ގޯސްކޮށް ހިނގާ ކަންކަން ރަނގަޅުކޮށް، އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާހުކޮށް ފިޔަވަޅު އަޅަންޖެހޭ ކަންކަމާމެދު ފިޔަވަޅު އެޅުމަކީ މިދެންނެވި ފަރާތްތަކުގެ ވަރަށް ބޮޑު ގާނޫނީ ޒިންމާއެކެވެ. މިދެންނެވި ކައުންސިލްގެ އިތުރުން ސީދާ އެކަމާ ބެހޭ ވުޒާރާއެއް ނުވަތަ އިދާރާއެއް ސަރުކާރުން އޭރުވެސް އުފައްދާފައި ހުއްޓެވެ. އެވުޒާރާގައި ކަމާބެހޭ މުވައްޒަފުންނާއި އަދި އެންމެ އިސް ޒިންމާދާރު ވެރިއެއް ވެސް ހުރެއެވެ. އިބްތިހާލު މަރުވުމުގެ ކުރިން އިބުތިހާލުގެ މައްސަލަ ނުވަތަ އެ އަނިޔާތައް އެ ތުއްތު ކުއްޖާއަށް ލިބެމުންދާކަން ކޮންމެވެސް ސިފައެއްގައި މިދެންނެވި ދައުލަތުގެ އިދާރާތަކަށް ވަނީ އެނގިފައެވެ. ކައުންސިލަށްވެސް އަދި ސަރުކާރުގެ ކަމާބެހޭ ވުޒާރާއަށް ނުވަތަ އިދާރާއަށް ވެސް ވަނީ އެކަން ކޮންމެވެސް ސިފައެއްގައި އެނގިފައެވެ. މިދެންނެވި ޒިންމާތަކާއި ވާޖިބުތައް ކޮނޑުގައި އަޅައިގެން ތިބި މީހުން އެޒިންމާ، ނަގަންޖެހޭ ގޮތުގައި ނަގާފައި ވޭތޯ ވެސް މިއަދު ބަލަން ޖެހޭނެއެވެ. އަދި އެއީ ވެސް އިބްތިހާލުގެ ބޮޑު ޝަކުވާއަކަށް ވާނެއެވެ.

އަޅުގަނޑު މިއަދު ދަންނަވާން މިއުޅޭ ވަހަކައަކީ އެއީއެވެ. އިބްތިހާލުގެ މަންމަ، އާފިޔާއަށް ކުށުގެ އަދަބެއްގެ ގޮތުން ވިހި އަހަރަށް ޖަލަށް ލާން ހުކުމްކޮށް ދެމަސް ދުވަހު ރޯދަ ހިފައި ތައުބާވާން ހުކުމް އިއްވުމަކުން މިމައްސަލައިގައި އެންމެ ފުރިހަމަ އިންސާފާއި ހަމައަށް ވާސިލުވެވުނީ ކަމުގައި އަޅުގަނޑެއް ގަބޫލެއް ނުކުރަމެވެ.

ކުޑަކުޑަ މިސާލެއް ދަންނަވާ ލާނަމެވެ. މީގެ އަހަރުތަކެއް ކުރީން ހިނގާ ދިޔަ އެނަމާ ބޯޓުގެ ހިތާމަވެރި ހާދިސާ އަދިވެސް އިއްޔެ ވީ ކަމެއްހެން އެހާދިސާ އެނގޭ މީހުން ހަނދާން ހުންނާނެއެވެ. އަޅުގަނޑު މިތާގައި މިއުޅެނީ އެހިތާމަވެރި ހާދިސާގެ ވާހަކަ ދައްކާކަށް ނޫނެވެ. އެހާދިސާއިން މިސާލެއް ދަންނަވާލުމަށެވެ.

އެނަމާ ބޯޓު އަޑިއަށް ގޮސް އެތައް ބަޔަކު ކަނޑުވެފައި ތިއްބާ އެސަރަހައްދުން ދިޔަ މަސްދޯންޏެއް އެމީހުންނަށް އެހީނުވެ ދިޔައީ ދޯނި ފުރާ މަސްހުރި ކަމަށް ބުނެ މަސް ކިރާށެވެ. އޭރު އެތައް ބަޔަކު ތިބީ މާސިންގާ ކަނޑުގައި ސަލާމަތަށް އެދި އާދޭސްކޮށް ރޯށެވެ. ތުއްތު ކުދިންނާއި ކުޑަކުދިންނާއި ޒުވާނުންނާއި ދުވަސްވީ މީހުންނެވެ. ފަތަން ނޭނގޭ އެތައް ކުޑަކުދިންނެއް ލޮނުބޮއި ފުރާނަ ދަނީއެވެ. މިފަދަ ހާލަތެއްގައި ބަޔަކު ތިއްބާ ތިމާމެންގެ ގާނޫނީ ޒިންމާއެއް އޮތްކަން ނޭނގޭތާގައި ނުވަތަ ހަނދާން ނައްތާލިއިރު އެމީހުންގެ އިންސާނީ ވާޖިބުގެ މަތީން ވެސް ހަނދާން ނައްތާލީއެވެ. މިހާދިސާގެ ޝަރީޢަތް ހިންގައި އެމީހުންނަށް ހައްގު އަދަބު ދައުލަތުން ދިނެވެ.

އެހެންވީމާ މިއަދު އިބްތިހާލުގެ މަންމަ، އާފިޔާއަށް އަދަބު ދިންއިރު އެހާދިސާގެ ވަށައިގެންވާ މާހައުލުގައި ހިމެނޭ މިދެންނެވި ފަދަ ގާނޫނީ ގޮތުން ޒިންމާ ނަގަންޖެހޭ ފަރާތްތަކުން އެ ޒިންމާ ނުނަގާ ކަމަށްވާނަމަ އެމީހުންގެ މައްޗަށް ޝަރީއަތް ހިންގައި ޒިންމާ އަދާކޮށްފައި ނުވާނަމަ އެކަމުގެ އަދަބު ދޭން ޖެހޭނެއެވެ. އެންމެ ކުޑަ މިނުން އެކަމުގައި އެމީހުންގެ އިހުމާލެއް ވާކަމާއި ޒިންމާއެއް އަދާނުކޮށް ވާކަން އެމީހުންނަށް ވެސް އަދި މުޖުތަމަޢަށް ވެސް އެނގެން ޖެހޭނެއެވެ. އެހެން ނޫނީ އިބުތިހާލަށް ފުރިހަމައަށް އިންސާފު ހޯދައިދިން ކަމަކަށް ބަލައެއް ނުގަނެވޭނެއެވެ. އެކުއްޖާފުޅު އެޝަކުވާ ތާއަބަދުމެ ކުރާނެއެވެ.

ދެން އޮތީ މިހާދިސާއަށް ފަހު ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި ފަރާތްތަކަށް އެއްވެސް ފިލާވަޅެއް ލިބުނުތޯ އުފެދޭ ސުވާލެވެ. އެއްވެސް ކަމެއް އިސްލާހު ކުރެވިއްޖެތޯ ކުރެވޭ ސުވާލެވެ. ތިމާމެންގެ ޒިންމާތައް އިތުރަށް ފުރިހަމަ ކުރަން ޖެހޭތޯއާއި އެޒިންމާތައް އިތުރަށް ފުރިހަމަ ކުރަން ކުރެވުނީ ކޮންކަމެއްތޯ އާއިމެދު އުފެދޭ ސުވާލެވެ.

މިސުވާލުތަކުގެ ޖަވާބުގައި ހަމަ ދަންނަވަން ޖެހެނީ ނޫނެކޭ އެވެ. މިދެންނެވި ހިތްދަތި ހިތާމަވެރި ހާދިސާއަށް ފަސް އަހަރުވެގެން ދާއިރު ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މިފަދަ އެތައް ހާދިސާއެއް ހިނގައިފިއެވެ. އެތައް ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކޮށް ޖިންސީ އަނިޔާ ލިބިއްޖެ އެވެ. އިބްތިހާލު ފަދަ އެތައް ތުއްތު ކުދިންނަކަށް އޭގެ ފަހުން ވެސް މުޖުތަމަޢުގެ އިހުމާލު ވުމާއި މުއައްސަސާ ތަކާއި އިދާރާތަކުގެ އިހުމާލުން އެތައް އަނިޔާއެއް ލިބިއްޖެއެވެ. އެތައް ކުއްޖަކު އަނިޔާގެ ވަކި ތަކުގެ ދަށުގައިވެ އެތައް ކުދިންނެއްގެ މުސްތަގުބަލު ބަނަވެ ތާއަބަދަށް އެއަނިޔާތައް ތަހައްމަލު ކުރަން ޖެހޭފަދަ ކުދި ބަޔަކަށް ވެއްޖެއެވެ. އިބްތިހާލު ފަދަ އުމުރުން ތިން އަހަރު ނުފުރޭ އެތައް ތުއްތު ކުއްޖަކު ރޭޕްކޮށްފިއެވެ. އުމުރު 18 އަހަރުން ދަށުގެ އެތައް ކުދިންނަކަށް ޖިންސީ ގޯނާކޮށް ރޭޕްކޮށް އެކުދިންގެ ހަޔާތް ތާއަބަދަށް އަނދިރިކޮށްލައިފިއެވެ. މިފަދަ ގިނަ މައްސަލަ ތަކުގައި ލިބެންޖެހޭ ހަލުއިކަމާއެކު ފުރިހަމަ އިންސާފެއް ނުލިބެއެވެ.

ތުއްތު އިބްތިހާލުގެ މަރުގެ ހާދިސާއިން އިބްރަތް ލިބިގަނެ، ފިލާވަޅު ދަސްނުކޮށް، އިސްލާހުކުރަން ޖެހޭ ކަންކަން އިސްލާހު ނުކުރާނަމަ އަދި މީގެ ފަސް އަހަރު ފަހުން ވެސް އެވާހަކަ ލިޔަން ޖެހޭނެއެވެ. އެހަނދާން އާކޮށް އެވާހަކަތައް ކިޔައިދޭން ޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން