ހުޅުމާލޭގެ މަންޒަރެއް (ފޮޓޯ: ރަސް)
ހުޅުމާލޭގެ މަންޒަރެއް (ފޮޓޯ: ރަސް)
ކޯވިޑް-19 އާއި ގުޅިގެން މާލޭ ސަރަޙައްދަގައި ރޭގަނޑު 00:00ގެ ފަހުން ބޭރުގައި އުޅުން މަނާކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާން ކޮށްފައިވާ ކާފިއު އުވާލައިފިއެވެ.

ކޮވިޑާއި ގުޅިގެން އެޗްޕީއޭ އިން ކާފިއު އިއުލާން ކުރީ ރޭގަނޑު 00:00 އިން ފެށިގެން ފަތިހު 4:00 އާއި ހަމައަށެވެ. އެޗްޕީއޭ އިން ބުނީ މިރެއިން ފެށިގެން މާލެ ސަރަހައްދު (މާލެ، ވިލިމާލެ، އަދި ހުޅުމާލެ) ގައި 00:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކުރުން ބާތިލް ކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް އެހެނިހެން ފިޔަވަޅުތަކާއި ލުއިތަކާއި އިސްތިސްނާތައް އެގޮތަށް ދެމި އޮންނާނެ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވި އެންގުމުގައިވެއެވެ.

އެ އެންގުމުގައި ބުނެފައި ވަނީ އެ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށެވެ. އަދި، އެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް އެންގުމުގައިވެއެވެ.

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ރާއްޖޭގައި އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކޮށްފައިވަނީ، މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. މިމުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްފައިވާއިރު، އެންމެ ފަހުން ކުރި ޢިއުލާނުގައިވާގޮތުން ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ ޖެނުއަރީމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދެމި އޮންނާނެެވެ.

ރާއްޖެއިން މިހާރު ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ މަދުވަމުންނެވެ. މިއަދުވެސް 26 މީހަކު މި ބައްޔަށް ޕޮޒިޓިވްވިއިރު 13،444 މީހަކަށް މިބަލި ވަނީ ޖެހިފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 12،836 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 553 ގައެވެ. އަދި މިބަލި ޖެހިގެން 48 މީހަކު ވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން