ގއ. ވިލިނގިލި، ލައިޓްހައުސް ޝަހީބު އިބްރާހީމް (މ).
ގއ. ވިލިނގިލި، ލައިޓްހައުސް ޝަހީބު އިބްރާހީމް (މ).
މަސްތުވާތަކެތީގެ ބޮޑު ނެޓުވޯކެއްގެ އިސްވެރިޔެއް ކަމަށް ފުލުހުން ތުހުމަތުކުރާ ޕީއެންސީގެ ކައުންސިލް މެމްބަރު ގއ. ވިލިނގިލި، ލައިޓްހައުސް ޝަހީބު އިބްރާހީމްގެ މައްޗަށް 75 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ތިން ދައުވާއެއް ޕީޖީ އޮފީހުން އޭނާގެ މައްޗަށް އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ޝަހީބުގެ މައްޗަށް ދަޢުވާކޮށް އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ އިއްޔެއެވެ.

ޕީޖީ އޮފީހުން ޝަހީބަށް އުފުލާފައިވާ ދައުވާތަކަކީ، ޑައިމޯފީން ޓްރެފިކް ކުރުމާއި، މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމާއި، މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ރާއްޖެ އެތެރެކުރުމުގެ ދަޢުވާއެވެ. މީގެން ކޮންމެ ދަޢުވާއެއްގެ އަދަބަކީ 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކު ޖޫރިމަނާކުރުމެވެ. އެހެންކަމުން މި ދަޢުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 75 އަހަރުގެ ޖަލު ޙުކުމެއް އިއްވާނެއެވެ. ޝަހީބު މިހާރު ހުރީ އޭނާގެ ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައެވެ.

މިދިޔަ އޮގަސްޓް މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިިމެނޭ ޝަހީބް ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލީ މިދިޔަ އޮކްޓޯބަރ މަހުއެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. ހައިކޯޓުން ވަނީ ޝަރީއަތް ނިމެންދެން ޝަހީބު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އަދި ސުޕްރީމް ކޯޓުންވެސް ވަނީ ހައިކޯޓުގެ ޙުކުމަށް ތާޢީދުކޮށްފައެވެ.

އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރަކަށްހުރި ޝަހީބުގެ މި ޑްރަގް ނެޓްވޯކުގައި އިތުރު ބަޔަކު ވެސް ހިމެނެ އެވެ. ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަންގައި ހަތް މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން އިސްކޮށް އުޅުނުކަމުގެ ތުޙުމަތުގައި ހައްޔަރުކުރި 2 މީހެއްގެ މަޢުލޫމާތު ފުލުހުން ވަނީ އާއްމުކޮށްފައެވެ. އެއީ ހއ. ހޯރަފުށި ވައިލެޓްވިލާ، ޢުމުރުން 48 އަހަރުގެ އަޙުމަދު މޫސާއާއި، ގއ. ވިލިނގިލި، ލައިޓްހައުސް، ޢުމުރުން 42 އަހަރުގެ ޝަހީބް އިބްރާހިމެވެ.

ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއްކަމަށް ފުލުހުން ބުނެއެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމް އާއި ޖާމިނުކޮށް އީރާން 7 މީހުން ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލާފައިވާކަން ފުލުހުން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން