ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހުގައި ވާހަކަދައްކަވަނީ
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހުގައި ވާހަކަދައްކަވަނީ
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގައި ހުންނަވައިގެން އިތުރުފުޅު ހެއްދެވި ކަމަށް ބުނާ މައްސަލަ ދިރާސާކޮށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއިން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ބަހުސް ކުރުން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.

މަޖިލީހަށް ކުރީގެ މިނިސްޓަރު އަމީން ދެއްވި މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓެއްގައި އޮތުމުން މަޖިލީހުގެ ސުލޫކު ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓް ތަޅުމަށް ހުށަހަޅައި ބަހުސް ކުރުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ވެއެވެ. އަދި ޖަލްސާގައި މި ބަހުސް ނިމިއްޖެނަމަ މާދަމާ އެ ރިޕޯޓަށް ވޯޓަށް އަހާނެއެވެ.

އަމީން ދެއްވީ ސައްހަ މައުލޫމާތެއް ނޫން ކަމަށް އޮތް އޮޑިޓް ރިޕޯޓަކީ ހެލްތު މިނިސްޓްރީން ކޮވިޑް-19 އަށް ކޮށްފައިވާ ހަރަދުތައް އޮޑިޓްކޮށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވި ރިޕޯޓެކެވެ. ކޮވިޑް-19 އާއި ގުޅޭ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް ނަމުގައި ނެރެފައިވާ ރިޕޯޓްގައި ހެލްތު މިނިސްޓްރީ ތެރެއިން ހިންގާފައިވާ ހިޔާނާތާއި ކޮރަޕްޝަންތައް ފެންމަތިކޮށްފައިވެއެވެ.

އެގޮތުން ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ބޮޑު ހިޔާނާތެއް ހިންގާފައިވާއިރު، ޓެސްޓް ކިޓް ފަދަ ތަކެތި ހޯދާފައި ވަނީ ވެސް މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓުން އެނގިގެން ދިޔައެވެ. ރާއްޖޭން ބޭރުގައި ތާށިވި ބައެއް ދިވެހިން ގެނައުމުގައި ވެސް ހިޔާނާތް ހިންގާފައިވާ ކަން ފެންމަތިވެފައިވެއެވެ.

މި މައްސަލަ ދިރާސާކޮށް ސުލޫކު ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވަނީ މުޅި މަޖިލީހަށް އަދި މަޖިލީހުގެ ކޮމިޓީތަކަށް އަމީން ގަސްތުގައި އޮޅުވާލައިގެން މައުލޫމާތު ދެއްވި ކަމަށެވެ.

މަޖިލީހުގެ އިިމްތިޔާޒުތަކުގެ ގާނޫނުގައި ބުނާ ގޮތުން މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ގަސްތުގައި ކަމެއް އޮޅުވާލުން ފަދަ ކުށެއް ކޮށްފިނަމަ އެ ފަރާތެއްގެ އަދަބަކީ 3،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ނުވަތަ ތިން މަސް ދުވަހާއި ހަ މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަަލަށްލުމެވެ.

ވެންޓިލޭޓަރުތައް ހޯދުމުގެ ހިޔާނާތުގެ މައްސަލައިގައި އަމީން ހިމެނޭ ގޮތަށް ހެލްތު މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވިއެވެ. އެކަމަކު އެ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން އޭސީސީއިން ފޮނުވިއިރު ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން ދައުވާނުކޮށް މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން