ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
މާދަމާ ރައީސް ޔާމީންގެ އިސްތިޤްބާލަށް ނުކުންނަ ސަޕޯޓަރުންނަށް އަނިޔާ ނުކުރުމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަަދު ޝިޔާމް ފުލުހުންނަށް ގޮވާލައިފިއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގައި ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ. ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރެއްވުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ.

އެކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު ޓެގްކުރަށްވައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ، މާދަމާ ރައީސް ޔާމީންގެ އިސްތިޤްބާލަށް 1 ނަންބަރު ޖެޓީ ސަރަޙައްދަށް ދާ ސަޕޯޓަރުންނަށް އަނިޔާ ނުކުރުމަށް ފުލުހުންނަށް ގޮވާލާ ފައެވެ. އަދި މާދަމާއަކީ އަނެއްކާވެސް ރައީސް ޔާމީނަށް ކުރާ ސިލްސިލާ އަނިޔާގެ ތެރެއިން އެމަނިކުފާނުގެ މައްޗަށް ޝަރީޢަތްކުރާ ދުވަހެއް ކަމަށް މެމްބަރު ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ޝަރީޢަތް އެންމެ ފަހުން ބޭއްވި ދުވަހު ބޮޑު ފާލަން ދޮށަށް ދިޔަ ކަނބަލުންތަކަކަށް އަނިޔާވި މައްސަލައިގައި ޕީޕީއެމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ސަލާމަތީގޮތުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، މޫދަށް ފުންމާލި 43 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރިކަމަށެވެ. އަދި އެމަސައްކަތްކުރި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ބަޔަކު ދުރަށް ޖެއްސުމަށް ފުލުހުން ހަރަކާތްތެރިވިކަމަށާއި އަދި އެވަގުތު ބައެއް މީހުން ވެއްޓި އަނިޔާވުމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް ފުލުހުންގެ ފަރާތުން އެތަނުގައި އުސޫލާ ޚިލާފު ކަންތައްތަކެއް ހިނގާފައި ވޭތޯ ބަލާނެކަމަށް ފުލުހުން ބުނެފައި ވެއެވެ. އެދުވަހު ތިން ކަނބަލަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށް އިދިކޮޅުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން