ރައީސް މައުމޫން
ރައީސް މައުމޫން
ޤައުމީ ބިން ފޮތިފޮތިވާފަދަ މަފްޙޫމަށް ވާހަކަ ނުދެއްކެވުމަށް ރައީސް މައުމޫން އަބްދު ގައްޔޫމު އެންމެހާ ދިވެހިންނަށް އިލްތިމާސް ކުރަށްވައިފިއެވެ.

ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ ބިމުގެ ވަހުދަކީ ގައުމުގެ ސިޔާދަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެހެން ކަމުން ގައުމީ ބިން ފޮތިފޮތިވާ ފަދަ މަފުހޫމަކަށް ތާއީދު ލިބޭ މޭރުމަކުން ވާހަކަ ދެއްކުމަކީ ސިޔާސީ ބޭނުމެއްގައި ނަމަވެސް އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.



ރައީސް މައުމޫންގެ މި ޓްވީޓްގެ ޙަޤީޤީ މަފްޙޫމް އެމަނިކުފާން ސާފުކޮށްދެއްވާފައެއް ނުވެއެވެ. ނަމަވެސް ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން ޚާއްސަ ޖަލްސާއެއް ވަނީ ބާއްވާފައެވެ. އަދި އެ ޖަލްސާ އާއި ގުޅިގެން މީގެ ކުރިން ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން އުފެއްދި ސުވާދީވް ދަޢުލަތުގެ އަޑުތައް އަނެއްކާވެސް ވަނީ ގަދަވެ އެފަދަ މޭރުމަކުން ބައެއް ބޭފުޅުންގެ ވާހަކަތައް ބައްޓަން ވެގެންދާން ވަނީ ފަށާފައެވެ.

އެ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން ސަރަޙައްދީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައްވާފައެވެ. އަދި ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން 1959 ވަނަ އަހަރު އުފެއްދި ސުވާދީވް އަކީ ޖުމްހޫރިއްޔަތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެ ޖަލްސާގައި ވިދާޅުވީ ސުވާދީވް ދަޢުލަތަކީ ދިވެހީންގެ ވެރިކަމެއް ކަމަށާއި، އެއީ ދިވެހީން ހިންގި ވެރިކަމެއް ކަމަށެވެ. އަދި އެއީ ދިވެހީންގެ އެތައް ބަޔަކު ބޭނުންވެގެން ހިންގި ވެރިކަމެއް ކަމަށް ވުމުން އެވާހަކަ ދެއްކެވުމަކީ އެމަނިކުފާނަށް އެހާ އުނދަގޫ ކަމެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން