ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ، ރާއްޖެއަށް ކޯވިޑް-19 ގެ ތާށިން އަރައިގަނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު، ބްރިޓިޝް އެއާވެއިސްގެ ދަތުރުތައް ރާއްޖެއަށް އަލުން މިއަދު ވަނީ ފަށާފައެވެ. އެގޮތުން އެ އެއަރލައިންގެ ފުރަތަމަ ފްލައިޓުގައި މިއަދު 250 މީހުން ވަނީ އައިސްފައެވެ. އަދި އެ އެއާރލައިންއިން ރާއްޖެއަށް ކޮންމެ ދުވަހަކު ފްލައިޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެކުރިން ދަތުރުތައް ބާއްވަމުންދިޔައީ ހަފްތާއަކު 3 ދުވަހުއެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ޢާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓިގެން ދިޔަ ކަމަށާއި، ދަޢުލަތަށް ޢާމްދަނީ ލިބޭނެ ހުރިހާ މަގެއް ބަންދުވެގެން ދިޔަ ކަމަށެވެ. އެކަމާ ގުޅިގެން ހުރިހާ ދިވެހިންވެސް ވަރަށް ބޮޑަށް ކަންބޮޑުވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑު މިއިނީ ދިވެހިރާއްޖެ އަލުން ހުޅުވިފަހުން ހެންވޭރު އާޓިފިޝަލް ބީޗްގައި. އަޅުގަނޑަށް އެ ފެންނަނީ ހުޅުލެ. ހުޅުލޭ އެއަރޕޯޓަށް ބްރިޓިސްއެއަރލައިން ވެސް ޖައްސާފައި އެބަ އޮތް. ސިލޯން އެއަރލައިން ވެސް ޖައްސާފައި އެބައޮތް. ދުނިޔޭގެ ހުރިހާތަނަކުންވެސް އަނެއްކާ ފްލައިޓްތައް އައިސް އެ އޮތީ. އިރާދަކުރެއްވިޔާ މި ސީޒަން އަނެއްކާވެސް ނިމިގެންދާނީ، ވަރަށް ރަނގަޅު ސީޒަނެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް މި ތާށިން އަރައިގަނެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.



ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވުމާއި އެކު ރާއްޖެ އަންނަ ފަތުރުވެރިންގެ މިންވަރު ދުވަހުން ދުވަހަށް ދަނީ އިތުރު ވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 80000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި ބްރިޓިސް އެއަރވޭސްގެ ދަތުރުތައް މިއަދު އަލުން ފަށާފައިވާއިރު އިނގިރޭސި ވިލާތުން މިހާތަނަށް ރާއްޖެއަށް ފަސްހާހަށްވުރެ ގިނަ މީހުން ވަނީ ބޯޑަރު ހުޅުވިފަހުން ޒިޔާރަތްކޮށްފައެވެ.



މިއަދު ރާއްޖެއަށް ގިނަ އަދަދަކަށް އާ އެއާލައިންތައްވެސް އައިކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އެއާ ސީޝެލްސް، ބްރިޓިޝް އެއާވޭސް އަދި އެއާ އަސްޓާނާ ހިމެނެއެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް 82,902 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން