ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސްތައް ހުޅުވުމަށް ކައުންސިލްތަކުގެ ހުއްދަ ނަގަން ނުޖެހޭ ގޮތަށް ނިންމައިފި އެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިރޭ ކައުންސިލްތަކަށް ފޮނުވި ސަރކިއުލަރގައި ވަނީ، ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެގޮތުން ރާއްޖޭގެ ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު، އަލުން ގެސްޓްހައުސްތައް ހުޅުވުމަށް ނިންމައި އާންމު ރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގައި މިމިނިސްޓްރީއިން އަމަލުކުރަމުންއައި އުސޫލަށް، ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނަ އައުމަށް ރިއާޔަތްކުރުމަށްފަހު ލުއިދިނުމުގެ ގޮތުން 2020 ޑިސެމްބަރ 15 ވަނަ ދުވަހުން ފެށިގެން ބައެއް ބަދަލުތައް ގެނެވޭނެ ކަމަށެވެ.

އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓް ހޮޓެލް އަދި ޓޫރިސްޓް ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން، ފަތުރުވެރިކަމަށް ރަށް ހުޅުވާލުމާއިމެދު ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތްކަމަށް މިނިސްޓްރީއަށް ހުށަހަޅަން ނުޖެހޭނެކަމަށް ކަނޑައަޅައި އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެގޮތަށް ބަދަލުގެނެވުނު ކަމުގައިވީ ނަމަވެސް، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިފަދަ ތަންތަނުގައި އަމަލުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އެކުލަވާލައި އާންމުކުރައްވާފައިވާ ގައިޑްލައިން "ޕަބްލިކް ހެލްތް އިންޓަވެންޝަންސް ޓު ރިޑިއުސް ދި ރިސްކް އޮފް ޓްރާންސްމިޝަން އޮފް ކޯވިޑް-19 އިން ދި ޓޫރިޒަމް ސެކްޓަރ" ގައި ބަޔާންކުރައްވާފައިވާ ފަދައިން ރަށެއް ހުޅުވާލުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަވެފައި ވާކަން ކައުންސިލްތަކާއި އަދި ގުޅުންހުރި އެހެން އިދާރާތަކާއިއެކު މިމިނިސްޓްރީއިން ބަލަމުން ގެންދާނެ ކަމަށެވެ.

އަދި ގައިޑްލައިންގައި ފާހަގަކޮށްފައިވާ ކަންކަން ފުރިހަމަވެފައިވާކަން ބަޔާންކޮށް މިނިސްޓްރީއަށް ހުށައަޅަމަށް އާ ފޯމެއް ކައުންސިލްތަކަށް ފޮނުވާނެ ކަމަށާއި، 15 ޑިސެމްބަރ 2020 ވަނަ ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓް ހޮޓެލް އަދި ޓޫރިސްޓް ގެސްޓްހައުސްތައް ހުޅުވުމަށް މިގޮތުގެ މަތިން އަމަލުކުރަމުން ގެންދިއުމަށް ލޯކަލް ކައުންސިލްތަކަށް ދަންނަވާކަމަށް އެ ސަރކިއުލަރގައި ވެއެވެ.

ކޯވިޑް-19 އާ ގުޅިގެން ބަންދު ކުރުމަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ފިޔަވާ އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ މިނިސްޓްރީން ވަނީ ދީފައެވެ. މާލެ ސަރަހައްދުގެ ގެސްޓު ހައުސްތަކާއި ސިޓީ ހޮޓާތައް މި މަހުގެ 14 ވަނަ ދުވަހުގެ ހުޅުވުމުގެ ހުއްދަ ދިނުމަށްވެސް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި 15 އިން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ 90437 ޓޫރިސްޓުން އައިސްފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް 473،284 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން