ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ދިވެހިންނަށް އިޤްތިޞާދީ ގޮތުން ކުރިއެރުންތައް ހާސިލު ކުރެވޭނީ، އަދި ކުރަންވާނީ ވެސް، ކަނޑުތަކާ ރަޙުމަތްތެރި އާދަތަކެއްގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ، ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން "ނޫ ރާއްޖެ"، މި ނަމުގައި ޚާއްޞަ ޕްރޮގްރާމެއް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްފައި ވަނީ މި ކަމަށްޓަކައި "ވަރޗުއަލް"ކޮށް ބޭއްވި ހަފުލާއެއްގައެވެ.

މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިންނަށް އިޤްތިޞާދީ ގޮތުން ކުރިއެރުންތައް ހާސިލު ކުރެވޭނީ، އަދި ކުރަންވާނީ ވެސް، ކަނޑުތަކާ ރަޙުމަތްތެރި އާދަތަކެއްގެ ތެރެއިން ކަމުގައެވެ. އަދި، އަޅުގަނޑުމެންގެ ކަނޑުފަޅުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް އަޅުގަނޑުމެން ނުކުޅެދިއްޖެ ހާލަތެއްގައި، އަޅުގަނޑުމެންގެ ޞިއްޙަތާއި، ދިރިއުޅުމާއި، އިޤްތިޞާދު ވެސް ސަލާމަތްކުރުމުގެ ފުރުޞަތު ގެއްލިދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާއި، ޤައުމުގެ އިޤްތިޞާދާއި ކަނޑުފަޅުތަކާ އޮތް ގުޅުމުގެ މުހިންމުކަން ފާހަގަކުރަށްވާފައެވެ. އަދި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާއެކު އެއްބަސްވުމެއް އެކުލަވައިލައި، މަސައްކަތް ކުރައްވަން ނިންމެވީ، ދިވެހިން މި ކަނޑުފަޅުތަކަށް ބަރޯސާވާ މިންވަރު ބޮޑުކަމުން ކަމުގައި ވިދާޅުވިއެވެ. ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއަކީ ނޫ އިޤްތިޞާދު ކުރިއަރުވާ، ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަމުޢިއްޔާތަކެއްގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަޤްވާމީ ވިއުގައެކެވެ.

މީގެ އިތުރުން، ނޫ އިޤްތިޞާދެއް ބިނާކޮށް، ތިމާވެއްޓާ ރަޙުމަތްތެރި އަދި ދެމެހެއްޓެނިވި ގޮތްތަކެއްގެ މަތިން ތަރައްޤީއާއި ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. ކަނޑުތަކާއި ފަޅުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މި ހަފުލާގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަޙީދާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލު ވެސް ވާހަކަފުޅު ދެއްކެވިއެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ވަރަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ކަނޑުފަޅުގެ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާތަކާއި، އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުން ނަފާ ހޯދާނެ ގޮތާގުޅޭ ސިޔާސަތުތައް އެކުލަވައިލުމާއި، އެންމެ ކާމިޔާބުކަމާއެކު ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދާނެއެވެ. މި ޕްރޮގްރާމް މެދުވެރިކޮށް، ނޫ އިޤްތިޞާދެއް ބިނާކުރުމުގައި ޤުދުރަތީ ދިރުންތައް ދެމެހެއްޓޭނެގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިއަށް ދިއުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވައިލުމާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ 20 އިންސައްތައަކީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ ސަރުކާރުގެ މަޤްޞަދެކެވެ.

ނޫ ރާއްޖެ ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ބޭއްވި ހަފުލާގައި، މި ޕްރޮގްރާމްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ޕެނަލް ޑިސްކަޝަންއެއް ވެސް ކުރިއަށްދިޔައެވެ. މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދާއި، މޯލްޑިވްސް މެރިން ރީސަރޗް އިންސްޓިޓިއުޓްގެ މެރިން ބަޔޮލޮޖިސްޓެއް ކަމުގައިވާ ހަނާ އާމިރާއި، ނޫ ރާއްޖޭގެ ޕްރޮގްރާމް ކޯޑިނޭޓަރ މޫސާ ޒަމީރު ޙަސަނާއި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ އެއް ބައިވެރިއެއް ކަމުގައިވާ ވެއިޓް އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑޮކްޓަރ ކެތެރިން މެންގެރިންކްއާއި، ވެއިޓް އިންސްޓިޓިއުޓްގެ ބްލޫ އިކޮނޮމީ ޑިރެކްޓަރ ޑޮކްޓަރ އަންގަސް ފްރައިޑޭ ހިމެނިވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން