ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (މ)
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (މ)
ނޮވެމްބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް އިންތިޤާލީ އިންސާފުގެ ދޮރު ތާށި ނުވާނެތޯ ވިދާޅުވެ ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ސުވާލު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ މި ހުސްވި ނޮވެންބަރު މަހުގެ 29 ވީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ފާސްކުރެއްވި އިންތިޤާލީ އިންސާފުގެ ބިލު މިމަހުގެ 17 ވަނަ ދުވަހު ތަޞްދީޤުކުރައްވައި، އެ ޤާނޫނުގެ ދަށުން އުފައްދަންޖެހޭ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް ވެސް އުފައްދަވާފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝިޔާމް ވިދާޅުވީ، އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހަށް އެންމެ ފުރަތަމަ ވަޑައިގަންނަވާ ފަރާތްތަކަކީ 3 ނޮވެމްބަރުގެ ޢުދުވާނުގައި ޝަހީދުވި އަބްޠާލުންގެ ޢާއިލާތަކާއި ޢަބްދުﷲ ޤާޟީގެ ޢާއިލާ ކަމުގައި ވެއްޖެނަމަ، އެ އޮފީހުގެ ދޮރު ނުހުޅުވި ތާށިނުވާނެބާއޭ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ.



އިންތިޤާލީ އިންސާފުގެ ބިލަކީ ބަދަލުހިފުމުގެ ރޫޙުގައި އެކުލަވާލާފައިވާ ބިލެއް ކަމަށާއި، އެބިލްގެ ސަބަބުން ފިތުނަ ފަސާދަ އުފެދި އިޖުތިމާޢީ ހަމަޖެހުން ގެއްލިގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެބިލް ތަސްދީޤު ކުރުމަކީ އަމިއްލައަށް ކަށްވަޅު ކޮނުން ކަހަލަ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިމޭރުމުން ވާހަކަ ދައްކަވާފައި ވާއިރު ރައީސް ނަޝީދު ވަނީ އިންތިޤާލީ އިންސާފުގެ އޮމްބަރޑްސްމަންގެ އޮފީހުން ހޯދޭ ޙައްލުތަކުގެ ތެރޭގައި ތެދު ހާމަ ކުރުމާއި މާފް ކުރުން ހިމެނޭ ކަމަށާއި، އަދި ބަދަލު ދިނުންވެސް ހިމެނޭނެ ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން އެ ޤާނޫނުގެ ސަބަބުން ރާއްޖޭގައި ސުލްޙަ މަސަލަސްކަން ޤާއިމް ކުރެވޭނެ ކަމަށާއި، ރުޅިވެރިކަން ނައްތާލައި ހަސަދަވެރިކަން ފިލުވާލެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޝިޔާމް ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ، ރައީސް ޔާމީން ޖަލުގައި އޮތުމަކީ އެއްގޮތަކަށްވެސް އެދޭކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެކަމަށްވެސް ރައްދު ދެއްވާފައެވެ. ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނަކީ ކޮންމެގޮތެއް ވަރިހަމަ ބޭފުޅެއް ނޫން ކަމަށާއި، ރައީސް ޔާމީންގެ ތަފާތަކީ އަދި ކާމިޔާބީއަކީވެސް އެއީ ކަމަށެވެ. އަދި ރައީސް ޔާމީނަކީ ހަމަޔާ އުސޫލް ހިފަހައްޓަވައި އަމިއްލަ ނަފްސަށްވުރެ ޤައުމާއި ރައްޔިތުން އިސްކުރަށްވާ ބޭފުޅެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމު އިތުރަށް ވިދާޅުވީ ރައީސް ޔާމީނަކީ ކުރުމަގަށްވުރެ، ރަނގަޅުމަގު ޚިޔާރު ކުރަށްވާ މާދުރު ފެނިވަޑައިގަންނަވާ ވަޠަނީ ބޭފުޅެއް ކަމަށެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ނޮވެންބަރު 3ގައި ޝަހީދުވި މީހުންގެ އާއިލާތަކާއި ޢަބްދު ޛ ގާޒީއަށް އިންސާފު ލިބޭނެކަމާމެދު ޝިޔާމު ސުވާލު އުފައްދަވާފައިވާއިރު ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ޚާއިނުންނާ ގާތްގުޅުމެއްބާއްވައި އެމީހުން މިނިވަންކޮށް އެދުވަހުގެ ހާދިސާގެ ކަންކަން އޮއްބާލުމަށް މިހާރުގެ ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުން މަސައްކަތް ކުރައްވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

އަދި އަބްދުﷲ ގާޒީ އަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ޝަރުޢީ ނިޒާމުން ބޭރުން ހައްޔަރުކޮށްގެން ގެންގުޅުނު ފަނޑިޔާރަކަށްވާތީ އެގާނޫނުގެ ދަށުން އޭނާއަށް އިންސާފު ލިބޭނެ ކަމާއި މެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދަވަނީ ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން