ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު
ރާއްޖޭގައި މިހާރު މަސްތުވާތަކެތި ނުވަންނަ ގެއެއް މަދު ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ވަނީ، ފަރީދީމަގުގައި އޮތް ކާރެއްގެ ތެރެއިން ގާތްގަނޑަކަށް 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. މިތަކެތި ހުރީ 2 ގޯންޏަކާއި 2 ލަގެޖެއްގައެވެ. އެ ތަކެޓީގެ ޖުމްލަ އަގު 71 މިލިއަން ރުފިޔާއަށް އަރާއިރު، އެ މައްސަލައާއި ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝެއިޚް އަލީ ޒައިދު ވަނީ، ރާއްޖޭގައި މިހާރު ޑްރަގް ނުވަންނަ ގެއެއް މަދޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށް ތުހުމަތު ކުރަށްވައި ޒުވާނުން މި ވަބާގައި ނުޖެހުމަށް ގޮވާލައްވާ ފައެވެ. އަދި މުޅި ދިރިއުޅުން އެކަމުގެ ސަބަބުން ހަލާކުވާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

"ޕީސްކޮޅެއް ހޯދުމަށް ސަލާމް ޖަހައި މުޅި ޙަޔާތް ބަރުބާދުކޮށްލަން ޖެހެނީ. ސަލާމަތްވޭ." ޒުވާނުންނަށް ނަސޭހަތް ދެއްވަމުން ޝެއިޚް ޒައިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ޕޮލިސް ކޮމިޝަނަރ ވިދާޅުވެފައިވާތީ، ޝެއިޚް ޒައިދު ވަނީ ޑްރަގް ޑީލަރުން ދޫ ނުކުރުމަށް ސަރުކާރަށް ގޮވާލައްވާ ފައެވެ.

ޒައިދު މިގޮތަށް ގޮވާލެއްވިއިރު، މާޗު 2014 ގައި ރާއްޖެއަށް ކަނޑުމަގުން ސައުވީސް ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި އުމުރަށް ޖަލަށްލާފައި ހުރި އަބްދުﷲ ސޮފްވަތު މިހާރު ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލި ސަބަބެއް ސަރުކާރުގެ ރަސްމީ ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ފުލުހުން ގެންދަނީ މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތައް ހިންގައި، ބޮޑެތި ޢަދަދުތަކުން މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. އެގޮތުން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އަދި ހުޅުމާލެ ފަޅުތެރޭގައި އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތިވެސް ދާދިފަހުން އަތުލައިގަތެވެ. ނަމަވެސް މި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ކޯޓު މަރުޙަލާއިން މިނިވަންވާކަމުގެ ކަންބޮޑުވުން ޢާއްމުން ދަނީ ފާޅު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން