އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރަޔަމް ޝިއުނާ
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރަޔަމް ޝިއުނާ
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އަމާޒަކީ، ރައްޔިތުންގެ ފައިސާއިން ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކާމެދު މަޤާމަށް ނުވަތަ ނިސްބަތްވާ ޕާޓީއަށް ބެލުމެއްނެތި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވައި ޤާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އެޅުން ކަމަށް އެކޮމިޝަންގެ ރައީސާ މަރަޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ދެއްވި ޚިޠާބުގައި އެކަމަނާ ވިދާޅުވީ، އޭސީސީގެ އަމާޒަކީ، ރައްޔިތުންގެ ފައިސާއިން ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކާމެދު މަޤާމަށް ނުވަތަ ނިސްބަތްވާ ޕާޓީއަށް ބެލުމެއްނެތި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވައި ޤާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އެޅުންކަމަށާއި މިކަންކަން ކުރިއަށްދިއުމުގެ ހިތްވަރު ލިބިގެންދާނީ ރައްޔިތުންގެ ފަރާތުން ލިބިގެންދާ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ކަމަށެވެ.

ޝިއުނާ ވިދާޅުވީ ހުރިހާ ފަރާތްތަކަކުން ވެސް ނަޒާހަތްތެރިކަން އިސްކުރަން ޖެހޭ ކަމަށެވެ. އަދި އިޤުތިޞާދު ހަމަމަގަށް އެޅުވުމަށާއި، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދިނުން ފަދަ މުހިންމު ކަމަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި، ތަފާތު އެކި ނަންނަމުގައި ދުރާލާ ރޭވިގެން ހިންގާފައިވާ ކޮރަޕްޝަނުގެ ޢަމަލުތަކުގެ ސަބަބުން އެތައް ފައިސާއެއް ގެއްލިގެން ގޮސްފައިވާކަމާމެދު މިއަދު ވިސްނާ ފިކުރުކުރަންޖެހޭ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އެފަދަ ޢަމަލުތަކުން ކޮންމެ މީހަކުމެ ދުރުހެލިވާންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ހާލަތުގައި ވެސް އެންމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ ކޮރަޕްޝަނުގެ ސަބަބުން، މިފަދަ ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އަޅާ މިންވަރުކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮރަޕްޝަނަށް ގެއްލިފައިވާ އަދި ގެއްލެމުންދާ ފައިސާ އަކީ މިފަދަ ބަލިމަޑުކަމެއް އޮތް ޙާލަތެއްގައި، އެކަށީގެންވާ ސިއްހީ ނިޒާމެއް ޤާއިމްނުކުރެވި، އެކަށީގެންވާ ސިއްހީ ޚިދުމަތެއް ނުލިބި އެތައް ރައްޔިތުންނެއްގެ ފުރާނަ ދޫކޮށްލުމަށް މަޖުބޫރުވާ ޙާލަތް މެދުވެރިކުރުވާ މައިގަނޑު އެއްސަބަބު ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން