ސަލްމާން ޚާން.
ސަލްމާން ޚާން.
ކައިވެންޏަކަށް ތައްޔާރުވެ ކާޑުވެސް ބަހާ ނިންމުމަށްފަހު 1999 ވަނަ އަހަރު އިންޑިޔާގެ ފިލްމީތަރި ސަލްމާން ޚާން ވަނީ އޭނާގެ ކައިވެނި ކެންސަލް ކޮށްފައެވެ.

ސަލްމާން ޚާން ކެންސަލް ކުރި ކައިވެނީގެ ވާހަކަ މިފަހަރު ކިޔައިދިނީ ސަލްމާންގެ އެންމެ ގާތް އެކުވެރިޔާ އަދި ފިލްމް ޕްރޮޑިއުސަރު ސާޖިދް ނާޑިޔާ ވާލާއެވެ. ސަލްމާންގެ ކައިވެނީގެ ވާހަކަތައް ސާޖިދް ކިޔައިދީފައިވަނީ ކަޕިލް ޝަރްމާ ޝޯވް ގައެވެ.

"1999 ވަނަ އަހަރު ސަލްމާން ކައިވެނި ކުރާހިތުން އުޅޭތީވެ އަހަރުމެން ދެމީހުން ނިންމީ ސަލްމާންގެ ބައްޕަގެ އުފަންދުވަސް ކަަމަށްވާ ނޮވެމްބަރު 18 ވަނަދުވަހު ދެމީހުންގެ ކައިވެނިވެސް ކުރަން. ސަލްމާން ކައިވެނި ކުރާހިތްވެފަ ހުރިލެއްބޮޑުކަމުން އަހަރެން ޖެހުނީ އަހަރެން އިންނާނެ ކުއްޖަކު އަވަހަށް ހޯދަން. އެއީ ސަލްމާން ކައިވެނި ކުރަން ނިންމި އިރު އޭނަ ހުރީ އަންހެން ކުއްޖަކު ހޯދާފައި." ކަޕިލް ޝަރްމާ ޝޯވްގައި ވާހަކަ ދައްކަމުން ސާޖިދް ބުނެފައިވެއެވެ.

"ކައިވެންޏަށް ހުރިހާކަމެއް ތައްޔާރުވެ ކައިވެނީގެ ރަސްމީ ހަފްލާގެ ފަސް ވަރަކަށް ދުވަސް ކުރިން ސަލްމާން އައިއްސަ މިބުނަނީ ކައިވެނި ކުރާކަށް ތިމަންނަށް މޫޑެއް ނެތޭ. މިއާއެކު ސަލްމާން ނިންމީ ކައިވެނި ނުކުރަން، އެކަމަކު އަހަރެން އަަހަރެންގެ ކައިވެނި ފުރިހަމަ ކުރިން" ސާޖިދް އިތުރަށް ކިޔައިދިނެވެ.

އަދި ސާޖިދް ކައިވެނި ކުރަމުން ދިޔަ ވަގުތު އޭނާގެ ކަންފަތް ދޮށުގައި ހިޔާލު ބަދަލް ވެއްޖެނަމަ ފިލަން ދިއުމަށް ކާރެއް ބާއްވާފައި އޮންނާނެކަމަށް ސަލްމާން ބުނިކަމަށް ވެއެވެ.

ސަލްމާން ޚާން ކައިވެނި ކުރަން ނިންމީ ކާކާކަމެއް ސާޖިދް ހާމަކޮށްފައި ނެތަސް ގިނަ މީހުން ދެކޭގޮތުގައި 1999 ވަނަ އަހަރު ސަލްމާން ކައިވެނި ކުރަން ނިންމާފައިވަނީ ސަންގީތާ ބިޖްލާނީ އާއެވެ. އަދި އެދުވަސްވަރުގެ ހަބަރުތަކަށް ބަލާލާއިރު ސަލްމާން އާއި ކައިވެނި ކުރަން ބޭނުންނުވީ ސަންގީތާއެވެ. އަދި އެއީ ސަލްމާން ޚާން އޭނާއަށް ބޭވަފާތެރިވުމުން ކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން