ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ޗެލްސީ ކުޅުންތެރިން
ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ޗެލްސީ ކުޅުންތެރިން
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް މެންޗެސްޓަރ ޔުނައިޓެޑް ގަދަ ހަތަރަކަށް ޖެހިލައި، ޓޭބަލްގެ އެއްވަނަ އަށް ޗެލްސީ އަރައިފިއެވެ.

ރޭ ޗެލްސީ ކުޅުނު މެޗް ޗެލްސީން ކާމިޔާބު ކުރީ 3-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްގެންނެވެ. ރޭގެ މެޗުގައި އެ ޗެލްސީން ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ލީޑްސް އިން މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ޖަހައި ކުރި ހޯދާފައި ވަނިކޮށެވެ. މެޗުގެ ލީޑް ހަތަރު ވަނަ މިނެޓްގައި ލީޑްސް އަށް ހޯދައިދިނީ ޕެޓްރިކް ބެމްފޯޑެވެ. މެޗުގެ ނަތީޖާ ޗެލްސީ އަށް އެއްވަރުކޮށްދިން ލަނޑު 27 ވަނަ މިނެޓްގައި ކާމިޔާބުކުރީ އޮލިވިއޭ ޖިރޫޑް އެވެ.

ދެ ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މެޗުގައި ޗެލްސީއަށް ލީޑު ނަގައިދިން ލަނޑު މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބުކުރީ ޑިފެންޑަރު ކާޓް ޒޫމާ އެވެ. މެޗުގައި ޗެލްސީން ޖެހި ތިންވަނަ ގޯލް މެޗުގެ އެންމެ ފަހު މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކްރިސްޓިއަން ޕުލިސިޗެވެ.

ޕްރިމިއަރ ލީގުގައި ރޭ ޔުނައިޓެޑުން ވެސްޓްހޭމް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ލިޑް ނަގާފައިވަނީ ވެސްޓްހޭމް އެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، ތޯމަސް ސޮސެކް އެވެ. ދެވަނަ ހާފްގައި ޔުނައިޓެޑަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ޕައުލް ޕޮގްބާ އެވެ. އޭގެ ތިން މިނެޓް ފަހުން މޭސަން ގްރީންވުޑް ލަނޑެއް ޖަހައި ޔުނައިޓެޑަށް ލީޑު ނަގައިދިނެވެ. އަދި އެޓީމްގެ ތިން ވަނަ ލަނޑު 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކަސް ރެޝްފޯޑެވެ.

ރޭ މެންޗެސްޓަރ ސިޓީވަނީ އަމިއްލަ ދަނޑުގައި ފުލަމް 2-0 އިން ބަލި ކޮށްފައެވެ. ރޭގެ މެޗްގައި ސިޓީއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ރަހީމް ސްޓަރލިންގ އާއި ކެވިން ޑިބްރޭނާ އެވެ. މީގެ އިތުރުން ބާންލީ އާއި އެވަޓަން ބައްދަލުކުރި މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ރޭގެ ނަތީޖާއާއެކު މީހާތަނަށް 11 މެޗު ކުޅެގެން ޗެލްސީން 22 ޕޮއިންޓް ހޯދައިފައިވާއިރު އެއަށްވުރެ އެއް މެޗު މަދުން ކުޅެގެން ހަތަރު ވަނައިގައި މިހާރު އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. އަދި ސިޓީއޮތީ ޔުނައިޓެޑްގެ ފަހަތުން ފަސް ވަނައިގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން