މުހައްމަދު ނައީމް އަދި އޭނާގެ އަންހެންނުން ހިންގަމުންދާ ބަރގަރ ސްޓޯލް، ސްމޭޝް ބަރގަރސް.
މުހައްމަދު ނައީމް އަދި އޭނާގެ އަންހެންނުން ހިންގަމުންދާ ބަރގަރ ސްޓޯލް، ސްމޭޝް ބަރގަރސް.
ކޮވިޑުގެ ބަލިމަޑު ކަމާއެކީ ވަޒީފާ ގެއްލުނު ޕައިލެޓް މުހައްމަދު ނައީމް، ހިތްވަރު އެލުވައިނުލާ ފެށީ އަމިއްލަ މަސައްކަތެކެވެ. އަދި މިހާރު މުހައްމަދު ނައީމަކީ މެލޭޝިޔާގައި ބަރގަރ ވިއްކުމުގެ ވިޔަފާރީގައި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މަޝްހޫރުކަން ލިބުނު މީހެކެވެ.

މެލޭޝިޔާ އަށް އުފަން މުހައްމަދު ނައީމަކީ 6 އަހަރު ދުވަހު ޕައިލެޓްކަން ކޮށްފައިވާ މީހެކެވެ. މިގޮތުން 2014 ވަނަ އަހަރުން 2018 ވަނަ އަހަރު މެލޭޝިޔަން އެއަރލައިންސްގައި ޕައިލެޓްކަން ކޮށްފައިވެއެވެ. އަދި އެއަށްފައު ކޮވިޑާއި ގުޅިގެން ވަޒީފާ ގެއްލެންދެން މުހައްމަދު ނައީމް މަސައްކަތްކުރީ އޮމާން އެއަރގައެވެ. އަދާ ކުރަމުން އައި ވަޒީފާ ގެއްލުމާއެކު ލިބިފައިހުރި ތަޖުރިބާގެ އަހަރުތައް މަދުކަމުން މިދާއިރާއިން އިތުރު އެހެން ވަޒީފާއެއް ލިބުމުގެ އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވިކަމަށްވެސް ނައީމް ފާހަގަކޮށްފައިވެއެވެ.

ނައީމް އަމިއްލައަށް ވިޔަފާރިއެއް ފެށުމަކީ މީގެ ކުރިން ވިސްނާފަ އޮތްކަމެއްވެސް ނޫނެވެ. ނަމަވެސް ބަރގަރ ހަދައި ވިއްކުމުގެ ވިޔަފާރި ހިޔާލަށް އައީ އޮމާންގައި ދިރިއުޅުނުއިރު ކެވުނު މީރު ބަރގަރ އެއްގެ މަތިން ހަނދާންވުމުން ކަމަށް ނައީމް ފާހަގަކޮށްފައިވެއެވެ.

"އޮމާން ބަރގަރގެ ރެސިޕީ ހޯދައި އެކި ދިރާސާކޮށް އަސްލު ރަހަ ގެނައުމަށް މަސް ދުވަސް ވަންދެން ޕްރެކްޓިސް ކުރުމަށްފަހު ހިތައް އެރީ ބަރގަރ ވިއްކަން" ނައީމް ބުނެފައިވެއެވެ.

މިވިސްނުމާއެކު މެލޭޝިޔާގެ ޝާހް އަލަމްގައި ބަރގަރގެ ވިޔަފާރި ކުރުމަށް އަމިއްލަ ސްޓޯލެއް ހުޅުވައިފައިވެއެވެ. ދިރިއުޅުމަށް އައިމިބޮޑު ބަދަލާ އެކުވެސް، ދެމަސް ދުވަސް ވީ 'ސްމޭޝްޑް ބަރގަރސް' ސްޓޯލް އަށް ލިބެމުންދިޔަ ކާމިޔާބީ ވަރަށްވެސް ރަނގަޅެވެ.

"ވަރަށް ބޮޑު ބަދަލެއް މިއައީ ދިރިއުޅުމަށް. އެއްވެސް އިރެއްގައި ހިޔެއްނުކުރަން ފްލައިޓެއްގެ ކޮންޓްރޯލުން އުނދުނެއް ކައިރިއަށް ބަދަލުވާނެއެކޭއެއް. އެކަމަކު މިއީވެސް ރަނގަޅު ތަޖުރިބާއެއް، ވަރަށް އުފާވޭ ބަރގަރ އެއްގަނެލައިގެން ކާލާ މީހުންގެ މޫނުމަތިން ފެންނަ އުފާވެރިކަން ފެނިފައި، އަދި އަންހެނުންނާއެކީ މަސައްކަތް ކުރުމާއި ރައްޓެހިންނާއި އާއިލާގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާ އެއްބާރުލުމަކީ ލިބޭ ހިތްވަރެއް" ނައީމް ބުނެފައިވެއެވެ.

މީގެ އިތުރުން ކޮވިޑާގުޅިގެން ވަޒީފާއަށް އަސަރުކޮށްފައި ތިބި އެކި ދާއިރާތަކުގެ މީހުންނާއި ހާއްސަގޮތެއްގައި އޭވިއޭޝަން ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ މީހުންނަށް، އުއްމީދުކަނޑައި ނުލުމަށް މުހައްމަދު ނައީމް ދަނީ ހިތްވަރު ދެމުންނެވެ. އަދި މިހާލަތު ރަނގަޅުވާނެކަމަށް އުންމީދުކުރުމަށް މުހައްމަދު ނައީމް ދަނީ ބުނަމުންނެވެ.

30 އަހަރުގެ ޕައިލެޓް މުހައްމަދު ނައީމް އަދި އޭނާގެ އަންހެންނުން ހިންގަމުންދާ ބަރގަރ ސްޓޯލް، ސްމޭޝް ބަރގަރސް އިން ތިން ވައްތަރެއްގެ ބަރގަރ އެއް ވިއްކަމުންދާއިރު މި ސްޓޯލް ހިންގަމުންދަނީ ޝާހް އަލަމްގެ، ނާސި ކަންޑަރ ޒުބައިރް ބިސްޓްރޯ ކިޔާ ރެސްޓޯރެންޓެއްގައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން