ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް
ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް
މިއަދާއި މާދަމާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޚިދުމަތްތައް ދޭނީ އޮންލައިންކޮށް ކަމަށާއި، އެހެންނަމަވެސް މި ދެދުވަހުވެސް ބޭންކުން ދޭނީ ބައެއް އަސާސީ ހިދުމަތްތައް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން ބުނީ 19 އޭޕްރިލް ވާ އާދިއްތަ ދުވަހާއި 20 އޭޕްރިލް ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 12:30 އަށް ބައެއް އަސާސީ ބޭންކިންގެ ޚިދުމަތްތައް ދިނުމަށް އެ ބޭންކުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޕޭ ރޯލްގެ ޚިދުމަތަށް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެ ކަމަށާއި، އެ ޚިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލު ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

އަދި ޓީޓީގެ ޚިދުމަތް ހޯދުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިހެން ލިޔުންތައް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް އެޚިދުމަތަށް ހުށެހެޅޭނެ ކަމަށް ބޭންކުން ބުނެފައި ވެއެވެ.

މި ދެ ޚިދުމަތް ވެސް މި ދެދުވަހުގެ ހެނދުނު 11:30ގެ ކުރިން ހުށަހަޅައިފިނަމަ އެދުވަހަކު ޕްރޮސެސްވާނެ ކަމަށް ވެސް ބޭންކުން ބުނެފައި ވެއެވެ.

ބީއެމްއެލުން ބުނީ، މިއަދާއި މާދަމާވެސް ބުރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށެވެ. ނަމަވެސް ހުއްދަ ލިބިފައިވާ ކަސްޓަމަރުންނަށް ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެ ކަމަށާއި މިގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 200،000 ރުފިޔާ އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 50،000 ރުފިޔާ ޖަމާކުރެވޭނެއެވެ.

މާލެ ސަރަހައްދުގައި ލޮކްޑައުންގެ ހާލަތު އިއުލާންކޮފައި އޮތްނަމަވެސް މާދަމާ އާއި ހޯމަ ދުވަހު ބޭންކުތައް ހުޅުވާނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އެމްއެމްއޭ އިން އިއްޔެ ބުނެފައިވަނީ ކުރިއަށް އޮތް ދެ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 12:30 އަށް އެމްއެމްއޭ އާއި ބޭންކުތައް ހުޅުވިނަމަވެސް ދޭނީ އެންމެ ޒަރޫރީ ޚިދުމަތްތައް ކަމަށެވެ.

ބީއެމްއެލުން ބުނެފައިވަނީ، އެ ބޭންކުން އެންމެ އިސްކަމެއް ދެނީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށެވެ. އެހެންކަމުން ލޮކްޑައުންގެ މުއްދަތުގަައި ގޭގައި ތިއްބަވައިގެން ބޭންކިން ހިދުމަތް ހޯއްދެވުމަށް ބާރުއެޅުމުގެ ގޮތުން ބޭންކުގެ ހުރިހާ ބުރާންޗަކާއި ސާވިސް ސެންޓަރުތައް ބަންދުކޮށްފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން