ރާއްޖޭގެ ފަތުރުވެރިކަމަށް ޒަމާނާ އެއްގޮތަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ސައިރިކްސް ކޮލެޖުގެ ޗެއާމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޚިދުމަތްދޭ ހުރިހާ ތަންތަން ބަންދުކުރަން ޖެހުމާއި ގުޅިގެން މުސްތަގުބަލުގައި އެކަން އެގޮތަށް ނުވާނެ ގޮތަކަށް ފަތުރުވެރިކަމުގެ ސިނާއަތަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް އެދާއިރާގެ ތަޖުރިބާކާރުން ވެސް ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

"ޓުއަރިޒަމް އިންޑަސްޓްރީގެ މުހިއްމުކަން ދިވެހި ސަރުކާރަށް އެންމެ ބޮޑަށް އިހްސާސްވީ ކޮވިޑް-19 ޕެންޑެމިކް އާއި ދިމާކޮށް ރާއްޖޭގެ ހުރިހާ ޓުއަރިސްޓު ފެސިލިޓީސްތައް ބަންދުކުރުމާއި ގުޅިގެން. މިއަދު އެންމެ ޓުއަރިސްޓަކުވެސް މުހިއްމު. އެހެންކަމުން މިހާރު މިވަނީ ޓުއަރިޒަމް އަށް އިތުރު ސަމާލުކަން ދޭން ޖެހިފަ." 1993 ވަނަ އަހަރުން ފެށިގެން 15 ވަރަކަށް އަހަރު ދުވަސް ވަންދެން ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރަށްވާފައިވާ ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. އޭނާވަނީ ވޯލްޑް ލިންކްގެ މެނޭޖިންގ ޑައިރެކްޓަރގެ މަގާމުވެސް އަދާކުރަށްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް 50 އަހަރު ފުރިގެން ދާއިރު، ސަރުކާރަށް އެނގިފައި އޮތީ ހަމައެކަނި ފަޅުރަށެއް ދީފައި އެޑްވާންސްކޮށް އެތަކެއް މިލިޔަން ނަގައިގެން އެރަށެއް ނަގާ މީހާއަށް އެތަކެއް ތަކުލީފުތަކެއް ޖެއްސުން ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަށް އެނޫން ބަދަލު ތަކެއް ގެނަސް ޒަމާނާ ގުޅޭ ބަދަލުތައް އެސިނާއަތަށް ގެންނަން އެބަޖެހޭ ކަމަށްވެސް ޝަރީފު ވިދާޅުވެފައިވެއެވެ.



"ރާއްޖޭގެ ޓުއަރިޒަމް ޒަމާނާ އެއްގޮތަށް އިޝްތިހާރު ކުރަން އެބަޖެހޭ. މުޅި ރާއްޖޭގެ ޓުއަރިސްޓް ސައިޓުތައް ދުނިޔެއަށްް ދައްކާލެވޭ ގޮތް ހަދަން އެބަޖެހޭ. މެގަ ޓުއަރިސްޓް ސައިޓްތައް ސަރުކާރުން ފަންޑް ކޮށްގެން ހަދަން އެބަޖެހޭ. ފެމިލީ ޓުއަރިޒަމަށް ވަކި އަތޮޅެއް ނަމަވެސް ތަރައްގީ ކުރަން އެބަޖެހޭ." ޝަރީފުގެ ވިސްނުން ހިއްސާ ކުރައްވަމުން އިތުރަށް ވިދާޅުވެފައި ވެއެވެ.

ޝަރީފު ވިދާޅުވީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ޒަމާނާ ގުޅޭ ގޮތަށް އިތުރަށް ތަރައްގީ ކުރެވޭނީ މިހާރު ޓުއަރިޒަމް އިންޑަސްޓްރީގައި އިންވެސްޓް ކޮށްގެން އުޅޭ މީހުންގެ މަޝްވަރާ އާއި ލަފާގެ މަތިން ކަމަށެވެ. އަދި ޓުއަރިޒަމް ޤާނޫނަށާއި ގަވާއިދަށްވެސް ބަދަލު ގެންނަންވާނީ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ފަރާތްތަކާއި މަޝްވަރާ ކޮށްގެން ކަމަށް ޝަރީފު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާޢަތަކީ އަމިއްލަ ފަރާތްތަކުގެ ވަރަށްބޮޑު ހިއްސާއާއެކު އެފަރާތްތަކުން ވަރަށް ބޮޑެތި ހޭދަތައް ކޮށްގެން އެފަރާތްތަކުގެ ވަރަށް ބުރަ މަސައްކަތުން ތަރައްގީކޮށް ކުރިއަރުވާފައިވާ ސިނާޢަތެކެވެ. ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑަށް ހިއްސާކުރާ ފަތުރުވެރިކަމަށް ޒަމާނާ އެއްގޮތަށް ބަދަލު ތަކެއް ގެންނަން ޖެހޭކަން އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ ކޮވިޑްގެ ރޯގާބަލިމަޑުކަމާއެކު ރާއްޖޭގެ އެ ސިނާއަތް މުޅިން ހުއްޓުމަކަށް އައުމުންނެވެ.

ކޮވިޑާ ގުޅިގެން ތިން މަހެއްހާ ދުވަހަށް މުޅި ސިނާއަތް ހުއްޓި ރިސޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ސަފާރީތަކުގެ ހަރަކާތްތައް މުޅިން ހުއްޓުމަކަށް އައިއިރު އޭގެ ސަބަބުން ސަރުކާރަށާއި އެސިނާއަތުގެ އިންވެސްޓަރުންނަށް މިއިން ދުވަހަކު ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބުނުކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން މީގެ ސަބަބުން އެދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ވަޒީފާތައް ގެއްލި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެސިނާޢަތުން މަންފާ ލިބެމުން އައި އެހެނިހެން ދާއިރާތަކުގެ އާމްދަނީވެސް މުޅިން ހުއްޓުމަކަށް އައެވެ.


ކިޔުންތެރިންގެ ހިޔާލު


-16

ޢަލީޝަފީގު

19-Dec-2020

އެންމެމޮޅަށް ކަންކަންއިގެނީ ތިމަންނާއަށޭ ހީވާނަމަ ތިޔައީ އެއްވެސް މީހެއްނޫނެވެ. އެހެން އިންސާނުންނަކީ ވެސް ތިމާފަދައިން ﷲ ބުއްދި ދެއްވި ބައެކެވެ.



ޓްރެންޑިން