ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދަތުރު ކުރުން މެދުކަނޑާލާފައިވާ 3 އެއަރލައިނަކާއެކު، ރާއްޖެއަށް މިއަދު ރެކޯޑް ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެގޮތުން މިއަދު ރާއްޖެއަށް ގިނަ އަދަދަކަށް އާ އެއާލައިންތައް އައިސްފައިވާއިރު އޭގެ ތެރޭގައި އެއާ ސީޝެލްސް، ބްރިޓިޝް އެއާވޭސް އަދި އެއާ އަސްޓާނާ ހިމެނެއެވެ. މީގެ އިތުރުން މިއަދަކީ ބޯޑަރު އަލުން ހުޅުވާލިފަހުން ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެކެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮނިހިރު ދުވަހު ރާއްޖެއަށް 2900 ފަތުރުވެރިން ޒިޔާރަތްކުރި ކަމަށާއި މިއީ ރެކޯޑެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން ޑރ. މައުސޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެހާ ފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެ.



ކޮވިޑާ ގުޅިގެން މެދުކަނޑާލާފައިވާ ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން މިއަދު ފަށާފައިވާއިރު، ފުރަތަމަ ފްލައިޓުގައި މިއަދު 250 މީހުން ވަނީ އައިސްފައެވެ. އަދި އެ އެއާރލައިންއިން ރާއްޖެއަށް ކޮންމެ ދުވަހަކު ފްލައިޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެކުރިން ދަތުރުތައް ބާއްވަމުންދިޔައީ ހަފްތާއަކު 3 ދުވަހުއެވެ.

އަދި ކަޒަކިސްތާނުގެ އެއާ އެސްޓާނާ އިން ރާއްޖެއަށް މިއަދު ދަތުރު ފަށާފައިވާއިރު، އެ އެއާލައިނުން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ބާއްވާނެއެވެ. އެއީ ހޮނިހިރު ބުދަ އަދި ހޯމަ ދުވަހުއެވެ. މިއަދު ރާއްޖެ އައި އެއާ ސީޝެލްސްގެ ފުރަތަމަ ފްލައިޓުގައި 30 ފަސިންޖަރުން ރާއްޖެ އަށް އައިސްފައިވެއެވެ. އެއާ ސީޝެލްސް އިން ރާއްޖެ އަށް ކުރާ ދަތުރުތަކުގައި ސައުތުއެފްރިކާގެ ޖޮހަނަސްބާގް އާއި ރާއްޖެ އާއި ގުޅުވާލާނެއެވެ.

ފިނި މޫސުމާ ދިމާކޮށް ފަށާ މި ދަތުރުތައް ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ބާއްވާއިރު ޖެނުއަރީ މަހުގެ ނުވައަކާއި ހަމައަށް ދަތުރުތައް ބާއްވާނެއެވެ.

މިއަދު ރާއްޖެއަށް 2900 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް 82,902 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި މި ޑިސެމްބަރު މަހުގެ ފުރަތަމަ 4 ދުވަހު ރާއްޖެއަށް 6761 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މި އަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް ޖުމްލަ އައި ޓޫރިސްޓުންގެ އަދަދު ވަނީ 465,749 އަށް އަރާފަ އެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައި ވަނީ މި އަހަރު ޓޫރިސްޓުން ގެންނަ ކަނޑައަޅާފައިވާ ޓާގެޓު ކަމަށްވާ 500،000 ޓޫރިސްޓުން މި އަހަރުގެ 25 ވަނަ ދުވަހު ހަމަވާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން