ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ނޫސްވެރިން ޤައުމު ބިނާކުރުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

މަނިކުފާނު މިކަމަށް އެދިވަޑައިގަންނަވާ ވާހަކަފުޅު ދައްކަވާފައި ވަނީ ނޫސްވެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން މިރޭ ބޭއްވި 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ޙަފުލާއަށް ފޮނުއްވި ޚާއްޞަ ވީޑިއޯ މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ފައްޓަވަމުން މިރޭ ބޭއްވި ޙަފުލާގައި އެކި ދާއިރާތަކުން ނޫސްވެރިކަމުގެ އިނާމު ހާސިލުކުރި ހުރިހާ ނޫސްވެރިންނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ޤައުމަށް ކުރިމަތިވެފައިވާ އިޖްތިމާޢީ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ނޫސްވެރިން މިހާރަށްވުރެ ފުޅާ ދައުރެއް އަދާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންނެވި އެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޒަމާނީ ޑިމޮކްރެސީއެއްގައި ނޫސްވެރިންގެ ދައުރާއި ޒިންމާދާރު ނޫސްވެރިކަން އޮންނަންވީ ގޮތުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ ނޫސްވެރިންގެ ޒިންމާއަކަށް ވާނީ، ޤައުމުގެ ކޮންމެ ކަމެއްގައި ވެސް، ރައްޔިތުންނަށް އެންމެ ސީދާ އަދި އެންމެ ރަނގަޅު މަގު ދައްކައިދިނުންކަމުގައެވެ.

އެ ގޮތުން އިޖުތިމާޢީ ބޮޑެތި މައްސަލަތައްކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައާއި، ހަރުކަށި ފިކުރުގެ މައްސަލައަކީ ވެސް އެ މައްސަލަތައް ހައްލުކުރުމުގައި ނޫސްވެރިންގެ ދައުރު މިހާރަށްވުރެ ފުޅާކުރަންޖެހޭ ދެ ދާއިރާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ކޯވިޑް-19އާ ގުޅިގެން އިޤްތިޞާދަށް ލިބުނު ގެއްލުންތަކުން އަރައިގަނެ އިޤްތިޞާދު އަލުން އާރާސްތުކުރުމުގައި ވެސް ނޫސްވެރިން ފުޅާ ދައުރެއް އަދާކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން މީގެ ދެ އަހަރު ކުރިން ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާ އޮތް ހާލަތުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައި ވެއެވެ. އެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެއިރު މަސައްކަތް ކުރަމުން ގޮސްފައި ވަނީ ނޫސްވެރިންނާއި ނޫސް އިދާރާތައް ކުށްވެރިކޮށް، ފިޔަވަޅު އެޅުމުގައިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރު އެ ޘަޤާފަތް މުޅިން ބަދަލުކުރައްވާފައި ވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ދާއިރާއާ އަލަށް ގުޅޭ ނޫސްވެރިންނަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޫސްވެރިއެއްގެ ޒިންމާ އަދާކުރަން ނުކުންނަން ވާނީ ޤައުމު ބިނާކުރުމުގެ ވިސްނުމާއެކު، އެ ގޮތުގައި ކުރިއަށްދިއުމަށް ޢަޒުމް ކަނޑައަޅައިގެން ކަމުގައެވެ. އަދި، މެސެޖު ނިންމަވާލެއްވުމުގެ ކުރިން އެ މަނިކުފާނު ވަނީ، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، އަނިޔާވެރި ގޮތަކަށް މަރައިލާފައިވާ ޔާމީން ރަޝީދުގެ ހަނދާންތައް އައުކުރައްވައި، އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަމުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން