ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް
ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް
އަންނަ އަހަރުގެ ފެބްރުއަރީގައި ލ. ގަމު ހޮސްޕިޓަލާއި، އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކޮށް ނިމި، ވަކި ބޯޑަކުން އެހޮސްޕިޓަލްތައް ހިންގަން ފަށާނެ ކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ދައުލަތުގެ ބަޖެޓް 2021 ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމު ވިދާޅުވީ ޓަރޝަރީ ހޮސްޕިޓަލްތައް ލާމަރުކަޒީ އުސޫލުން ހިންގުމަކީ ސަރުކާރުގެ މިހާރުގެ އަމާޒު ކަމަށާއި، އަންނަ ފެބްރުއަރީ ހިސާބުގައި ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްވެސް ޓަރޝަރީ ފެންވަރަށް ބަދަލުކޮށް ޚިދުމަތްދޭން ފެށޭވަރުވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޓަރޝަރީ ހޮސްޕިޓަލްތައް ހިންގާނީ ވަކި ބޯޑެއްގެ ދަށުން ކަމަށާއި، ހެލްތު މިނިސްޓްރީ އޮންނާނީ ރެގިއުލޭޓަރީ ބޮޑީއެއްގެ ގޮތުގައި ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް ފުރުސަތުތަކެއް ލިބިއްޖެ ކަންތައްތައް ރާވައިގެން ގެންދަން. ރައީސް ޞާލިޙްގެ އެންމެ ބޮޑު ބޭނުންފުޅަކީ، ބޮޑުވަމުން އަންނަ ޖީލަށް އެމީހުން ކުރިއަށްދާނެ މަގުތަކެއް ފެންނަން އޮންނާނެ ގޮތަކަށް ކަންތައްތައް ރޭވުން. މިގޮތަށް ހަމަޖެހުނީމާ ޓަރޝަރީ ހޮސްޕިޓަލްތަކުން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ރަނގަޅު ޚިދުމަތްތަކެއް ލިބިގެންދާނެ." މިނިސްޓަރނަސީމް ވިދާޅުވިއެވެ.

ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމަކީ ރައީސް އިބްރާހީމްގެ ވަޢުދުފުޅެކެވެ. އެގޮތުން ޓަރޝަރީ ފެންވަރަށް ބަދަލުކުރަން ނިންމާފައި ވަނީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ޢަމަލުކުރެއްވީ ލާމަސީލް ގޮތެއްގައި ކަމަށާއި، ބަލި ކޮންޓްރޯލް ކުރީ ހަރުކަށި ފިޔަވަޅު ނާޅައި ނަޞޭޙަތް ދެއްވައިގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން