މަޝްހޫރު އެޕަލް ކުންފުނިން އައިފޯން އެސްއީ ވަރޝަންގެ އަގުހެޔޮ އާ ފޯނެއް ބާޒާރަށް ނެރެފިއެވެ.

އެޕަލް އިން ނެރުނު އައިފޯން އެސްއީގެ ދެވަނަ ވައްތަރަކީ އެކުންފުނިން 2014 ވަނަ އަހަރާއި 2017 ވަނަ އަހަރު އުފައްދާފައިވާ ޑިޒައިންތަކާއި ގުޅުންހުރި ފޯނެކެވެ. އެޕަލްގެ ކުރީގެ ފޯނުތަކުގައި ހުންނަ ފަދައިން މި ފޯނުގައި ފޭސް ރިކޮގްނިޝަންގެ ބަދަލުގައި މިފޯނު ފަރުމާކޮށްފައިވަނީ ޓަޗް އައިޑީ ހޯމް ބަޓަންއޭއެކުގައެވެ. އެމެރިކާގައި 399 ޑޮލަރަށް މި ފޯނު ގަންނަން ލިބެއެވެ. އަދި އިނގިރޭސި ވިލާތުން މި ފޯނު ވިއްކަނީ 419 ޕައުންޑަށެވެ.

މި ފޯނަކީ އެޕަލް ކުންފުނިން ވިއްކާ އެންމެ އަގުހެޔޮ ފޯނުކަމުގައިވާއިރު، މީގެ ކުރިން އެކުންފުނީގެ އެންމެ އަގުހެޔޮ ފޯނަކީ 2017 ގައި ނެރުނު އައިފޯނު 8 އެވެ. އައިފޯނު 8ގެ އަގަކީ އެމެރިކާގައި 449 ޑޮލަރެވެ. އަދި ޔޫކޭގައި 479 ޕައުންޑެވެ.

އެޕަލްއިން އަލަށް ނެރެފައިވާ މިފޯނު ފަރުމާކޮށްފައިވަނީ 4.7 އިންޗީގެ ރެޓީނާ އެޗްޑީ އެލްސީޑީ ސްކްރީނަކާއެކުގައެވެ. މިއީ ސްމާރޓްފޯނުތަކުގެ ތެރެއިން އެންމެ ކުޑަ ސްކްރީނާއެކު ފަރުމާކޮށްފައިވާ ފޯނުތަކުގެ ތެރޭގައި ހިމެނޭނެ ފޯނެކެވެ. މި ފޯނުގެ ފަހަތް ބިއްލޫރިން ހަދާފައިވާއިރު، އައިފޯނެ 8 ފަދައިން ފޯނުގެ އަރިމަތި ހަދާފައިވަނީ އެލްމިނިއަމް އިންނެވެ. އައިޕީ67 މިންގަނޑުން ބަލާއިރު ފެން ނުވަންނަ ގޮތަށް ހަދާފައިވާ މި ފޯނު ، ފެނުގެ 1 މީޓަރު އަޑީގައި 30 މިނެޓުވާންދެން ހިފަހަށްޓާލާނެކަމަށާއި، ވަޔަރލެސްކޮށް ޗާޖުކުރެވޭނެކަމަށް އެޕަލް އިން ވަނީ ބުނެފައެވެ.

މި އާ އައިފޯނުގެ ފަހަތުގައި ހިމަނާފައިވާ 12 މެގަޕިކްސެލް ކެމެރާއިން 4ކޭ ވީޑިއޯކުރެވޭއިރު، ފޯނުގެ ކުރިމަތީގެ ނުވަތަ ފްރަންޓް ސެލްފީ ކެމެރާއަކީ 7 މެގަޕިކްސަލް ކެމެރާއެވެ. 64ޖީބީ، 128ޖީބީ އަދި 256 ޖީބީ ގެ މި މޮޑެލްގައި، ކަޅު، ހުދު އަދި ރަތްކުލައިގެ ފޯނު ހިމެނެއެވެ.

އެޕަލް އިން ބުނީ އައިފޯން އެސްއީގެ ދެވަނަ ޖެނެރޭޝަންގެ މި ފޯނު ޕްރީއޯޑަރ ކުރުމަށް މި ފެށޭ ހުކުރު ދުވަހު ހުޅުވާލާނެކަމަށާއި، ޔޫކޭގައި މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ފޯނު ޝިޕްކުރަން ފަށާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން