ފޮރިންގ މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިންގ މިނިސްޓަރު އަބްދުﷲ ޝާހިދު
ބަންގްލަދޭޝް ރައްޔިތުންނަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގައި ވަރަށް ބޮޑު ހިއްސާއެއްވާ ބައެއް ކަމަށް ފޮރިންގ މިނިސްޓަރު އަބްދުﷲ ޝަހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ބަންގްލަދޭޝްގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަންގައި ބޭއްވި ރަސްމިއްޔާތަށް ފޮނުއްވި މެސެޖެއްގައެވެ.

މިނިސްޓަރު ޝާހިދުގެ މެސެޖްގައި ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ރާއްޖެއާއި ބަންގްލަދޭޝްއާއި ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ރާއްޖޭގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ސިއްހީ، ދިފާޢީ އަދި ތައުލީމީ ދާއިރާއަށް ބަންގްލަދޭޝްއިން ވަމުންދާ އެހީތެރިކަން ފާހަގަކުރާ ކަމަށެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއާއި ބަންގްލަދޭޝްއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ މި ދަތި ދަނޑިވަޅުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ވެފައިވާ އެހީތެރިކަމަށް ވެސް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ބޭހާ ކާބޯތަކެތި ފޯރުކޮށްދިނުމާއި، ބަންގްލަދޭޝްގެ ސިފައިންގެ މެޑިކަލް ޓީމެއް ރާއްޖެއަށް ފޮނުވައިދިނުމާއި، ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ދަރިވަރުން އަނބުރާ ރާއްޖެ ގެނެސްދިނުން ފަދަ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

ބަންގްލަދޭޝްގެ މި ހާއްސަ މުނާސަބަތުގައި އެޤައުމުގެ ފޮރިންގ މިނިސްޓަރު ޑރ. އޭ.ކޭ އަބްދުލް މުއުމިން އަށްވެސް މިނިސްޓަރު ޝާހިދު ވަނީ އިއްޔެ މެސެޖެއް ފޮނުއްވާފައެވެ. މި މެސެޖްގައި ބަންގްލަދޭޝްގެ މިނިވަންކަމަށް ޝެއިޚް މުޖީބުއްރަޙްމާން ފެއްޓެވި މަސައްކަތުގައި އެތައް ހާސް ބަޔަކު ފުރާނައިން ޤުރުބާންވިކަން ފާހަގަކުރައްވައި، އެފަރާތްތަކުގެ ހަނދާންތައް މިނިސްޓަރު ޝާހިދު އާކުރެއްވިއެވެ. އަދި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން