ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގއ. މާމެންދޫ އަދި ގއ. ނިލަންދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

ބޭންކުން މި ތަޢާރަފު ކުރި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ބީއެމްއެލްއިން ބުނީ، މި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ގއ. ވިލިނގިލީގައި، ބޭންކްގެ ބްރާންޗުހެ ޚިދުމަތުގެ އިތުރުން ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ލިބެމުންދާނެ ކަމަށެވެ. އަދި ގއ. އަތޮޅުގެ ހަ ރަށެއްގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވިފައިވާނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

އެ ރަށްތަކަކީ މާމެންދޫ އާއި ނިލަންދޫގެ އިތުރުން ކޮލަމާފުށި، ދާންދޫ، ގެމަނަފުށި އަދި ކޫއްޑޫއެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ބީއެމްއެލް އިން ދަނީ ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ހިދުމަތް ވެސް ދެމުންނެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ވަގުތަކީ މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހާދިސާއާ ގުޅިގެން ބޭންކަށާއި އިގުތިސާދަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ދިމާވެފައިވާ ވަރަށް ނާޒުކު ދަނޑިވަޅެއް ކަމަށެވެ.

ނަމަވެސް މި ދަނޑިވަޅުގައި ވެސް މުޅި ރާއްޖެއަށް ބޭންކިން ހިދުމަތްފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް ބީއެމްއެލް އިން ކުރަމުން އަންނަ ކަމަށާއި އެގޮތުން ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅުކަމަށްވާ ހުވަދު އަތޮޅުގެ އިތުރު ދެ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމަކީ ލިބޭ އުފަލެއް ކަމަށް ވިދާޅުވިއެވެ.

ސޯޔާ އިތުރަށް ވިދާޅުވީ، މާމެންދޫ އަދި ނިލަންދޫގައި ތައާރަފްކުރި އޭޓީއެމްގެ ހިދުމަތާއެކު އެ ދެރަށުގެ އާންމު ފަރުދުންނަށާއި ވިޔަފާރިތަކަށް ބޭންކިން ހިދުމަތް ހޯދުމުގައި އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.

ބޭންކިން ހިދުމަތް ހޯދުމަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން ބޭނުންކުރުމަށާއި ފައިސާ ދެއްކެވުމަށް މޮބައިލްޕޭ ފަދަ ފަސޭހަ އޮންލައިން ހިދުމަތްތައް ބޭނުންކުރުމަށް އެ ބޭންކުން އިލްތިމާސްކުރެއެވެ.

ބީއެމްއެލް އިން މިހާރު ދަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސާވިސް ބޭންކިން ސެންޓަރު، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުންނެވެ. އަދި އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން