[އަހަނ ނުވެސް ނިދަނީތަ؟] ކޮޓަރިން ނުކުމެގެން އައިސް ބޮޑު ކޮޓަރިއަށް ވަން ފާއިޒާއަށް ޒަހީން ތާއްޔާ ޖެހިޖެހި ހުއްޓާ ފެނުމުން އެއްސެވެ.

[އަހަރެންވެސް ނަމާދަށް ދާން ވެގެން ތެދުވީ.] ޒަހީންގެ ހިތްހަމަޖެހުނީ ދެނެވެ. އެ ކޮޓަރިން އެއްވެސް ނުރައްކަލެއް ނުހިނގާކަން އެނގުނީމައެވެ.

[ކޮބާ ޝާއިން. ބައްޕަވެސް އެބައޮތްދޯ ނިދާފައި.....] ޒަހީނަށް އަދިވެސް ޝައްކުވަނީއެވެ. އޭނާއަށް އޭނާގެ ދަރިފުޅާ ދޭތެރޭ އިތުބާރެއް ނެތެވެ.

[އެބަތިބި ނިދާފައި. ކިހިނެއްވީ ދަރިފުޅު ހާދަ ހާސްވެފައި. ނަމާދުކޮށްފިންތަ؟] ފާއިޒާއަށް ޒަހީންގެ މޫނުމަތިން ފާޅުވެގެންދިޔަ ހާސްކަމާއި ނުތަނަވަސްކަން ފާހަގަކުރެވުނެވެ.

[ހާ....ހާހެއް ނުވަން. ދެން މަންމަ ދޭ އަވަހަށް ނަމާދުކޮށްލަން.] ޒަހީން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ.

ޒަހީން އެތެރެއަށް ވަދެ ދޮރު ލައްޕާލި އަޑަށް ޝިޒްނީ ހޭލިއެވެ.

[ކޮންތާކު އުޅެފައިތަ ތިޔައައީ؟] ޝިޒްނީ އަހާލިއެވެ.

[މިއީ.....ނޭނގޭތަ ދަންވަރު އަހަރެން ދާނެ ތަނެއް.] ޒަހީން އޮށޯވެލިއެވެ.

[އާނ...އާނ...ޝާއިން ދިޔަ ތަނެއް އެނގުނުތަ؟] ޝިޒްނީ ޒަހީންގެ މޭމަތީގައި ބޯއަޅާލަމުން އެއްސެވެ.

[އެސޮރެއް މިރެޔަކު ބޭރަކަށް ނުނުކުމޭ. އެހެންވެ އަހަރެން މިހުރިހާއިރު ވަންދެން ބޮޑު ކޮޓަރީގައި ހޭލާހުރީ.] ޒަހީން އޮތީ ހަމަޖެހިފައެވެ.

[މަންމަމެން ކޮޓަރި ބެލިންތަ؟] ޝިޒްނީ ސުވާލުކޮށްލިއެވެ.

[އާނ...ނެތް އެއްވެސް ނުރައްކަލެއް. ޝާއިންވެސް އެބައޮތް ނިދާފަ.] ޒަހީން އޮޅުންފިލުވައިދިނެވެ.

[ތިޔަހެންވީއިރު ކޮންމެ ރެޔަކު ނުދެއެއްނު. ކޮންމެ ބުރާސްފަތި ވިލޭރެއަކަށް ވިސްނަންވީ.] އެއީ ޝިޒްނީ ލަފާކުރިގޮތެވެ.

މިގޮތަށް ދުވަސްތައް ފާއިތުވަމުން، މާޒީގެ ޞަފްޙާތަކަށް ތަފާތު ކަންތައްތައް އިތުރުވަމުންދެއެވެ. މިގޮތުން ޒަހީންގެ ޙަޔާތުގެ ޞަފްޙާތަކުގައިވެސް ޖެހެމުން އައީ ތަފާތު ކުލަތަކެވެ. އުފަލާއި ހިތްހަމަޖެހުން، ވޭނާއި ހިތާމައިން ފުރި ލާމެހިފައިވާ ދުވަސްތަކެވެ.

އެފަދައިން މިއަދަކީ ޒަހީންގެ ޙަޔާތަށް އައި އުފާވެރި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އޭނާ ރައްޓެހިންނާއެކު، ޢާއިލާ އެއްކޮށް ގޮވައިގެން ދަތުރު ދިޔުމަށް ނިންމީވެސް މިއަދެވެ.

[ދަރިފުޅާ މިއަދު ބައްޕަމެން މިއުޅެނީ ކުޑަބަނޑޮހަށް ދަތުރު ދާން. ދަރިފުޅު ނުދާނަންތަ؟] ޒަހީން ވާހަކަ ދެއްކީ، އޭނާގެ ދަރިފުޅު ޝާއިނާއެވެ.

[މިއަދަކީ ހާދަ އަވިވެސް ގަދަ ދުވަހެކޭ. ހޫނުވަންޏާ އަޅުގަނޑަށް ވަރަށް އުނދަގޫވާނެ.] އެއީވެސް ތެދެކެވެ. އިރުންވާ ހޫނަކީ އޭނާގެ ހަށިގަނޑަށް ވަރަށް ނުރައްކާތެރި އެއްޗެކެވެ. އޭނާގެ ޢުމުރުން ފަނަރަ އަހަރު ފުރުނު ފަހުން ހަފްތާއަކު ކޮންމެވެސް އެކެއްގެ ފުރާނަ ނުދާ ހަފްތާއެއް ފާއިތެއް ނުވެއެވެ. އެހެނަސް ގިނަ މަރުގެ ޚަބަރު ޒަހީނަކަށް ނުލިބެއެވެ. ޒަހީން ހަމަޖެހިފައި ހުންނަނީވެސް އެހެންވެއެވެ. އޭނާ މިހާރު ހީކުރަނީއެވެ. އޭނާގެ ދަރިފުޅަކީ ރާނިޔާ ބުނިކަހަލަ މެންދަމަށް ނުރައްކާ ކުއްޖެއް ނޫނެވެ.

ޝާއިން އޭނާގެ އަތުން މަރުވާ ކޮންމެ މީހެއްގެ ލޭވެސް ބޮއި ހުސްކުރެއެވެ.

[އެ ރަށް އެހާ ހޫނެއް ނުވާނެޔޭ. ރީތި ގޮނޑުދޮށެއްވެސް އޮންނާނެ. ދަރިފުޅުވެސް ދާންވާނެ.] މިފަހަރު ޝާއިނާ ވާހަކަ ދެއްކީ ޝިޒްނީއެވެ.

[އެންމެ ރަނގަޅު. މަންމަމެން ތިހާވަރަށް އެދެންޏާ، ދެން ދާނީދޯ؟] ޝާއިން އެއްބަސްވިއެވެ.

އެދުވަހު އެމީހުންނަށް ކުޑަބަނޑޮހަށް ދެވުނުއިރު، ހެނދުނު އެގާރަޖަހާ ބޮޑުވެއްޖެއެވެ. ރަށަށް ފޭބުމާއެކު، ޝާއިން ދުއްވައިގަތީ، ރަށުގައި އޮންނަ ތުނޑި ބަލާލާށެވެ. ޝިޒްނީ ބުނިގޮތަށް އެރަށަކަށް އެހާ އަތްވެއްވެސް ނުދެއެވެ. މުޅި މާޙައުލުގައި ވަނީ ތެތްފިނި ވައިގެ އަސަރެވެ. ހީވަނީ ރަށްއޮތީ ޝާއިނަށްޓަކައި ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ހެންނެވެ.

ހިނގަމުން ހިނގަމުން ގޮސް ޝާއިން މަޑުކޮށްލީ، ތުނޑި ކައިރީގައި ހުރި ޖޯލިފައްޗެއްގެ ކައިރީގައެވެ. އެވަގުތު އެޖޯލިފަތީގެ އެއްކޮޅުގައި ވަރަށް އެކަނިވެރި ގޮތަކަށް ކޮންމެވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިން އަންހެން ކުއްޖަކު ފިޔަވައި އިތުރު އެއްވެސް މީހަކު، ކައިރި ހިސާބަކުންވެސް ފެންނާކަށް ނެތެވެ.

ބަލާލުމުން އެ އަންހެން ކުއްޖާއަކީ، ތޭރަ ސާދަ އަހަރުގެ އަންހެން ކުއްޖަކާ ވައްތަރުވެއެވެ. އެކުއްޖާ ފުރަތަމަ ފެނިލުމުންވެސް ޝާއިނަށް ހީވިއެވެ. އެކުއްޖާއަކީ އޭނާއާ ބުނަން ނޭނގޭފަދަ ގުޅުމެއްވާ ކުއްޖެކެވެ.

[ހާދަ ފިކުރުބޮޑުހެން ހީވެޔޭ. އެކަނިތަ މިރަށަށް އައިސްގެން ތިޔައުޅެނީ.] ޝާއިން އެ އަންހެން ކުއްޖާއާ ގާތަށް ޖެހިލަމުން، ވާހަކަ ދެއްކިއެވެ. އެ ކުއްޖާ ގުޑާވެސް ނުލައެވެ. އިންގޮތަށް އެފިކުރުމަތީގައި އިނީއެވެ. ޝާއިން ދެރަވާހިތެއް ނުވިއެވެ. އެ ކުއްޖާ ލައްވާ ވާހަކަ ދެއްކުވުން އެއީ އޭނާގެ މަޤްޞަދަކަށްވިއެވެ.

[ހާދަ ފޮނި ކުއްޖެކޭ. ހެވޭ ވާހަކަ ނުދެއްކިޔަސް އަހަންނަށް ތިޔަކުރާ ހިތާމަތަކުގެ ސިއްރު ބުނެދީފާނަންތަ؟] ޝާއިން އެކުއްޖާއާ ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. އެކުއްޖާ އިސްއުފުލާވެސް ނުލިއެވެ.

[ވާހަކަ ނުދައްކާނަންދޯ. އެހެންވީއިރު އަހަރެން ދަނީ.] ޝާއިން ގުދުވެ، އެކުއްޖާގެ މޫނަށް ބަލާލިއެވެ. އެވަގުތު އެކުއްޖާގެ ދެލޮލުން ފައިބަން ފެށި ކަރުނަތައް ޝާއިނަށް ފެނުނެވެ.

[އޭ....ރޮނީތަ؟ ބުނެގެންނުވާވަރުގެ ބަހެއް ބުނެވުނީނަމަ މަޢާފްކުރޭ. އަހަރެން ހިއެއްނުކުރަން، ތިހާ ހިތްދެރަ ކުއްޖެއް ކަމަކަށް.] އެކުއްޖާގެ ލޮލުން ފައިބަން ފެށި ކަރުނަތައް ފެނުމުން، ޝާއިން ދެރަވެއްޖެއެވެ. ޝާއިން މިހެން ބުނުމުން، އެކުއްޖާ އިސްއުފުލައި ޝާއިންގެ މޫނަށް ބަލައިލިއެވެ.

[އަހަރެން މިތާ ހުރެގެން ނުވާނެތަ؟ ނޭދޭ ކަމަށްވަނީނަމަ، އަހަރެން ހިނގައިދާނަން. ދާންވީތަ؟] ޝާއިން އެކުއްޖާ ވާހަކަ ދައްކާތޯ ކުރެވުނުހާ މަސައްކަތެއް ކުރަމުން ދިޔައެވެ. އެކުއްޖާ ނޫނެކޭ ބުނާފަދަ ގޮތަކަށް، ބޮލަށާއި އަތަށް ޙަރަކާތެއް ގެނައެވެ. އެ ޙަރަކާތުން އެކުއްޖާއަކީ ވޭނީ ހިތާމަތަކެއް ތަޙައްމަލް ކުރަމުންދާ ކުއްޖެއްކަން އެނގެއެވެ.

[އަހަރެން މިހާ ގިނައިން ވާހަކަ ދައްކާއިރުވެސް ވާހަކަ ނުދައްކާނަންތަ؟ ބޭނުންވަނީ އަހަރެން ލަދުގަންނަވަންތަ؟] އެކުއްޖާ ވާހަކަ ނުދެއްކުމުން ޝާއިން މާޔޫސްވިއެވެ.

އެވަގުތު އެކުއްޖާގެ ލޮލުން ކަރުނަ އޮހިގަތްލެއް އަދި ވަކިން އިތުރެވެ.

[އަހަންނާ ވާހަކަ ދައްކަން ބޭނުން ނުވަންޏާ، މިތާ ބިންމަތީ އަމިއްލަ ނަން ދިވެހިން ލިޔަން ކެރިދާނެތަ؟] އެކުއްޖާ ރޯތަން ފެނުމުން މިފަހަރު ޝާއިންވެސް ހުރީ ފެންކަޅިވެފައެވެ. އެވަގުތު އެކުއްޖާ ޝާއިންއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ޝާއިން ރަކި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވިއެވެ. އެ އަންހެން ކުއްޖާ ޝާއިނަށް ބަލަން އިނދެފައި ޖޯލިން ތެދުވިއެވެ. އޭނާ ޖޯލިން ތެދުވެ ބިންމަތީ އޭނާގެ ނަން ލިޔުނުއިރުވެސް ޝާއިނަށް ހުރެވުނީ، އެ ޙަރަކާތްތަކަށް ބަލަން ހުއްޓިފައެވެ.

ޝާއިން ހަމައަކަށް އެޅުނީ ބިންމަތީ ނަން ލިޔުމަށްފަހު، އެކުއްޖާ ޖޯލީގައި އިށީނީމައެވެ.

[ހަވާ މިއީ އަޞްލު ނަންތަ؟] އޭނާ ބިންމަތީ ލިޔުނު ނަން ކިޔާލަމުން ޝާއިން އަހާލިއެވެ. ހަވާ އާއެކޭ ބުނުމުގެ އިޝާރާތެއް ބޮލުން ކޮށްލިއެވެ.

[ހަވާ ބުނެފާނަންތަ؟ ތިޔަ ރޯ ރުއިމުގެ ސަބަބު. އަހަރެން ބޭނުން ހަވާއަށް އެހީވަން.] ހަވާއާމެދު ޝާއިންގެ ހިތުގައި ނޭނގޭ ޝައުޤެއް އުފެދޭން ފެށިއެވެ. ޝާއިން މިހެން އެހުމުން، އޭނާއަށް ބޮޑަށް ރޮވޭގޮތްވިއެވެ. އެވަގުތު އޭނާ ވާހަކަ ދައްކަން އުޅުނުހެންވެސް ހީވިއެވެ.

އެވަގުތު އެދިމާލަށް އަންހެނަކު އަންނަނިކޮށް ޝާއިންނަށް ފެނުނެވެ.

[ހަވާ! މީހަކު އެބައާދޭ. ދެން ނުރޮއެ ހުއްޓާލާ. އެމީހާ ހިތަށް އަރާނީ ކީކޭ؟] ޝާއިން މިހެން ބުނުމުން، ހަވާ އެމީހާ އަންނަ ދިމާލަށް ބަލާލިއެވެ. އެމީހާ ފެނުމާއެކު، ހަވާ ފޫހި ފާޑަކަށް ދެލޮލަށް ގިނަވެފައި ހުރި ކަރުނަތައް ފޮހެލިއެވެ.

[އޭތް...ހަވާ! ކަލޭ މިތާ ކީއްކުރަނީ؟] ވަރަށް ހަރުކަށި އަޑެކެވެ. އެމީހާ ހަވާމެން ތިބި ޖޯލިފައްޗާ އަރާ ހަމަކޮށް ވާހަކަ ދެއްކިއެވެ. އެމީހާ ކައިރިވުމުން ހަވާއަށް ހީވީ ބިރެއް ފެނުނުހެންނެވެ.

[މި ނުކުޅެދޭ ކުއްޖާގަނޑު. އަހަރެންގެ ސަބަބުންތަ، ކަލެއަށް ވާހަކަ ނުދެއްކެނީ. ކަލޭ ކައިރީ ކިތައްފަހަރުތަ ބުނީ، މިދަތުރު އަންނާނެ ކަމެއްނެތޭ. މިދެން ވަރަށް ފޫހިވާ ޒާތަކަށް އުޅޭ ކުއްޖާގަނޑެއް.] އެ އަންހެން މީހާ ހުރީ ވަރަށް ރުޅިއައިސްފައެވެ.

ޝާއިނަށް ހަވާގެ ހިތާމަތަކުގެ ޙަޤީޤަތް އެނގެން ފެށިއެވެ.

[ކަލޭ ކަލޭގެ ތިޔަ މަންމަން ބަހުރުވައިން މާފޮޅުވަން އިންނާނެ ކަމެއް ނެތް. އަހަންނާއެކު އާދޭ. ނައިއްސިއްޔާ މާލެގޮސް ކަލޭގެ ބައްޕައަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން.] އެ އަންހެންމީހާ އެތިވަރު ގޮވަމުން ހިނގައިގަތެވެ. އެމީހާ ވާހަކަ ދެއްކި ގޮތުން އެއީ ހަވާގެ މަންމަ ނޫންކަން ޝާއިނަށް އެނގުނެވެ.

[ހަވާ....ހަވާގެ ޙާލަތަށް އަހަރެން ހަމްދަރުދީވަން. ބުނެދީބަލަ އެއީ ހަވާގެ ކާކު؟ އަހަންނަށް ހެޔޮ، ހަވާގެ ކޮންމެ މީހަކަށްވިޔަސް. އެމީހާއަކީ އެއްވެސް ރަޙުމެއް ނެތް މީހެއް.] އެ އަންހެން މީހާ ވާހަކަ ދެއްކިގޮތުން ޝާއިން ހުރީ ވަރަށް ރުޅިއައިސްފައެވެ. ހަވާ އެއީ އޭނާގެ ކާކުކަން ބިންމަތީގައި ލިޔެގެން ޝާއިނަށް ބުނެދިނެވެ.

[ދޮންމަން!]

އެހެންވީމާ ދޯ އެހާ ރަޙުމް ކުޑައީ. އެއީ ބައެއް ދޮންމަންމައިންގެ ފާޑޭ.....އަހަރެން ބޭނުން މާލެ ގޮސްވެސް ހަވާއަށް އެހީތެރިވާން.] ޝާއިން ހަވާއަށް އެހީތެރިވާން ބޭނުންވިއެވެ. ހަވާ، ބިންމަތީގައި އޭނާގެ މާލޭގެ އެޑްރެސް ލިޔުނެވެ. ޝާއިން އޭނާގެ ސިކުނޑިއަށް އެ އެޑްރެސް ނޯޓްކުރިއެވެ.

[ހަވާއަށް ދޮންމަންމަ ވަރަށް އަނިޔާކުރޭ ދޯ؟] ޝާއިން އެއްސެވެ. ހަވާ އާއެކޭ ބުނާފަދަ ގޮތަކަށް ބޯޖަހާލަމުން، ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލިއެވެ.

[ދެންވެސް އަވަހަށްދޭ. ލަސްވެއްޖިއްޔާ އޭނާ އަނިޔާ ކޮށްފާނެ.] ޝާއިން އެދުނެވެ.

[ދިޔުމުގެ ކުރިން ތި ރުއިން ހުއްޓާލާފައި، އެންމެފަހަރަކު ހިނިތުންވެލާބަލަ.] ޝާއިން ޖޯލިން ތެދުވެ ހިނގައިގަތެވެ. ހަވާ ގަދަކަމުން ނަމަވެސް، ހިނިތުންވުމުގެ އަސަރު ތުންފަތްމައްޗަށް ވެރިކުރުވަމުން، ދޮންމަންމަ ދިޔަ ދިމާލަށް ހިނގައިގަތެވެ.

އެދުވަހު ޝާއިންމެންނަށް މާލެ އާދެވުނީ، ހަވީރަށް މާލެތެރެ ފިނިޖެހިފައި ވަނިކޮށެވެ. ގެޔަށް އައިސް ފެންވަރާ ހަދާލައިގެން އެންމެ ފުރަތަމަ އޭނާ ދިޔައީ، ހަވާ ދިން އެޑްރެސް ހޯދައިގެ އެގެޔަށެވެ. އޭނާގެ ނަޞީބު ކަމަށްވެސް ވެދާނެއެވެ. ހަވާ އެގޭ ދޮރާށި ކައިރީ މަގުމަތީގައި ހުއްޓެވެ.

[ހަވާ....އަހަރެން ބޭނުން ހަވާގެ މަޢްލޫމާތު. އެއްޗެއްގައި ލިޔެފައި ދޭންވީނު.] ޝާއިން ހަވާއާ އަރާ ހަމަކުރަމުން އެދުނެވެ. ހަވާ ވާހަކަ ދައްކަން އުޅުނުހެން ހީވިއެވެ. ތުންފަތް ޙަރަކާތް ކުރިއެވެ. އެހެނަސް އަޑެއް ބޭރެއް ނުވިއެވެ. އޭނާއަށް ރޮވެން ފެށުނެވެ. ޝާއިނަށް ޖަވާބުދޭނެ ގޮތެއް ނުވިސްނުނީމައެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު، އަތުގެ އިޝާރާތުން ޝާއިން ކައިރީ މަޑުކުރުމަށް ބުނެފައި، އޭނާ އެތެރެއަށް ވަނެވެ.

ޝާއިން ހަވާ ނުކުންނަންދެން އިންތިޒާރު ކުރިއެވެ. ހަވާއަށް ނުކުމެވުނީ ބައިގަޑިއެއްހާއިރު ފަހުންނެވެ. އޭރު އޭނާގެ އަތުގައި އާދައިގެ ދުއިސައްތަ ޞަފްޙާގެ މޮނިޓަރ ފޮތެއް އޮތެވެ. ހީވާގޮތުން އެއީ އޭނާ ޑައިރީ ލިޔާ ފޮތެކެވެ. އޭނާ އައިގޮތަށް އައިސް އެފޮތް ޝާއިންގެ އަތަށްދިނެވެ.

[ވޭނީ ހަޔާތުގެ ފެށުން...ނިމުން...؟] ޝާއިން ފޮތުގެ ބޭރުގަނޑުގައިވާ ލިޔުންކޮޅު ކިޔާލިއެވެ.

[އަހަރެން މި ގެންދަންވީތަ؟] ޝާއިން ހިނިތުންވެލަމުން އެހިއެވެ. ހަވާ އާއެކޭ ބުނާކަހަލަ ގޮތަކަށް ބޯޖަހާލިއެވެ. ޝާއިންގެ ހިތް އަވަސްވިއެވެ. އެ ޑައިރީ ކިޔާލުމަށް ހިތް އެދެން ފެށިއެވެ.

[އަހަރެން ހަވާއަށް އެހީވާނަން. ހަވާގެ ތި ހިތާމަތަކަށް ލުޔެއް ހޯދައިދޭނަން.] ހަވާގެ ފެންކަޅިވެފައިވާ މޫނަށް ބަލަންހުރެ، ޝާއިން ވާހަކަ ދެއްކިއެވެ. އެވަގުތު އޭނާގެ ތުންފަތް ޙަރަކާތް ކުރިގޮތުން، ވާހަކައެއް ބުނަން އުޅުނުހެން ހީވިއެވެ.

[އެއްޗެކޭ ބުނަންތަ ތިޔައުޅުނީ؟] ޝާއިނަށް އެކަން ފާހަގަކުރެވުމުން އަހާލިއެވެ. ޝާއިން މިހެން އެހުމުން، ހަވާއަށް ހިފަހައްޓައެއްނުލެވުނެވެ. ދެލޮލުން ހޯސްލާފައި ކަރުނަ އޮހިގެންފިއެވެ.

[ހަވާ......ހަވާ! ތިޔަގޮތަށް ރޯތަން ފެނުމުން، އަހަންނަށް ވަރަށް އަސަރުކުރޭ. އާނ....ހަވާ....އަހަރެންގެ ކުރިމަތީގައި ތިގޮތަށް ކަރުނަ އޮހުރުން ހުއްޓާލާ.] ހަވާ ރޯން ފެށުމުން، ޝާއިނަށް ވަރަށް އަސަރުކުރިއެވެ. ދެލޯ ފެންކަޅިވިއެވެ.

[ހަވާ...ތިޔަ ރުއިން ހުއްޓާލާފައި އަވަހަށްވަދޭ. ބޭރުގައި މާލަސްވަންޏާ، ދޮންމަންމަގެ އަނިޔާތަކާ ކުރިމަތިލާން ޖެހިދާނެ. ވަރަށް އަވަހަށް ހަވާ، އެ އަނިޔާތަކުން ސަލާމަތްކޮށްދޭނަން. އަހަރެން މިވަގުތު ދަނީ. މިހާރު މި ހިތުގައިވަނީ މި ޑައިރީ ކިޔާލުމުގެ ޝައުޤު.....] ޝާއިން ކުރިއަށް ހިނގައިގަތެވެ. ކަރުނަތައް ފޮހެލަމުން ހަވާވަނީ އެތެރެއަށެވެ.

ޝާއިން އެދިޔަގޮތަށް ދިޔައީ ގެޔަށެވެ.

ޝާއިން ކޮޓަރިއަށް ވަދެ، އެނދުގައި އިށީނދެ އިނދެ، އެ ޑައިރީ ފެށުނީއްސުރެން ނިމެންދެން ކިޔާލިއެވެ. އެކިޔާ ނިމުމުން، ހަވާގެ ވޭނީ ޙަޔާތުގެ ފެށުން އޭނާއަށް އެނގުނެވެ.

އޭނާއަށް ވާހަކަ ނުދެއްކޭގޮތްވެސް އޭގައި ތަފްޞީލުކޮށް ލިޔެފައި ވެއެވެ. އޭނާއަށް ވާހަކަ ނުދެއްކޭގޮތްވީ، އޭނާގެ މަންމަ މަރުވި ދުވަހު ސިކުނޑިއަށް ލިބުނު ކުއްލި ޝޮކެއްގެ ސަބަބުންނެވެ. އޭނާއަކީ ހާރޓް ޕޭޝަންޓެއްކަންވެސް އެއިން އެނގުނެވެ.

[ދަރިފުޅާ.....ޝާއިން....ކީއްތިކުރަނީ....އާދެބަލަ ސައިބޯން.] ބޭރުން ބައްޕަ ޒަހީން ގޮވާލި އަޑު އިވުނެވެ.

[އާނ....މިނުކުންނަނީ...] ޝާއިން ޑައިރީ އަލމާރިއަށް ލިއެވެ.

[ދަރިފުޅާ އެހެން ދުވަސް ދުވަހު ދުވާލު ބޭރަށް ނުނުކުންނަމެއްނު. އެކަމަކު މިއަދު ކޮންތާކު އުޅެފަތަ ތިއައީ؟] ޒަހީން އެހިއެވެ.

[އަޅުގަނޑު އެހެން ދުވަސް ދުވަހު ނުނުކުންނަނީ ހޫނުގަދަކަމުންނޭ. މިއަދު އެހާ ހޫނެއް ނޫނެއްނު.] ޝާއިން ނުކުތެވެ.

[ހިނގާ އަވަހަށް ސައިބޯން.] ޝާއިން ނުކުތުމުން ޒަހީން ބުންޏެވެ.

ޖެހިގެން އައި ބުރާސްފަތި ވިލޭރޭގެ މެންދަމުގެ ވަގުތެވެ. ހަވާގެ ދޮންމަންމަ ވަދީފާއަށް ހޭލެވުނީ، ކުރިން ނުވާކަހަލަ އިޙްސާސްތަކެއް ވާތީއެވެ. އޭނާ އެނދުން ތެދުވެ ވަށައިގެން ހޯދާލިއެވެ. ގާތުގައި ނިދާފައި އޮތް ފިރިމީހާ ނަސީމް ފިޔަވައި އިތުރު އެހެން މީހަކު ކޮޓަރިއަކު ނެތެވެ.

އެންމެފަހުން އޭނާ ޝައްކު ފިލުވުމަށްޓަކައި ފާޚާނާގެ ދޮރު ހުޅުވިއެވެ. އޭރުވެސް އެތެރެއިން ފާޑެއްގެ އަޑުތަކެއް އިވިއިވި ހުއްޓެވެ. އެހެނަސް އިތުރު މީހަކު ފެންނާކަށް ނެތެވެ. އޭނާ ފާޚާނާއިން ނުކުތީ، އެއީ ބޭރުތެރެއިން އިވޭ އަޑުތަކެއް ކަމަށް ނިންމުމަށްފަހުގައެވެ. އޭނާގެ އެ ނިންމުން ބަދަލުކޮށްލަން ޖެހުނީ، ކޮޓަރިއަށް ވަންނަން ހުރި ދޮރު ހުޅުވެނިކޮށް ފެނުނީމައެވެ.

[ކާ....ކާކު؟] ތަޅުލާފައި ހުރި ދޮރު ހުޅުވޭތަން ފެނުމުން، ވަދީފާ ބިރުގަތެވެ. އެވަގުތު އެތެރެއަށް ވަން ޝާއިން ފެނުމުން، އޭނާ ހަމައަކަށް އެޅުނެވެ.

[ކަލޭ....! ކޮންމެވެސް ތަނަކުން ދުށް ވައްތަރުޖަހާ ކުއްޖެއް....ކަލޭ ކިހިނެއް ދޮރު ހުޅުވީ؟ އާނ ކުޑަބަނޑޮހުގައި ހަވާ ގާތުގައި ޖޯލީގައި އިނީ ކަލޭދޯ؟] ވަދީފާ ހަނދާންވިއެވެ.

[އާނ، އަހަރެން....ދެން ކިހިނެއްވީ؟ އަހަރެން މިއައީ ކަލޭގެ އަނިޔާތަކުން ހަވާ ސަލާމަތް ކޮށްދޭން.] ޝާއިން ރުޅިވެރި އަސަރު މޫނުމައްޗަށް ވެރިކުރުވަމުން ބުންޏެވެ.

[އަހަރެން ކަންތައް ކުރާނެގޮތް އެނގޭނީ އަހަންނަށް. ކަލޭ ތިޔައީ މޮޔަ ކުއްޖެއްތަ؟ ރޭގަނޑު ގޭގެއަށް ވަގަށް ވަދެގެން އުޅެނީ. ސިފައިންގެޔަށް ގުޅަންވީތަ؟] ވަދީފާ ބޭނުންވީ ގޮތުގައި ހިފަހައްޓާށެވެ. ޔަޤީނެވެ. ޝާއިނަށް ލިބިގެންވާ ބާރު އެނގޭނަމަ، އޭނާ އެހެނެއް ނުބުނާނެއެވެ. އޭނާ ވަގުތުން ހަތިޔާރު ބަހައްޓާނެއެވެ.

[އެނމެ ރަނގަޅު. ކަލޭ ކަންތައް ކުރަންވާ ގޮތް އެނގޭނީ ކަލެއަށް. ދެން އޭގެ ބަދަލުގައި އަހަރެން ކަންތައް ކުރާނެގޮތް އެނގޭނީ އަހަންނަށް.] ޝާއިން ހުރީ ވަރަށް ރުޅި އައިސްފައެވެ.

[ކަލެއަށޭ.....ކަލެއަށް ކޮން ކަމެއް ކުރެވޭނީ. ހަމަ މިހާރު މިގުޅަނީ ސިފައިންގެޔަށް.] ވަދީފާ ތެދުވެގެން ގޮސް ފޯނު ނެގިއެވެ. އޭރު ޝާއިންގެ ސިފަ ބަދަލުވާން ފަށައިފިއެވެ. ފޯނުގެ ނަމްބަރުތަކަށް [ޑައިލް] ކުރުމުގެ ކުރިން އޭނާ ޝާއިނަށް ބަލައިލިއެވެ. ހަމަ އެއާއެކު، އޭނާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ކުރިމަތީގައި މިހާރު އެހުރީ ދެންމެ އޭނާއާ ވާހަކަ ދެއްކި ޝާއިނެއް ނޫނެވެ.

[ދެން ކަލޭ.....ސަލާމަތަށް އެދޭނެހާ ވަގުތެއް ނެތް. އަވަހަށް ކަލޭ ގުޅަން ތިގުޅޭ ތާކަށް ގުޅާ. ބުނޭ އަހަރެންނޭ.....އެކަމަކު ބުނަން، އެމީހުންނަށް ވަދެވޭނީ އަހަރެން މިތަނަށް ވެއްދިއްޔާ.....] ޝާއިން ވާހަކަ ދެއްކީ ބިރުވެރި އަޑަކުންނެވެ. ވަދީފާ ފޯނު އެއްލާލުމަށްފަހު، ނިދާފައި އޮތް ނަސީމާ ދިމާލަށް ދުއްވައިގަތެވެ. ސަލާމަތަށް އެދި ގޮވަމުންނެވެ.

އެވަގުތު ޝާއިން ދިއްކޮށްލި އަތުން ހިފުނީ ވަދީފާގެ އުނަގަނޑުގައެވެ.

[ކަލޭ ކިތަންމެ ވަރަކަށް ގޮވިޔަސް އޭނާއެއް ނުތެދުވާނެ.] ސަލާމަތަށް އެދި ރޮމުންދިޔަ ވަދީފާ، ޝާއިންގެ ބާރުގެ ދަށަށް ގެންނަމުން ޝާއިން ބުންޏެވެ. އޭގެފަހުން ވަދީފާއަކަށް އެއްވެސް ބާރެއް ނުދެއްކުނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ޝާއިންގެ ދެމިޔަކަނުން ނުކުމެފައިވާ ދެދަތުގެ އެހީގައި ވަދީފާގެ ފުރާނަ މިދުނިޔެ ދޫކުރިއެވެ. ހަށިގަނޑުގައި ގިނަ ވޭންތަކެއް އެޅުމަށްފަހުގައެވެ. މަރުވުމުގެ ކުރިން އެތައްފަހަރަކު ވަދީފާ ނަސީމްގެ އެހީއަށް އެދުނެވެ. ނަމަވެސް، ނަސީމްވެސް އޭރު އޮތީ ޝާއިންގެ ބާރުގެ ދަށުގައެވެ.

މެންދުރަކަށް ފެށުނުއިރު ވަދީފާގެ އާދަޔާ ޚިލާފް މަރުގެ ޚަބަރުތައް މުޅި ރާއްޖެއަށް ކަހަލަ ގޮތަކަށް ފެތުރުނެވެ. މިޚަބަރާއެކު، މާލޭގައި ލޭބޯ މީހަކު އުޅޭ ކަމުގެ ޝައްކެއްވާ ޚަބަރަކީވެސް، ވަދީފާގެ މަރުގެ ޚަބަރާއެކު ފެތުރުނު އެންމެ ހިނގާ އެއް ޚަބަރަކަށްވިއެވެ.

ޖެހިގެން އައި ދުވަހު ރާއްޖޭގައި ނުކުތް ދުވަހު ނޫސްތަކުގެ އެންމެ އިސް ޚަބަރަކަށް ވެފައިވަނީވެސް، ލޭބޯ މީހަކު މާލޭގައި އުޅޭ ޚަބަރެވެ. ވަދީފާގެ ލޭ ބޮއިފައިވާ ކަމަށް ޑޮކްޓަރުން މަޢްލޫމާތު ދީފައިވާ ކަމަށް ލިޔެފައިވާ ޚަބަރުތަކެވެ.

ހީވަނީ ނޫސްތަކަށް ޢީދެއް އައިސްގެން އުޅެނީހެންނެވެ. ބޭނުންވެގެން ގަންނަންދާ ގިނަ މީހުންނަށް ނޫސް ނުލިބުމުގެ ސަބަބުން ނޫސްތަކުގެ އިދާރާއަށް މީހުންތައް ފުނިޖެހެން ފެށިއެވެ. ތިން ނޫހުންވެސް މަސައްކަތް ކުރަމުން އައީ، އެއްބަޔަކަށްވުރެން އަނެއް ބަޔަކު އެ ޚަބަރުތައް ތަފްޞީލުކޮށް ލިޔެވޭތޯއެވެ.

(މެންދަން)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން