މިއީ އަޅުގަނޑުމެންގެ ހަޔާތުގައި ދިމާވާނެ އެންމެ ބޮޑު އެއް އިމްތިހާނު ކަމަށް ކޯވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

ރާއްޖެ ލޮކްޑައުނެއްގައި އޮތް މިހާލަތުގައި އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެޅުން މުހިއްމު ކަމަށާއި، އަޅުގަނޑުމެން ކަންކުރާ ގޮތުން ގިނަ ބަޔަކު ސަލާމަތްވާނެ ކަމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި މަބްރޫކް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ އަދި މި ނޫން ދުވަހެއް ވެސް ފެންނާނެ ކަމަށާއި، މަސައްކަތް ކުރަންވީ ދުވަހުން ދުވަހަށް ބަލި ޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭރުން ވެވިފައި ހުރި ތައްޔާރީތަކާއެކު ރާއްޖޭގެ ސިއްހީ ދާއިރާއިން މީހުންނަށް ފަރުވާދެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ބެހޭގޮތުން ރާއްޖޭގެ އެންމެ ފަހުގެ އަޕްޑޭޓް ހިއްސާ ކުރަށްވަމުން މަބްރޫކް މިރޭ ވިދާޅުވީ، މިހާތަނަށް މުޅިރާއްޖެއިން 3614 ސާމްޕަލް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ، 28 ސާމްޕަލް ކަމަށެވެ. އަދި ނަތީޖާ ނުލިބޭ 292 ސާމްޕަލް ވާކަމަށާއި، އޭގެ ތެރޭގައި ކުރެއްދޫ އިން ނެގި 246 ސާމްޕަލް ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި އައިސޮލޭޝަން ގައި 61 މީހުން ތިބިއިރު، ކަރަންޓީން ފެސިލިޓީތަކުގައި 1051 މީހުން އެބަ ތިއްބެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން