ސަރުކާރުގެ ހޭދަ ބޮޑުވީ ސިޔާސީ ހޭދަ އިތުރުކުރުމުން ކަމަށް މާވަށު ދާއިރާގެ މަޖިލިސް މެމްބަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވެފައިވަނީ ދައުލަތުން ޚަރަދުކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ބަޖެޓުގެ ދަރަނި 12.6 ބިލިއަން ރުފިޔާއަށް އަރައިފައިވާތީއެވެ.

"ކޮވިޑް 19 އާއެކު 2020 ގެ އާމްދަނީ ދަށްވުން އެއީ ނުވެނުދާނެ ކަމެއް. ނަމަވެސް ސަރުކާރުގެ އިހްމާލު ވުމަކީ އެއްވެސް ބަލައިލުމެއް، ޒިންމާއެއް ނެތި (އާމްދަނީ ރަނގަޅު އަހަރަކަށްވުރެންވެސް) ބޮޑަށް ސަރުކާރުގެ ޚަރަދު ބޮޑުވެ ސިޔާސީ ހޭދަ އިތުރު ކުރުން." ސަޢީދު ވިދާޅުވެފައިވެއެވެ.

ޑިސެމްބަރ 10 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ދަރަނި އަދި އެމުއްދަތުގެ ތެރޭގައި ކުރި ހޭދައިގެ ފަރަޤު 12.6 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީ ހާމަކޮށްފައިވާ ހިސާބުތަކުގައިވެއެވެ.

މީގެ އިތުރުން އާމްދަނީ މިހާ ބޮޑު ތަނުން ދަށްވި ނަމަވެސް ދައުލަތުން ކުރާ ޚަރަދު މަދުވެފައިނުވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ހާމަވެއެވެ. އެގޮތުން ޑިސެންބަރު 10 ވަނަ ދުވަހާ ހަމައަށް ދައުލަތުންވަނީ 25،927.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުކޮށްފައިވަނީ 26،601.4 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިދިޔަ އަހަރަށްވުރެ މި އަހަރުގައި ހޭދަކުރި މިންވަރު މަދުވެފައިވަނީ ބިލިއަނެއްހައި ރުފިޔާއިންނެވެ.

ފާއިތުވި އަހަރާ އަޅާ ބަލާއިރު މިއަހަރު ދައުލަތައް ލިބުނު އާމްދަނީ ގާތްގަޑަކަށް ދެބައިކުޅަ އެއްބައި މަދެވެ.

ފިނޭންސް މިނިސްޓްރީން މި ހަފުތާގައި ޢާންމުކުރި ހިސާބުތަކަށް ބަލާއިރު ޑިސެންބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިނީ 13،257.3 މިލިއަން (13 ބިލިއަން) ރުފިޔާއެވެ. ފާއިތުވި އަހަރުގެ އެމުއްދަތުގައި ދައުލަތައް ލިބިފައިވަނީ 22،455.9 މިލިއަން (22.4 ބިލިއަން) ރުފިޔާއެވެ.

ކޯވިޑާއި ގުޅިގެން މުޅި ގައުމުގެ އިޤުތުޞާދު ހުއްޓިފައި އޮތް އިރުވެސް ސަރުކާރުން ބޮޑެތި ޚަރަދުތައް ކުރަމުން ގެންދާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން